މަޖީދިއްޔާ ސްކޫލުން 1972 ގައި އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން ބައެއް ބޭފުޅުން: ފޮޓޯގެ ކަނާތުގައި: މުހައްމަދު އިބްރާހިމް، އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި ކުރީގެ އިލެކްޝަންސް ކޮމިޝަނަރު އަބްދުﷲ ރަޝީދު. ވާތް ފަރާތުން ފުރަތަމަ، ކުރީގެ ޑިފެންސް މިނިސްޓަރު އިސްމާއިލް ޝަފީއު، ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި މުހައްމަދު މަނިކު (މޮހެދޭ) އަދި ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން

މަޖީދިއްޔާގެ 1972ގެ ކްލާސް: ބޮޑެތި ހިދުމަތްތެރިންކޮޅެއް

މިއިން ކޮންމެ ބޭފުޅަކު ވަނީ ދައުލަތުގެ މަތީ މަގާމުތައް، ދިގު މުއްދަތެއްގައި ކުރައްވާފައި
9 ޑިސެމްބަރު 2021

ސިޔާސީ ނަޒަރުން ދުރުވެލައި މި ފޮޓޯގައި ތިއްބެވި ބޭފުޅުންގެ ކާމިޔާބު ހިދުމަތްތަކާ މެދު ވިސްނާލައިފި ނަމަ، 'އެއީ ވަރުގަދަ ކްލާހެއްތާ'އޭ ހިތަށްއެރުން އެކަށީގެންވެ އެވެ.

ފޮޓޯގައި އެންމެ ބޮޑަށް ފާހަގަކުރެވޭނީ ޔަގީނުން ވެސް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދެވެ. އަދިވެސް ސިޔާސީ ގޮތުން ހަރަކާތްތެރިވުމާއި ރައީސްކަން ކުރައްވާފައި ވާތީ، މިހާރުގެ ޒުވާނުންނަށް ވެސް ފަސޭހައިން އެނގޭނެ އެވެ.

އެކަމަކު ދެން ތިއްބެވީ ވެސް އެކި ދުވަސްވަރު ދައުލަތުގެ ހިދުމަތުގައި މަޝްހޫރު އަދި އެހާމެ މަތީ މަގާމުތައް ފުރުއްވި ބޭފުޅުންނެވެ. 

ފޮޓޯގެ ކަނާތް ފަރާތުން ފުރަތަމައަށް މުހައްމަދު އިބްރާޙިމެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅެވެ. ފަހުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އެވެ.

ޑރ. ވަހީދާ ޖެހިގެން އަބްދުﷲ ރަޝީދެވެ. މަޝްހޫރު ނަމުން ނަމަ 'ސީދީބެ' އެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވުމުގެ އިތުރުން އެއް ދުވަސްވަރެއްގައި އޭރުގެ އިލެކްޝަންސް ކޮމިޝަނަރެވެ. 

އެކަމަކު ކުރިންސުރެ ރަޝީދު ދަންނަ އެހެން ދާއިރާއެއް އޮވެ އެވެ:ސްކައުޓެވެ. އޭނާއަކީ ސްކައުޓްގައި ވަރަށް މަތީ މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން، ސަރުކާރުގެ ހިދުމަތުން ވަކިވެވަޑައިގެން، އޭޝިއާ-ޕެސިފިކް ސްކައުޓްގެ މަތީ މަގާމެއްގައި ރާއްޖެއިން ބޭރުގައި ވެސް ދިގު މުއްދަތެއް ހޭދަކުރެއްވި އެވެ.

ކުރީގެ ނޫސްވެރިންނާއި އަބްދުﷲ ރަޝީދާ އޮތް ގުޅުން ވެސް ކުޑައެއް ނުވާނެ އެވެ. އޭނާ ވަނީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގެ އިސް ވެރިއެއްގެ ގޮތުން 1990ގެ އަހަރުތަކުގެ ކުރީކޮޅު ނޫސްވެރިކަމުގެ ކަންކަން ބަލަހައްޓަވައިފަ އެވެ.

ފޮޓޯގެ ވާތް ފަރާތުން އެންމެ ބިއްދޮށަށް އަބްދުﷲ ކަމާލުއްދީނެވެ. ހުޅުލޭ އެއާޕޯޓްގެ ތަރައްގީއަށް އޭރުގެ ރައީސް އިބްރާހިމް ނާސިރު ކުރެއްވި މަސައްކަތުގައި ބައިވެރިވެވަޑައިގަތުމުން ފެށިގެން، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލެ ހިއްކަން ހިންގި މަޝްރޫއުގައި ވެސް، އެންމެ އިސް އެއް ވެރި އެވެ. ފަހުން މައުމޫން ސަރުކާރުގައި ޕަބްލިކް ވޯކްސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ވެސް، ބޮޑެތި އެތައް މަސައްކަތެއް، ރާއްޖޭގެ ތަރައްގީއަށް ކުރެއްވި އެވެ. އޭގެ ފަހުން 1994 އިން 1999 އަށް ރައްޔިތުންގެ މަޖިލިހުގައި މާލޭގެ އެއް މެމްބަރެވެ.

ކަމާލުއްދީންއާ ޖެހިގެން އެ އިންނެވީ މުހައްމަދު މަނިކު، މަޝްހޫރު ނަމުން ނަމަ، މޮހެދޭ އެވެ. 'ކްލާސް 72'ގެ ދަރިވަރުންގެ ތެރެއިން މި ފޮޓޯގައި ހިމެނޭ އެހެން ބޭފުޅުންނާ ހިލާފަށް އޭނާ އުޅުއްވީ ޓޫރިޒަމްގެ ދާއިރާގަ އެވެ.

އެންމެ ވާތަށް، އިސްމާއިލް ޝަފީއު އެވެ. މައުމޫން ވެރިކަން ނިމުނު އިރު ޑިފެންސް މިނިސްޓަރެވެ. އޭގެ ކުރިން ޕްލޭނިން މިނިސްޓަރުކަމާއި ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

މަޖީދިއްޔާގެ '72 ކްލާސް' އަށް ނިސްބަތްކުރާ ނަމަ 1972 އަކީ، ޝަފީއުގެ ހަޔާތްޕުޅުގައި ފާހަގަކޮށްލެވޭނެ އަހަރެކެވެ. އޭނާ ކިޔަވާ ވިދާޅުވަމުން ގެންދެވި އިރު އެ އަހަރުގެ 1 އޮގަސްޓްގައި އޭނާގެ ބައްޕަ އަހުމަދު ޒަކީއަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތެވެ. މިއީ ރާއްޖޭގެ ރިޔާސީ ހަޔާތުގެ ފުރަތަމަ އަދި އެންމެ ފަހުގެ ބޮޑުވަޒީރު ވެސް މެ އެވެ. އޭގެ ތިން އަހަރު ފަހުން 8 މާޗު 1975ގައި، ރައީސް ނާސިރާ ޖެހުނު ސިޔާސީ ހިޔާލު ތަފާތުވުންތަކެއްގައި ބޮޑުވަޒީރުކަމުންނާއި ފޮރިން މިނިސްޓަރުކަމުގެ އިތުރުން ދައުލަތުގެ ހުރިހާ މަގާމަކުން ވެސް ވަކިކުރެއްވި އެވެ.

މަޖީދިއްޔާގެ ދަރިވަރުން 1972ގެ އޯ ލެވެލް ހެދުމުގެ ކުރިން ވަރަށް ބޮޑު އެހެން ކަމެއް ހިނގި އެވެ. އިނގިރޭސި ރާނީ ކްއީން އެލިޒަބަތު 2، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ،13 މާޗު 1972 ގައި ވަޑައިގަތުމެވެ. މިއީ ގައުމެއްގެ ވެރިޔަކު ރާއްޖެއަށް ކުރެއްވި އެންމެ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ކަންކަމުގައި ދަރިވަރުންގެ ގޮތުން މި ބޭފުޅުން ބައިވެރިވެވަޑައިގަތުން އެކަށީގެންވެ އެވެ.

"މިއީ އަގުހުރި މުތީތަކެއް ފަދަ ބޭފުޅުން،" ކަމާލުއްދީންގެ ފޭސްބުކް ޕޭޖްގައި 6 ޑިސެމްބަރުގައި ހިއްސާކުރެއްވި މި ފޮޓޯއަށް މީހަކު ހިޔާލު ފާޅުކުރަމުން ލިއުނެވެ.

"މި ގައުމުގައި ރަން ހިދުމަތް ކޮށްދެއްވި އަގުހުރި ޖަވާހިރުތަކެއް."

މީގެ 49 އަހަރު ކުރީގެ މި ހާއްސަ ކްލާހުގެ މި ދަރިވަރުންކޮޅު ބައްދަލުކުރެއްވީ ހަވީރުގެ ސައިފޮދެއްގައި، މާގިރި ހޮޓަލުގަ އެވެ. ދެއްކެވި ވާހަކަތަކުގެ އެއްވެސް މައުލޫމާތެއް، ކަމާލުއްދީން ހިއްސާކުރައްވާފައެއް ނުވެ އެވެ. ބެލެވެނީ ހަމަ އާދައިގެ 'ސައިފޮދެއް' ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް