'ޖިންޖާ ބޭކްސް' ބްރޭންޑް 2014ގައި އުފައްދައި ކާއެއްޗެހި ވިއްކަމުން އަންނަ ޝާދްނީ އެ މަސައްކަތަށް ހިތްޖެހުނީ ކުޑައިރުންސުރެ އާއިލާ ތެރެއިން ފެންނަ ކެއްކުމުގެ ފޯރީގެ ސަބަބުން.

ފުޑް

ޝާދްނީގެ ރޯސް ފްލޭވާ ރެސިޕީތަކަށް މަގުބޫލުކަން

'ޖިންޖާ ބޭކްސް'ގެ ޝާދްނީ ތަފާތު ފްލޭވާތަކުން އެކްސްޕެރިމަންޓްކޮށް، އާ ރަހަތައް ތައާރަފްކުރޭ
18 އޭޕްރީލު 2022

ފާތިމަތު ޝާދްނީ އަކީ ކުޅަދާނަ ބޭކަރެކެވެ. ބޭކިންގެ އިތުރުން ފުޑް ސްޓައިލިން އަށާއި ފޮޓޯގްރަފީ އަށް ވެސް އޭނާ މޮޅެވެ. އޭނާ 2014 ވަނަ އަހަރުން ފެށިގެން އިންސްޓަގްރާމްގައި ހިންގާ 'ޖިންޖާ ބޭކްސް އެމްވީ' ބަލައިލުމުން އެކަން އެނގޭނެ އެވެ.

ރޯދަ މަހަކީ ވަރަށް ތަފާތު އާ ކެއުންތައް އަޖުމަ ބަލައިލެވޭ މައްސަރެކެވެ. ރޯދަ ވީއްލުމަށް އެކި ބާވަތްތައް ތައްޔާރު ކުރުމާއި އާ ރެސިޕީތައް އަޖުމަ ބަލާލަން ބޭނުންވުމަކީ އެކަށީގެންވާ ކަމަކެވެ. އެފަދަ ވިސްނުމެއްގައި ހުރި ނަމަ، ޝާދްނީގެ ރެސިޕީއެއް ޓެސްޓްކޮށްލުން ރަނގަޅެވެ.

އިންސްޓަގްރާމުގައި 10،000 ފޮލޯވަރުން ތިބި ޝާދްނީ މިފަހުން އަންނަނީ އާއްމުންނާ އެކި ރެސިޕީތައް ހިއްސާކުރަމުންނެވެ. ދިވެހިންނަށް ކަމުދާ ރަހައެއް ކަމުގައިވާ ރޯސް ސިރަޕް އަޅައިގެން އޭނާ ތައްޔާރުކުރާ ބާވަތްތައް ވަކިން ބޮޑަށް ފާހަގަކޮށްލެވެ އެވެ. އެ އެއްޗެހީގެ ފޮޓޯތައް ފެނުމުން ކުޅުދިޔާކޮށްލަ އެވެ.

ޝާދްނީގެ ރޯސް ބާރްފީ ރެސިޕީގެ އަޖުމަ ބަލާލަން ކިިހިނެއް ވާނެ ހެއްޔެވެ؟ ބާރްފީ އަކީ އިންޑިއާގެ މަޝްހޫރު ފޮނިކާއެއްޗެކެވެ. މީގެ ޓެކްސްޗަ އަށް ބަލާއިރު ދިވެހިންގެ މެދުގައި މަގުބޫލު ފަޖްއާ ދާދި އެއްކަހަލަ ގޮތެއް ހުރެ އެވެ.

ޝާދްނީގެ ރޯސް ބާރްފީ ރެސިޕީ

ރޯސް ބާރްފީ: ގިތެޔޮ އަޅައިގެން ތައްޔާރުކުރާ ފޮނިއެއްޗެއް. (ފޮޓޯ/އިންސްޓަގްރާމް/ޖިންޖާބޭކްސްއެމްވީ)

ބޭނުންވާ ތަކެތި

1/4 ޖޯޑު ގިތެޔޮ (52 ގްރާމް)

1 ޖޯޑު ކިރު

2.5 ޖޯޑު ހިކި ކިރު

3/4 ޖޯޑު ހަކުުރު (176 ގްރާމް)

3 މޭޒުމަތީ ސަމްސާ ރޯސް ސިރަޕް

1/2 ސައިސަމުސާ ރޯސް އެސެންސް (ބޭނުންނަމަ)

1/4 ސައިސަމުސާ މުގުރާފައިވާ ކާފޫރުތޮޅި

3 މޭޒުމަތީ ސަމްސާ ޕިސްޓާޗިއޯ

ހިއްކާފައިވާ ފިނިފެންމަލުގެ ފިޔަ (ބޭނުން ނަމަ)

ބޭނުން ނަމަ އެޑިބަލް ރޯސް ޕެޓަލްސް ބޭނުންކުރެވިދާނެ (ފޮޓޯ/އިންސްޓަގްރާމް/ޖިންޖާބޭކްސްއެމްވީ)

ތައްޔާރު ކުރާނެ ގޮތް

  • ފަތާ ތައްޓެއްގައި ކުޑަ ގިތެޔޮކޮޅެއް ހާކަލައި އޭގެ މަތީގައި ބޭކިން ޕޭޕަރު އަޅައި އޭގައި ގިތެޔޮކޮޅެއް ހާކާލާށެވެ. ދެން އޭގެ މައްޗަށް، ކޮށާފައިވާ ޕިސްޓާޗިއޯ އަދި ހިއްކާފައިވާ ކެވޭ ކަހަލަ ފިނިފެންމަލުގެ ފިޔަތައް އަޅާލާށެވެ.

  • ބޯތައްޓެއްގައި ހިކި ކިރު، ހަކުރު، ދިޔާކިރު، ރޯސް އެސެންސް، އަދި ރޯސް ސިރަޕް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު، ފުލުގައި ތަތް ނުލަވާ ކަހަލަ ތެއްޔަކަށް އަޅައި މަޑު ގިނީގައި ކައްކާށެވެ.

  • ތެއްޔަށް ގިތެޔޮކޮޅު އަޅައިގެން މަޑު ގިނީގައި ކައްކާށެވެ. މަޑު ގިނީގައި ބަހައްޓައިގެން ހަލަމުން ދާ އިރު ބާރްފީ މިކްސް އޮލަވާން ފަށާނެ އެވެ.

  • މިގޮތަށް ކައްކަމުންދާ އިރު މަޑުމަޑުން ތެލީގެ ފުލުން ނެއްޓި ބާރްފީ މިކްސް ހަރުވަމުން ދާނެ އެވެ. މާ ގަދައަށް މިގޮތަށް ކައްކައިފި ނަމަ ބާރްފީ މާ ބޮޑަށް ހަރުވާނެ އެވެ. އަދި މާ ކުޑަކޮށް ކައްކައިފި ނަމަ ބާރްފީ ހުންނާނީ މާ މަޑުކޮށެވެ. އެންމެ ރަނގަޅު ވަރަކީ 8-10 މިނެޓަށް ކެއްކުމެވެ.

  • ދެން މުގުރާފައިވާ ކާފޫރުތޮޅި އެއްކޮށްލާށެވެ. ބޭކިން ޕޭޕަރު އަޅައި ފުރަތަމަ ތައްޔާރު ކުރި ތައްޓަށް ބާރްފީ އަޅައި މަޑުމަޑުން ސަމްސަލުގެ ނުފުށް ޖައްސައި އެއްވަރު ކޮށްލާށެވެ.

  • ދެ ގަޑި އިރު ވަންދެން ބަރްފީ ހަރުކުރަން ކުރަން ބަހައްޓާށެވެ. އެއަށް ފަހު އަނެއް ފުށަށް ޖަހައި މަޑުމަޑުން ބޭކިން ޕޭޕަރު ނައްޓާލާށެވެ. މަތީގައި ހުންނަންވާނީ ފިނިފެންމަލުގެ ފިޔަތަކެވެ. ކަފާފައި ރަހަބަލާށެވެ.

ބާރްފީގެ އިތުރުން ޝާދްނީ ވަނީ ކޮވިޑް-19ގެ ލޮކްޑައުންގައި ދިވެހިންގެ ގިނަ ބަޔަކު ގިިރި އަދި ކަމުދިޔަ ޑަލްގޯނާ ކޮފީގެ މުޅިން އާ ރަހައެއް ކަމުގައިވާ ރޯސް ޑަލްގޯނާގެ ރެސިޕީ ވެސް އިންސްޓަގްރާމުގައި ހިއްސާކޮށްފަ އެވެ.

 ރޯސް ޑަލްގޯނާ ޝާދްނީގެ ފުރިހަމަ މަސައްކަތެއް 

ޝާދްނީ ބުނާ ގޮތުގައި މިއީ ރޯދަމަހާ ގުޅޭ ހާއްސަ ޓުވިސްޓެކެވެ. ރޯސް ޑަލްގޯނާގައި ކެފެއިން ނުހިމެނޭތީ ރޯދަ ވީއްލުމަށް މި ބުއިން ކަމުދާ އިރު މިއީ ކުޑަ އިރުގެ ހަނދާންތައް އާ ކޮށްލާ ރެސިޕީއެއް ކަމުގައި ޝާދްނީ ބުންޏެވެ. 

ރޯސް ސިރަޕް އަޅާފައި ހުންނަ ހުރިހާ އެއްޗެއް ވެސް ދިވެހިންގެ މެދުގައި ހިނގަ އެވެ. ކުޑައިރުގެ ހަނދާނަކާ އޮންނަނީ ގުޅިފަ އެވެ. އެއްފުރައިގެ ކުދިންނާ އެކު މަގުމަތީގައި ކުޅެން އުޅުނު އިރު ބުއި ޖޫސްޕެޓީ އާއި ލޮލީ އެވެ. ކުރިން ކޯލާއަށް ވުރެ ބޮޑަށް ޕާޓީތަކުގައި ރޯސް ސިރަޕް ހިނގި ދުވަސްވަރެއް ވެސް ދިޔަ އެެވެ. ސްކޫލް ނިންމާލައިފައި ފަލޫދާއެއް ބޯލަން ދިއުމަކީ ފުރާވަރުގެ ހަނދާނެކެވެ. 

ޝާދްނީގެ ރޯސް ޑަލްގޯނާ ރެސިޕީ އިންސްޓަގްރާމްގައި ހިއްސާކުރިތާ އެއް ދުވަސް ތެރޭ ބައެއް މީހުން އެ ރެސިޕީއަށް ބުއިން ތައްޔާރުކޮށްފައި ފޮޓޯ ހިއްސާ ކުރި އެވެ. އޮތީ ހުސް ރަނގަޅު ކޮމެންޓެވެ.

މި ރެސިޕީތައް ތައްޔާރު ކުރުމަށް ޝާދްނީ ބުރަ މަސައްކަތްތަކެއް ކުރާނެ ކަން ޔަގީނެވެ. އެހެންވެ ކޮންމެހެންވެސް އޭނާ ދެނެގަތުމަށް ޝައުގުވެރިވި އެވެ. ތިރީގައި މިވަނީ ޝާދްނީއާ ކުރި ސުވާލުތަކަށް އޭނާ ދިން ޖަވާބުތަކެވެ.

ޖިންޖާ ބޭކްސްގެ ފަހަތުގައި ހުރީ ޝާދްނީ. ބޭކް ކުރުމާއި އާ ރެސިޕީތައް ތައްޔާރު ކުރުމަކީ އޭނާގެ ޕެޝަން.

ދައުރު: އެންމެ ފުރަތަމަ ބޭކް ކުރަން ފެށީ ކޮން އިރަކު؟

ޝާދްނީ: އަހަރެން ހަނދާން ހުންނަ އިރުން ފެށިގެން ބޭކް ކުރަން. އެކަމަކު ކެެރިއާއެއްގެ ގޮތުގައި މި މަސައްކަތް ކުރާތާ މިވީ ހަތް އަހަރު. އިންސްޓަގްރާމް އެކައުންޓް 'ޖިންޖާ ބޭކްސް' އުފެއްދީ 2014ގައި.

ދައުރު: ބޭކް ކުރަން ދަސް ކުރީ ކިހިނެއް؟

ޝާދްނީ: މަންމަ ޖުވޭރިޔާ އާރިފް އަކީ ވެޑިން ކޭކް ހަދާ މީހެއް. އަދި ބައްޕަ ފަރާތުންނާއި މަންމަ ފަރާތުގެ ބޮޑު ދައިތަމެންނަކީ މީރުކޮށް ކައްކައި ބޭކް ކުރާ މީހުން. ބޮޑުވެގެން އައި އިރު  އެކި ކަހަލަ ކާނާ ތައްޔާރު ކުރުން އޮވޭ. ކެއްކުމަށް ގޭތެރޭގައި އޮންނަ ފޯރީގެ ސަބަބުން އެ މަސައްކަތަށް ހިތްޖެހުނީ. ވަރަށް ގިނައިން ރައްޓެހިންނާއި އާއިލާ އަށް ދޭން ބޭކް ކުރަން.

ދައުރު: ބޭކިންގެ އިތުރުން ފުޑް ސްޓައިލް ކުރުމަށް އަދި ފޮޓޯ ނެގުމަށް ހާއްސަ ސަމާލު ކަމެއް ދީގެން ވަރަށް ފުރިހަމައަށް ކުރާ ކަމައް ކަމަށް ފާހަގަވޭ. ޝާދްނީ ބޭނުން ކުރާ ބައެއް ޓްރިިކްސް އަކީ ކޮބާ؟ 

ޝާދްނީ: ބޭކިންގެ އިތުރުން ފުޑް ސްޓައިލް ކުރުމަކީ ވަގުތު ހޭދަވާ ކަމެއް. އެއީ ޕެޝަނެއް. އަހަންނަކީ ޕާފެކްޝަނިސްޓެއް. އެހެންވެ ވަރަށް ބޮޑަށް ޑީޓެއިލްސް އަށް ސަމާލުކަން ދެން. އަދި ހުރިހާ ކަމެއް އަހަރެން ވަރަށް ރަނގަޅަށް ރިސާޗް ކުރަން. ފޮޓޯތައް ފުރިހަމަ ކުރުމަށް އެންމެ ބޮޑަށް ސަމާލުކަމެއް ދޭން ޖެހެނީ ކުލަތަކަށް. ދެން ލައިޓިން. އެ ދެ ކަންތައް ރަނގަޅު ކޮށްފި ނަމަ މަސައްކަތުގެ ދެބައިކުޅަ އެއްބައި އެ ނިމުނީ.

ބޭކިންގެ އިތުރުން ފުޑް ސްޓައިލް ކުރުމަކީ ޝާދްނީގެ ހުނަރެއް

ދައުރު: ޝާދްނީގެ އުފެއްދުންތަކުން ކަސްޓަމަރުންނަށް އެންމެ ކަމުދަނީ ކޯއްޗެއް؟ އަދި އޭގެ ފަހަތުގައި އޮތީ ކޮން ސިއްރެއް؟

ޝާދްނީ: އަހަރެންގެ ވަރަށް ގިނަ ފޮނިއެއްޗެހި ކަސްޓަމަރުން ބަލައިގެންފި. އެކަމަކު އެންމެ ބޮޑު ހިޓަކަށްވީ ސިރަޕް ބަންޑުން ޓްރެސް ލެޗެސް އާއި ބަނާނާ ބްރެޑް އަދި ޓާޓް. ކޮލިޓީ ހިފަހައްޓަން ބުރަ މަސައްކަތެއް ކުރަން. ރެސިޕީ އާއި ކޮންޓެންޓް އުފައްދަނީ ވަރަށް މަސައްކަތުން. އެހާ ބޮޑު އޯޑަރު އެއްފަހަރާ ނެގުމުގެ ބަދަލުގައި ބަލަނީ ލިބޭ އޯޑަރުތައް އެންމެ ރަނގަޅަށް ފުރިހަމަ ކުރެވޭތޯ. ރާއްޖެއިން އަދި ރާއްޖެއިން ބޭރުން ގިނަ ބައެއްގެ ސަޕޯޓް އަހަރެންގެ މި މަސައްކަތަށް ލިބޭ. އެންމެ އުފާވަނީ ފުޑް އަދި ބޭކް ފޮޓޯ ކޮމުއިނިޓީ އިން ލިބޭ ސަޕޯޓާ މެދު.

ދައުރު: ރެސިޕީތައް ހިއްސާ ކުރަން ފެށީ ކޮންއިރަކު؟ ޝާދްނީގެ އަމިއްލަ ގޮތް އަދި ހިޔާލު ރެސިޕީތަކަށް ގެންނަން މަސައްކަތް ކުރަނި ކިހާ ވަރަކަށް؟

ޝާދްނީ: އަހަންނަކީ ފުޑީއެއް. އެހެން މީހުންނަށް ކާއެއްޗެހި ދިނުމަކީ އަހަރެން ކުރާ ކަމެއް. ރެސިޕީ ހިއްސާ ކުރަން ފެށީ އެހެން މީހުންނަށް ވެސް އަހަރެންގެ ބޭކްސް އަދި ޑިޝްތައް ތައްޔާރުކުރުމަށް ފުރުސަތު ދިނުމަށް. އަހަރެންގެ މަސައްކަތުގެ އެންމެ ބޮޑު ޕެޝަންއަކީ އެކި ކަހަލަ ފްލޭވާތައް އެކްސްޕެރިމެންޓް ކުރުން. އިންޓަނެޓުން ފެންނަ ރެސިޕީތަކުން އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުން ފެންނަ ޑިޝްތަކުން އިންސްޕިރޭޝަން ލިބޭ. އަދި އެ ރެސިޕީތަކަށް އަހަރެންގެ އަމިއްލަ ގޮތްގަނޑު ގެނައުމަށް މަސައްކަތް ކުރަން. މިގޮތަށް ރެސިޕީއެއް ޕަބްލިޝް ކުރަނީ އެތައް ފަހަރަކު އަހަރެން ޓްރައިކޮށްފައި އަދި އާއިލާ އަށާއި ގާތް ރައްޓެހިންނަށް ދައްކާފައި ޓެސްޓްކޮށްފައި. ރެސިޕީއެއް %100 ހިތްހަމަޖެހިގެން ނޫނީ ދުލެއް ނުކޮށްލަން.

ސިރަޕް ބަންޑުން ޓްރެސް ލެޗެެސް: ބޮޑު ހިޓަކަށް ވި ކޭކެއް

ދައުރު: އިންސްޓަގްރާމްގައި މިގޮތަށް ފުޑް ބްލޮގާސް އަދި ބޭކާސް ވަރަށް ގިނައިން ފެނޭ. ޝާދްނީ ފަދަ މީހުންނަށް ވިޔަފާރި ފުޅާކުރުމަށް ހުރި ގޮންޖެހުންތަކަކީ ކޮބާ؟

ޝާދްނީ: ގޭގައި މަސައްކަތްކޮށް، ބޭކް ކުރާ މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަހަރެން ދެކޭ ގޮތުގައި ވިޔަފާރި ފުޅާކުރުމަށް ލޯނު ފުރުސަތާއި އިންވެސްޓް ކުރާނެ މީހުން ނުލިބުން. އައުޓްލެޓެއް ހުޅުވޭނެ ފެންވަރުގެ އާމްދަނީއެއް ލިބޭނީ ގިނަ ދުވަހުން. ދެން އަނެއް ކަމަކީ ބައެއް ކަހަލަ އިކުއިޕްމަންޓް އަދި އިންގްރީޑިއެންޓްސް ރާއްޖެއިން ގަންނަން ނުލިބުން.

ދައުރު: ޝާދްނީގެ ގޯލްއަކީ ކޮބާ؟ އަދި މުސްތަގުބަލުގައި މި މަސައްކަތް އޮތީ ކިހިނެއް؟ އަދި އެންމެ ކައްކާ ހިތްވަނީ ކޯއްޗެއް؟

ޝާދްނީ: އުއްމީދަކީ އަހަރެންގެ ކަސްޓަމަރުންނަށް ގާތުން ހިދުމަތް ދިނުން. އައުޓްލެޓެއް ހުޅުވައި ފުރިހަމަ ފުޑް އެކްސްޕީރެންސެއް ދިނުން. އެންމެ ތައްޔާރުކުރާ ހިތްވަނީ މިވެނި އެއްޗެކޭ ބުނަން ދަތި. އެކަމަކު އަހަރެން އެންމެ ކުރާހިތްވާ ކަމަކީ އެކްސްޕެރިމެންޓްކޮށްގެން އާ ރަހަތަކުން ތަފާތު އެއްޗެއް އުފެއްދުން.

ދައުރު: އިތުރަށް ބުނެލަން އޮތީ ކީކޭ؟

ޝާދްނީ: މިހާ ހިސާބަށް އާދެވުނީ ގިނަ ބައެއް ސަޕޯޓާ އެކު. އަހަރެން އެޕްރިޝިއޭޓް ކުރަން ގަންނަ ކޮންމެ މީހެއް، ލައިކް ދޭ ކޮންމެ މީހެއް އަދި ޖިންޖާ ބޭކްސްގެ ކޮންމެ ފޭނެއް. އަހަރެންގެ އާއިލާ އަދި ގާތް ރަހުމަތްތެރިންގެ ސަޕޯޓާއި ހިތްވަރުން ކޮންމެ ދުވަހަކު ހޭލައިގެން މިކަން ކުރާހިތުން ކުރަނީ. ކެރިއާއެއްގެ ގޮތުގައި މި މަސައްކަތް ކުރާ މީހަކަށް ބުނާނީ އަމިއްލަ ބްރޭންޑެއް އުފައްދައި އެ ބްރޭންޑްގެ އަގު ހިފަހައްޓަން އެމީހެއްގެ ޕެޝަން އާއި ހިތްވަރު އަދި ކުރި މަސައްކަތަކުންނޭ ކުރިއަށް ދާނީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް