މަންދޫގެ މަގެއްގެ މަތިން ފިރިހެނުންތަކެއް ހިނގާފައި ދަނީ. (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ކޮވިޑް-19

ކޮވިޑް ޖެހޭ މީހުންނާއި އެޑްމިޓްކުރާ އަދަދު ވަރަށް ބޮޑަށް މައްޗަށް

ކުރީ ހަފުތާއަށް ވުރެ މިދިޔަ ހަފުތާ ބަލި ޖެހުނު މީހުންގެ އަދަދު ދެ ގުނައަށް ވުރެ އިތުރު

ކޮވިޑް-19ގެ ބަލި އަނެއްކާ ވެސް ހަލުވިކަމާ އެކު ފެތުރެން ފަށާފައި ވާއިރު، މިދިޔަ ހަފުތާގައި ބަލި ޖެހުނު މީހުންނާއި ބަލި ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު ވަރަށް ބޮޑަށް މައްޗަށް އަރައިފި އެވެ.

ވީ ކިހިނެއް؟ - ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ރަނގަޅުވެ، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލި ފަހުން، މި މަހުގެ ކުރީކޮޅުން ފެށިގެން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެންމެ ފަހުން އާއްމު ކުރި އަދަދުތަކާ އެކު، ބަލި ފެތުރޭ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައި ވާކަން އެނގެ އެވެ.

ތަފްސީލް - ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 19-26އަށް، 1،202 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. އެގޮތުން:

  • މީގެ ހަފުތާއެއް ކުރިން އެ އަދަދު އުޅެނީ 405ގައި

  • މިއީ ދެ ގުނައަށް ބޮޑު އިތުރުވުމެއް

  • މިދިޔަ ހަފުތާގައި ބަލި ޖެހުނު މީހުންގެ އަދަދު 405އަށް އެރީ، އޭގެ ކުރީ ހަފުތާގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 142ގައި ހުރުމަށް ފަހުގައި

ތަފްސީލު - 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑްގެ ބަލި މަޑުކަމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، އަލާމާތްތައް ހުރި ކަމުގައި ވިޔަސް ބައްޔަށް ޓެސްޓު ކުރަނީ ވަރަށް މަދުންނެވެ. އެހެންވެ، ކޮވިޑް ޖެހޭ މީހުންގެ އަދަދު މިއަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ކޮވިޑް ޖެހުނު މީހުންގެ ތަފާސްހިސާބު

މާލެ އާއި ރަށްރަށުން ބަލި ޖެހޭ އަދަދުގައި މާބޮޑު ތަފާތެއް ނެތެވެ. އެގޮތުން:

  • މިދިޔަ ހަފުތާގައި މާލޭން ބަލި ޖެހުނީ 528 މީހުންނަށް

  • ރަށްރަށުން ބަލި ޖެހުނު ކަމަށް ރިޕޯޓް ކުރީ 452 މީހުންނަށް

  • ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު މިހާރު 51އަށް އަރާ؛ އޭގެ ކުރީ ހަފްތާގައި ހުރީ 17ގައި

  • މިހާތަނަށް 181،500އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނު އިރު، 305 މީހުން ވަނީ ބަލީގައި މަރުވެފައި

ފަސްމަންޒަރު -  ކޮވިޑް ކޭސްތައް މަދުވުމާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ފިޔަވަޅުތަކަށް ލުއި ދިނީ މާޗު މަހު އެވެ. އެއާ އެކު، މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ވެސް ނިމުމަކަށް ގެނެސް، ޕީސީއާރް ހެދުމަށް ވެސް ލުއިދިނެވެ.

އެކަމަކު ކޭސްތައް އިތުރުވާން ފެށުމާއެ ކު އަނެއްކާ ވެސް އަންނަނީ، މީހުން ގިނަ ތަންތަނަށް ދާއިރު މާސްކް އެޅުމަށް އިރުޝާދު ދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް