ރާޅުފަށް

ދެ މަސްވެރިންނަށް ފެނުނު ބޯޓު، ވާވުގެ މަޝްހޫރު 'ޝިޕްރެކަށް'

މި ޝިޕްރެކް އޮތް ގޮތާއި އޭގެ އަޑީގައި މިހާރު ހުރި ރީތިކަމުގެ ސަބަބުން ދުވާލަކު އެތައް ސަތޭކަ ބަޔަކު އެ މަންޒަރު ބަލަން ދޭ
13 އޮކްޓޯބަރު 2022
4

މުހިންމު ނުކުތާތައް

ބޯޓުގެ އަޑީގައި މުރަކަ ދިރެން ފެށުމުން ވ. އަތޮޅުގެ ބައެއް މީހުން އޭގައި މުރަކަ އިންދި

ބޯޓުގެ އެތެރޭގައި މަންޒަރު ރީތިކުރަން ވެސް ތަފާތު އެއްޗެހި ހަރުކޮށްފައި އެބަ ހުރި

ޝިޕްރެކަށް ގެއްލުން ލިބޭ ގޮތަށް ބައެއް މީހުން އަމަލްތައް ހުރުމަކީ ކަންބޮޑުވުމެއް

އެއީ އެޕްރީލް 2015ގެ ރީތި ދުވަހެކެވެ. ހެނދުނު ހައެއް ޖެހުމާ އެކު ވ. ފެލިދޫ މުހައްމަދު އަހުމަދު އުޅުނީ އޭނާގެ ދޯނި، އާރާމު-1ގައި ފާނަ ބާނަން ނުކުންނާށެވެ. އެކަމަކު ދޯނި ބަނދަރުން ނައްޓާނުލެވި އުޅެނިކޮށް، މާލެއިން ފުރައިގެން މ. ކޮޅުފުއްޓަށް ދަތުރުކުރި ބޯޓެއްގައި ހުރި އޭނާގެ ރަހުމަތްތެރިއަކު ގުޅި އެވެ.

އޭނާ އެންގީ، ވާވު އަތޮޅާ ދިމާލަށް ފެތިފައި އޮތް ބޯޓެއް އޮޔާދާ ކަމަށާއި އޭތި ނަގައިގެން ރަނގަޅު އަގެއްގައި ވިއްކާލެވިދާނެ ކަމަށެވެ. 'އަހަރުމެންނަކަށް އެކަމާ ނޫޅެވޭނޭ ކަލޭ ގޮސް އެ ނަގާށޭ' ބުނެ ރަހުމަތްތެރިޔާ ފޯނު ކަނޑާލުމުން، މުހައްމަދު ދެން ގުޅީ، އޭނާގެ އެހެން އެކުވެރިއެއް ކަމަށްވާ، ފެލިދޫ މުހައްމަދު ޒުހައިރަށެވެ. އެ ހަބަރު ޒުހައިރަށް ދީ، އޭނާގެ 'ޝާކު' ދޯންޏާއި މުހައްމަދުގެ އާރާމު-1 ދޯނީގައި ދެން ނައްޓާލީ، ފެތިފައި އޮތް އެ ބޯޓުގެ ހަބަރު ބަލާށެވެ.

އެ ދެ ދޯންޏަށް، ފެތިފައި އޮތް ބޯޓު ފެނުނީ، އަލިމަތާ ރިސޯޓާއި ފެލިދުއާ ދިމާލުން، 'މަޑިއްޕަރު' ހަލުންނެވެ. އެއީ ފަހުން އެ ބޯޓު އަޑިއަށް ގޮސް، ވާވު އަތޮޅުގެ މިހާރު އެންމެ މަޝްހޫރު 'ޝިޕްރެކް'އަށް ވި ތަނާ ވަރަށް ދުރެވެ.

މީގެ ހަތް އަހަރު ކުރިން އޮޔާދަނިކޮށް ފެނުނު ބޯޓު، ފުންކުރުމުގެ މަސައްކަތުގައި ޒުހައިރު މަޑުކޮށްލައިގެން: ބޯޓު ނެގޭ ގޮތެއް ނުވި (ދައުރު ފޮޓޯ/ މުހައްމަދު ޝާފިއު)

ފެލިދޫގެ މަސްވެރިންނަށް އެ ފެނުނު އިރު 100 ވަރަކަށް ފޫޓުގެ ލަކުޑި ބޯޓު އޮތީ ބަންޑުންންނެވެ. އެ ދެ މަސްދޯނީގެ ފަޅުވެރިން މަސައްކަތްކުރީ ދޯނީގައި ކަފު ޖަހައިގެން ބޯޓު ފެލިދުއަށް ގެންދާށެވެ. އެކަމަކު ކަފު ޖަހައިގެން ގެންދަނިކޮށް، ދިވެހި ކޯސްޓް ގާޑުގެ ސިފައިންނަށް ފެނިގެން އެންގީ މަޑުކުރާށެވެ. 

"އެ މީހުން އެނގެން ބޭނުންވީ އެއީ ކޮން އުޅަނދެއްކަން. ސިފައިންގެ ޑައިވަރުން، ފީނައި ބޯޓު ބަލާ ފާސްކޮށްފައި ބުނެފި އެންމެ ރަނގަޅޭ ގެންދާށޭ،" މުހައްމަދު، 46 ކިޔައިދިނެވެ.

ބޯޓު ސަލާމަތްކުރެވޭތޯ އެކި ދުވަސް ދުވަހު މަސައްކަތްކުރި (ދައުރު ފޮޓޯ/ މުހައްމަދު ޝާފިއު)

ސިފައިން ހުއްދަ ދިނުމުން، މުހައްމަދާއި ޒުހައިރަށް އެ ބޯޓު ފެލިދޫ ކައިރިއަށް ގެނެވުނު އިރު ރޭގަނޑު އަށެއް ޖަހައިފި އެވެ. ދެން އެ މީހުން އުޅަނދު އަޅާފައި ބޭއްވީ ފެލިދޫ ދަށްފަޅުގައި އައްސާފަ އެވެ. އެއީ ފަޅުގެ ބޭރުގައި އެކަމަކު ރަށް ކައިރީގަ އެވެ.

އަނެއް ދުވަހު ހެނދުނު އެ މީހުންނަށް ލިބުނީ، އިންޑޮނޭޝިއާގެ އެ ބޯޓު އޮޔާ ގޮސް ގެއްލުނު ކަމުގެ ހަބަރެވެ. ދެން އަނެއްކާވެސް ދެ މަސްވެރިން، އެ ބޯޓު ހޯދަން ނުކުމެ އުޅެނިކޮށް ފެނުނީ، ކެޔޮދޫ ކައިރީ އޮންނަ، ވާވު އަތޮޅުގެ މީހުންގެ ބަހުން ނަމަ 'ކަށަވަރު ކަނޑު'ނެވެ. ދޯނީގައި ކަފު ޖަހައިގެން ދެން އެ ބޯޓު ގެންދިޔައީ، މިހާރު ވެސް އެ ބޯޓު އަޑިއަށް ގޮސްފައި އޮންނަ 'ގިރާފަޅަ'ށެވެ.

އޮޔާދަނިކޮށް ފެނުނު ބޯޓު، ފުންކުރުމުގެ މަސައްކަތުގައި ބައިވެރިވި މީހުން (ދައުރު ފޮޓޯ/ މުހައްމަދު ޝާފިއު)

"ދެން އަޅުގަނޑުމެން މަސައްކަތްކުރީ އުޅަނދު ފެންމައްޗަށް ނެގޭތޯ. އެކަން ވާން އޮތީ، ބޯޓުގައި ތާނގީ ބަނދެގެން، އެ ލުއިކޮށްގެން،" ޒުހައިރު، 48، ކިޔައިދިނެވެ.

އެކަަމަށް ޒުހައިރާއި މުހައްމަދު ކުރަން ޖެހުނު މަސައްކަތް ބުރަ އެވެ. އަތޮޅުގެ އެހެން ރަށްރަށަށް ގޮސް، ތެޔޮ ހުސްކުރި ފީފާ ހޯދަން ޖެހުނެވެ. އެތައް މަސައްކަތަކުން ހޯދި، 80 ވަރަކަށް ފީފާ، ބޯޓުގައި ބަނދެެ، އަދި ބައެއް ފީފާ، ފީނައިގެން ގޮސް ބޯޓުގެ އަޑީގައި ހަރުކުރި އެވެ. އެ މަސައްކަތުގައި ޑައިވަރުންނާ އެކު ގިނަ ބަޔަކު ބައިވެރިވި އެވެ. އެންމެ ފަހުން މެދުނުކެނޑި، ދެ ހަފުތާއެއްހާ ދުވަހު ކުރި މަސައްކަތުން ބޯޓު ފެނުން މައްޗަށް ނެގުނެވެ. 

ފެލިދޫ ބޭރުން އޮޔާދަނިކޮށް ފެނުނު ބޯޓު ފުންކުރުމުގެ މަސައްކަތް: 80 ވަރަކަށް ފީފާ އައްސައިގެން މައްޗަށް ނެގި އެކަމަކު އަނެއްކާވެސް ދިޔައީ އަޑިއަށް (ދައުރު ފޮޓޯ/ މުހައްމަދު ޝާފިއު)

ފެތިފައި އޮތް އެ ބޯޓު ފެންމައްޗަށް ނަގައި، ޒުހައިރާއި މުހައްމަދުގެ އިތުރުން އެހެން މީހުން ވެސް ބޯޓަށް އަރާ އުޅުނެވެ. އެކަމަކު ބޯޓު ދެން ފުންކުރެވުނީއޭ ހިތައި، ފީފާތައް ކަނޑާލަން ނިންމުމަކީ އެޅުނު ޅަ އެއްޗެކެވެ. ފީފާތައް، ބޯޓުން ވަކިކުރުމާ އެކު، އަނެއްކާވެސް އެ ދިޔަވެ، ހުރި ގޮތަށް ސީދާ ދިޔައީ އަޑިއަށެވެ. ދެން ދެތިން ދުވަހެއް ފަހުން، އަނެއްކާވެސް ބޯޓުގެ ދިރުނބާކޮޅު ފެނުން މައްޗަށް ހިއްލާލި އިރު، އިންޖީނާވީ ފަޅި ހުރީ، މޫދު އަޑީގެ ފަސްގަނޑުގައި ޖެހިފަ އެވެ.

"ފަހުން ވެސް އޭތި ގެނެވޭތޯ އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން. އަތުން ވަރަށް ބޮޑު ހަރަދެއް ވެސް ދިޔަ. އެކަމަކު ދެން ގެނެވޭ ގޮތް ނުވުމުން، އުޅަނދު ދޫކޮށްލީ،" މިހާރު މަޝްހޫރު 'ޝިޕްރެކް' އަތުން ދޫވި ގޮތް މުހައްމަދު ކިޔައިދިނެވެ.

ބުރަ މަސައްކަތާއި ހަރަދެއް ވެސް ހިނގި އެ މަސައްކަތް ނާކާމިޔާބުވުމުން، އެ މަސްވެރިން ވަރަށް ދެރަވި އެވެ. އެތައް ދުވަހެއް ވަންދެން، ފެނުން މައްޗަށް ހިއްލިފައިވާ ދިރުނބާކޮޅާ ދިމާލަށް އެ މީހުން ބަލަން ތިއްބެވެ.

ވާވުގެ މަޝްހޫރު 'ޝިޕްރެކް' ތެރޭގައި ޓޫރިސްޓަކު ފޮޓޯއަކަށް ހުއްޓިގެން (ފޮޓޯ/އެމްއައިޓީއާރު)

މިހާރު ވ. އަތޮޅުގެ ޓޫރިޒަމްގެ ހާއްސަ ރަމްޒެއް

މުހައްމަދާއި ޒުހައިރުގެ އުއްމީދު ހާސިލް ވިޔަސް، އެ ބޯޓަކީ މިހާރު ވ. އަތޮޅަށް ބޮޑު 'ހަޒާނާއެކެ'ވެ. ބާރަ މީޓަރު އަޑީގައި އޮވެގެން އޭގައި މުރަކަ ފަޅައި، ރީތި ބަގީޗާއަކަށް ވި އިރު، އއ. އަތޮޅާއި ކ. އަތޮޅުން ވެސް ޓޫރިސްޓުން އެތަން ބަލާލަން ދެ އެވެ.

މި މަންޒަރު، ބޯޓު އަޑިއަށް މުޅިން ނުދާއިރު ވެސް، ކެޔޮދޫ މުހައްމަދު އަފްޒަލަށް ކޮންމެވެސް ވަރަކަށް ފެނުނެވެ.

މުހައްމަދާއި ޒުހައިރާ އެކު ބޯޓު ނަގަން މަސައްކަތް ކުރި، އަފްޒަލަށް އޭރު ވެސް ވިސްނުނީ ބޯޓު އަޑިއަށް ދުއްވާލައިގެން މާ ބޮޑު ނަފައެއް ހޯދޭނެކަމެވެ.

"އަޅުގަނޑު ބުނިން ތީތި ނަގަން އުޅޭނެ ކަމެއް ނެތޭ އަޑީގައި ބާއްވާށޭ. މި އަތޮޅުގައި ނެތެއް ނޫންހޭ ޝިޕްރެކެއް ވެސް،" ކެޔޮދޫގައި އޭރު ގެސްޓްހައުސްއެއް ހިންގި ޒުވާނާ ބުންޏެވެ.

"ވަރަށް ސަޅި އެއްޗަކަށް ތީތި ވާނެއޭ. އެކަމަކު ދެން އޭރު އެ މީހުން ބޭނުންވީ ނަގަން."

ވާވުގެ 'ޝިޕްރެކް'ގައި ކަނޑުގެ ދިރުންތަކުން ގެނެސްދީފައި ވަނީ ވަރަށް ފުރިހަމަ ރީތިކަމެއް (ފޮޓޯ/އެމްއައިޓީއާރު)

ފެލިދޫގެ މަސްވެރިންނަށް އޭތި ނުނެގި، އެތަނަށް ދޫވުމުން އަފްޒަލްމެން އެކި ފަހަރުމަތިން އެތަނަށް ފީނާ ހެދި އެވެ. އެކަމަކު އޭގެ ރީތިކަން ފެންނަން ފެށީ، އަހަރެއްހާ ދުވަސް ފަހުންނެވެ. ބޯޓުގައި މުރަކަ ފަޅަން ފެށުމުން، ކައިރީގައި އޮތް ވ. އަތޮޅުގެ އެހެން ރަށްރަށުގެ ގެސްޓްހައުސްތަކުން ގޮސް، އޭގައި ގިނައިން މުރަކަ އިންދީ އެވެ. އެ އެއްޗެހި ބޮޑެތިވެ، މުޅި ބޯޓު މުރަކައިގެ ރީތި ބަގީޗާއަކަށް ވަމުން ދިޔައިރު، ބައެއް މީހުން ބައިސްކަލު ފަދަ އެއްޗެހި އޭގައި ހަރުކޮށް، އިތުރަށް މަންޒަރު ރީތިކުރި އެވެ.

މިހާރު އެ ޝިޕްރެކް ވެފައި ވަނީ، ވާވު އަތޮޅަށް ޓޫރިސްޓުން އަންނަ އެއް ސަބަބަށެވެ. ހަމައެކަނި އެ ޝިޕްރެކް ބަލާލަން ވެސް މީހުން ވާވަށް ދެ އެވެ. އޭގެ އިތުރުން، ކ. މާފުއްޓާއި ތުލުސްދު އާއި އއ. އަތޮޅުގެ ބައެއް ރިސޯޓުތަކުން ވެސް، ކޮންމެ ދުވަހަކު އެތަނަށް ޓޫރިސްޓުން ގޮވައިގެން ދެ އެވެ. ކަނޑުއޮޅިއަކާ ދިމާވާ ގޮތަށް ބޯޓު އަޑީގައި އޮތުމުގެ ސަބަބުން، އެތަނުގެ އޮއެ ގަދަ ނަމަވެސް މަތިން ބަލައިލާއިރު ވެސް މަންޒަރު އިންތިހާއަށް ރީއްޗެވެ.

މި ޝިޕްރެކް ހަލާކުވިޔަނުދީ ދަމަހައްޓަން ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވ. އަތޮޅުގެ ރައްޔިތުން ގަބޫލުކުރޭ (ފޭސްބުކް ފޮޓޯ/ވޮޔާޖަސް)

"މޫސުން ރީތި ދުވަސްވަރެއްގައި ގާތްގަނޑަކަށް ދުވާލަކު ހާހެއްހާ މީިހުން ދާނެ ޝިޕްރެކަށް. ބައެއް މީހުން ތިބޭނެ ފޮޓޯ ނަގަން ކިޔޫގައި ވެސް،" ކެޔޮދޫ ޒުވާނަކު ބުންޏެވެ.

ޝިޕްރެކް އޮންނަ ތަނުގެ ގޮތުން އެއީ ވަކި ބައެއްގެ މިލްކިއްޔާތަކަށް ނުވެ އެވެ. އެ ބޯޓު މިހާރު އޮންނަނީ ވ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ.

ވ. އަތޮޅުގައި ގެސްޓްހައުސް ހިންގާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެތަން ބަލަން ދުރު ރަށްރަށުން ދާ މީހުންގެ އަމަލުތަކުގެ ސަބަބުން ޝިޕްރެކް ވަރަށް ބޮޑަށް ހަލާކުވަމުން ދިޔުމެވެ. އެގޮތުން ފެނުން މައްޗަށް އޮންނަ ބޯޓުގެ ދިރުނބާކޮޅުގައި، އެތަނަށް މަޑުކުރާ ބޮޑެތި ލޯންޗު ފަހަރު އެއްސުމުގެ ސަބަބުން އޭތި ބިންދައިގެން ދިޔުމުގެ ފުރުސަތު ބޮޑެވެ. އެ ބޯޓުގެ ދިގު ކުނބު ވެސް މިހާރު ވަނީ ބިނދިފަ އެވެ.

"ބައެއް މީހުން އެތަނަށް ފީނައި، ހިތްހަމަނުޖެހިއްޖެ ނަމަ އެބަ ބޯޓު ހަލާކު ވެސް ކުރޭ. މިގޮތަށް މިހެން ދާ ނަމަ، މާ ގިނަ ދުވަހު އެ ރީތިކަން ނޯވެދާނެ،" އެ ނިއުމަތުގެ ބޭނުން، ރަނގަޅު ގޮތުގައި ހިފުމަށް އިލްތިމާސް ކުރަމުން ޒުވާނަކު ބުންޏެވެ.

ބޯޓު ވިއްކާލައިގެން ފައިދާ ހޯދަން ފުރަތަމަ އުޅުނު މަސްވެރިންގެ ޝަކުވާއެއް ނެތެވެ. އެއަށް ވުރެ ބޮޑަށް އެ މީހުން އުފާވަނީ، އެ މީހުން ކަފު ޖަހައިގެން ވ. އަތޮޅުގެ އެތެރެވަރިއަށް، ރަށްތައް ކައިރިއަށް ވެއްދި އެ ބޯޓުގެ ސަބަބުން އަތޮޅަށް ބޮޑު ނަފައެއް ލިބޭތީ އެވެ.

ކޮމެންޓް (4)

ވ.މީހާ

13 އޮކްޓޯބަރު 2022
މެޕުގައި "ކެޔޮދޫ ޝިޕްރެކް" ޖަހައިގެން މިއުޅެނީ ދެން ކޮންބަޔެއް. އަސްލު ޙަޤީޤަތަކީ ފެލިދޫގެ ދެ ދޯނިން ކުރި ބޮޑު މަސައްކަތްކަން މިއަދު މި އެގުނީ. ދައުރުން ތިޔަ ސާފު ކޮށްދިނީ ރާއްޖޭގެ ގިނަ ބަޔަކަށް އޮޅިފައި އޮތް މުހިންމު ކަމެއް. ޝުކުރިއްޔާ ދައުރު
19 1

ޒޭރުވާ

13 އޮކްޓޯބަރު 2022
ވާއޮ. ދިސް އިޒް ނިއު އިންފޮމޭޝަން. ކެޔޮދޫ ޝިޕްރެކް އެނގުނަސް މީގެ ހިސްޓަރީ މި އެނގުނީ އަދި އަލައް. ލަވްޑް ދަ ޕިކްޗާސް ޓޫ. ގުޑް ޖޮބް ދައުރު
14 1

ތަ ގޭ އަމާ

14 އޮކްޓޯބަރު 2022
@ޒޭރުވާ ފަކު ޔޫ! ސަންދޮކާއު ކޭފެލަ މުވަ ކޮހާ!!!
0 0

ރަކީދޫ މީހާ

13 އޮކްޓޯބަރު 2022
ހެލޯ ޝިފްލީން. ކޮބައިތޯ ރަކީދޫ؟ ދައުރުން އެ ރަށް ހަނދާން ނައްތާލީތޯ؟
7 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް