ސްކްރީނަށް އެޑިކްޓްވުމަކީ ގިނަ ގެއްލުންތަކެއް ލިބޭ ކަމެއް

ޕޭރެންޓިން

ދަރިފުޅު ސްކްރީނާ ދުުރުކުރާނީ މިހެން

މާ ގިނައިން ސްކްރީން ބަލާ ނަމަ ކުދިންގެ ހިޔާލު ތަނަވަސްވުމާއި އުފެއްދުންތެރިވުމުގެ ފުރުސަތު ކުޑަވޭ
27 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

ސްކްރީން އެޑިކްޝަނާ އެކު ކުދިން ޑިޕްރެޝަން، ސްޓްރެސް އަދި އެންޒައިޓީ އާއި ކުރިމަތިލާ

ސްކްރީން ބެލުމުގައި ވެސް ކުދިންގެ އަހުލާގު ހިފެހެއްޓުމަކީ ބެލެނިވެރިންގެ ޒިންމާއެއް

ނޫނެކޭ ބުނުން، ޓެބްލެޓް ފޮރުވުން އަދި ނަމޫނާ ދެއްކުން ފަދަ އުކުޅުތައް ބޭނުންކުރެވިދާނެ

ސްކްރީނަށް ގިނަ އިރު ބެލުމުގެ ސަބަބުން ކުދިންގެ ލޮލަށް ގެއްލުންވާ ކަމާއި އެހެން މީހުންނާ ގުޅުން ބަދަހި ކުރުމުން ދުރުކޮށްދޭކަން އެންމެންނަށް ވެސް އެނގެ އެވެ. ނަމަވެސް، ކުއްޖާ މަޑުމައިތިރިކޮށް ހުރުމަށް ބާރުއެޅުމަށް، ވަރަށް ގިނަ ފަހަރަށް ކޮންމެވެސް އެއް ސްކްރީނެއް އަޅުވާފައި އެ ބަލަން ބޭންދެ އެވެ.

ކޮންމެ ކާޓޫނެއް، ފިލްމެއް، ގޭމެއް އަދި ކުޅޭއެއްޗެހި ރިވިއު ކުރުން ފަދަ ވީޑިއޯތަކަކީ ހަގު އޯޑިއެންސްތަކަށް ކަމުދާ ގޮތަށް މާކެޓް ކުރުމުގެ ބޭނުމުގައި ހާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން އުފައްދާ ކޮންޓެންޓް ކަމުން ކުދިން ސްކްރީނާ ދުރުކުރުމަށް އުދަނގޫވެ އެވެ.

މިއީ ހުރިހާ މައިންބަފައިން ވެސް އެއްބަސްވާނެ ކަމެކެވެ. މުނިފޫހިފިލުވުމަށް ގޭގައި ސްކްރީން ބެލުމުގައި ވަގުތު ހޭދަ ކުރާ އިރު ސްކޫލްތަކުގައި ބައެއް ފަހަރު ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ކުދިންނަށް ކިޔަވައިދޭތީ ދަރިފުޅު އަބަދުހެން ކަހަލަ ގޮތަކަށް ސްކްރީނަކަށް ބަލަން ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ސްކްރީނަށް އެޑިކްޓްވެއްޖެ ނަމަ ކުޑަކުދިންނަށް އެހެން މީހުންނާ ގުޅުން ބާއްވާކަށް ނޭނގޭ

 ދިރާސާތަކުން ދައްކާ ގޮތުގައި ސްކްރީނަށް ކުއްޖަކު އެޑިކްޓްވުމަކީ އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ކުއްޖާއަށް ކުރިމަތިވާ ކަމެކެވެ. ސްކްރީން އެޑިކްޝަނާ އެކު ކުދިން ޑިޕްރެޝަން، ސްޓްރެސް އަދި އެންޒައިޓީއާ ކުރިމަތިލަ އެވެ. މީގެ އިތުރުން ކިޔެވުމުގެ ނަތީޖާ ދަށްވެ، އަމިއްލަ ނަފްސަށް ގެއްލުންދިނުމާއި ނިދަން އުނދަގޫވުން ފަދަ ކަންކަމާ ކުރިމަތިލަ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އިޖުތިމާއީ ގޮތުން އެހެން މީހުންނާ ގުޅުން ބޭއްވުން ކުޑަވެ، ހަމަނުޖެހި އުޅުމާއި ރުޅިގަދަވުމަކީ ކުދިން ސްކްރީނާ ދުުރުގައި ހޭދަކުރާ ވަގުތު ފާހަގަވާ ކަންކަމެވެ. އަދި މިއީ ސަމާލުވާން ޖެހޭ ބައެއް އަލާމާތްތަކެވެ.

އިންސާނުންގެ ސިކުނޑީގެ ފްރަންޓަލް ކޯޓެކްސް އަކީ މައްސަލަ ހައްލުކުރުމާއި ރޭވުންތެރިކަން ފަދަ ކަންކަން ކުރުމަށް ހަރަކާތްތެރިވާ ބަ އެވެ. ޑިޖިޓަލް މީޑިއާ ބެލުމުން ސިކުނޑިން އާދަޔާހިލާފަށް ގިނައިން ޑޮޕެމައިން އަދި ސެރެޓޯނިން ދޫކޮށް އުފާވެރިކަން މީހާ އަށް ލިބެ އެވެ. ނަމަވެސް ފްރަންޓަލް ކޯޓެކްސް މާގިނައިން ބޭނުންކުރުމުން މި ހޯމޯންތައް މާ ބޮޑަށް ދޫވެ އޭގެ ސަބަބުން މީހާ ރުންކުރުވެ ރުޅިގަދަވެ އެވެ. މީގެ އިތުރުން އިލެކްޓްރޯނިކް މީޑިއާ ގިނައިން ބެލުމުގައި ވަގުތު ހޭދަކުރުމުން ކުދިންގެ ހިޔާލުތަކުގެ ތަނަވަސްކަން ގެއްލި އުފެއްދުންތެރިކަން ދަށްވެ އެވެ.

ދަރިން ސްކްރީނާ ދުރުކުރުމަށް ގެންގުޅޭ ބައެއް އުކުޅުތައް ދުބާއީގައި ދިރިއުޅޭ ބައެއް މީހުން ގަލްފް ނިއުސްއަށް ކިޔައިދީފައިވެ އެވެ.

1. ބުނެދޭންވީ ސްކްރީނުން ލިބޭ ގެއްލުން

ސްކްރީން ބެލުމަށް ވަކި ވަގުތުތަކެއް ކަނޑައެޅިދާނެ

ގަޔަވާ އެއްޗެއް ބަލާ ނަމަ ނުވަތަ ގޭމެއް ކުޅޭ ނަމަ ކުދިން އުޅޭނީ ވީހާ ވެސް ގިނަ ވަގުތެއްް އެކަމެއް ކުރުމުގައި ހޭދަ ކުރުމަށެވެ. ނަމަވެސް ކުދިންގެ އަހުލާގު ހިފެހެއްޓުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އެއީ ސްކްރީން ބެލުމުގައި ވިޔަސް އެވެ.

ދުބާއީގައި ދިރިއުޅޭ މެގީ ބުނި ގޮތުގައި ކޮވިޑް-19ގައި އޭނާގެ 10 އަހަރުގެ ދަރިފުޅު ގިނަ ވަގުތު ސްކްރީން ބެލުމުގައި ހޭދަ ކުރި އެވެ. އެއާ އެކު ފާހަގަވީ 2 އަހަރުގެ ހަގު ދަރިފުޅު ސްކްރީނަށް އެޑިކްޓްވަމުން އައި ކަމެވެ. "ހުރިހާ ވަގުތެއްގައި ވެސް އެމީހުން ކޮންމެވެސް ސްކްރީނެއް ބަލާ ގަޑި ކަމުގައި އޮތީ ވެފައި. ކާ ގަޑި، ނިދާ ގަޑި، ޝޮޕިން އަށް ބޭރަށް ދާ ގަޑީގައި ވެސް،" އޭނާ ބުންޏެވެ.

ދަރިން ސްކްރީނާ ދުރުކުރުމަށް މެގީގެ އުކުޅަކީ ނޫނެކޭ ބުނުމެވެ. ކާ ގަޑި، ނިދާ ގަޑި އަދި ބޭރުގައި އުޅޭ ވަގުތުތަކުގައި އެއްވެސް އިރަކު ސްކްރީން ބެލުމަށް ދަރިންނަށް ހުއްދަ ނުދިނުމެވެ.

ކޮވިޑް-19 އަށް ފަހު ދެން އައި ދެ އަހަރު ތެރޭ ދަރިންގެ ކިބައިން ބަދަލު ފެނުނު ކަމުގައި މެގީ ފާހަގަ ކުރި އެވެ.

"އެހެން މީހުންނާއި ވާހަކަ ދެއްކުމާއި އެންގޭޖް ވާ ވަރު އިތުރު، އަދި ސްކްރީން ބަލަނީ ކަނޑައަޅާފައިވާ ވަކި ވަގުތުތަކެއްގައި،" އޭނާ ބުންޏެވެ.

2. ޑިވައިސްތައް ފޮރުވުން

ސްކްރީނާ ދުރުކުރުމަށް ދަރިފުޅަށް ޓެބްލެޓް ފޮރުވާފައި ބޭއްވިދާނެ

އެހެން މަންމައަކު އޭނާގެ ދަރިން އިލެކްޓްރޯނިކް ޑިވައިސްތަކާ ދުރުކުރި ގޮތް ކިޔައިދިނެވެ. ދުބާއީގައި ދިރިއުޅޭ ޕެމެލާ ނަޒޭރަތު ބުނިގޮތުގައި ދަރިންނަށް ޑިވައިސްތައް ފޮރުވަނީ އެކުދިން އޭގެ މަތިން ހަނދާން ނައްތުވާލާށެވެ.

ފެންނަ ގޮތަށް ނުބާއްވާ ހޫނު މޫސުމުގެ ޗުއްޓީ ދުވަސްވަރު 30 ދުވަސް ވަންދެން ފޮރުވާފައި ބޭއްވީ އެވެ. އަދި ބަދަލުގައި ދަރިންނަށް ހޯދާ ދިނީ އެކުދިން ކިޔާހިތްވާ ކަހަލަ ފޮތްތަކެވެ.  ފޮތް ހަރުގަނޑެއް ގަނެ ކުދިން ލައްވާ އެ ހަރު ތަރުތީބު ކުރީ އެވެ. މިހާރު އޭނާގެ ދަރިން ފޮތާ ދޯޅެވެ. އެކުދިން ފޮތް ކިޔުމުގައި ހޭދާ ކުރާ ވަގުތު އިތުރެވެ. އަދި ބޭނުންވަނީ ވެސް އިތުރު ފޮތްތައް އެމީހުންގެ ހަރަށް އިތުރުކުރުމަށެވެ.

3. ދަރިންނަށް ވާންވީ ނަމޫނާ އަކަށް

މައިންބަފައިން ދަރިންނަށް ދޭ ސަމާލުކަމަށް ވުރެ ބޮޑަށް ސްކްރީނަށް ސަމާލުކަންދެވޭ 

ދުބާއީގައި ދިރިއުޅޭ އެހެން މަންމައެއް ކަމުގައިވާ ވިދީ ޝަރުމާ ބުނިގޮތުގައި އޭނާ ދަރިފުޅާ އެކު ހޭދަ ކުރާ ވަގުތުގައި ފޯނު ބޭނުން ކުރުން ހުއްޓާލީ އެވެ. ދިރާސާއިން މި މަންމަގެ އުކުޅަށް ބާރުދެ އެވެ. ދަރިން ކުރިމަތީގައި ބެލެނިވެރިން ފޯނު ބޭނުން ކުރާ ނަމަ، އެއީ އީމެއިލް ނުވަތަ ޓެކްސްޓް މެސެޖުތައް ކިޔުމަށް ކަމުގައި ވިޔަސް، އެކަމުގެ ސަބަބުން ކުދިންނަށް ނޭދެވޭ އަސަރުތައް ކުރާކަން 2014 ވަނަ އަހަރު ހެދި ދިރާސާ އަކުން އެނގިފައިވެ އެވެ.

ބޮސްޓަން މެޑިކަލް ސެންޓަރުގެ ތަޖުރިބާކާރެއް ކަމުގައި ޑރ. ޖެނީ ރޭޑްސްކައިގެ މި ދިރާސާގައި، ފާސްޓް ފުޑް ރެސްޓޯރަންޓްތަކަށް ގޮސް ތިބި 55 އާއިލާއެއްގެ ހަރަކާތްތައް ކައިރިން ބެލި އެވެ. މި ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި 55 ބެެލެނިވެރިންގެ ތެރެއިން 40 މީހުންގެ ސަމާލުކަން އާއިލާ އާއި ކުދިންނަށް ދިނުމުގެ ބަދަލުގައި ތިބީ ފޯނަށް ގެއްލި ހުސްވެފަ އެވެ.

މިކަމުގެ ސަބަބުން ދަރިންނަށް ކުރާ ނޭދެވޭ އަސަރު ބޮޑު ކަމުގައި ޑރ. ރޭޑްސްކައި ފާހަގަ ކުރި އެވެ.

"ކުދިން ބަސް ދަސްކޮށް، އެމީހުންގެ އިހްސާސްތައް ދަސްކޮށް، އެ އިހްސާސްތައް މެނޭޖްކުރުމަށް ދަސްކުރަނީ ބެލެނިވެރިންގެ ފަރާތުން. މީހުންނާ މުއާމަލާތް ކުރުމަށާއި، އެހެން މީހުންގެ ފޭޝަލް އެކްސްޕްރެޝަންތައް ދެނެގަންނަނީ ބެލެނިވެރިން އެކަން ކުރާ ގޮތް ބަލައިގެން. މި ކަންކަން ކުދިންނަށް ދަސްކޮށްނުދެވޭ ނަމަ އެކުދިންގެ ހެދިބޮޑުވުމުގައި މުހިއްމު ބައެއް އެ ގެއްލިގެން ދަނީ،" އޭނާ ފާހަގަ ކުރި އެވެ.

ޝަރުމާ ބުނިގޮތުގައި އޭނާގެ 8 އަހަރުގެ ދަރިފުޅު ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިކޮށް، 4 އަހަރުގެ ހަގު ދަރިފުޅާ އެކު މޫސުން ތަންދިން ވަރަކުން ބޭރުގައި ކުޅުމަށް ދަރިފުޅަށް ބާރުއެޅީ އެވެ.

4. ކުދިންނާ އެކު ކުޅުމަށް ވެސް ވަގުތުކޮޅެއް

ސްކްރީނާ ދުރުކުރުމަށް އެކީގައި ވަގުތު ހޭދަކުރެވިދާނެ

ދުބާއީގައި ދިރިއުޅޭ ބައްޕައެއް ކަމުގައިވާ ތާރިގް ރަޝީދު ބުނި ގޮތުގައި އޭނާގެ ދަރިފުޅު ސްކްރީނާ ދުރުކުރުމަށް ބޭރަށް ކުޅެން ގޮސް ގޭގައި ކުޅުމުގައި އޭނާ ވަގުތު ހޭދަކުރެ އެވެ. ދަރިފުޅާ އެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ކުއްޖާއަށް ވަގުތު ދިނުން މުހިއްމެވެ. ފޯނާއި ޓެބްލެޓް ބެލުން ނޫން ގޮތަކަށް ވަގުތު ހޭދަ ކުރަންވެ އެވެ. 

ބޯޑް ގޭމްތައް ކުޅުމުގެ އިތުރުން ގޭތެރޭގެ މަސައްކަތްތައް ކަމުގައިވާ ސާފުކުރުމާއި ކެއްކުމާއި ބަގީޗާހެއްދުން ފަދަ ކަންކަމުގައި ތާރިގްގެ ދަރިފުޅު ބައިވެރިކުރަނީ ފޯނާ ދުރުކުރުމުގެ މަގުސަދުގަ އެވެ. ސްކްރީނާ ދަރިފުޅު ދުރުކޮށް ދަރިފުޅުގެ ހުނަރުތައް ތަރައްގީ ކުރުމަށް އެކީގައި މަސައްކަތް ކުރެވިދާނެކަން ތާރިގް ފާހަގަ ކުރި އެވެ.

މިއުޒިކް އަޑުއެހުމާއި މިއުޒިކް އިންސްޓްރުމެންޓެއް ކުޅެން ދަސްކޮށްދީ، ފޮތްކިޔުން އަދި ކުރަހައި ކުލަޖެއްސުމަކީ ކުއްޖާއާ އެކު ކުރެވިދާނެ ބައެއް ކަންކަމެވެ. ހަފްތާބަންދުގައި އާއިލާގެ އެެންމެން އެއްކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރުމުގެ ގޮތުން ފަތަން ދިއުން ފަދަ ކަންކަން ކުރެވިދާނެ އެވެ. ދަރިފުޅު ގޮވައިގެން ބާޒާރުކުރަން ދާ ނަމަ ކުއްޖާގެ ލަަފާ ހޯދައި ބައިވެރިވުން އިތުރުކުރެވިދާނެ އެވެ.

5. އިނާމެއްގެ ގޮތުގައި ސްކްރީން ބަލަން ނުދޭންވީ

އިނާމެއްގެ ގޮތުގައި ސްކްރީން ދިނުން: ދޫކޮށްލަންވީ ކަމެއް

ދަރިފުޅު ކަމެއް ފުރިހަމަ ކުރުމުން އިނާމެއްގެ ގޮތުގައި ސްކްރީން ބެލުމަށް ނުދިނުން މުހިއްމު ކަމުގައި ދުބާއީގައި ދިރިއުޅޭ އިޓަލީ މަންމައެއް ކަމުގައިވާ އަނަލީސާ ޕްރެގޯ ބުންޏެވެ. "ދަރިފުޅު ރަނގަޅު މާކުހެއް ހޯދުމުން ނުވަތަ ބަސްއަހައިގެން އުޅުމުން އެކަމުގެ ބަދަލުގައި އިނާމެއްގެ ގޮތުގައި ޓެބްލެޓް ބަލަން އިތުރު ފުރުސަތެއް ނުދެން،" އޭނާ ބުންޏެވެ.

އޭނާ ފާހަގަ ކުރިގޮތުގައި ކަމެއް ހާސިލް ކުރުމުން ލިބޭ އިނާމަކީ ކޮންމެ މީހަކު ވެސް ދެކޭ ގޮތުގައި ބޮޑު އެއްޗެކެވެ. އެހެންކަމުން ދަރިފުޅަށް އިނާމެއްގެ ގޮތުގައި ސްކްރީން ދޭ ނަމަ ކުއްޖާއަށް ސްކްރީނަށް ދެވޭ ހައިބަތު އިތުރުވެ އެވެ.

ކެނެޑާގައި 2019 ވަނަ އަހަރު ހެދި ދިރާސާއެއް ބުނާ ގޮތުގައި ދަރިންނަށް އިނާމެއް ދިނުމުގެ ގޮތުން ސްކްރީން ބަލަން ދޭ ނަމަ ނުވަތަ އަދަބެއްގެ ގޮތުން ސްކްރީން އަތުލާ ހަދާ ނަމަ، ކުދިން ސްމާޓްފޯނު، ކޮމްޕިއުޓަރު، ޓެބްލެޓް ނުވަތަ ޓީވީ ބެލުމުގައި ހޭދަ ކުރާ ވަގުތު މިގޮތަށް އަމަލު ނުކުރާ ބެލެނިވެރިންގެ ދަރިންނަށް ވުރެ އިތުރެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް