ރާއްޖޭގެ ފަރެއްގެ ދިރުންތައް: 2016 ގައި ދިމާވި ކޮރަލް ބްލީޗިން އިވެންޓަށް ފަހު ފަރުތަކުގެ ހާލަތު ރަނގަޅުވަމުން އަންނަކަމަށް ވަނީ ދައްކާފައި، (ފޮޓޯ/ ނޫރާއްޖެ)

ތިމާވެށި

ރާއްޖޭގެ ފަރުތަކުގެ ހާލަތު ރަނގަޅުވެ، ދިރޭ މުރަކަ އާލާވާން ފަށައިފި

ގާ ހުދުވުމުގެ މައްސަލަ 2016 ގައި ކުރިމަތިވެ ރާއްޖޭގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދިރޭ މުރަކަ ހުރި މިންވަރު ވަރަށް ބޮޑަށް ދަށަށް ދިޔަ
31 އޮކްޓޯބަރު 2021

ރާއްޖޭގެ ފަރުތަކުގައި ހުރި ދިރޭ މުރަކައިގެ ނިސްބަތް، 2016 ވަނަ އަހަރު ކުރިމަތިވި ގާހުދުވުމުގެ ހާދިސާގެ ކުރިން ހުރި މިންވަރަށް އިޔާދަވަމުން އަންނަކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށް، ނޫ ރާއްޖެއިން ނެރުނު އާ ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާ ހެދީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި، ވެއިޓް އިންސްޓިޓިއުޓް އަދި ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝެނޯގްރަފީ އަދި ޔުނިވަސިޓީ އޮފް ވެސްޓަން އޮސްޓްރޭލިޔާގެ ސައިންސްވެރިންނެވެ.

ވީ ކިހިނެއް؟ - ކަނޑުގެ ލޮނުގަނޑު މާ ބޮޑަށް ހޫނުވުމުގެ ސަބަބުން 2016 ގައި ކުރިމަތިވި ގާ ހުދުވުމުގެ މައްސަލައަށް ފަހު ރާއްޖޭގެ ފަރުތަކުގެ ދުޅަހެޔޮކަމާއި ދިރުން ހުރިވަރު ބެލުމަށް، ބަޔޮސްފިޔާ އެކްސްޕެޑިޝަނުގެ ވޮލަންޓިއަރުން ބައިވެރިވެގެން ދިރާސާއެއް ވަނީ ހަދައިފަ އެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި، ގާ ހުދުވުމުގެ ނުބައި އަސަރު ރާއްޖޭގެ ގިނަ ފަރުތަކަކަށް ވަރަށް ބޮޑަށް ކުރި އެވެ. އެގޮތުން ފަރުތަކުގެ ދިރޭ މުރަކައިގެ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ދިޔަ އެވެ.

ދިރާސާކުރި ފަރުތަކުގެ ތެރެއިން؛

  • އެތެރެ ފަރާތުގައި ދިރޭ މުރަކަ ހުރީ ހަމައެކަނި %7 

  • ބޭރު ފަރާތު ފަރުތަކުގައި ދިރޭ މުރަކަ ހުރީ %25 

ތަފްސީލް - އޭގެ ފަހުން ރާއްޖޭގެ މެރިން ސްޕެޝަލް ޕްލޭން ފަރުމާކުރުމުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު އެއްކުރަން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި، ވެއިޓް އިންސްޓިޓިއުޓް އަދި ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝެނޯގްރަފީ ގުޅިގެން ޖެނުއަރީ އާއި ފެބްރުއަރީ 2020 ގައި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ 15 އަތޮޅެއްގެ ބޭރު ފަރުތައް ހިމެނޭ ގޮތަށް 127 ސަރަހައްދެއް ބަލާފައިވެ އެވެ.

ރާއްޖޭގެ ފަރުތަކުގެ ހާލަތު ބެލުމަށް ކުރިއަށް ގެންދިޔަ ސާވޭގެ ބައިވެރިޔަކު (ފޮޓޯ/ ނޫރާއްޖެ)

އެ ސާވޭގެ ސަރަހައްދުތައް ގިންތިކުރީ އެ ސަރަހައްދަކާ އެންމެ ކައިރީގައިވާ ރަށް ބޭނުންކުރަމުން ދާ ގޮތުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ސާވޭކުރި ސަރަހައްދުތައް ބަހާލީ މީހުން ދިރިއުޅޭ ރަށްރަށާއި ފަޅުރަށްތަކާއި ރިސޯޓްތަކަށެވެ. އެ ސާވޭގައި އެއްކުރި މައުލޫމާތުގެ ތެރޭގައި ހިމެނެނީ؛

  • މަސްމަހާމެހީގެ އާބާދީ އާއި ޑައިވާސިޓީ އަދި ފަރުގެ ނިސްބަތުން އުޅޭ ދިރުންތަކުގެ މިންވަރު 

  • ފަރު މަތީގައި ނުވަތަ ފަރުގެ ބިންގަނޑުގައި އުޅޭ ދިރުންތަކުގެ ބާވަތްތައް 

  • ޅަ މުރަކައިގެ މިންވަރާއި ޑައިވާސިޓީ

  • އެކި ބާވަތްތަކުގެ މުރަކައިގެ ސަބަބުން ފަރުގައި އުފެދިފައިވާ ރާޅުކަން

  • ފަރުގައި ހިމެނޭ މައިކަށި ނެތް ދިރުންތަކުގެ (މެކްރޯ އިންވާޓެބްރޭޓް) އާބާދީގެ މިންވަރާއި ޑައިވާސިޓީ

ސާވޭގެ ހޯދުންތައް - ސާވޭގެ ރިޕޯޓުގައި ބުނީ ސާވޭކުރި ފަރުތަކުގައި؛

  • ކާނާގެ ގޮތުގައި އޮއިވަރާ އެކު ދަތުރުކުރާ ކުދި ސޫފި ކައި އުޅޭ ބާވަތުގެ މަހުގެ ޑެންސިޓީ މަތިވެފައިވާ ކަމަށް

  • ހުއި ނުވަތަ ފެހި ކައި އުޅޭ ބާވަތުގެ މަހުގެ ޑެންސިޓީ މެދު މިންވަރެއްގައި ހުރި ކަމަށް

  • އެހެނިހެން މަސްމަހާމެހި ޝިކާރަކޮށްގެން ކައި އުޅޭ ބާވަތްތަކުގެ މިޔަރު ފަދަ ބޮޑެތި ދިރުންތަކުގެ ޑެންސިޓީ ދަށް ކަމަށް

  • ފަރުތަކުގައި އުޅޭ މަހުގެ މިންވަރު، މީހުން އުޅޭ ރަށްރަށާއި، ރިސޯޓު އަދި ފަޅުރަށްރަށުގެ މެދުގައި މާ ބޮޑަށް ތަފާތު ކަމަކަށް ނުދައްކާ

ރާއްޖޭގެ ފަރުތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/ ނޫރާއްޖެ)
ރާއްޖޭގެ ފަރުތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/ ނޫރާއްޖެ)

އެ ރިޕޯޓުގައި ދެން ބުނީ ފަރުގައި ހިމެނޭ ދިރޭ މުރަކައިގެ ނިސްބަތް، 2016 އަހަރު ކުރިމަތިވި ގާ ހުދުވުމުގެ ހާދިސާގެ ކުރިން ހުރި މިންވަރަށް އިޔާދަވަމުން އަންނަކަމުގެ ނިޝާންތައް ފެނިފައިވާ ކަމަށެވެ. އެގޮތުން؛

  • އެވްރެޖުކޮށް ކޮރަލް ކަވާ ހުރީ %19.4 ގައި

  • އެއީ 2016 ވަނަ އަހަރުގެ ކުރީގެ ކޮރަލް ކަވާއާ އަޅާ ބަލާއިރު ގާތްގަނޑަކަށް ނިސްބަތުން ދެބައިކުޅަ އެއްބައި

ނަމަވެސް އޭރު ފަރުތަކުގައި މައިގަނޑު ގޮތެއްގައި ހުރިކަމަށް ފާހަގަކުރެވުނު މުރަކައިގެ ބާވަތްތައް ކަމަށްވާ ގޮފިގޮތްޕަށް ހެދިފައި ހުންނަ "އެކްރޮޕޯރާ" މުރަކައިގެ ބާވަތްތަކުގެ ބަދަލުގައި މިހާރު ގިނައީ ހިރީގެ ބާވަތްތައް ކަމަށް ވާ "ޕޮރައިޓީޒް" ކަމަށް ރިޕޯޓުގައި ބުންޏެވެ.

ފަރުގެ ހާލަތު ރަނގަޅުވުމުގެ ސަބަބެއް ކަމަށް ރިޕޯޓުގައި ބުނީ ސާވޭކުރި ސަރަހައްދުތަކުން ފާހަގަކުރެވުނު ޅަ މުރަކައިގެ މިންވަރު މަތިވުމެވެ. އެގޮތުން ސާވޭކުރި ސަރަހައްދުތަކުގައި އެވްރެޖްކޮށް އަކަމީޓަރަކަށް 14.3 ޅަ މުރަކަ ހުރި ކަމަށް ވަނީ ދައްކައިފަ އެވެ.

އޭގެ އިތުރުން ފަރުމަތީގައި ހުންނަ ހުއި އަދި ފެހި ކައިގެން އުޅޭ މަސްމަހާ މެހީގެ ސަބަބުން، ފަރުގައި ޖަހާ ފެހީގެ މިންވަރު ދަށްކޮށް ހިފެހެއްޓުމަކީ ވެސް ފަރުގެ ހާލަތު ރަނގަޅުވި އެއް ސަބަބު ކަމަށް ރިޕޯޓުން އެނގެ އެވެ.

ސާވޭކުރި ފަރަކާ އެންމެ ކައިރީގައި އޮންނަ ރަށެއް ބޭނުންކުރަމުން އަންނަ ގޮތުގެ ސަބަބުން ތިން ގިންތީގެ ފަރުގައި ވެސް، ފަރުމަތީގައި އުޅޭ ދިރުންތަކަށް އަދި ކޮންމެވެސް މިންވަރަކަށް އެ ސަރަހައްދުތަކުގައި އުޅޭ މައިކަށި ނެތް ދިރުންތަކުގެ އާބާދީއަށް ވެސް އަސަރުކުރާކަން ރިޕޯޓުގައި ފާހަގަކުރި އެވެ.

ނަމަވެސް ސާވޭކުރި ސަރަހައްދާ އެންމެ ކައިރީގައި އޮންނަ ރަށް ބޭނުންކުރާ ގޮތުގެ ސަބަބުން، އެ ސަރަހައްދުތަކުގައި އުޅޭ މަސްމަހާމެހީގެ އާބާދީއަށް މާ ބޮޑު އަސަރެއް ކޮށްފައެއް ނުވެ އެވެ.

"މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ޖުމްލަ ގޮތެއްގައި ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމުގެ ގާބިލުކަން މި ފަރުތަކުގައި ހުރި ނަމަވެސް، ވަކިވަކި ފަރުތަކަށް ސީދާ ގޮތެއްގައި ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެ ފަރެއްގެ ހާލަތު ރަނގަޅުވެ ކުރީގައި ހުރި ދިރުމަށް އިއާދަވާން ހުރަސްތައް ދިމާވުން އެކަށީގެންވެ އެވެ،" ރިޕޯޓުގައިވެ އެވެ.

ފަރުތަކަށް އަލުން ދިރުން އައި ނަމަވެސް އަދިވެސް ފަރުތަކާއި ދިރުންތައް ހިމާޔަތްކުރަން އިސްކަން ދޭން ޖެހޭ ކަމަށް، ދިރާސާގައި ބުނެ އެވެ. އެގޮތުން ބައެއް ކަންކަން ވަނީ ހުށައަޅައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް