ޕްރައިމަރީއަށް ފަހު އިންތިހާބީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ވަހީދު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ނަތީޖާ ޝީޓުގައި ވޯޓު އިތުރު ކަމަށް ދައްކަނީ އަންދާޒާ އަދަދެއް ޖެހުމުން: އެމްޑީޕީ

ދެން އަންނަ އިންތިހާބުތަކުގައި ރީ-ރަޖިސްޓްރޭޝަންގެ އިންތިޒާމް ހަމަޖައްސަން ހުށަހަޅާނެ ކަމަށް ޕްރައިމަރީ އިންތިޒާމް ކުރާ ކޮމިޓީ ބުނޭ

އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ބައެއް ނަތީޖާ ޝީޓްތަކުގައި އިތުރަށް ވޯޓުލާފައިވާ ކަމަށް ދައްކަނީ، ވޯޓު ހައްގުވާ މީހުންގެ ގޮތުގައި އަންދާޒާ އަދަދެއް ޖަހާފައި އޮތުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މާލޭގައި ބެހެއްޓި ބައެއް ވޯޓުފޮށިތަކުގެ ނަތީޖާ ޝީޓްތަކުގައި ވޯޓު ހައްގުވާ މީހުންގެ އަދަދު ގޮތުގައި އެ ޝީޓުން ފެންނަ އަދަދަށް ވުރެ ގިނައިން އެ ފޮއްޓަށް ވޯޓުލާފައިވާ ކަމަށް ދައްކަ އެވެ. މި ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ދަނީ އެ ޝަކުވާ ކުރަމުންނެވެ.

މިއަދު އެމްޑީޕީ އޮފީހުގައި، ޕްރައިމަރީ އިންތިޒާމްކުރި ކޮމިޓީން ވަނީ އެކަން ވީ ގޮތް ސާފުކޮށްދީފަ އެވެ.

ތަފްސީލު - އެ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާ މީހާ ރީ-ރަޖިސްޓްރީ ނުވަތަ ވޯޓުލާ ދުވަހު އެ މީހަކު ހުންނަ ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުން ނޯންނަ ކަމަށެވެ. އެހެންވެ، ވޯޓުލާ ދުވަހު އެ މީހަކު ހުންނާނެ ތަނެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ވޯޓުލުމުގެ ހައްގު ލިބިގެންވާ ގާތްގަނޑަކަށް 57،000 މެންބަރުންގެ ތެރެއިން 7،000 މީހުން ނިސްބަތްވަނީ މާލެ އަށެވެ. ބާކީ ތިބި 50،000 އެއްހާ މީހުންނަކީ ރަށްރަށުގެ މީހުން ކަމަށެވެ. 

ބުނީ ކީކޭ؟ - ރީ-ރަޖިސްޓްރޭޝަންގެ އިންތިޒާމެއް ނެތުމުން ރަށްރަށުގެ މީހުންނަށް އެ މީހުންގެ ރަށުގަ އާއި މާލޭގައި ވެސް ވޯޓު ލެވޭ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ، ކިތައް ބޭފުޅުން ކަމެއް ރަށުގައި ހުރީ [އަދި] ކިތައް ބޭފުޅުން ކަމެއް މާލޭގައި ހުރީ. މީގެ ކުރީގައި ހަދާ ގޮތަކީ، ބޭނުން ވަރަކަށް ކަރުދާސް ޗާޕް ކުރަނީ. ރަށަށް ވެސް، މާލެއަށް ވެސް ބެހެއްޓެނީ އެންމެންނަށް [ ވޯޓު] ލެވޭ ވަރަށް،" އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

"ނަމަވެސް، އަޅުގަނޑުމެންނަށް ވިސްނުނީ، އެއީ އެންމެ ރަނގަޅު ގޮތެއް ނޫނޭ، ވޯޓު ކަރުދާހަކީ މެންބަރުންގެ އަދަދަށް ވުރެ އިތުރަށް ޕްރިންޓް ކުރެވޭ އެއްޗެއް ނޫނޭ."

ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ވަހީދު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މިފަހަރުގެ އިންތިހާބަށް ޗާޕުކޮށްފައިވަނީ، އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި، ސިދާ މެންބަރުންގެ އަދަދަށެވެ. އަދި ހާއްސަ "ފޯމިލާއަކުން" މާލޭގައި ވޯޓުލާ ރަށްރަށުގެ މީހުންގެ އަދަދުގެ އަންދާޒާއެއް ހެދި ކަމަަށް އޭނާ ވިދާޅުވި އެވެ.

އެ ފޯމިލާއަކީ، އޭނާ ވިދާޅުވި ގޮތުގައި:

  • އެންމެ ފަހުން މިިދޔަ އަހަރުގެ މެއި މަހު ބޭއްވި ޗެއާޕާސަންގެ އިންތިހާބުގައި ރަށްރަށަށް ވޯޓުލީ މީހުންނާއި މާލެއަށް ވޯޓުލީ މީހުން ބެލުން

  • އެންމެ ފަހުން ރަސްމީ އިންތިހާބަކަށް 2021ގައި ބޭއްވި ކައުންސިލް އިންތިހާބުގައި ޕާޓީގެ މެންބަރުން ރީ-ރަޖިސްޓްރީވެފައިވާ ގޮތް ބެލުން

"އެ އަދަދުތައް ބަލައިގެން އަންދާޒާކުރީ، މާލެއަށް ވޯޓުލާ މީހުންގެ އަދަދު،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

މާލޭގައި ބެހެއްޓި ރަށްރަށުގެ ފޮށިތަކުގެ ނަތީޖާ ޝީޓްގައި ވޯޓު ހައްގުވާ މީހުންގެ ގޮތުގައި ވަކި އަދަދެއް އޮތް ނަމަވެސް، އެއިން ކޮންމެ ފޮއްޓެއްގައި އެ ރަށަކަށް ނިސްބަތްވާ ނުވަތަ އެ ދާއިރާއަށް ނިސްތްވާ މީހުން ހިމެނޭ ހުރިހާ މެންބަރުންގެ ލިސްޓެއް އެ ފޮއްޓެއްގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ ޖެހުނު ވޯޓު ފޮށީގައި އޮތް ވޯޓާސް ލިސްޓެއް އިބްރާހިމް ވަހީދު ދައްކަނީ. (ދައުރު ފޮޓޯ)

މިސާލެއްގެ ގޮތުގައި އިބްރާހިމް ވަހީދު ދެއްކެވީ:

  • 117 މީހުންނަށް ވޯޓު ހައްގުވާ ކަަމަށް ނަތީޖާ ޝީޓުން ދެއްކި އިރު، 200 އެއްހާ މީހުންނަށް އެ ފޮއްޓަށް ވޯޓުލީ

  • އެ ފޮށީގައި 847 މީހުންގެ ނަން އޮތް މެންބަރުންގެ ލިސްޓެއް އޮންނާނެ؛ އެއީ ރަށުގައި ތިބި މީހުން ވެސް ހިމަނައިގެން

"މާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫންތޯ 117 މީހުން ވޯޓުލުން ހައްގުވާ ފޮއްޓެއްގައި 847 މީހުންގެ ލިސްޓެއް އޮތުން. މި ބުނާ ވާހަކީ، އަޅުގަނޑުމެންނަކަށް ނޭނގެއޭ 847 މީހުންގެ ތެރެއިން މާލެއަށް ވޯޓުލާނީ ކިތައް މީހުން ކަމެއް. އަޅުގަނޑުމެން ކުރީ އަންދާޒާއެއް. އެއީ 117 މީހުން ވޯޓުލާނެ ކަމަށް،" އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

"އެހެންވީމަ މިއީ އެއްވެސް ހާލެއްގައި ޑަބަލް ވޯޓިންއެއް ނޫން. ރަށްރަށުގެ މީހުންގެ ތެރެއިން މާލެއައް ވޯޓުލާ މީހުން ގިނަވީ. ގިނަވީމަ އޭގެ މާނައަކީ ރަށަށް ވޯޓުލީ މީހުން މަދުވާނެ."

އިބްރާހިމް ވަހީދު ވިދާޅުވީ:

  • މި މައްސަލައަށް ހައްލެއް އަންނާނީ ރީ-ރަޖިސްޓްރޭޝަންގެ އިންތިޒާމެއް ހަމަޖައްސައިގެން

  • ރަށްރަށުގައި ދިރިއުޅޭ މާލޭ މީހުންނަށް ވެސް އެ މީހަކު ހުރި ރަށެެއްގައި ވޯޓުލުމުގެ ފުރުސަތު އޮންނާން ވާނެ

  • ދެން އޮންނަ އިންތިހާބުތަކުގައި ރީ-ރަޖިސްޓްރޭޝަން އިންތިޒާމެއް ހަމަޖައްސަން ހުށަހާޅާނަން

ކޮމެންޓް (2)

ނަސްރު

29 ޖެނުއަރީ 2023
ތިވިދާލުވަނީ ކޮންމެ މީހަކަށް ވެސް 2 ވޯޓް ވެސް ލެވިދާނެތޯއެވެ. މިސާލަކަށް މާފުށީގައި އަޅުގަނޑު ވޯޓްލާފައި މެންދުރު ލޯންޗުން އައިސް މާލެ ފޮޓަށް ވެސް ވޯޓް ލެވިދާނެތޯއެވެ.
1 1

ރެއްކަބޭ

29 ޖެނުއަރީ 2023
ވީގޮތް ކިޔާދޭއިރު ޕާޓީން ކަނޑާލި މެންބަރުންގެ ވާހަކަވެސް ކިޔާދޭންޖެހޭނެ. ވޯޓުލުމުގެ ހައްގު ނިގުޅައިގެންފައިވާ އިންތިހާބެއް ބަލައެއްނުގަނެވޭނެ.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް