ވީޑިއޯ: ޖެނީ ކީތުގެ 'ވޯޓާމާކް' މައުރަޒު

ކެނެޑާގެ ކޮންޓެމްޕޮރަރީ އާޓިސްޓުގެ މި މައުރަޒުގައި ހިމެނެނީ ރާއްޖެއިން ހިޔާލު ހޯދައިގެން އޭނާ ތައްޔާރުކުރި ކުރެހުންތައް
19 ޑިސެމްބަރު 2022

އާޓް ގެލެރީ މާލެގައި މި މަހު ކުރިއަށްދާ ކުރެހުމުގެ މައުރަޒުގައި ދައްކާލަނީ ކެނެޑާގެ ކޮންޓެމްޕޮރަރީ އާޓިސްޓު ޖެނީ ކީތުގެ ކުރެހުންތަކެކެވެ. 'ވޯޓާ މާކް' އަކީ ފުރަތަމަ ފަހަރަށް ރާއްޖެ އައި ޖެނީ ކީތުގެ މި ދަތުރުގައި ތައްޔާރު ކުރި ކުރެހުންތަކެއް ހިމެނޭ މައުރަޒެކެވެ.

ޔުނިވާސިޓީ އޮފް އެލްބާޓާއިން ބެޗެލާ އޮފް ފައިން އާޓްސް ޑިގްރީއެއް ހާސިލުކޮށްފައިވާ ޖެނީ އަކީ ކުރެހުމާއި ސްކަލްޕްޗާއަށް ހާއްސަ އާޓިސްޓެކެވެ. އޭނާގެ ކުރެހުންތަކުގައި އާއްމުކޮށް ބޭނުންކުރަނީ އެކްރިލިކް އާއި 'މިކްސްޑް މީޑިއާ' އެވެ. ޖެނީ ވަނީ ކެނެޑާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާގެ މަސައްކަތް ދައްކާލައިފަ އެވެ.

ރާއްޖެއަށް އޭނާ ފުރަތަމަ ފަހަރަށް ކުރި ދަތުރަކީ އާޓް ގެލެރީ މާލެ އާއި އެކު ކުރިއަށްގެންދިޔަ އާޓިސްޓު ރެސިޑެންސީ ޕްރޮގްރާމްގެ ދަށުން ކުރި ޒިޔާރަތެކެވެ. ރާއްޖެއިން ހިޔާލު ހޯދައިގެން 26 ދުވަހުގެ ތެރޭގައި އޭނާ ބޮޑު ނުވަ ކުރެހުމެއް ނިންމި އެވެ. ރާއްޖޭގެ ގުދުރަތީ މަންޒަރުތައް ދައްކައިދޭ މި ކުރެހުންތަކުން ފެންނަނީ ރަށުތެރެއިން އާއްމުކޮށް ފެންނަ ޖަނަވާރާއި ސޫތްޕެވެ. އެގޮތުން ކަނބިލި، ހުނބުޅު އަދި ވާ ފަދަ ޖަނަވާރު އޭނާ ކުރަހައިފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގައި އިރުއޮއްސޭ މަންޒަރު އަދި ވިލު ނޫ މޫދުގައި މީހަކު ފަތާ މަންޒަރު ވެސް ހިމެނެ އެވެ.

މި ކުރެހުންތަކުން ފެންނަނީ ޖެނީ ރާއްޖޭގައި ހުރި ދުވަސްތަކުގައި ފެނުނު މަންޒަރުތަކޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު މީގެ ކޮންމެ ކުރެހުމެއް ޖެނީ ދައްކައިދެނީ ވަރަށް ހިތްގައިމު މަޑު ކުލަތަކަކުންނެވެ. އިރުއޮއްސޭ މަންޒަރުން ފެށިގެން، ރަށުތެރޭގެ މަންޒަރުތައް ވެސް އޭނާ ހުށަހަޅައިދެނީ ވަރަށް ހުވަފެނީ ކުލަތަކަކުންނާއި ބައްޓަންތަކަކުންނެވެ. ޖެނީ ބުނިގޮތުގައި މި ކުރެހުންތައް ތައްޔާރުކުރަން ބޭނުންކުރި ކުލަތައް ހޯދީ ރާއްޖެ އައިހެވެ.

ޖެނީ ބުނިގޮތުގައި ދަތުރުކުރުމާއި ގުދުރަތީ މާހައުލާއި އާޓް އަކީ އޭނާ ވަރަށް ގަޔާވާ ކަންކަމެވެ. އަދި ރާއްޖެއިން އޭނާ ދުށް މަންޒަރުތައް ވަރަށް ހިތްގައިމު ކަމަށް ބުންޏެވެ. ރާއްޖޭގެ ތިމާވެށީގެ ރީތިކަމާއި ނާޒުކުކަން ފާހަގަވެ އެއިން ހިޔާލު ހޯދި އެވެ.

އާޓް ގެލެރީ މާލެގައި 'ވޯޓާމާކް' މައުރަޒު އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް