މުހަންމަދު ބިން ސަލްމާން: މަރުގެ ޒިންމާ ނެންގެވި އެކަމަކު އަމިއްލަ ބައިވެރިވުމެއް އޮތް ކަމަށް އިއުތިރާޒު ކުރެއްވި. (ފޮޓޯ/އޭއެފްޕީ)

އެމެރިކާ

ބައިޑަން ސައުދީ ވަލީއަހުދާ ބައްދަލުކުރެއްވުމާ ޑިމޮކްރެޓުން ދެކޮޅު ހަދައިފި

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހަންމަދު ބިން ސަލްމާންއާ ބައްދަލުކުރެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައުދީއަށް ދަތުރު ކުރެއްވުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް، ބައިޑެން ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ބައެއް އިސް މެންބަރުން ވިދާޅުވެއްޖެ އެވެ. 

ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ ލިޔުންތެރިޔާ ޖަމާލު ހަޝޯގީ  މަރާލުމުގެ އޮޕަރޭޝަން ހިންގުމުގެ މޭސްތިރިއަކީ ވަލީއަހުދު މުހަންމަދު ކަމަށެވެ. އެ ތުހުމަތު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކުރައްވަނީ އެމެރިކާގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ އެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޝޯގީ ގެންދެވީ ވަލީއަހުދު މުހަންމަދުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ ވޮޝިންޓަން ޕޯސްޓުގައި ކޮލަމްތަކެއް ލިޔުއްވަމުންނެވެ. ތުރުކީގެ ވެރިރަށް އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓް އޮފީހުގައި ހަޝޯގީ ވަނީ 2018 ވަނަ އަހަރު މަރާލައިފަ އެވެ. އެކަން ކުރީ މުހަންމަދުގެ އައުވާނުން ކަމަށް ތުހުމަތު ކުރެ އެވެ.

ބައިޑެން ހުކުރު ދުވަހު ވިދާޅުވީ ވަރަށް އަވަހަށް ސައުދީއަށް ދަތުރެއް ކުރެއްވާނެ ކަމަށެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި މަޖިލީހުގެ އިންޓަލިޖެންސް ކޮމެޓީގެ ޗެއާ ވިދާޅުވީ އޭނާގެ ނަޒަރުގައި ބައިޑެން ސައުދީއަށް ދަތުރު ކުރައްވައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ރައީސް، އެމެރިކާގެ ރައްޔިތަކު މެރި މީހަކާ އަތާއި އަތްޖޯޑު ކުރައްވައި ސަލާމް ކުރައްވައިގެން ނުވާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާ އިން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ. އަދި ބުނެފައި ވަނީ ހަޝޯގީގެ މަރުގައި ވަލީއަހުދު މުހަންމަދުގެ އަތެއް ނުވާ ކަމަށެވެ. ސައުދީން ބުނީ އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް ރަނގަޅު ނޫން ކަމަށެވެ. އެމެރިކާ އިން 2021ގައި އެކުލަވާލި ތަހުގީގު ރިޕޯޓްގައި ބުނީ ހަޝޯގީ މަރާލީ ސައުދީގެ އެންމެ މަތިން ހުއްދަ ލިބިގެން ކަމަށެވެ.

އިންޓަލިޖެންސް ކޮމެޓީގެ ޗެއާ ވިދާޅުވީ ސައުދީން އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން މާނަ ހުރި ބަދަލެއް ނުގެންނަނީސް، މުހަންމަދާ އެކު އެއްވެސް ވަރެއްގެ ގުޅުމެއް ބޭއްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލުމާއި ދަށަށް ދިއުމުގައި ސައުދީން އަދާކުރާ ނުފޫޒު ގަދަ ރޯލް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ދޫނުކުރެވޭނެ ކަންކަން ހުންނަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް (1)

ސާބަސް

13 ޖޫން 2022
ޥަލީއަހުދު އެކަންޔޭ މީހަކު މެރީ !!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް