ބަންގްލަދޭޝްގެ މަރުކަޒީ ބޭންކް، ބަންގްލަދޭޝް ބޭންކުގެ މައި އިމާރާތް: އެ ބޭންކުން ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ވަނީ ނިންމާފައި.

ބަންގްލަދޭޝް އިން ރާއްޖެއަށް 3 ބިލިއަން ރުފިޔާގެ ލޯނެއް ދޭން ނިންމައިފި

ރާއްޖެ އިން އެދިފައި ވަނީ ފަސް އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ލޯނު ދިނުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ
15 ޑިސެމްބަރު 2021

ބަންގްލަދޭޝް އިން ރާއްޖެއަށް 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކު، ބަންގުލަދޭޝް ބޭންކުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ބަންގުލަދޭޝް ބޭންކުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ 'ދަ ބިޒްނަސް ސްޓޭންޑާޑް' ނޫހުން ބުނީ ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އެއްބަސްވީ ފޮރިން މިނިސްޓްރީއާ އެކު މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އެ ލޯނުގެ ޝަރުތުތަކަށް އަދި އެއްބަސް ނުވެވުނު ނަމަވެސް ރާއްޖެ އިން އެދިފައި ވަނީ ފަސް އަހަރުދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ލޯނު ނެގުމަށް ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

އެ ނޫހުން ބުނީ ބަންގްލަދޭޝް ބޭންކުން ރާއްޖެއަށް ލޯނެއް ދޭން ނިންމި ނަމަވެސް ރާއްޖެ އިން އެކަމާ ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.

ބުނީ ކީކޭ؟ - އެ ނޫހުގައިވާ ގޮތުން، ބަންގުލަދޭޝް ބޭންކުގެ ގަވަރުނަރު ފަޒްލޭ ކަބީރު ވިދާޅުވެފައި ވަނީ ރާއްޖެއަށް 200 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ ގާބިލްކަން މަރުކަޒީ ބޭންކުގައި އެބަހުރި ކަމަށެވެ. އަދި އެ ލޯނު ދޭނެކަމުގެ ޔަގީންކަން މިހާރު ދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް އެ ނޫހުން ބުންޏެވެ.

"އަވަށްޓެރި ގައުމުތަކަށް ލޯނު ދިނުމަކީ ފަހުރުވެރިވާ ކަމެއް،" ގަވަރުނަރު ވިދާޅުވި އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާއާ 24 ސެޕްޓެމްބަރު 2021ގައި ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - މިއީ ބަންގުލަދޭޝްގެ ތާރީހުގައި ވެސް އެ ގައުމުގެ މަރުކަޒީ ބޭންކުން ބޭރުގެ ގައުމަކަށް މި ގޮތަށް ދޫކުރާ ދެވަނަ ލޯނެވެ. މީގެ ކުރިން ހެދި ކަރަންސީ ސުވޮޕް އެއްބަސްވުމެއްގެ ދަށުން އެ ބޭންކުން ވަނީ ލަންކާއަށް 200 މިލިއަން ޑޮލަރު ދީފަ އެވެ.

ބަންގްލަދޭޝް އިން ލޯނެއް ނަގަން އުޅޭ ވާހަކަ މީޑިއާއަށް ތިލަވުމާ އެކު މީގެ ކުރިން ފިނޭންސުން ބުނެފައި ވަނީ ރާއްޖެއަށް ލޯނެއް ދިނުމަށް އެދި ފުރަތަމަ ހުށަހެޅީ ބަންގްލަދޭޝް އިން ކަމަށެވެ. ނަމަވެސް ބިޒްނަސް ސްޓޭންޑަޑް ނޫހުން ބުނެފައި ވަނީ ރާއްޖެއަށް ލޯނެއް ދިނުމަށް އެދުނީ ރައީސް ސޯލިހު މިދިޔަ މާޗް މަހު ބަންގުލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ކަމަށެވެ.

ބަންގުލަދޭޝްގެ ރިޒާވަށް ވެސް ޕްރެޝަރު ބޮޑު

ބިޒްނަސް ސްޓޭންޑާޑް ނޫހުން ބުނި ގޮތުގައި، ރާއްޖެއަށް ލޯނެއް ދޭއިރު މުދާ އިމްޕޯޓު ކުރަން ބަންގްލަދޭޝް އިން ކުރަން ޖެހޭ ހަރަދު ބޮޑުވެ އަދި ބޭރު ފައިސާގެ އެކްސްޗޭންޖު މާކެޓަށް ހުރި ޕްރެޝަރުތަކާ ގުޅިގެން އެ ގައުމުގެ  ބޭރު ފައިސާގެ ރިޒާވަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ. އެގޮތުން، އެ ގައުމުގެ މަރުކަޒީ ބޭންކުގެ ރިޒާވް 48 ބިލިއަން ޑޮލަރުން 45 ބިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން، 24 ނޮވެމްބަރު 2021ގައި އެ ގައުމުގެ ބޮޑުވަޒީރު ޝޭހު ހަސީނާއާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އެކްސްޗޭންޖު ރޭޓް ހަމަޖެއްސުުމުގެ ގޮތުން މިދިޔަ އޮގަސްޓު މަހުން ފެށިގެން ބަންގުލަދޭޝް ބޭންކުން ވަނީ އެ ގައުމުގެ ބޭންކުތަކަށް 2.1 ބިލިއަން ޑޮލަރު ވިއްކައިފަ އެވެ.

އެ ގައުމުގެ ރިޒާވަށް ވެސް ބާރު ބޮޑުވެފައި ވާއިރު ރާއްޖެއަށް ބަންގްލަދޭޝް އިން ލޯނެއް ދޭން ނިންމި ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށް ސެންޓްރަލް ބޭންކިންގެ މާހިރުން ވިދާޅުވެފައިވާ ކަމަށް ބިޒްނަސް ސްޓޭންޑާޑް ނޫހުން ބުންޏެވެ. ނަމަވެސް، 200 މިލިއަން ޑޮލަރަކީ ބަންގްލަދޭޝް ބޭންކަށް ބުރަ ބޮޑު އަދަދަކަށް ނުވާނެ ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތު

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި2020 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގެ ދަރަނީގެ ހާލަތަކީ:

  • އެތެރޭގެ ދަރަނި - 41.6 ބިލިއަން ރުފިޔާ

  • ބޭރުގެ ދަރަނި - 24.9 ބިލިއަން ރުފިޔާ

  • ޖުމްލަ ދަރަނި - 86.5 ބިލިއަން ރުފިޔާ

  • ޖީޑީޕީގެ ނިސްބަތުން ދަރަނި - %149.3

އިތުރު އާޓިކަލް

އިތުރު އާޓިކަލް