ލަންކާގެ ދަނޑުވެރިން ސައިފަތް ދަނޑެއްގައި މަަސައްކަތް ކުރަނީ. (ފޮޓޯ/ގެޓީ އިމޭޖާސް)

ސްރީ ލަންކާ

ލަންކާގެ ދަރަނި ލުއިކޮށްދޭން އިންޑިއާ އާއި ޗައިނާއަށް ގޮވާލައިފި

ޗައިނާ އާއި އިންޑިއާ އިން ސްރީ ލަންކާއަށް ދީފައިވާ ލޯނުތައް ކުޑަކޮށްދިނުމަށް ލަންކާގެ މަރުކަޒީ ބޭންކުން ގޮވާލައިފި އެވެ.

އިގުތިސާދީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައިވާ ސްރީ ލަންކާއަށް ބޭރުގެ ދަރަނި ނުދެއްކި މިދިޔަ އަހަރު ވަނީ ބަނގުރޫޓުވެފަ އެވެ. އަދި 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖެއް ހޯދުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާ އެކު މިހާރު ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ނަމަވެސް، ލަންކާގެ އެތައް ބިލިއަން ޑޮލަރެއްގެ ދަރަނި ކުޑަކުރަން ޗައިނާ އާއި އިންޑިއާ އިން ފުރަތަމަ އެއްބަސްނުވާހާ ހިނދަކު އައިއެމްއެފުން ވެސް ބެއިލްއައުޓް ފައިސާ ދުލެއް ނުކުރާނެ އެވެ.

ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޕީ ނަންދަލާލް ވީރަސިންހަ ބީބީސީ ނިއުސްނައިޓްއަށް އިއްޔެ ވިދާޅުވީ އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއް ކަމަށެވެ.

"އެ ބޭފުޅުން އަޅުގަނޑުމެންނަށް މާލީ ޔަގީންކަން ދޭހާ އަވަހަކަށް ދެ ފަރާތަށް ވެސް ރަނގަޅުވާނެ،" ގަވަރުނަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން މިކަހަލަ ހާލަތެއްގައި ވާޖިބުތައް އަދާނުކޮށް، މާ ގިނަ ދުވަސް ވަންދެން ތިބޭކަށް. އެއީ ގައުމަށާއި އަޅުގަނޑުމެންނަށް ރަނގަޅު ކަމެއް ނޫން. އެއީ އިންވެސްޓަރުން ލަންކާއަށް ކުރާ އިތުބާރަށް ވެސް ރަނގަޅު ކަމެއް ނޫން."

ލަންކާ ހާލުގައި ޖެހިފައި ވަނީ ކީއްވެ؟

މިދިޔަ އަހަރަށް ފަހު އެ ގައުމުގެ އިންފްލޭޝަން ތަންކޮޅެއް ދަށަށް ދިޔައަސް، މިދިޔަ މަހު ލަންކާގައި ކާބޯތަކެތީގެ އަގުތައް ހުރީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު %65 މަތީގަ އެވެ.

ވޯލްޑް ފުޑް ޕްރޮގްރާމުން އަންދާޒާކުރާ ގޮތުގައި، ލަންކާގެ އަށް މިލިއަން ރައްޔިތުންނަކީ "ކާބޯތަކެތީގެ ނުރައްކާތެރިކަން އޮތް" މީހުންނެވެ. އެއީ އާބާދީގެ ތިން ބައިކުޅަ އެއް ބައެވެ.

ލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޕީ ނަންދަލާލް ވީރަސިންހަ ބީސީސީއަށް އިންޓަވިއު ދެއްވަނީ. (ފޮޓޯ/ބީބީސީ)

އިގްތިސާދީ ހަލަބޮލިކަމުގެ ސަބަބުން މިދިޔަ އަހަރު އެ ގައުމުގައި ބޮޑެތި މުޒާހަރާތަކެއް ފެށުމާ އެކު، މިދިޔަ ޖުލައި މަހު އޭރުގެ ރައީސް ވަނީ ގައުމު ދޫކޮށް ފިއްލެވުމަށް ފަހު އިސްތިއުފާ ދެއްވާފަ އެވެ.

ވޯލްޑް ބޭންކުން ލަފާކުރި ގޮތުގައި، މިދިޔަ އަހަރު ލަންކާގެ އިގްތިސާދު ވަނީ %9.2 ދަށަށް ގޮސްފަ އެވެ. އަދި މި އަހަރު އިތުރު %4.2 ދަށަށް ދާނެ ކަމަށް ވެސް އައިއެމްއެފުން ލަފާކުރެ އެވެ.

ޗައިނާ އިން ލަންކާއަށް ދޫކޮށްފައިވާ ލޯންގެ އަދަދު ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރަށް އަރާއިރު، އިންޑިއާއަށް ދައްކަން ޖެހޭ ދަރަނި އުޅެނީ އެއް ބިލިއަން ޑޮލަރުގަ އެވެ.

ލަންކާ ސަރުކާރުން އެންމެ ފުރަތަމަ އުއްމީދުކުރީ 2022 ވަނަ އަހަރު ނިމުމުގެ ކުރިން ޗައިނާ އާއި އިންޑިއާއާ އެކު އާ ޕޭމަންޓް ޕްލޭނަކަށް އެއްބަސްވެވޭނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ތިބީ މިވަގުތަށް ހިމޭނުން

ވީރަސިންހަ ވިދާޅުވީ މި މަހުގެ ފަހުކޮޅު އައިއެމްއެފްއާ އެކު އެއްބަސްވުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް މި ހުރިހާ ކަމެއް ބަރޯސާވަނީ އެހެން ފަރާތްތަކުގެ މައްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ ދަރަންޏަށް ފައިސާ ދީފައިވާ ފަރާތްތަކުން ބޭނުންވާ ހުރިހާ މައުލޫމާތެއް ލަންކާއިން މިހާރު އެ ފަރާތްތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

މަސްރަހު ދިރާސާ ކުރާ މިނިވަން ފަރާތްތަކުން ބުނަނީ ލަންކާގެ ބޮޑު ދަރަންޏެއް ލުއިކޮށްދިނުމަކީ ބެލްޓް އެންޑް ރޯޑް ޕްރޮގްރާމުގެ ޒަރިއްޔާއިން ޗައިނާއިން ލޯންގެ އެހީ ފޯރުކޮށްދޭ އެހެން ގައުމުތަކާ ދޭތެރޭ ޗައިނާއިން ކަންބޮޑުވާ ކަމަށެވެ. އަދި ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ސަބަބުން ސަރަހައްދީ ވާދަވެރި ޗައިނާއަށް ލުއި ޝަރުތުތަކެއް ލިބިދާނެތީ އިންޑިއާ އިން ވަރަށް ބޮޑަށް ސަމާލުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާ އިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޫލީ ޗުންގް ވިދާޅުވީ، އެންމެ ބޮޑު މަސްއޫލިއްޔަތެއް އުފުލަން ޖެހޭނީ އެންމެ ގިނަ އަދަދަކަށް ލޯނު ދީފައިވާ ގައުމުގެ ހައިސިއްޔަތުން ޗައިނާއަށް ކަމަށެވެ.

ނަމަވެސް، އިންޑިއާ އާއި ޗައިނާ އިން ލަންކާއަށް ނަގާފައިވާ ލޯނަށް ލުއި ދިނުމަށް އެއްބަސްވެއްޖެ ނަމަ އަމިއްލަ ކްރެޑިޓަރުންނަށް ކުރިމަތިވެދާނެ އިތުރު މައްސަލައެއް އެބައޮތެވެ. އެއީ އެ ގައުމުގެ ބޭރުގެ ދަރަނީގެ %40 ހިއްސާ ފަރާތްތަކެވެ.

ސްރީލަންކާގެ ބޮންޑް ހޯލްޑަރުންނާ ބެހޭ ގޮތުން ސުވާލު ކުރުމުން ވީރަސިންހަ ވިދާޅުވީ އަމިއްލަ ކްރެޑިޓަރުންނާ އެކު ހެޔޮ ނިޔަތުގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ފެންނަ ފެނުމަށް އެ ފަރާތްތަކުން ތިބީ ލަންކާއަށް އެހީތެރިވެދިނުމަށް ތައްޔާރަށް ކަމަށެވެ.

ގަވަރުނަރު ވިދާޅުވީ ދަރަންޏަށް ފައިސާ ދީފައިވާ ވަކިވަކި ގައުމުތަކާ އެކު އެއްބަސްވުމަކަށް އާދެވެމުން އައިއެމްއެފްގެ ފައިސާ "ހަތަރު ހަފުތާ އާއި ހަ ހަފުތާ"ގެ ތެރޭގައި ލަންކާއަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް