ލަންކާގައި މީހަކު ބަސްތާއެއް ކޮނޑަށްލައިގެން ދަނީ: ލަންކާ ވަނީ ދަރައި ވިކިފައި. (ފޮޓޯ/ރޮއިޓާސް)

ސްރީ ލަންކާ

ލަންކާ ދަރުވާލި ކަމަށް ބުނެ، ސަރުކާރާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ދައުވާ އުފުލައިފި

ސްރީ ލަންކާ ދަރުވާލި ކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކަކީ ސަރުކާރުގެ މަތިފަޑީގައި ތިބި އޮފިޝަލުން ކަމަށާއި އެފަދަ އޮފިޝަލުންގެ ތެރޭގައި ރާޖަޕަކްސާގެ އާއިލާގެ ބޭފުޅުން ހިމެނޭ ކަމަށް ބުނެ ލަންކާ ސަރުކާރާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ދައުވާ އުފުލައިފި އެވެ.

ލަންކާ އިން ވިއްކާފައިވާ އިންޓަނޭޝަނަލް ސޮވެރިން ބޮންޑްގެ %5.87 ނޫނީ 250 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވަނީ ހެމެލްޓިއަން ރިޒާވް ބޭންކް ލިމިޓެޑުންނެވެ. އެ ބޮންޑުގެ މުއްދަތު އަންނަ މަހުގެ 25އަށް ހަމަވެ އެވެ. އެހެންކަމުން އެ ބޭންކުން ވަނީ އެމެރިކާގެ ނިއު ޔޯކްގެ ފެޑަރަލް ކޯޓަކަށް އަންގާރަ ދުވަހު މައްސަލަ ވައްދައިފަ އެވެ. އެ ބޭންކުން އެދިފައިވަނީ އިންވެސްޓްކުރި ޖުމްލަ އަދަދާ އަދި އިންޓަރެސްޓަށްވާ ފައިސާ ހޯދުމަށެވެ.

އިންޓަރެސްޓް ފައިސާ ދެއްކުމުގެ 30 ދުވަހުގެ ގްރޭސް ޕީރިއަޑް ހަމަވި އިރު، ދެ ބޮންޑެއްގެ އިންޓަރެސްޓް ފައިސާ ނުދެއްކުމުން މިދިޔަ މަހު ވަނީ އެ ގައުމު ބަނގުރޫޓުވެފައިވާކަން އިއުލާންކޮށްފަ އެވެ. އަދި އިނގިރޭސިންގެ އަތުން ލަންކާ 1948ގައި މިނިވަންވީއްސުރެ އެއީ ގައުމު ބަނގުރޫޓުވިކަން އިއުލާން ކުރި ފުރަތަމަ ފަހަރެވެ.

ހެމެލްޓިއަން ރިޒާވް ބޭންކުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނީ ލަންކާ ދަރުވާލީ އެ ގައުމުގެ ވެރިން ކަމަށާއި އެ ބޭފުޅުންގެ ތެރޭގައި ވެރިކަންކުރާ ރާޖަޕަކްސާގެ އާއިލާގެ ބޭފުޅުން ހިމެނޭ ކަމަށެވެ. އެ ބޭންކުން ތުހުމަތު ކުރި ގޮތުގައި އިންޓަނޭޝަނަލް ބޮންޑް ގަނެފައިވާ ފަރާތްތަކަށް ފައިސާ ދެއްކުން ހުއްޓާލި އިރު ލަންކާގެ ބޭންކްތަކާ އަދި އެ ގައުމުގެ އެ ނޫން ފަރާތްތަކާ ދެމެދު އެ ފިޔަވަޅު އެ ގޮތަށް އަޅާފައި ނުވާ ކަމަށެވެ.

އަދި ބުނީ ލަންކާގެ ޕާޓީތަކަށް ވިއްކާފައިވާ ބޮންޑްތަކުގެ އިންޓަރެސްޓް ފައިސާ ބަރާބަރަށް ދައްކަމުން އަންނަ ކަމަށެވެ.

ލަންކާ އިން ބޭރު ފައިސާ ހުސްވެ، ކާބޯތަކެއްޗާއި ތެލާއި ބޭސް އެތެރެ ނުކުރެވި 22 މިލިއަން މީހުން ވަނީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިފަ އެވެ. އަދި ތަކެތީގެ އަގުތައް ވަނީ %40 މައްޗަށް ގޮސް، ގައުމު ދަރަނިވެރިވެފަ އެވެ.

އާންމު ދިރިއުޅުމަށް ލޮޅުން ނާރައި ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ލަންކާއަށް 5 ބިލިއަން ޑޮލަރު ބޭނުންވެ އެވެ. އަދި ލަންކާގެ ފައިސާގެ އަގު ހިފެހެއްޓުމަށް އިތުރު 1 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ މި މަހު ކުރީކޮޅު މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ.

ލަންކާ ސަރުކާރުން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދާ ހޯމަ ދުވަހު ވާހަކަ ދައްކަން ފައްޓައިފަ އެވެ. އަދި ފައިސާ ދޭ ފަރާތްތަކުގެ ޔަގީންކަން ލިބޭ ފަދަ އެގްރީމަންޓަކަށް އައުމުގެ ވަނީ މަގުމަތީގަ އެވެ. ލަންކާ އިން މަސައްކަތް ކުރަމުން އަންނަ މަހުގެ ތެރޭގައި 6 ބިލިއަން ޑޮލަރު ހޯދުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް