އަލީމް އާއި ނަބީލާ އެ ދެމަފިރިންގެ ދެ ދަރިންގެ ތެރެއިން ކުއްޖަކާ އެކު

އަލީމްގެ ހަނދާނުގައި ނަބީލާ ބޭނުންވަނީ އޮސްޓްރޭލިޔާގައި މިސްކިތެއް އަޅަން

ޕާތުގައި ދެމަފިރިންގެ ދިރިއުޅުން ބިނާކޮށްފައި ވަނިކޮށް ވަކިވި ފިރިމީހާ އަހުމަދު އަލީމްގެ ނަމުގައި އެ ސިޓީގައި ތިން އަހަރު ތެރޭ މިސްކިތެއް އަޅަން ނަބީލާ ޝިހާބު އަންނަނީ ފައިސާ އެއްކުރަމުން

މުހިންމު ނުކުތާތައް

އަލީމްއަކީ މިސްކިތް އެޅުމުގެ މަޝްރޫއުތަކަށް ފައިސާ ހަދިޔާކުރަން ލޯބިކުރި މީހެއް

ދުޅަހެޔޮ ދިރިއުޅުމެއް އުޅެމުން އައި އަލީމް މަރުވީ ކެންސަރު ޖެހުނުކަން އެނގުނުތާ ތިން މަސް ތެރޭ

ކުރިން ދިވެހި ފުލުހުންގެ ތެރޭގައި މަސައްކަތްކުރި އަލީމްއަކީ ދީންވެރި، ހިތްހެޔޮ މީހެއް

ފިރިމީހާ އަހުމަދު އަލީމްއަށް ކެންސަރު ބަލި ޖެހިފައިވާކަން އެނގުނުތާ ތިން މަސް ތެރޭ މިދިޔަ މަހު ކުއްލިއަކަށް ވަކިވިކަން ގަބޫލުކުރަން އޭނާ އަށް އަދިވެސް ދައްޗެވެ. އެކަމަކު އެއީ އޭނާގެ ތަގުދީރުކަން ނަބީލާ ޝިހާބު ގަބޫލުކުރެ އެވެ. އޭނާގެ ދިރިއުޅުމުގެ ކަންކަން ރޭވިގެން އައިީ ވެސް އޭނާ އެކަމަށް ތައްޔާރުވުމަށް ކަމުގައި ދެކެ އެވެ. 

"އަލީމްގެ ކެންސަރުގެ ދަތުރުގައި އޭނާގެ އަތުގައި ހިފައިގެން ހުރުން އެއީ ﷲގެ މިންވަރުފުޅު،" ނަބީލާ ބުންޏެވެ.

ދިރިއުޅުން ބިނާކުރީ ޕާތުގައި

ފިރިމީހާގެ ބަލި ހާލަށް ނަބީލާ ތައްޔާރުކޮށްދިނީ ނަރުހެއްގެ ގޮތުގައި ދިވެހިރާއްޖެ އާއި އޮސްޓްރޭލިއާގައި މަސައްކަތްކޮށް، ހޯދާފައިވާ 18 އަހަރު ދުވަހުގެ ތަޖުރިބާ އެވެ.

އައިޖީއެމްއެޗާއި ތެލެސީމިއާ ސެންޓަރު އަދި ގދ. ތިނަދޫ ހޮސްޕިޓަލްގައި މަސައްކަތްކުރުމަށް ފަހު 2009 ގައި ނަބީލާ އޮސްޓްރޭލިއާގެ ޕާތަށް ދިރިއުޅުން ބަދަލުކޮށް ފުރަތަމަ މަސައްކަތް ކުރީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ނަރުހެއްގެ ގޮތުގަ އެވެ. ނަމަވެސް އޭނާގެ ޝައުުގުވެރިކަން ހުރީ، ކްރިޓިކަލް ކެއާ ފޯރުކޮށްދޭ ނަރުހެއްގެ ގޮތުގައި، މަރާ ހަނގުރާމަ ކުރާ އެންމެ ހާލު ދެރަ ބަލިމީހުން ގާތުގައި މަސައްކަތް ކުރުމަށް ކަމުން، 2011 ވަނަ އަހަރު، ޕާތުގައި ހުންނަ އާމަޑޭލް ހޮސްޕިޓަލުގެ އައިސީޔޫ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އެވެ. އެ ހޮސްޕިޓަލުގެ އޯގަން ޑޮނޭޝަންގެ ކްލިނިކަލް ނާސް ސްޕެޝަލިސްޓެއްގެ ވަޒީފާއާ އޭނާ ގުޅުނެވެ.

ދިވެހި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމު އަދާކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަލީމް ފުލުހުންގެ ވަޒީފާ ދޫކޮށްލައި އޮސްޓްރޭލިއާއަށް ހިޖުރަކުރުމަށް ފަހު، އުފާވެރި ހަޔާތެއް ބިނާކުރުމަށް، ބައިވެރިޔަކަށް ނަބީލާ ހިޔާރުކުރި އެވެ.

ނަބީލާ އާއި އަލީމްގެ ކައިވެނީގެ ފޮޓޯއެއް: ދެ މީހުންގެ ދިރިއުޅުން ފެށުނީ ޕާތުގައި އަދި އެ ދިރިއުޅުން ނިމިގެން ދިޔައީ ވެސް އެ ތަނުގައި.

ފައްސަތޭކަ އަށް ވުރެ ގިނަ ދިވެހިން ދިރިއުޅޭ ޕާތުން 2011 ވަނަ އަހަރު އެ ދެ މީހުން އަލަށް ބައްދަލުވީ އީދުގައި ބޭއްވި ސަޔަކުންނެވެ. އެއަށް ފަހު ޖެހިގެން އައި އަހަރު ކައިވެނިކުރި އެވެ. ދެމަފިރިންނަށް ލިބުނު ދެ އަންހެން ކުދިންގެ ތެރެއިން އާލާ އަލީމްގެ އުމުރުން މިހާރު 8 އަހަރު ވެފައިވާ އިރު އައިލީ އަލީމް އަށް އަދި އެންމެ 4 އަހަރެވެ. ކައިވެންޏަށް ފަހު އަލީމްގެ އެންމެ އިސް މަސްއޫލިއްޔަތަކަށް ވީ ބައްޕައެއްގެ ވަޒީފާ އާއި އެހީތެރި ފިރިއެއްގެ ރޯލެވެ.

"އަޅުގަނޑުމެން ދެ މީހުންގެ ލައިފް ފެށިގެން އަދި ދަރިން ލިބި ނިމިގެން ވެސް މި ދިޔައީ ޕާތުގައި،" ނަބީލާ ބުންޏެވެ.

އަލީމް އޭނާގެ ދޮށީ ދަރިފުޅު އާލާ އަލީމް އަދި ހަގު ދަރިފުޅު އައިލީ އަލީމްއާ އެކު

ކެންސަރު: ސިހުން ގެނުވި ހަބަރެއް

މިދިޔަ ޖެނުއަރީ މަސް ތެރޭ ދެ ދުވަސް ވަންދެން އަލީމްގެ ބަނޑުގައި ރިއްސާފައިވާތީ ޑޮކްޓަރަށް ދެއްކުމުން ލިބުނީ ގަބޫލުކުރަން ދަތި ހަބަރެކެވެ. ބަނޑުގައި ރިއްސާތީ ފުރަތަމަ ދުވަހު ޕެނެޑޯލް ގުޅައެއް ކާލައިގެން އަލީމް ހުރީ އަނބިމީހާގެ އިރުޝާދަށެވެ. ޖެހިގެން އައި ދުވަހު ތަދެއް ނެތެވެ. އެކަމަކު އާދައިގެ ތަދެއް ނޫންހެން ހީވެގެން ޑޮކްޓަރަށް ދައްކަން ދިޔަ އެވެ.

"އެ ހުކުރު ދުވަހު ޑޮކްޓަރުގެ ސިޓީއަކާ އެކު އަލީމް ގެއަށް އައީ. ގޯލްބްލެޑާ ފަޅައިގެން ގޮސްފަައި ހުރި ކަމަށް ލަފާކުރެވޭ ވާހަކަ ޑޮކްޓަރު ބުނި. ހޮސްޕިޓަލަށް ގޮސް އަލުން އަލްޓްރާސައުންޑް ސްކޭން ކުރިއިރު، އެންމެ ފުރަތަމަ، ޑޮކްޓަރުންނަކަށް ޔަގީނެއް ނޫން މައްސަލައެއް ހުރި ކަމެއް،" ނަބީލާ ކިޔައިދިނެވެ.

"ދެން އެއް ގަޑި އިރު ފަހުން ބުނީ ލިވާގައި މާސްއެއް ހުރި ކަމަށް ޝައްކު ކުރެވެއޭ. ސީޓީ ސްކޭނެއް ހަދާފައި ބެލީމަ އެނގުނީ ލިވާގައި ވަރަށް ބޮޑު ލީޝަނެއް ހުރިކަން. ލަންގްސް، ބޯންސް އަދި ލިމްފް ނޯޑްގައި ވެސް ހުރި. އެ ހިސާބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ރަނގަޅަށް ޑައެގްނޯސް ކުރީ." 

އަލީމް ހަ ދުވަސް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބޭއްވި އެވެ. ބަޔޮޕްސީ ނަތީޖާ ދެ ހަފްތާ ފަހުން ލިބުނު އިރު ކެންސަރު ހުރީ އެންމެ ފަހު ސްޓޭޖްގަ އެވެ. އަލީމްއަށް ޖެހިފައި ހުރީ ކޮލެންޖިއޯކާސިނޯމާ ނުވަތަ ބައިލް ޑަކްޓް (ފުރަމެއިން ދިޔަ ގެނެސްދޭ ހޮޅިތައް)ގެ ކެންސަރެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ކެންސަރު ހުރީ ފެތުރިފަ އެވެ.

ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރި އަލީމް ހަފްތާއަކު ތިން ދުވަހު ފަހިތު ދުވަން ގޮސް، ހަވީރު ކުދިން ގޮވައިގެން 5 ކިލޯމީޓަރަށް ހިނގާ ނުވަތަ ބައިސްކަލް ދުއްވާ ހެދި
އަލީމް އެއް ދަރިފުޅު އުރާލައިގެން ރޭހެއްގައި ބައިވެރިވަނީ

"އެންމެ ގަބޫލުކުރަން އުނދަގޫވީ ބަލީގެ އެއްވެސް އަލާމާތެއް އަލީމްއަށް ފެނިފައި ނެތީމަ،" ނަބީލާ ބުންޏެވެ.

އަލީމް އަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. 

"ފަތިހު 3-4 ކިލޯ މީޓަރު ދުވަން ގޮސް، ހަވީރު އަނެއްކާ އާއިލާ ގޮވައިގެން 5 ކިލޯމީޓަރަށް ހިނގަން ދާނެ ހަފްތާއަކު ތިން ފަހަރު. ބަރާބަރަށް ޑޮކްޓަރަށް ދައްކާނެ. ޗެކްއަޕް ހަދާނެ. އަލީމްގެ ޑޮކްޓަރު ވެސް ބުނާނެ، އަލީމްހާ ސިއްހަތަށް ބަލައިގެން އުޅޭ މީހަކު ނުދެކެމޭ، އަލީމްއަކީ ފޭވަރިޓް ޕޭޝަންޓޭ،" ނަބީލާ ބުންޏެވެ.

ނަބީލާ ކެންސަރަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރި

ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ނަބީލާ ކުރިން ވަނީ އުނަގަނޑާ ހަމައަށް އޮތް އޭނާގެ ދިގު އިސްތަށިގަނޑު ބާލާފައި

އައިސީޔޫ ނަރުހެއްގެ ގޮތުގައި ނަބީލާ ވަނީ ކެންސަރުގެ އެތައް ބަލި މީހުންގެ ފަހު ނޭވާގައި އެމީހުންގެ އަތުގައި ހިފައިގެން މަސައްކަތްކޮށްފަ އެވެ. އެމީހުންގެ އިހްސާސްތައް ތަފާތުކަމާއި އެމީހުންގެ ހަށިގަނޑުގައި އަޅާ ވޭން އެއްވެސް މީހަކަށް ނޭނގޭ އިރު އެމީހުން ހަމައެކަނި ބޭނުންވަނީ ކައިރީގައި ހުންނާނެ މީހަކުކަން ނަބީލާއަށް އެނގެ އެވެ. ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި އިރު އޭނާ އެންމެ ބޮޑު އިސްކަމެއް ދިނީ ވެސް އެފަދަ ބަލިމީހުންގެ ފަހު ވަގުތުކޮޅުގައި ހިތްހަމަޖައްސައިދެވޭތޯ އެވެ.

ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް އިސްތަށިގަނޑުގައި ކުލަ ޖެއްސުން ނުވަތަ ބޯ ބޭލުމަށް 'ވޯލްޑްސް ގްރޭޓެސްޓް ޝޭވް'ގެ ނަމުގައި ކުރިއަށް ގެންދިޔަ އިވެންޓެއްގައި ނަބީލާ ބައިވެރިވި އެވެ. ފުރަތަމަ ގަސްދުކުރީ އިސްތަށިގަނޑުގައި ކުލަ ޖެއްސުމަށެވެ. ނަމަވެސް ބަލި އެނދުގައި އޮތް މީހަކާ ދެކެވުނު ވާހަކައެއްގެ ތެރެއިން، ބޯ ބޭލުމަށް ނިންމި އެވެ. ސަބަބަކަށް ވީ މަރާ ހަނގުރާމަ ކުރަމުން ގެންދިޔަ އެ މީހާ، އޭނާގެ އަތުގައި އޮތް އެންމެ ފަހު 20 ޑޮލަރު ސިޓީ އުރައަކަށް ލާފައި ލިއުކީމިއާ ފައުންޑޭޝަނަށް ހަދިޔާކުރުމަށް ނަބީލާ އަތަށް ދިނުމެވެ.

ނަބީލާ (ކ) ކުރިންސުރެ އައީ ކެންސަރަށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރަމުން

ނަބީލާ އޭނާގެ ދިގު އިސްތަށިގަނޑު ބޭލީ އަލީމްއާ ކައިވެނިކުރަން ތިން މަހަށް ވެފައި އޮއްވަ އެވެ.

"ބޯ ތަލަކޮށް ހުރެ ކައިވެނި ހެދުން ލުން އެއީ އެހާ ގުޅޭ ކަމެއް ނޫން. އެ ދުވަހު ވެސް އަލީމް އަހަންނަށް ސަޕޯޓް ދިން. ތިމަންނަ ކައިވެނި މި ކުރަނީ ނަބީލާއާއޭ، މުޖުތަމައު ދެކޭ 'ޕާފެކްޓް ބްރައިޑް' އަކާ ނޫނޭ ބުނި،" ނަބީލާ ބުންޏެވެ.

ނަމޫނާ ބައްޕައެއް

ނަބީލާ އާއި އަލީމް ދެ ކުދިންނާ އެކު ފޮޓޯ އަކަށް ހުއްޓިގެން

ގއ. ކޮލާމަފުއްޓަށް އުފަން، އެކަމަކު މާލޭގައި ބޮޑުދައިތައެއްގެ ގޭގައި ދިރިއުޅެ ބޮޑުވެ ކިޔެވުން ފުރިހަމަކުރި އަލީމްއަކީ އާއިލާގެ އެންމެންނާ ވެސް ގާތް ގުޅުމެއް ބޭއްވި، ވަރަށް ހިތްހެޔޮ، އެކުވެރި މީހެކެވެ. 

ކުދިން ލިބުނު ފަހުން އޭނާ އެންމެ ބޮޑު އިސްކަމެއް ދިނީ ބައްޕައެއްގެ ދައުރު އަދާކުރުމަށެވެ. އަލީމް ބޭނުންވީ އޭނާގެ ދަރިންނަކީ އިސްލާމްދީނަށް ލޯބިކުރާ، ހެޔޮލަފާ ސޯލިހު ކުދިންގެ ގޮތުގައި ބޮޑުވުމަށެވެ. އެހެން މީހުންނަށް އެހީތެރިވުމަށް ކުދިންނަށް ދަސްކޮށްދޭން އަބަދުވެސް ބޭނުންވި އެވެ. ނަބީލާ ބުނިގޮތުގައި ދޮށީ ދަރިފުޅު ގޮވައިގެން ސުޕަމާކެޓަށް ދާ އިރު، އެހީއަކަށް އެދޭ މީހަކު ފެނިއްޖެއްޔާ އެ މީހަކަށް ކާއެއްޗެއް ދިއްކޮށްނުލާ އަލީމް ފިހާރައަކުން ނުނިކުންނާނެ އެވެ.

"އާލާ ގޮވައިގެން އެ މީހުންނަށް ކާބޯތަކެތި ގަނެދޭން ހަމަ އެކަމުގައި ސުޕަމާކެޓަށް ދާނެ. އާލާ ބޭނުން އެއްޗެއް އެެ މީހުންނަށް ދޭން ގަނުވާނެ. އެއީ އާލާއަށް މީހުންނަށް އެހީތެރިވުމުގެ މުހިއްމުކަން ދަސްކޮށްދިނުމުގެ ގޮތުން ކުރާ ކަމެއް،" ނަބީލާ ބުންޏެވެ.

އަލީމް ބަލިކަން އެނގުމުން، ޕާތުގައި ދިރިއުޅޭ ވަރަށް ގިނަ ބަޔަކު އަލީމްއާ ބައްދަލުކުރަން ގެއަށް ޒިޔާރަތް ކުރަން ބޭނުންވި އެވެ. އަލީމްއަށް ނަބީލާ ވިސްނައިދިނީ އެހާ ބައިވަރު މީހުން އައިސް އެއްފަހަރާ އަލީމްގެ ހާލާތާ މެދު ކަންބޮޑުވެއްޖެ ނަމަ ދޮށީ ދަރިފުޅުގެ ހިތުގައި ސުވާލުތައް އުފެދޭނެ ކަމެވެ. ދެމަފިރިންގެ ނިންމުމަކަށް ވީ އަލީމްގެ ކެންސަރާ ގުޅޭ ހުރިހާ މައުލޫމާތެއް ކުދިންނާ ހިއްސާކުރުމެވެ. އެ މީހުން ދުށް ގޮތުގައި އެއީ ކުދިން މައިންބަފައިންނަށް ކުރާ އިތުބާރު ބޮޑުވާނެ ކަމެކެވެ.

"އާލާ އެހީ އަލީމް ކައިރީ ކިހިނެެއްހޭ ދެން ވާނީ؟ އަލީމް އާލާ ކައިރީ ބުނީ މަރަކީ ހުރިހާ އެންމެންނާ ވެސް އެންމެ ކައިރީގައި ވާ ކަންތަކޭ. މީހަކު ހަމަ ނިދާފައި ވެސް ނުހޭލަފާނެއޭ. ބައްޕަގެ ގައިގައި ކެންސަރު އެބަ ހުއްޓޭ ފެތުރިފައި، އެކަމަކު ބައްޕަ މަރުވީ ކެންސަރާ ހެދިއޭ ނުބުނާށޭ އަލީމް ބުނި،" ނަބީލާ ބުންޏެވެ.

ކޮންމެ ސްކޭނަކާއި ޓެސްޓެއްގެ ނަތީޖާ ކިޔައިދެމުން، ވާނުވާ ބުނެދެމުން އެ ދެމަފިރިން ގެންދިޔައީ އެ ދަތުރުގައި ކުދިން ބައިވެރިކުރަމުންނެވެ.

އެންމެ ފަހު ފަހަރަށް ހޮސްޕިޓަލުން، އަލީމްގެ ހާލަތު އިތުރަށް ގޯސްވެފައިވާކަން ދެ ކުދިންނަށް ކިޔައިދިނެވެ. އަދި ދެމަފިރިން ތިބެގެން، ފަރުވާ ކުރިއަށް ދާނެ ގޮތް ކުދިންނަށް ބުނެދިނެވެ. ފަރުވާ ފެއިލްވެ ބައްޕަ މަރުވެއްޖެއްޔާ ވާނެ ގޮތް ވެސް ވަރަށް ތަފްސީލުކޮށް ކުދިންނަށް ކިޔައިދިނެވެ. 

"ހަށިގަނޑުގައި އަޅާ ވޭން ކުޑަކުރަން ނަރުހުން އަދި ޑޮކްޓަރުން ގެއަށް އައިސް އިންޖެކްޝަން ދޭނެ ކަމާއި އަދި ނިޔާވުމުން މައްޔިތާގެ ކަށުނަމާދު ކުރާނެ ގޮތް ކިޔައިދިނިން،" ނަބީލާ ބުންޏެވެ.

އަލީމް ވަކިވެގެން ދިއުން

އަލީމް ބަލި ހާލަތުގައި އޮތް އިރު ދެ ކުދިން އޭނާގެ ގާތުގައި: ދަރިން ލިބުމަށް ފަހު އޭނާ އިސްކުރީ އާއިލާ އަދި ބޭނުންވި ހަމައެކަނި ވަޒިފާއަކީ ބައްޕައެއްގެ ވަޒީފާ

ނަބީލާ ބުނިގޮތުގައި އަލީމް ބަލި އެނދުގައި ހާލު ދެރަކޮށް އޮއްވާ ހަގު ދަރިފުޅު އައިލީ އެއް ދުވަހަކު ބޭނުންވީ ބައްޕަގެ ގައިގައި ބައްދާލާށެވެ.

"ބައްދާލާނެ ހިތްވަރެއް އަލީމްގެ ގަޔަކު އެ ދުވަހަކު ނެތް. އެހެންވެ އެ ދުވަހު އަލީމް އިންކާރުކުރި. އައިލީ ބުނީ ބައްޕަ އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތޭ. އަދި އައިލީ ބައްޕަގެ ފައިގައި ބައްދާލި، އާލާ އަތުގައި ބައްދާލި،" ނަބީލާ ބުންޏެވެ.

އަލީމް މަރުވީ މިދިޔަ ރޯދަ މަހުގެ 14 ވީ (އޭޕްރީލް 15) ހުކުުރު ދުވަހު އެވެ. އެ ކުއްލި ވަކިވުމާ އެކު ލިބުނު ސިހުމުގައި ބައެއް ދުވަސް ދުވަހު ތިން މައިން އެކުގައި ސޯފާގައި އިށީނދެ ތިބެ، އަލީމްގެ ހަނދާނުގައި ރޮއެ ހަދަ އެވެ. ގިނަ ދުވަސް ދުވަހަކީ އާލާ އާއި އައިލީއަށް ވެސް ބައްޕަ މަތިން ހަނދާންވެ، މާ ބޮޑަށް ރޮވޭ ދުވަސްތަކެވެ.

"ބައެއް ދުވަސް ދުވަހު އައިލީ ބުނޭ މިހާރު މާތް ﷲގެ ހަޒުރަތުގައި ބައްޕަ މާ ގިނަ ދުވަސް ވެއްޖެއޭ، އައިލީ ބޭނުމީ ބައްޕަ ދެން ގެއަށް އަންނާށޭޭ ވެސް،" ނަބީލާ ބުންނެވެ. 

 އަލީމްގެ ހަނދާނުގައި މަސްޖިދުލް އަލީމް 

އަލީމްގެ ހަގު ދަރިފުޅު އައިލީ، އަލީމްގެ ފައިގައި ބައްދާލައިގެން

ޕާތުގައި ދެ މިސްކިތެއް އެޅުމަށް އަލީމް ފައިސާ ހަދިޔާކޮށްފައިވެ އެވެ. އަދި ދުނިޔޭގެ އެހެން ތަންތަނުގައި މިސްކިތް ބިނާ ކުރާ ޕްރޮޖެކްޓްތަކަށް ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނެވެ. މިސްކިތަކަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ފަހު އެ މިސްކިތެއްގެ މަސައްކަތް ކުރިއަށް ދާ ގޮތް ބަލާލުމަކީ ވެސް އަލީމްގެ އާދައެއް ކަމަށް ނަބީލާ ބުންޏެވެ.

"ކާރުގައި މިސްކިތް ކައިރިން ދުއްވާލާފައި ދާ އިރު، މިސްކިތުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް ދެއޭ ބުނެ، އެފަދަ ވާހަކަ ދައްކާނެ. މަސައްކަތްތައް ކުރިއަށް ދާ ވަރު ބަލާލުމަކީ އަލީމްއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް،" ނަބީލާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަލީމްއަކީ ދީލަތި މީހެކެވެ. އަދި އޭނާ އެހެން މީހުންނަށް އެއްޗެއް ފޯރުކޮށްދެނީ މުސާރަ އިން އެކަންޏެއް ވެސް ނޫނެވެ. ހަދިޔާއަކަށް ލިބޭ ފައިސާ ވެސް ހަދިޔާކުރި އެވެ. އަދި ޕާތުގައި ދިރިއުޅޭ ދިވެހިންނާ ގާތް ގުޅުމެއް ބޭއްވި އެވެ. ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންނާއި އުމުރުން އެންމެ ދުވަސްވީ މީހާ އަށް ވެސް ވަގުތު ހުސްކުރި އެވެ. 

އަލީމްގެ ނަމުގައި މިސްކިތެެއް ބިނާ ކުރުމަކީ އަލީމްގެ ވަސިއްޔަތެއް ނޫނެވެ. އަލީމްގެ ނަމުގައި އަބަދުގެ އަބަދަށް ދެމިގެންވާ ސަދަގާތެއް ހުރުމަކީ ނަބީލާގެ ވިސްނުމެކެވެ. އެ ހިޔާލު އައީ ރޯދަމަހު އަލީމްގެ ނަމުގައި މިސްކިތަށް ރޯދަ ވީއްލުމަށް ކާބޯތަކެތި ސަަދަގާތް ކުރުމަށް ޕާތުގައި ދިރިއުޅޭ ދިވެހިންނާ ގުޅިގެން ކުރި މަސައްކަތެއްގެ ތެރެއިންނެވެ.

"އަލީމްގެ ނަމުގައި ސަދަގާތެއް ކުރަން މިސްކިތުގެ އިމާމްއާ ވާހަކަ ދެއްކީމަ އޭނާ ބުނީ ފަހު ދިހައެއްގައި އެ ސަދަގާތް ދޭން. އެހެންވެ އަހަރެން ނިންމީ ޕާތުގައި އުޅޭ ދިވެހި ކޮމިއުނިޓީގެ އެހީތެރިކަމާ އެކު އަލީމްގެ ނަމުގައި ފަހު ދިހައެއްގެ ކޮންމެ ދުވަހަކު 40 މީހުންނަށް ރޯދަވީއްލުން ދޭން. އޭގެ ތެރެއިން އުފެދިގެން އައި ހިޔާލެއް، އަލީމްގެ ނަމުގައި މިސްކިތެއް ބިނާ ކުރުމަކީ،" ނަބީލާ ބުންޏެވެ.

އެންމެ ފުރަތަމަ ވިސްނީ ރާއްޖޭގައި މިސްކިތެއް އެޅުމަށެވެ. ޕާތުގައި މިސްކިތް ބިނާކުރަން ނިންމީ އެއީ މިސްކިތްތައް މަދު އަދި އާބާދީ ބޮޑު ތަނެއް ކަމުން މިސްކިތެއް ބިނާކޮށްފި ނަމަ އެތައް ބަޔަކަށް އިސްލާމްދީނުގެ ނޫރާއި ހިދާޔާތް ލިބުމުގެ ފުރުސަތު އޮންނާނެތީ ކަމުގައި ނަބީލާ ބުންޏެވެ. 

އަލީމްގެ އާއިލާ އާއި އޮސްޓްރޭލިއާގައި އުޅޭ ދިވެހިންގެ އެހީތެރިކަމާ އެކު، އަލީމް ފައުންޑޭޝަންގެ ނަމުގައި ޗެރިޓީ ޖަމްއިއްޔާއެއް މިހާރު ވަނީ އުފައްދާފަ އެވެ. އަދި 'މަސްޖިދުލް އަލީމް' ބިނާކުރުމަށް ގޯފަންޑްމީ ޕޭޖެއް ނަބީލާ ހެދި އެވެ. 

އޭނާ ބުނިގޮތުގައި އަމާޒަކީ މިސްކިތުގައި ނަމާދުކުރެވޭނެ ގޮތާ އެކު އިތުރު އެހީތެރިކަން ވެސް ފޯރުކޮށްދިނުމެވެ. ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ކާން ދޭ ސޫޕް ކިޗަންއަކާއި ގުރުއާން ކްލާހެއް ވެސް ހިމެނޭ މި ޕްރޮޖެކްޓަށް މިހާތަނަށް 8،700 އަށް ވުރެ ގިނަ އޮސްޓްރޭލިއާ ޑޮލަރު (95،000ރ.) ވަނީ ލިބިފަ އެވެ.

"ފުރަތަމަ ހީކުރީ ޓާގެޓްކުރި 1.5 މިލިއަން ޑޮލަރު މާ ބޮޑުވާނެ ކަމަށް. އެހެންވެ 300،000 އޮސްޓްރޭލިއާ ޑޮލަރު ޖަހާފައި، ގޯފަންޑްމީ ޕޭޖު ލޯންޗުކުރީ. އަޅުގަނޑުގެ ޓާގެޓަކީ މި ވަސީލަތްތަކާ އެކު ތިން އަހަރު ދުވަސް ތެރޭ މިސްކިތް ޕާތުގައި އެޅުން،" ނަބީލާ ބުންޏެވެ. 

އަލީމް އާއިލާގެ ބައެއް މީހުން ބުނި ގޮތުގައި ނަބީލާއަކީ ވެސް ވަރަށް ހިތްވަރުގަދަ މީހެކެވެ. އެހެންކަމުން އޭނާގެ އެ ހުވަފެން ހަގީގަތަކަށް ހަދަން ހިތްވަރު ދޫނުކޮށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން، އަލީމްގެ އާއިލާއަށް ވެސް އެބަ އޮތެވެ. ރާއްޖޭގައި ވެސް އަލީމްގެ އެ ހަނދާނަށް އެހީތެރިކަން ހޯދުމުގެ ވިސްނުން، އާއިލާގެ މެމްބަރުން ގެންގުޅެ އެވެ.

އަލީމްއަކީ މީހުންނާ ގާތްކަން ބޭއްވި މީހެއް ކަމުން އޭނާގެ އެކުވެރިންނާއި ދަންނަ މީހުން އަންނަނީ މިސްކިތު ފަންޑަށް ފައިސާ ޖަމާކުރަމުންނެވެ. ގޯފަންޑްމީގެ ޕޭޖު މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް މި ޕްރޮޖެކްޓަށް އެހީތެރިވެވިދާނެ އެވެ. އެންމެންގެ އެހީތެރިކަމާ އެކު މި މަސައްކަތަށް ފައިސާ އެއްކޮށް ޕްރޮޖެކްޓް ނިންމާލުމަކީ ނަބީލާގެ މިހާރުގެ އެންމެ ބޮޑު އުއްމީދެވެ. 

"މިއީ މާތް ﷲ އަހަރެންގެ ތަގްދީރު ލިޔުއްވާފައިވާ ގޮތް. އަހަރެން އިރާދަ ކުރެއްވިއްޔާ މިކަން ކުރާނަން،" ނަބީލާ ބުންޏެވެ.

ކޮމެންޓް (4)

އަލީމްގެ ރައްޓެއްސެއް

24 މޭ 2022
ރޮވިއްޖެ. އަލީމަކީ ހިތްހެޔޮ ދީނަށް ލޯބިކުރި މީހެކެވެ. އަލީމަށް ސުވަރުގެ މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި. ބައްޕަ އެދޭފަދަ ރަނގަޅު ކުދިންކަމުގައި އާލަ އަދި އައިލީ ވާނެކަމަށް ޔަގީން ކުރަމެވެ.
10 0

ޕޮލިސް

23 މޭ 2022
މާﷲ އަލީމް ސަރ އަށް ސުވަރުގޭގެ މާތް ނިއުމަތް ދެއްވާށި.. އާއިލާއަށް ކެތްތެރިކަން ދެއްވާ އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން
11 0

މުހައްމަދު

23 މޭ 2022
އިންނާﷲ ވައިންނާ އިލައިހި ރާޖިއޫން. ނަބީލާއަށާއި 2 ކުދިންނާއި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އަލީމް އަށް ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާށި . އާމީން
9 1

ހުވަދު އަތޮޅު ކުއްޖެއް

23 މޭ 2022
ރޮވިއްޖެ.. މާﷲ އަލީމްއަށް ސުވަރުގޭގެ މާތް ނިއުމަތް ދެއްވާށި.. އާއިލާއަށް ކެތްތެރިކަން ދެއްވާ އުފާފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށި…
29 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް