ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މޫސާ މެންކް ރޭ މާލޭ ކާނިވާ ސަރަހައްދުގައި ދެއްވި ދީނީ ތަގުރީރުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

މުފްތީ މެންކް: ފުރައްސާރަކުރާ މީހުންނަށް ހީލާފައި ކުރިއަށްދޭ

މީހުން ކުރާ ފުރައްސާރައިގެ ސަބަބުން ނަފްސާނީ ގޮތުން މީހާ ބަލިކަށިވިޔަ ނުދިނުމަށް މުފްތީ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައި
29 އޮކްޓޯބަރު 2022

ސޯޝަލް މީޑިއާ އާއި އެހެން ގޮތް ގޮތުން ތިމާއަށް ބަދުބަސް ބުނެ، ފުރައްސާރަކުރާ މީހުންނަށް އަޅާނުލުމަށާއި އެންމެ ރަނގަޅު ގޮތަކީ، އެ ކަމަށް އިޖާބަނުދީ، ހީލާފައި ދިރިއުޅުމައިގެން ކުރިއަށްދިޔުން ކަމަަށް ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މޫސާ މެންކް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މެންކު ވަނީ 'ޑިޕްރެޝަން، އެންގްޒައިޓީ އަދި ސްޓްރެސް'އާ ގުޅޭ ގޮތުން ރޭ މާލޭގައި ދަރުހެއް ދެއްވާފަ އެވެ. ކާނިވަލުގައި އޮތް އެ ދަރުހަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން، އެތައް ހާސް ބަޔަކު ދިޔަ އެވެ.

ސޯޝަލް މީޑިއާއި އެހެން ގޮތްގޮތުން ކުރިމަތިވާ ފުރައްސާރައިގެ ސަބަބުން މީހާ ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމާ ގުޅޭ ގޮތުން، ޒިމްބާބުވޭގެ އިލްމުވެރިޔާ ރޭ ވަރަށް ތަފްސީލުކޮށް ވާހަކަ ދެއްކެވި އެވެ.

ބުނީ ކީކޭ؟ - މެންކް ވަނީ ތިމާއަށް ފުރައްސާރަކޮށް، ބަދުބަސް ބުނެ، އަދި އަބުރު ކަތިލީ ނަމަވެސް އެކަމުން ނަފްސާނީ ގޮތުން ބަލިކަށިވުމުގެ ފުރުސަތު ނުދިނުމަށް ހަނދާންކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ތިމާއާ މެދު އަނެއް މީހާގެ ހިތުގައި ހަސަދަވެރިކަން އުފެދުނީ، އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން؛ އޭނާގެ ވަގުތާއި ފައިސާ އާއި ހަކަތަ އެ ހުސްކުރީ، އަނެއް މީހާގެ ދިރިއުޅުމުން ގޯސްކަމެއް ހޯދުމަށް

  • އެ މީހަކު ތިމާއަށް ނޭނގޭ ކަމަށް ވެސް ﷲއަށް ޝުކުރުވެރިވުމަށް އެދިވަޑައިގެންނެވި

"އެ ކަހަލަ މީހުންނަށް އިޖާބަ ދިނުމުގެ ބޭނުމެއް ނެތް. ޖޯކެއްގެ ގޮތުން ބުނެލާނެ ރަނގަޅު ބަހެއް ނެތް ނަމަ، އަޅާނުލާ،" ބައިނަލްއަގްވާމީ ގޮތުން ވެސް ފާހަގަކޮށްލެވޭ އިލްމުވެރިޔާ ވިދާޅުވި އެވެ.

"އެކަމާ ހާސްވުމުގެ ބަދަލުގައި އެއަށް ހީލާފައި ދިރިއުޅުމުގައިގެން ކުރިއަށް ދޭ." 

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މޫސާ މެންކް ރޭ މާލޭ ކާނިވާ ސަރަހައްދުގައި ދެއްވި ދީނީ ތަގުރީރުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

މުފްތީ ވިދާޅުވީ ފުރައްސާރަކުރާ މީހުންނަށް، އެ މީހުންގެ ބަސްތައް ތެދު ނޫންކަން އެނގޭ ކަމަށާއި އެހެންވެ، އެ މީހުންނަށް ކަންކަން އޮޅުންފިލުވައިދިނުމުގެ ބަދަލުގައި އެންމެ ރަނގަޅީ ﷲއަށް ޝުކުރުކޮށް އެކަމާ އަޅާނުލުން ކަމަށެވެ.

ރޭގެ ދަރުސްގައި މެންކް ވަނީ، ސޯޝަލް މީޑިއާގައި އޭނާއަށް ކުރިމަތިވެވަޑައިގަންނަވާ ފުރައްސާރައާ ބަދުބަސްތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. މަޝްހޫރު އެހެން އިލްމުވެރިންނާ ހިލާފަށް، ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް މި މުފްތީ މަދު ބަޔަކު ސިފަކުރަނީ ދުނިޔަވީ ކަންކަމަށް ލޯބިކުރައްވާ، ގައްދާރެއްގެ ގޮތުގަ އެވެ.

އެކަމަކު މި ފުރައްސާރަތަކާ ކުރިމަތިލައްވާ ގޮތް މުފްތީ ކިޔައިދެއްވި އެވެ. އޭނާ ވިދާޅުވީ ދުނިޔެވީ އުފާ ތަޖުރިބާކުރުމަކީ ދުނިޔެއަށް ގެއްލި ހުސްވުން ނޫން ކަމަށާއި އެކަމުގެ ތެރޭގައި ވެސް ދީނަށްޓަކައި މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި މީހަކު އެ އުފަލުގެ ތެރޭގައި ވެސް ﷲއަށް ޒިކުރުކޮށް، ހަނދުމަކޮށްފާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސޯޝަލް މީޑިއާގެ ތެރެއިން ފާޑުކިޔަނީ %1އަށް ވުރެ މަދު މީހުން ކަމަށާއި ގިނަ މީހުންނަކީ އެކެއްގެ ނަމުގައި 20-30 އެކައުންޓް ހަދައިގެން އުޅޭ މީހުން ކަމަށެވެ.

"ދެން ޖެހޭނެތޯ މި ފަދަ ބަޔަކާ މެދު ހާސްވާން؟ ތިމާގެ ވަށައިގެން އުޅޭ މީހުންނަށާއި ހަގީގަތް އެނގޭ މީހުންނަށް ތިބާގެ ނިޔަތް އެނގޭ. ތެދުވެރިކަން އެނގޭ. ތިމާގެ ނިޔަތް ﷲ ދެނެވަޑައިގަންނަވާ،" ފުރައްސާރާ މެދު ކަންބޮޑުނުވުމަށް އިރުޝާދު ދެއްވަމުން މުފްތީ ވިދާޅުވި އެވެ.

"މީހުން ކިޔާ އެއްޗަކަށް ވުރެ ﷲ އެ މީހަކަށް ދެއްވި އެއްޗަކާ މެދު ރުހިގެން އުޅޭ."

މެންކު ވިދާޅުވި ގޮތުގައި، އެހެން މީހުންގެ ދިރިއުޅުމަށް ފާޑުކިޔައި ބަދު ބަސްބުނާ މީހުންނަކީ ވެސް ގިނަ ފަހަރަށް 'ޑިޕްރެސްޑް'ވެފައިވާ މީހުންނެވެ. އޭނާއަށް ﷲ ދެއްވި އެއްޗަކާ މެދު ނުރުހި، އަބަދުވެސް ދުވެވެނީ އެހެން މީހުންގެ ދިރިއުޅުމުގައި ހުރި ކަންކަން ބަލައި އުނިވާ ކަންތައްތަކަށް ފާޑުކިޔުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހުންގެ ހިތުގައި، މުފްތީ ސިފަ ކުރެއްވި ގޮތުގައި، އެހެން މީހުންނާ މެދު އެއްވެސް އުފާވެރރިކަމެއް ނެތެވެ.

އެކަމަށް މެންކު ރައްދު ދެއްވީ، ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅަކުންނެވެ. އެއީ މީހަކަށް ނިއުމަތެއް ނުވަތަ ރަނގަޅު ކަމެއް ދިމާވެއްޖެ ނަމަ، ތިމާއަށް ވެސް އެ ފަދަ ނިއުމަތެއް ލިބުމަށް ދުއާކޮށް، އަނެއް މީހާގެ ނިއުމަތް އިތުރުކޮށްދޭން ދުއާކުރުމެވެ. އަނެއް މީހާގެ ނިއުމަތް ގެއްލި ނުދިނުމަށް ދުވަހަކު ވެސް ހިތަށް ނޭރުވުމަށް ދީނީ އިލްމުވެރިޔާ ނަސޭހަތްތެރިވެވަޑައިގަތެވެ.

"އަނެއް މީހާގެ ނިއުމަތް ގެއްލި ދިޔުމަށް ހިތަށް އަރުވާލާ މިނިޓަކީ، އޭނާއަށް ލިބިފައިވާ އުފާވެރިކަން ގެއްލި ދިޔުމަށް، ދެން ހުރި މީހާ ވެސް ދުއާކޮށްފާނެ ވަގުތަކަށް ވެސް ވެދާނެ. މިއީ މާތް ގޮތެއް ނޫން،" މެންކު ވިދާޅުވި އެވެ.

ރަސޫލާއަށް ވެސް މުޝްރިކުންގެ ފަރާތުން ބަދުބަސްތަކާއި ފުރައްސާރަތައް ކުރިމަތިވެވަޑައިގެން، އުނދަގޫތަކަމާ ކުރިމަތިލާން ޖެހިވަޑައިގެންކަން މެންކު ފާހަގަކުރެއްވި އެވެ. އެކަމަކު ﷲ އެކަމަށް ވަހީކުރެއްވީ، ހިތާމަ ނުކުރެއްވުމަށާއި ރަސޫލާއަށް ކުރިމަތިވެވަޑައިގެންނަވާ ފުރައްސާރަތައް އެކަލާންގެ ދެނެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށް ކުރިމަތިލާންވީ ގޮތް ވެސް ﷲ ގުރުއާނުގައި ވަހީ ކުރެއްވީ، ގިނަގިނައިން ﷲއަށް ޒިކުރު ކުރުމާއި އެކަލާނގެއަށް ސަޖިދަ ކުރެއްވުމަށެވެ. ﷲގެ މަތިވެރިކަން ހަނދާން ކުރުމަށެވެ.

"ލޮބުވެތި އަހުންނާއި އުހުތުން. ﷲއާ މެދު އޮންނަ ގުޅުން ވަރުގަދަ ކުރޭ. އޭރުން މި ހުރިހާ ކަމަކާ ކުރިމަތިލާން ވެސް ފަސޭހަވާނެ،" މެންކު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް