މިދިޔަ ރޯދަމަހު މިސްކިތެއްގައި މީހަކު ހަތިމުން ގުރުއާން ކިޔަވަނީ (ދައުރު ފޮޓޯ)

ޔޫތު މިނިސްޓްރީ

ރަންތާޖުގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ގުރުއާން މުބާރާތެއް ބާއްވަނީ

މި މުބާރާތުގައި ބައިވެރިވެވޭނީ ބޮޑެތި މީހުންނަށް. މުބާރާތުން އެއްވަނަ ހޯދާ މީހަކަށް 300،00ރ. ވަނީ ހުށަހަޅާފައި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުން ވެސް ބޮޑެތި މީހުންނަށް ބައިވެރިވެވޭ ގޮތަށް، ސަރުކާރުން އިސް ނަގައިގެން ބޮޑު ގުރުއާން މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

ވީ ކިހިނެއް؟- 'ރަންތާޖު' ނަމުގައި، އަންނަ ރޯދަ މަހު މި މުބާރާތް ބާއްވަނީ އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން ގުޅިގެންނެވެ. އަދި މި މުބާރާތް ލައިވްކޮށް ރާއްޖެ ޓީވީން ދައްކާނެ އެވެ. މުބާރާތުން އެއްވަނަ ހޯދާ މީހަކަށް އިނާމުގެ ގޮތުގައި 300،000ރ. ވަނީ ހުށަހަޅައިފަ އެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނި ގޮތުގައި އުމުރުން16-45 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެ އެވެ.

މި މުބާރާތުގައި އިންސާފު ކުރާ ބައިތަކަކީ:

  • ގުރުއާން ބަލައިގެން ކިޔެވުން (މުޅި ގުރުއާން)

  • ނުބަލައި ކިޔެވުން (29 ވަނަ ފޮތާއި 30 ވަނަ ފޮތް)

  • ޟުހާ ސޫރަތުން ފެށިގެން ތިރީ ސޫރަތްތަކުގެ މާނަ

  • އުލޫމުލް ގުރުއާނާއި އަސްބާބުއްނުޒޫލްގެ ބައިތައް

  • ތަޖުވީދުގެ ބައިތައް

މި މުބާރާތުގައި ވާދަކުރާ މީހުން ހޮވާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ އޮޑިޝަންތަކަކުންނެވެ. އޮޑިޝަންތައް ބާއްވާނީ:

  • ސ. ހިތަދޫ

  • ޏ. ފުވައްމުލައް

  • ގދ. ތިނަދޫ

  • ލ. ގަނ

  • ދ. ކުޑަހުވަދޫ

  • ބ. އޭދަފުށި

  • އއ. ރަސްދޫ

  • ށ. ފުނަދޫ

  • ހދ. ކުޅުދުއްފުށީ

  • މާލެ

ޔޫތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މި މުބާރާތުގައި ބައިވެރިވެވޭނީ އެސްއެމްއެސް މެދުވެރިކޮށެވެ. މެސެޖު ކުރަން ޖެހޭނީ، އާރުޓީ ޖަހާފައި، ފުރިހަމަ ނަމާއި އުމުރާއި އައިޑީކާޑު އަދި އޮޑިޝަން ކުރަން ބޭނުންވާ ރަށް ލިޔެފައި، 450 ނަމްބަރަށެވެ.

މުބާރާތުގައި ބައިވެރިވުމަށް މެސެޖްކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި މަހުގެ 10 ވަނަ ދުވަހު މުއްދަތު ހަމަވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް