ފައްޔާޒު އަދި އިމްތިޔާޒު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އިމްތިޔާޒު ބަލި ގަބޫލުކޮށް ފައްޔާޒަށް މަރުހަބާ ކިޔައިފި

އޭނާ ބަލި ގަބޫލު މިކުރެއްވީ ވޯޓުލުން ނިމުނުތާ 24 ގަޑިއިރު ހަމަވާން އުޅެނިކޮށް

އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކޮށް ނާކާމިޔާބާ ކުރިމަތިވަޑައިގެންނެވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ބަލި ގަބޫލުކޮށް، އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް މަރުހަބާ ދަންވަައިފި އެވެ.

ވީ ކިހިނެއް؟ ވޯޓުލުން ނިމުނުތާ 24 ގަޑިއިރު ހަމަވާން ކައިރިވެފައިވަނިކޮށް އިމްތިޔާޒު ވަނީ ދާދި ދެންމެއަކު ޓްވީޓް ކުރައްވައި، ފައްޔާޒަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި ޕާޓީގައި ދެގޮތެއް ނުވެ ހުންނަވާނެ ކަމުގެ ޔަގީންކަން މެންރުންނަށް ދެއްވި އެވެ.

ބުނީ ކީކޭ؟- "މިނިސްޓަރު ފައްޔާޒަށް މަރުހަބާ! ނިމިދިޔަ އިންތިހާބުގައި އަޅުގަނޑާ އެކު މަސައްކަތް ކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރިއްޔާ! އަޅުގަނޑުމެން މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ، އަސާސްތަކުގައި މިޕާޓީއާ އެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނާނަން،" އެމްޑީޕީގެ ދިދަތައް ފެންނަ ފޮޓޯއަކާ އެކު އިމްތިޔާޒު ކުރެއްވި ޓްވީޓްގައި އެނޭ ލިޔުއްވާފައިވެ އެވެ.

ފައްޔާޒު ވަނީ އިމްތިޔާޒުގެ ޓުވީޓަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ވިދާޅުވީ ކުރިން ވެސް ވިދާޅުވި ގޮތަށް އިންތިހާބަށް ފަހު ތިއްބަވާނީ އެއް ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީ ދާނީ އެއްކޮށް، އެއް ބައެއްގެ ގޮތުގައި ކުރިއަށް ކަމަށެވެ.

އެނގުން މުހިންމު - އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފައްޔާޒު އިންތިހާބު ކާމިޔާބު ކުރެއްވީ %59 ވޯޓުންނެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ، %41 ވޯޓެވެ.

އިންތިހާބުގެ ވޯޓުލުން ނިމެން ކުޑަވަގުތުކޮޅެއް ވެފައި ވަނިކޮށް އިމްތިޔާޒުގެ ވަކީލުންގެ ޓީމުންގެ ފަރާތުން ވަނީ އިންތިހާބާ ގުލޭ ގޮތުން ގިނަ ޝަކުވާތަކެއްކޮށްފަ އެވެ. އެގޮތުން އެތައް ބަޔަކަށް އެއް ކަރުދާހަށް ވުރެ ގިނައިން ކަރުދާސް ދިން ކަމަށާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ފައިސާ ބެހި ކަމަށް އެ ޓީމުން ތުހުމަތު ކުރި އެވެ. އަދި އެ މައްސަލަތައް ޕާޓީގެ ޝަކުވާ ބަލާ ކޮމިޓީއަށް ވެސް ހުށަހަޅާފައިވާނެ ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.

ކޮމެންޓް (1)

މަރީނާ

15 މޭ 2022
މަރްހަބާ ފައްޔާޒް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް