ހުޅުމާލެ ވިލާ ފިޔުލް ސްޓޭޝަނަކުން މީހުން ހިދުމަތް ހޯދަނީ: ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތެޔޮ

ރާއްޖޭގައި ތެލުގެ އަގު %13 ބޮޑުކޮށްފި

މިއީ އެއް މަސް ތެރޭ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުކުރި ތިން ވަނަ ފަހަރު

ރަޝިޔާއިން ޔޫކްރެއިންނަށް ހަމަލާ ދޭން ފެށުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދާތީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން އެ ކުންފުނިން ވަރަށް ބޮޑުތަނުން ބޮޑުކޮށްފި އެވެ. މިއީ މަސް ދުވަސްތެރޭ ތެލުގެ އަގު ބޮޑުކުރި ތިން ވަނަ ފަހަރެވެ.

ވީ ކިހިނެއް؟ - އެސްޓީއޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި މިރޭ ދަންވަރު 12 އިން ފެށިގެން އެފްއެސްއެމްގެ ހުރިހާ އައުޓްލެޓްތަކަކުން ވެސް ތެޔޮ ވިއްކަމުން ގެންދާނީ:

  • ފެޓްރޯލް ލީޓަރެއް - 14.60ރ.

  • ޑީސަލް ލީޓަރެއް - 14.80ރ.

ތަފްސީލް - އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރީ މިދިޔަ ފެބުރުއަރީ 18 ވަނަ ދުވަހު އެވެ. އެ ފަހަރު ތެޔޮ އަގުބޮޑުކުރީ:

  • ޕެޓްރޯލް ލީޓަރެއް - 12.89ރ. އަށް

  • ޑީސަލް ލީޓަރެއް - 13.04ރ. އަށް

އެހެން ކަމުން މިފަހަރު އެސްޓީއޯއިން ތެލަށް ގެނައި ބަދަލުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތެޔޮ އަގުބޮޑުވާނެ މިންވަރަކީ:

  • ޕެޓްރޯލް ލީޓަރަކުން 1.71ރ. ބޮޑުވާނެ

  • ޑީސަލް ލީޓަރަކުން 1.76ރ. ބޮޑުވާނެ

އެހެން ކަމުން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މި ވަނީ %13 ބޮޑުވެފަ އެވެ.

ބުނީ ކީކޭ؟ - އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރި ސަބަބާ ގުޅޭ ގޮތުން ބުނީ މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ތެލުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުން ދަނިކޮށް ރަޝިޔާ ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވާ މިންވަރު ވަނީ ހަލުވިވެފައި ކަމަށެވެ. އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ މާރުކޭޓުން އެސްޓީއޯއަށް ތެޔޮ ލިބޭ އަގު ބޮޑުވީ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 110 ޑޮލަރަށް އަރައިފަ އެވެ. އެގޮތުން މިއީ 2014 ވަނަ އަހަރަށް ފަހު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތްތަނުގައި ވެސް ޔޫކުރެއިންގެ ހަނގުރާމަ ނުހުއްޓި ކުރިއަށް ދާ ނަމަ ތެލުގެ އަގު ބޮޑުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް