ނާދިއާ ލަވީނާ، އޭނާގެ ފިރިމީހާ ހަމްދޫންއާ އެކު ހިންގާ ހައުސް އޮފް މާކާނާއާ ގުޅޭ ގޮތުން 'ދައުރު' އަށް އިންޓަވިއު ދެނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ހައުސް އޮފް މާކަނާ: ދިވެހިން މާޒީއާ ގުޅުވާލަދޭ ހިތްގައިމުކަމެއް

ހުޅުމާލޭގައި އަލަށް ހުޅުވާފައިވާ ފިހާރައިން ކިޔައިދެނީ ފަރުނީޗަރަކީ މާނައެއް އޮންނަ އެއްޗެއްކަން
26 ޖެނުއަރީ 2023

މުހިންމު ނުކުތާތައް

މިއީ މޮރޯކޯ އަށް ނިސްބަތްވާ ނާދިއާ އާއި އޭނާގެ ފިރިމީހާ ހަމްދޫންގެ ވިޔަފާރިއެއް

އިންޑޮނީޝިއާގައި ހަދައިގެން ގެންނަ މި ފަރުނީޗަރު އުފެއްދުމުގެ މަސައްކަތްކުރާ މީހުންގެ %80 އަކީ އަންހެނުން

މިއީ ތިމާވެއްޓާ ރައްޓެހި އަދި ގިނަ ދުވަހަށް ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ފަރުނީޗަރު

ނާދިއާ ލަވީނާ ބުނާ ގޮތުގައި މޮރޮކޯ މީހަކަސް އޭނާ އަކީ ދިވެއްސެކެވެ. ރާއްޖޭގެ އުތުރާއި ދެކުނަށް އޭނާ ދަތުރު ކުރެ އެވެ. އޭނާގެ ގައިގައި ހުރި ހުނަރެއްވެއްޖެއްޔާ އެ ހުނަރެއް ބޭނުންކޮށްގެން ރާއްޖޭގައި މަސައްކަތް ކުރެ އެވެ. މިހާރު މަގުބޫލުކަން ހޯދާފައިވާ  'މެޖޯއި ބިއުޓީ' އިން މޮރޮކޯގެ އޯގަނިކް އުފެއްދުންތަކުން ތައްޔާރު ކުރާ ސްކިންކެއާ ބާވަތްތައް ވިއްކާ އަދި ޓްރީޓްމަންޓްތައް ދެނީ އޭނާ އެވެ. އެ ބާވަތްތައް ތައްޔާރުކުރާނެ ގޮތުގެ ކޯސްތައް ސ. މީދޫގައި އޭނާ ހިންގާފައިވެ އެވެ.

ނާދިއާ މީގެ 10 އަހަރު ކުރިން އުފަން ގައުމު ދޫކޮށް ރާއްޖެއަށް އަށް ހިޖުރަކުރީ ރިސޯޓެއްގެ ވަޒީފާއަށެވެ. ރާއްޖެ އައިސް އުޅުމުގެ ތެރޭގައި މުހައްމަދު ހަމްދޫންއާ ބައްދަލުވެ، ދެ މީހުން ކައިވެނި ކުރި އެވެ. އަދި ދެމަފިރިންގެ ދިރިއުޅުން ބިނާކުރީ ރާއްޖޭގަ އެވެ.

އުތުރާއި ދެކުނު ރަށްރަށަށް ގޮސް ހޭދަކުރި ވަގުތުތަކުގައި، ދިވެހިންގެ ސާދާ ދިރިއުޅުމުގެ ވައްޓަފާޅި ނާދިޔާގެ ލޮލުގައި އަޅައިގަތެވެ. ގޭތެރޭގައި ހުންނަ ފަރުނީޗަރުގެ ތެރެއިން ވަކި ކަހަލަ ގޮނޑިތަކާއި މޭޒުތަކަކީ ބައެއް ގޭގޭގައި ހުންނަތާ އެތައް ޒަމާނެއްވީ އެއްޗެއްސެވެ. މޮޅު ލަކުޑި އާއި ހައިވަކަރުން ހަދާފައިވާ މި ފަރުނީޗަރަކީ އެއް ޖީލުން އަނެއް ޖީލާ ހިސާބަށް އައިސްފައިވާ ތަކެތިކަން އޭނާ އަށް ފާހަގަވި އެވެ.

މިކަމަށް ޝައުގުވެރިވި ނާދިއާ އާއި ހަމްދޫން، ރާއްޖެއިން ބޭރަށް ދަތުރުކުރާ އިރު އާކިޓެކްޗާގެ ގޮތުން ތަފާތު ތަންތަނަށް އަދި ރީތި އިންޓީރިއާ ޑިޒައިންތަކަށް ލޯބިކުރެ އެވެ. އެހެންކަމުން ދިވެހި ގަދީމީ ސްޓައިލާއި ޒަމާނީ ސްޓައިލްގެ ފަރުނީޗަރު އުފައްދައި ވިއްކުމުގެ ހިޔާލު އުފެދުނެވެ. ދެ އަހަރުގެ ބުރަ މަސައްކަތަށް ފަހު މި ފޮނި ހުވަފެން ދެމަފިރިން މިހާރު ވަނީ ހަގީގަތަކަށް ހަދައިފަ އެވެ.

ހަމްދޫން އާއި ނާދިއާގެ ހައުސް އޮފް މާކަނާގެ އިންސްޕިރޭޝަން އަކީ އެމީހުން އެކި ތަންތަނަށް ކުރާ ދަތުރުތައް

ނާދިއާ އާއި ހަމްދޫން ހުޅުމާލޭގައި 'ހައުސް އޮފް މާކަނާ'ގެ ނަމުގައި މި މަހު ހުޅުވި ފިހާރައިގެ ފަރުނީޗަރާއި މާހައުލު ވެސް ހިތްގައިމެވެ. ނާދިއާ ބުނިގޮތުގައި ހައުސް އޮފް މާކަނާ އުފެއްދީ 'ބޯހޯ' އަދި 'ޖަޕެންޑީ' ސްޓައިލްގެ ތަކެތި ރާއްޖެއިން ނުލިބޭތީ އާއި، ފަރުނީޗަރުގެ ޓްރެންޑްތަައް ހުންނަ އިރު، ދުނިޔޭގެ ފެންވަރުގެ ޑިޒައިނަރުންގެ ހާއްސަ ޑިޒައިންތައް ދިވެހިންނަށް ފޯރުކޮށްދިނުމަށެވެ.

ދެމަފިރިންގެ ފަރުނީޗަރު ފިހާރައިގެ ނަން މާކަަނާ އަށް ނިސްބަތް ކުރި ސަބަބު ކިޔައިދެމުން ނާދިއާ ބުނިގޮތުގައި ރިސޯޓް މާހައުލުގައި އުޅޭއިރު، މާކަނާ އަބަދުވެސް ފެންނަނީ ދުރުން އުދުހިފައި އައިސް ރީތި ތަނެއްގައި ޖައްސާލަނިކޮށެވެ. 

"ރަސްގެފާނެއް ފަދަ މި ދޫނި އެންމެން ވެސް ބަލައިގަނޭ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް މާކަނާ ކަމުދޭ. އާއްމުކޮށް ރިސޯޓްތަކުން ފެންނައިރު މާކަނާ އައިސް ޖައްސާލަނީ ބެލްކަންޏެއްގައި ނުވަތަ ޑެކެއް މަތީ. ރީތި ކޮންމެވެސް ތަނެއް ހިޔާރުކޮށް އެ ތަނެއްގައި ޖައްސާލަނީ. އެހެންވެ ގަބޫލު ކުރެވެނީ މާކަނާ އަކީ ސްޓައިލްގެ ސިމްބަލްއެއްގެ ގޮތުގައި،" އޭނާ ބުންޏެވެ.

ހައުސް އޮފް މާކަނާގެ ޝޯރޫމް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އިހުގައި ރާއްޖޭގެ ގޭގޭގައި ހުންނަ ފަރުނީޗަރުގެ ޑިޒައިންތަކަށް ޒަމާނީ ރަހަ ގެނެސްގެން ފަރުނީޗަރު އުފައްދަނީ އިންޑޮނީޝިއާ އިންނެވެ. ނާދިއާ ބުނިގޮތުގައި އެއީ ދިވެހި ސިޓިންރޫމުތަކާއި ޓެރެސްތަކަށް ހާއްސަކޮށް އުފައްދައިގެން ގެންނަ އެއްޗެއްސެވެ.

ހައުސް އޮފް މާކަނާގެ ޝޯރޫމްގައި، ލޮލަށް އަރާމުވާ ގޮތަށް އަތުރާލާފައި ހުރީ ހަމައެކަނި ގޮނޑިއެއް ނޫނެވެ. މޭޒާއި ކޮފީ މޭޒާއި ލައިޓު، ވަށިގަނޑު އަދި ލަކުޑިން ހަދާފައިވާ ހިފާގެންގުޅޭ ސާމާނު ވެސް މެ އެވެ.

ބައެއް ގޮނޑިތައް ފެނުމުން މިއީ މާޒީގެ ކުޑަދޮރެއް ކަމުގައި ހީވެދާނެ އެވެ. އެއަށް ދިވެހި ނަަންތަކެއް ކިޔައި ދިވެހި ތާރީހާ ވަނީ ގުޅުވާލައިފަ އެވެ. 

ހައުސް އޮފް މާކަނާގެ ކެޓަލޮގް ދައްކާލާނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ތަފާތު ސްޓައިލެއް

ހައުސް އޮފް މާކަނާގެ ތަފާތު އެއް ކަމަކީ ފަރުނީޗަރުގެ ޑިޒައިން ކަމުގައިވާ އިރު ދިވެހި ދިރިއުޅުމާ މި ފަރުނީޗަރު ގުޅޭ ތާރީހެއް ވެސް ވެ އެވެ. މިގޮތުން ފާހަގަކޮށްލެވޭ ތިން ޑިޒައިނަކަށް އަލިއަޅުވާލާނަމެވެ.

ޖަވާހިރުލާލް ނެހެރޫގެ އިސްނެގުމެއްގެ ތެރެއިން 1950ގެ އަހަރުތަކުގައި އިންޑިއާ އަށް އަމިއްލަވަންތަ ޒަމާނީ ވައްޓަފާޅިއެއް ގެނައުމަށް ސްވިޓްޒަލޭންޑުގެ އާކިޓެކްޓެއް ކަމުގައިވާ ޕިއޭ ޖެނެރޭ ކުރި މަސައްކަތްތަކުގެ ތެރެއިން، ޗަންދިގާރްގައި ބޭނުންކުރުމަށް ޑިޒައިންކުރި ގޮނޑި ހާއްސަ އެވެ. ލަކުޑިން ޖަހައި، އިށީންނަ ބައި ވިޔެފައި ހުންނަ އެ ގޮނޑިއާ އެއް ފަރުމާއެއްގެ ގޮނޑި އިހުގެ ދިވެހި ގޭގޭގައި ބޭނުންކުރި އެވެ. ނާދިޔާ ބުނިގޮތުގައި އެފަދަ ގޮނޑި ރާއްޖެއަށް އައިސްފައިވަނީ އިންޑިއާ އިން ކަމަށް ބެލެވެ އެވެ.

ސ. ފޭދޫ ފަރިމާގޭގައި ހުރި ގޮނޑިއެއް: މި ގޮނޑިއަށް 60 އަަހަރު ވެފައިވާ ކަމަށް އެ ގޭ މިހުން ލަފާ ކުރޭ (ފޮޓޯ/އަނޫޝާ ނަސީރު)

ހައުސް އޮފް މާކަނާ އިން ނެރެފައިވާ ޗަންދިގާރް ކަލެކްޝަންގައި ހިމެނޭ 'ދޮންވެލި ޗެއާ' އަކީ މި ޑިޒައިނަށް އުފައްދާފައިވާ ގޮނޑި އެކެވެ. ވިންޓޭޖް ސްޓައިލެކެވެ.

ހައުސް އޮފް މާކަނާގެ 'ދޮންވެލި ޗެއާ': އިހު ޒަމާނުގައި މި ޒާތުގެ ގޮނޑިތައް ރާއްޖެއަށް އައިސްފައިވަނީ އިންޑިއާ އިން ކަމުގައި ބެލެވޭ

މި ކަލެކްޝަންގައި ދެން ހިމެނެނީ ހަމަ ޕިއޭ ޖެނެރޭގެ މަސައްކަތްތަކުން ހިތްވަރު ލިބިގެން ފަރުމާކޮށްފައިވާ 'ޖޯލި ޗެއާ' އެވެ. ދޮންވެލި ޗެއާ އާއި މި ގޮނޑީގެ ތަފާތަކީ ތިރިކޮށް ހުންނާ ކަމެވެ. ނާދިޔާ ބުނިގޮތުގައި މި ގޮނޑީގައި އިށީނުމުން ކުރެވޭނީ ޖޯއްޔެއްގައި ޖައްސާލުމެކޭ އެއްފަދަ އިހުސާސެކެވެ.

ހައުސް އޮފް މާކަނާގެ 'ސުލްތާން ޗެއާ' އަކީ ވެސް ތަފާތު ޑިޒައިނެކެވެ. އިހުގައި ރަދުން އިށީންނަ ގޮނޑިކޮޅު ގޮތަށް، ލެނގޭ ބައި އުސްކޮށް ހަދާފައިވާ މި ޑިޒައިނުން އިހުގެ ވައިބެއް ގެނެސްދެ އެެވެ. 

ކުރީގެ މި ސްޓައިލާ އެކު ޒަމާނީ ސްޓައިލްގެ ގޮނޑިތައް ވެސް ހައުސް އޮފް މާކަނާ އިން ވިއްކަ އެވެ.

އިހުގައި ރަދުން އިށީންނަ ގޮނޑިކޮޅު ގޮތަށް އުފައްދާފައިވާ 'ސުލްތާން ޗެއާ'

އިޓަލީގެ ލަގްޒަރީ ފަރުނީޗަރު ޑިޒައިނަރެއް ކަމުގައިވާ ޓިޓޯ އެގްނޯލީގެ ޑިޒައިނަކަށް ހަދާފައިވާ 'ޓިޓޯ އެގްނޯލީ ޗެއާ' އަކީ ތަފާތު ބައްޓަމަކަށް ރަޓާން އިން ހަދާފައިވާ ގޮނޑިއެކެވެ. މި ގޮނޑި ގޭގެ އެތެރޭގައި އަދި ބޭރުގައި ވެސް ބެހެއްޓިދާނެ އެވެ.

އިޓަލީގެ ފަރުނީޗަރު ޑިޒައިނަރެއްގެ ޑިޒައިނަށް އުފައްދާފައިވާ 'ޓިޓޯ އެގްނޯލީ' ޗެއާ

މީގެ އިތުރުން ވަރަށް ހާއްސަ ކޮފީ މޭޒެއް އެ ފިހަރާއިން އަޅައިގަތެވެ. އެއީ ޕެޓްރިފައިޑް ވުޑް އިން ތައްޔާރުކޮށްފައިވާ މޭޒެކެވެ. އަލިފާން ފަރުބަދައިން ފައިބާ އަޅި ބިމުގެ އަޑިއަށް ގޮސް، އެ އަޅީގެ ޗަކަހުގެ ތެރޭގައި ގަސްބުޑުތައް ހުންނަތާ 300-400 އަހަރު ފަހުން ހިލައަށް ބަދަލުވެ އެވެ. މިއީ މި ބާވަތުގެ ހިލަ ކަފައިގެން ހަދާފައިވާ ކޮފީ މޭޒެކެވެ.

"މޭޒު ފެނިފައި އޭގެ ރީތިކަމާއި ޑިޒައިން އަދި ގުދުރަތީ މާއްދާ ހިމެނޭތީ، އެއިން ލިބޭ ޕޮޒިޓިވް އެނާޖީގެ ސަބަބުން، މީހަކު ނުގަތަސް އަހަރެން އަމިއްލަ ގޭގައި ބަހައްޓަން ވެސް، މި މޭޒު ބޭނުންވީ،" ނާދިއާ ބުންޏެވެ.

ޕެޓްރިފައިޑް ވުޑް އިން ހަދާފައިވާ މޭޒެއް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ވިޔަފާރި ފަލްސަފާ ވެސް ތަފާތު

ހައުސް އޮފް މާކަނާގެ އުފެއްދުންތަކާ މެދު ނާދިއާ ހުރީ ފަހުރުވެރިވެފަ އެވެ. އޭގެ ފަހަތުގައި ބައިވަރު ސަބަބުތައް ވެ އެވެ. ދުނިޔޭގެ ފެންވަރުގެ ޑިޒައިންތަކުގެ ގޮނޑި އާއި އުފެއްދުންތައް ފިހާރައިގައި އެބަހުއްޓެވެ. އެ ފަރުނީޗަރު އުފައްދާފައިވަނީ ފެންވަރު ރަނގަޅަށް އަދި ތިމާވައްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތުގަ އެވެ.

ޓީކްވުޑް އަކީ ފަނިފަކުސާ ނާޅާ، ގިނަ ދުވަހަށް ދެމިގެންދާ، ފެނުގެ އަސަރު ނުކުރާ ވަރުގަދަ ލަކުޑި އެކެވެ. ފަރުނީޗަރު އުފެއްދުމަށް ދެން ބޭނުންކޮށްފައިވާ ރަޓާން އަކީ ދެކުނު އިރުމަތީ އޭޝިއާގެ ޖަންގަލިތަކުގައި ރުއްތަކުގެ ފަންތަކާއި ގޮފިތަކުގެ މައްޗަށް އަރާ ވެލަކުން ނަގާ އެއްޗެކެވެ. އޮނާ ގާތްކުރާ މި ބާވަތް ރާއްޖޭގެ ރިސޯޓްތަކުން ކުރިން އާއްމުކޮށް ފެނެ އެވެ. މި ފަރުނީޗަރުން އިހުގެ ދިވެހިވަންތަ ގޮތެއް ސިފަވެ އެވެ. ނާދިޔާ ބުނީ ހައުސް އޮފް މާކަނާގެ ފަރުނީޗަރު ގޭގައި ހުންނަ ނަމަ ގެއަށް އެ ގެނެވެނީ "ރިސޯޓް ވައިބެއް" ކަމަށެވެ.

ހައުސް އޮފް މާކަނާއިން ވިއްކާ ފަރުނީޗަރު ހަދަނީ އިންޑޮނީޝިއާގެ އެކި ސަރަހައްދުތަކުގަ އެވެ. އެ ތަކެތި އުފައްދަން މަސައްކަތް ކުރާ މީހުންގެ ތެރެއިން %80 އަކީ އަންހެނުންނެވެ. ކޮންމެ އެއްޗެއް ވެސް ތައްޔާރުކުރަނީ ވަގުތު ނަގައިގެން، ފަރުވާތެރިކަމާ އެކުގަ އެވެ.

ހައުސް އޮފް މާކަނާގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތް ކުރާ މީހުންގެ %80 އަކީ އަންހެނުން (ފޮޓޯ/ހައުސް އޮފް މާކަނާ ވެބްސައިޓް)

ހައުސް އޮފް މާކަނާގެ އުފެއްދުންތަކަކީ އެއްވެސް ވަރަކަށް ޕްލާސްޓިކް އެކުލެވިގެންނުވާ އެއްޗެއްސެވެ. ބަދިގޭގެ ހިފާ ގެންގުޅޭ ސާމާނުގައި ވެސް އެއްވެސް ކަހަލަ ވަރުނީހެއް އަދި ކުލައެއް ނެތެވެ. ލަކުޑި އޭގެ ގުދުރަތީ ގޮތުގަ އެވެ.

ނާދިއާ ބުނިގޮތުގައި ފަހުގެ ސްޓައިލްތަކާއި އިންސްޓަގްރާމް އިންފުލުއެންސަރުން އަދި ސެލެބިރިޓީންގެ ގޭގޭގައި ހުންނަ ކަހަލަ ފަރުނީޗަރު، ދިވެހިންނަށް ގަނެވޭ އެކަށީގެންވާ އަގެއްގައި މާކެޓަށް ނެރެދެވުމަކީ ފަހުރެކެވެ.

ފަރުނީޗަރުން ދިރިއުޅުމަށް މާނައެއް

ގެއަކީ މުޅި ދުވަހު ބޭރުގައި އުޅެފައި އަންނަ އިރު ބޮޑު ހިތްހަމަޖެހުމެއް އެމީހަކަށް ލިބެންވާނެ ތަނެއް ކަމަށް ނާދިއާ ދެކެ އެވެ. ހައުސް އޮފް މާކަނާގެ އުފެއްދުންތަކަކީ ކުދި ތަންތަނަށާއި ގޭތެރޭގައި އަދި ގޯތި ތެރޭގައި ގިނަ ދުވަހު ބޭނުން ކުރެވޭ ގޮތަށް އުފައްދާފައިވާ އެއްޗެއްސެވެ.

އަހަރެމެންގެ ދިރިއުޅުން މިހާރު މި އޮތީ ކުރިއާ އަޅާބަލާ އިރު ވަރަށް ބޮޑަށް ބަަދަލުވެފަ އެވެ. އެއް އަހަރު ގެއަށް ހޯދާ ތަކެއްޗަކީ މާ ބޮޑު މާނައެއް އޭގައި އެކުލެވޭ އެއްޗަކަށް ނުވެ އެވެ. ގަނެފައި އަނެއް އަހަރު އެއްލާލާފައި ރޯދަ އަށް އަނެއްކާވެސް އާ އެއްޗެއް ހޯދަނީ އެވެ.

"ފަރުނީޗަރު ގަންނަ އިރު އެއީ އަތުން ހަދާފައި ހުރި އެއްޗެއްކަން، އޭގައި ބޭނުންކޮށްފައި ހުރި ލަކުޑި އަކީ ކޮން ވައްތަރެއްގެ އެެއްޗެއްކަން އެނގޭ ނަމަ އެއަށް އޮންނަ ލޯބި ބޮޑުވޭ. ބޭނުންނުވީމާ އެއްލާލާކަށް ނުވިސްނާނެ. މީހަކަށް ދޭނީ، ނޫނީ ވިއްކާލާނީ. މި ގޮތް ތިމާވެއްޓަށް ވެސް ރަނގަޅު،" އޭނާ ބުންޏެވެ.

ހައުސް އޮފް މާކަނާގެ ކާ މޭޒެއް: މިނިމަލް ނެޗުރަލް ލުކެއް  (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ނާދިއާ ބުނީ އިހުގެ ގޭގޭގައި ފަރުނީޗަރު އެތައް ޒަމާނެއް ވަންދެން ލޯތްބާ އެކު ގެންގުޅުނީ އޭގައި މާނައެއް އެކުލެވޭތީ ކަމަށެވެ. ވަކި މީހެއްގެ ހާއްސަ ހަނދާންތަކެއް އާކޮށްދޭ ގޮނޑިއަކަށް ވެދާނެ އެވެ. އެ ގުޅުން މަތިން ތާ އަބަދަށް ހަނދާން ހުންނަން ބޭނުންވެ އެވެ.

"ޒުވާން ޖީލު މިހާރު މި އޮތީ އިހުގައި ދިވެހިން ދިރިއުޅެމުން އައި ގޮތާ ވަރަށް ބޮޑަށް ދުރުވެފައި. އެކަމަކު އެގޮތަށް އަލުން އެނބުރި ރުޖޫއަވާން ބޭނުންވޭ. އެމީހުންގެ ރޫޓްސްއާ ކަނެކްޓްވާން ބޭނުންވޭ. މިސާލަކަށް ޒުވާނުންނަށް ޕިއޭ ޖެނެރޭ ފަދަ ޑިޒައިނަރުންގެ ފަރުނީޗަރު ކަމުދަނީ އެމީހުންނަށް އެއިން ގެންނަނީ ކާފަ/މާމަގެ ހަނދާންތައް. އެ ހަނދާންތައް، އެ ގުޅުންތައް މުހިއްމުވޭ،" އޭނާ ބުންޏެވެ.

ހައުސް އޮފް މާކަނާ އިން ވިއްކާ ބައެއް ތަކެތި އެ ފިހާރައިގައި. ލަކުޑިން ތައްޔާރުކޮށްފައިވާ ހިފާގެންގުޅޭ ބައެއް ސާމާނުގައި އެއްވެސް ވަރުނީހެއް، އިތުރު ކުލައެއް ނެތް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ހައުސް އޮފް މާކަނާ އިން ވިއްކާ ގޮނޑިއެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ނާދިއާ ބުނިގޮތުގައި މި މަސައްކަތް ފެށި އިރު އޭނާ އަށާއި ހަމްދޫން އަށް ގޮންޖެހުމަކަށްވި އެވެ. ތަފާތު ސަޕްލަޔަރުން ހޯދަން ބޮޑު މަސައްކަތެއް ކުރަން ޖެހުނެވެ. ނަމަވެސް އެކަން ކާމިޔާބުކޮށް، އިންޑޮނީޝިއާގެ އެކި ހިސާބުތަކުގައި މިހާރު 20 ސަޕްލަޔަރުން އެބަ ތިއްބެވެ. ބުރަ މަސައްކަތަކަށްވީ އުފެއްދުންތަކުގެ ކޮލިޓީ ޗެކް ކުރުމާއި އުފައްދާ ހާއްސަ ސަރަހައްދުތަކަށް ގޮސް، ބޭނުންވާ ތަކެތި ހޯދުން ކަމުގައި އޭނާ ބުންޏެވެ.

ނާދިއާގެ އުއްމީދަކީ ރޯދަ މަހުގެ ނިޔަލަށް ހައުސް އޮފް މާކަނާ ބްރޭންޑްގެ ސޯފާ ސެޓްތަކާއި އިތުރު އުފެއްދުންތައް ގެނައުމެވެ.

ހައުސް އޮފް މާކަނާގެ ޑައިނިން ޓޭބަލް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ހައުސް އޮފް މާކަނާ އިން ވިއްކާ ގޮނޑިއެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ނާދިއާ ބުނީ ރާއްޖޭގައި މި މަސައްކަތް ކުރަން ބަލާ އިރު، ގޮންޖެހުން މާ ބޮޑު ކަމުގަ އެވެ. އެއީ ލަކުޑި ނެތުމާއި  އެކަށީގެންވާ ޖާގަ އަދި މިފަދަ މަސައްކަތް ދަންނަ މީހުން ނެތުމުންކަން އޭނާ ފާހަގަކުރި އެވެ.

އަމިއްލަ މަސައްކަތް 'މެޖޯއީ ބިއުޓީ' ހިިންގަމުން، ފިރިމީހާއާ އެކު މި މަސައްކަތް ކުރެވޭތީ ނާދިއާ ހުރި ހިތްހަމަޖެހިގެންނެވެ. އޭނާ ބުނިގޮތުގައި ހަމްދޫންއަކީ ޑިޒައިނާއި ސްޓައިލަށް އެންމެ ފަހު ބަސް ބުނާ މީހާ އެވެ. ހުރިހާ އެއްޗަކަށް ވަރަށް ތަފްސީލުކޮށް ބަލައި އެންމެ ފުރިހަމަވާނެ ގޮތް ބުނެދެ އެވެ.

ހައުސް އޮފް މާކަނާގެ ސޮފްޓް އޯޕަނިންގައި ވެސް ބައެއް ތަކެތި ވިކި ހުސްވެފައިވާކަން ނާދިއާ ފާހަގަ ކުރި އެވެ. އެ ޝޯ ރޫމްގެ ހިތްގައިމެވެ. މުޅި ދުވަސް އެތާ ހޭދަކޮށްލެވިދާނެ އެވެ. 

އިންސްޓަގްރާމަށް ފޮޓޯ ނަގަން އެ ޝޯރޫމަށް އެތައް ބަޔަކު މިހާރު ވެސް ޒިޔާރަތްކޮށްފިކަން ހިނިތުންވުމަކާ އެކު ނާދިއާ ފާހަގަކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް