ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/ މަޖިލިސް)

ކޮވިޑް-19

ކޭސްތައް އިތުރުވިޔަސް ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް: ނަސީމް

އެއީ ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެތީ ކަމަށް މިނިސްޓަރު ވިދާޅުވި

ކޮވިޑް-19ގެ ކޭސްތައް އިތުރުވިޔަސް، ރާއްޖެ އަލުން ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއްޖޭގައި މިހާރު އަނެއްކާ ވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ލޮކްޑައުނަކަށް ގޮސްދާނެތޯ މިނިސްޓަރާ ސުވާލުކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ބުނީ ކީކޭ؟ - އެ ސުވާލަށް ޖަވާބުދެއްވަމުން ނަސީމް ވިދާޅުވީ ކޭސްތައް އިތުރު ވިޔަސް ލޮކްޑައުން ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެއީ ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ވެސް ނޫން ކުރާކަށް. ދިވެހިރާއްޖޭގެ އިގްތިސާދާއި މި ހުރިހާ ކަމެއް ރަނގަޅަށް ހިނގަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހުގައި. (ފޮޓޯ/ މަޖިލިސް)

އެނގުން މުހިއްމު - ކޮވިޑް މުޖުތަމައުގެ ތެރޭގައި އެންމެ ފުރަތަމަ ފެތުރުން ފެށުމުން، 2020ގައި ހަތަރު މަސްދުވަހަށް ރާއްޖެ ލޮކްޑައުން ކުރި އެވެ. އެއާ އެކު، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަން ހުއްޓި، ރާއްޖޭގެ އިގްތިސާދަށާއި އާންމުންގެ އާމްދަނީއަށް ވެސް ބޮޑެތި އަސަރުތަކެއް ކުރި އެވެ.

އޭގެ ފަހުން ސަރުކާރުން މަސައްކަތް ކުރީ ލޮކްޑައުން ނުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކޭސްތައް މަދުކުރުމަށެވެ. އަދި ކޭސްތައް މަދުވާ ކޮންމެ ފަހަރަކު އެ ފިޔަވަޅުތަކަށް ލުއި ދީފައިވެ އެވެ. އެގޮތުން:

  • ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި މިދިޔަ މާޗު މަހު ވަނީ ގާތްގަނޑަކަށް ހުރިހާ ފިޔަވަޅުތަކެއްހެން ދޫކޮށްލާފައި

  •  މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ވެސް ނިމުމަކަށް ގެނެސް، ޕީސީއާރު ހެދުމަށް ވެސް ލުއި ދިން

  • ނަމަވެސް، މިހާރު ކޭސްތައް އިތުރުވާތީ އަނެއްކާ ވެސް އަންނަނީ މީހުން ގިނަ ތަންތަނަށް ދާއިރު މާސްކް އެޅުމަށް އިރުޝާދު ދެމުން

ނަސީމް ވަނީ ރާއްޖެ ލޮކްޑައުން ނުކުރި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސް ކުރައްވާފަ އެވެ. އެގޮތުން، ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އަޅަން އޭނާ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

"ގިނަ ބަޔަކު ތިބޭ ތަނެއްގައި މާސްކު އެޅުމަކީ ހަމަ ރަނގަޅު ކަމެއް. އެހެންވެ އެ ކަންތައްތައް މަޖިލީހުގެ މެމްބަރުން ވެސް ހަމަ އަނެއް ގޮތަށް މި ދެންނެވި މީހުންނަށް މިސާލު ދެއްކުމަކީ ވަރަށް މުހިއްމު ކަމެއްހެން އަޅުގަނޑަށް ހީވަނީ،" ނަސީމް ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ކޮވިޑް އަނެއްކާ ވެސް ހަލުވިކަމާ އެކު ފެތުރެން ފަށާފައި ވާއިރު، މިދިޔަ ހަފުތާގައި ބަލި ޖެހުނު މީހުންނާއި ބަލި ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު ވަރަށް ބޮޑަށް މައްޗަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި މަހުގެ 19-26އަށް 1،202 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. އެގޮތުން:

  • މީގެ ހަފުތާއެއް ކުރިން އެ އަދަދު އުޅެނީ 405ގައި

  • މިއީ ދެ ގުނައަށް ބޮޑު އިތުރުވުމެއް

  • މިދިޔަ ހަފުތާގައި ބަލި ޖެހުނު މީހުންގެ އަދަދު 405އަށް އެރީ، އޭގެ ކުރީ ހަފުތާގައި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 142ގައި ހުރުމަށް ފަހު

އިތުރު އާޓިކަލް

އިތުރު އާޓިކަލް