ފައްޔާޒާއި އިމްތިޔާޒްގެ ބަހުސް: ތުހުމަތުތައް ކުރެއްވުމާއި ރައްދު ދެއްވުމުގައި

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާ ދެ ބޭފުޅުން ވެސް ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުތައް ކުރައްވާފައި

ޕްރެޒެންޓަރު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް މިހާރު ވާދަކުރައްވާ އިމްތިޔާޒް ފަހުމީ ފާހަގަ ކުރެއްވީ އިދިކޮޅު ކެންޑިޑޭޓު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކެވެ؛ އެކި މަޝްރޫއުތައް ހަވާލު ކުރުމުގައި ހަމަހަމަކަން ނެތުމެވެ. މިނިސްޓަރާ ގުޅުން ހުރި ކުންފުންޏެއްގެ މަނީ ލޯންޑަރިންގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ނުހިނގާ ކަމެވެ. އިންތިހާބުގެ ތެރޭގައި ޕާޓީގެ މެމްބަރުންނާ މެދު ބިރު ދެއްކުމެވެ. އަދި ފައްޔާޒުގެ އާއިލީ ކުންފުންޏަކަށް ބަދަލުގެ ގޮތުގައި ފައިސާ ދިން ވާހަކަ އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވުމަށް، ފައްޔާޒަށް ދެއްވި އެއް މިނިޓްގެ ތެރޭގައި އޭނާ މައިގަނޑު ގޮތެއްގައި އެދިވަޑައިގެންނެވީ އެންމެ ކަމަކަށެވެ؛ އެ ތުހުމަތުތައް ބަލައި، ފިޔަވަޅު އެޅުމަށެވެ. ތުހުމަތުތައް ކުރާ ސަބަބާއި އޭގެ ތަފްސީލު ރައްޔިތުންނަށް ސާފުކޮށްދިނުމަށެވެ.

އެމްޑިޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒު އިސްމާއީލް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ޒިޔާރަތް ކުރައްވައި، ވާހަކަ ދައްކަވަނީ

"މިހާރު ލައްކަ ދުވަސްވެއްޖެ ތި ތުހުމަތުތައް ކުރާތާ. ތިބޭފުޅުންގެ މައްޗަށް މަޖުބޫރު ވާނެ މިހާރު މި މައްސަލަތައް ބަލަން. އަޅުގަނޑަށް ޖަވާބުދާރީވާން ފުރުސަތު ދޭން،" ފައްޔާޒު ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، ރާއްޖެ ޓީވީއިން މިރޭ ގެނެސްދިން، ދެ ކެންޑިޑޭޓުންގެ ފުރަތަމަ ބަހުސް ޖުމްލަކޮށް ދިޔައީ މިފަދަ ގޮތަކަށެވެ. ތުހުމަތުތަކާއި އެއަށް ރައްދު ދެއްވުމެވެ. އެމްޑީޕީގެ ވައުދުތަކާ އެއްގޮަތަށް ސަރުކާރު ނުހިނގާ ކަމަށް އިމްތިޔާޒް ތުހުމަތު ކުރައްވާއިރު، ފައްޔާޒު ޝަކުވާ ކުރެއްވީ އެމްޑީޕީގެ އެހީތެރިކަން ސަރުކާރަށް ނެތުމެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީގައި، އާ މީހުންނަށް ފުރުސަތު ނެތް ކަމާއި އެ ފަދަ މީހުންނަކީ 'ބޯވާ' ނުވަތަ 'ކުނަމެހި'ންގެ ގޮތުގައި ބުނެ ފުރައްސާރަކޮށް ޕާޓީއިން ބޭރުކޮށްލަ އެވެ. އޭނާ ހުރީ އެ ސަގާފަތް ނިމުމަކަށް ގެންނަން ނިކުމެ އެވެ.

"އެންމެންނަށް ވެސް ފެންނާނެ އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގައި ޕާޓީގެ ރައީސް[ މުހައްމަދު ނަޝީދު]އަކީ އަސްލު ބްރޯއޭ ކިޔައިގެން ދެއްކި ހަރަކާތްތައް،" ފައްޔާޒުގެ ފުރައްސާރަ، ނަޝީދަށް އަމާޒުވިކަން ފާހަގަ ކުރައްވައި، އިމްތިޔާޒް ވިދާޅުވި އެވެ.

ފައްޔާޒުގެ ޝަކުވާ ކުރެއްވީ އެމްޑީޕީގެ ސަރުކާރެއް އޮތް އިރު ވެސް، ޕާޓީގެ މާބޮޑު އެހީތެރިކަމެއް ސަރުކާރަށް ނުލިބުމެވެ. ޕާޓީގެ ޖަގަހަތައް ވީރާނެ، މެމްބަރުން މާޔޫސްވުމެވެ. އެހެންވެ، އޭނާ ބޭނުންވެ ވަޑައިގެންނެވީ ޕާޓީ ހިންގާލާށެވެ.

އިމްތިޔާޒުގެ އަޒުމަކީ 'ތިލަފަތުގެ ރަމްޒު'އާ އެއްގޮތަށް ޕާޓީ ކުރިއަށް ގެންދިޔުމަށެވެ. ހަމަހަމަ ކަމާއި ނަޒާހަތްތެރިކަމާއެކު، ބިރު ދެއްކުމާއި އިންޒާރު ދިނުން ފަދަ ސިފަތައް އެމްޑީޕީގެ ތެރެއަށް ނުގެނެއުމެވެ. 

"ތިލަފަތުގެ ރަމްޒަކީ ފިތުނަވެރި ވާހަކަތައް ދެއްކުމެއް ނޫން. އިންސާފުވެރިކަމާ އެކު މީހުންނާ ދޭތެރޭ ވާހަކަ ދެއްކުން،" އިމްތިޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވި އެވެ.

'ދައުރު'ގެ '7 ސުވާލު' ޝޯ އަށް މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އިންޓަވިއު ދެއްވަނީ.

2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ގޮންޖެހުންތައް

ބަހުސްގައި އެ ސުވާލު ކުރެއްވުމުން ދެ ބޭފުޅުން ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރުމުގައި ކުރިމަތިވެދާނެ ހުރަސްތައް ކިޔައިދެއްވާފަ އެވެ. އެގޮތުން އިމްތިޔާޒް ވިދާޅުވި ގޮތުގައި:

  • ގިނަ މެމްބަރުން ފާހަގަކުރީ އެ މީހުންގެ ބައިވެރިވުމާ ނުލައި ވެރިކަން ކުރުން

  • އެމްޑީޕީއިން ވީ ވައުދުތައް ސަރުކާރުން ނުފުއްދުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ ނުބެލި، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ވީ ވައުދު ނުފުއްދުން

  • 'ޑިވައިޑް އެންޑް ރޫލް' އިސްކޮށް، އޭގެ ބަދުނާމު އެމްޑީޕީގެ ބޮލުގައި އެޅުވުން

ފައްޔާޒު ފާހަގަ ކުރެއްވި މައްސަލަތަކުގެ ތެރޭގައި:

  • އެމްޑީޕީގެ ގިނަ މެމްބަރުންގެ ކަންބޮޑުވުމަކީ މެމްބަރުން ޕާޓީއިން ބޭރުކުރުން، ސަރުކާރަކާ ގުޅުމެއް ނެތުން

  • ކައުންސިލަރުންނާއި ޑަބްލިއުސީޑީ މެމްބަރުންނާ ގުޅުން ބަދަހިކޮށް، ކުރިއަށް ދާނެ ގޮތް ބުނެ ނުދިނުން

  • އެމްޑީޕީގެ ސަރުކާރެއް އޮވެމެ، އަބަދު ސަރުކާރު ބަދުނާމުކުރުމަށް މަސައްކަތް ކުރުން

  • ޕާޓީ ނުހިނގުން، ޖަގަހަތައް ނުހިނގުން، މައި އޮފީހަކާ ނުގުޅުން

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ އަވަހަށް ކުރަން ޖެހޭ ކަންކަން

އިމްތިޔާޒު ވިދާޅުވި ގޮތުގައި

  • ޕާޓީއާ މެދު ގެއްލެމުންދާ އިތުބާރު ހޯދަން ޖެހޭ

  • އެމްޑީޕީ އެކަތިގަނޑަކަށް ހެދުން. ކުރީގައި ޕާޓީގައި އޮތް ޖޯޝާއި ފޯރި ގެނައުން

  • އެމްޑީޕީގެ ވައުދުތައް ފުއްދުން

ފައްޔާޒު ވިދާޅުވީ:

  • ފިތުނަ ނައްތާލަން ޖެހޭ ކަމަށް. އޭގެ ތެރޭގައި ހުރިހާ ބާވަތެއްގެ ފިތުނަ އާއި ފަސާދަ ހިމެނޭ ކަމަށް ވިދާޅުވި

"އަޅުގަނޑު އިތުރަކަށް މިވާހަކަ ދައްކާކަށް ނެތިން. ކެމްޕެއިންގެ ތެރެއިން އެކަން ހިނގާފައި އޮތް މިންވަރު އާއްމު މެމްބަރުން ވަޒަންކޮށްލީމައި އެނގޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

ބަހުސްގައި ދެން ސުވާލު ކުރީ އާއެނކޭ ނުވަތަ ނޫނެކޭ ބުނެ ޖަވާބު ދިނުމަށެވެ. އެ ސުވާލުތަކަށް ދެ ކެންޑިޑޭޓުން ދެއްވި ޖަވާބުތަކަކީ:

  • އިންތިހާބުން ބަލިވެއްޖެ ނަމަ ޕާޓީގައި ދެމިހުންނަވާނަންތޯ ސުވާލު ކުރުމުން އިމްތިޔާޒު ވިދާޅުވީ، 'އިރާދަކުރެއްވިއްޔާ ބައްޔެއް ނުވާނެ' ކަމަށް. ފައްޔާޒު ވިދާޅުވީ 'ބަލިވިޔަސް ނުވިޔަސް ހުންނާނެ' ކަމަށް.

  • އިންތިހާބަށް ފަހު ޕާޓީގެ ތެރެއިން އިތުރު ޕާޓީއެއް އުފެދިދާނެތޯ ކުރި ސުވާލަށް ވެސް ދެބޭފުޅުން ވިދާޅުވީ ނޫނެކޭ 

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ އިތުރު ދައުރެއްގެ ޓިކެޓް ދިނުމަށް ތާއީދުތޯ ސުވާލު ކުރުމުން އިމްތިޔާޒް ވިދާޅުވީ އެކަން ނިންމާނީ ޕްރައިމަރީއަކުން ކަމަށް ފައްޔާޒު އެކަމަށް، 'ގަދަކޮށް ތާއީދު' ކުރެއްވި 

  • އެމްޑީޕީ އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް އިމްތިޔާޒް ގަބޫލު ކުރައްވާއިރު، ފައްޔާޒު ވިދާޅުވީ އެވަރަށް ޕާޓީއިން ތައްޔާރު ނުވާ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް