ލަންކާގެ މަގެއްގެ މަތިން މީހަކު ހިނގާފައި ދަނީ. (ފޮޓޯ/ ރޮއިޓާސް)

ސްރީ ލަންކާ

ލަންކާގައި ކާފިއުއަށް ލުއިތަކެއް ދީފި

ރާޖަޕަކްސަ އާއިލާއިން ކޮންޓްރޯލު ކުރާ ޕާޓީގެ ހަތަރު ބޭފުޅަކު ރަނިލް ވަނީ އެ މަނިކުފާނުގެ ކެބިނެޓަށް އައްޔަންކުރައްވާފައި

ސްރީ ލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރައްވަން ފެއްޓުމާ އެކު ކާފިއުއަށް ލުއިދޭން ފަށައިފި އެވެ.

ލަންކާގެ ބޮޑުވަޒީރުކަމުން މަހިންދަ ރާޖަޕަކްސަ ވަކިވެވަޑައިގަތުމާއި އާ ބޮޑުވަޒީރަކަށް ރަނިލް އައްޔަން ކުރުމާ ދޭތެރޭ ހިނގި ހަމަނުޖެހުންތަކުގައި ވަނީ ނުވަ މީހަކު މަރުވެފަ އެވެ.

މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ވަންދެން ސުލްހަވެރިކޮށް ކުރަމުން އައި މުޒާހަރާތައް ހޫނުވެ، ބޮޑު ހަމަނުޖެހުމަކަށް ދިޔައީ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައަށް ތާއީދު ކުރާ ބަޔަކު، ސުލްހަވެރި މުޒާހަރާގެ ތެރެއަށް އަރައިގަތުމުންނެވެ.

ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ، އެ ހަމަނުޖެހުންތަކުގައި 300 ވަރަކަށް މީހުން ވަނީ ޒަހަމުވެފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ އަސަރު ލަންކާއަށް ވަނީ އިންތިހާއަށް ކޮށްފަ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ޓެކްސްތައް ކުޑަކުރުމުން، މަގުބޫލު ސަރުކާރުގެ ތާއީދު ރައްޔިތުންގެ ކުރިމަތީގައި ގެއްލި ގައުމުގެ އިގްތިސާދުވަނީ، އެ ގައުމު 1948ގައި މިނިވަން ވީއްސުރެ ނުދާ މިންވަރަށް ފަހަތަށް ގޮސްފަ އެވެ.

ބޭނުން ކުރެވޭ ވަރަށް ހުރި ރިޒާވް ވަނީ ގާތްގަނޑަކަށް ހުސްވެފަ އެވެ. އަދި ތަކެތީގެ އަގުތައް އުފުލުމުގެ އިތުރަށް ތެލަށް ވަނީ ޖެހިފަ އެވެ. އެ ކަން ކަމާ ހުރެ ރައްޔިތުން މަގުތަކަށް ނުކުމެ ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފަށައިފަ އެވެ.

އިއްޔެއިން ފެށިގެން ކާފިއު ވަނީ ހެނދުނު 6 އިން ފެށިގެން ހަވީރު 6 އަށް އުވާލައިފަ އެވެ. މިދިޔަ ހޯމަ ދުވަހު އިއުލާން ކުރި 24 ގަޑި އިރުގެ ކާފިއުއަށް، މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ވެސް ވަނީ ކޮންމެ ވެސް ވަރަކަށް ލުއި ދީފަ އެވެ. އެއީ މީހުން ތަކެތި ގަތުމަށް ވަގުތު ދިނުމަށެވެ.

ގައުމުގައި ހަމަނުޖެހުންތައް ހިންގަން ފެށުމާ އެކު، މަހިންދަ ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ މަނިކުފާނުގެ ކޮއްކޮ، ރައީސް ގޯޔާބާޔަ ރާޖަޕަކްސައަށް ހުރިހާ ކަމެއް ހަވާލު ކުރުމަށް ފަހު އެވެ.

ކުރިން ފަސް ފަހަރު ބޮޑުވަޒީރުކަން ކުރެއްވި ރަނިލް ވަނީ ބުރާސްފަތި ދުވަހު ހަ ވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް އައްޔަންކޮށްފަ އެވެ.

ރާޖަޕަކްސަ އާއިލާގެ ސްރީ ލަންކާ ބޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީގެ ހަތަރު ބޭފުޅަކު ރަނިލް ވަނީ އެ މަނިކުފާނުގެ ކެބިނެޓަށް އައްޔަންކުރައްވައިފަ އެވެ. އެއީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކަށް ހަޖަމު ކުރެވޭނެ ކަމެއް ނޫނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެސްއެލްޕީޕީގެ ޗެއާމަން ޖީއެލް ޕީރިސް އައްޔަންކޮށްފައި ވަނީ ކުރިން ވެސް އޭނާ ހުންނެވި ފޮރިން މިނިސްޓަރުގެ މަގާމަށެވެ.

ގާނޫނު ހަދާ މަޖިލީހުގައި ރަނިލް އަކީ އޭނާގެ ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ހަމައެކަނި މެންބަރެވެ. އެހެންކަމުން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ބޮޑުވަޒީރަށް އެހެން ޕާޓީތަކުގެ ތާއީދު ބޭނުންވެ އެވެ. އެސްއެލްޕީޕީން ވަނީ ބޮޑުވަޒީރަށް އެ ޔަގީންކަން ދީފަ އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީން ވަނީ ރަނިލްއަށް ތާއީދު ނުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ދެން ހުރި ކުދި ޕާޓީތަކުން ބުނަނީ ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ބޮޑުވަޒީރުގެ ނިންމުންތަކަށް ތާއީދު ކުރާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް