ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން ކުރިމަތި.

ސިވިލް ކޯޓު

ބިގުން ލޯނު ނުދެއްކުމުން ރަހުނުކޮށްފައިވާ ގޯތި ވިއްކާލަން ހުއްދަ ދީފި

އިންޓްރެސްޓާއި ޖޫރިމަނާއާ އެކު 30 މިލިއަން ނުދައްކާ އެބައޮތް؛ މޫނިމާގެ ވިއްކާލަން ބީއެމްއެލްއަށް ހަ މަސް ވަނީ ދީފައި
28 ސެޕްޓެމްބަރު 2022

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުނިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި 34 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުން، ލޯނު ނެގުމަށް ރަހުނުކުރި ގ. 'މޫނިމާ'ގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލްއަށް ދީފި އެވެ.

ވީ ކިހިނެއް؟ - އެ ގޯތި ރަހުނުކޮށް، ބިގްގެ އެދުމަކަށް ބީއެމްއެލް އިން ލޯނުގެ ގޮތުގައި ދޫކުރީ 34.35 މިލިއަން ރުފިޔާ އެވެ. ގ. މޫނިމާގޭ އަހްމަދު ޒަރީރު އެ ގޯތި ރަހުނު ކުރީ ދެ ފަރާތަކުން ޔަގީންކަން ދިނުމުންނެވެ. އެއީ:

  • ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، މއ. ބޯގަންވިލާ، ހަސަން އިސްމާއީލް 

  • ރައީސް އޮފީހުގެ ފޮޓޯގްރާފަރު، މއ. ފަށުވި މުންޝިދު މުހައްމަދު

ތަފްސީލް - ލޯނު އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ، ބީއެމްއެލް އިން ބިގް ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅީ ޖެނުއަރީ 2020ގަ އެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން އަމުރުކުރީ:

  • މާޗު 2020ގެ ނިޔަލަށް، ލޯނުގެ ބާކީއަށްވާ 25.8 މިލިއަން ރުފިޔާ އާއި އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ، ލޯނުގެ އެއްބަސްވުމާ އެއްގޮތަށް ކޮންމެ މަހަކު 434،060ރ.އަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ބީއެމްއެލްއަށް ދައްކަމުން ގޮސް، ލޯނު އެއްކޮށް ދައްކައި ހަލާސްކުރުމަށް 

  • އެ ހުކުމާ އެއް ގޮތަށް ލޯނުގެ ފައިސާ ދައްކާފައެއް ނުވޭ 

  • މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް، 30.2 މިލިއަން ރުފިޔާ ދައްކަން ޖެހި ނުދައްކާ އެބައޮތް

ބުނީ ކީކޭ؟ - އެ މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައި ބުނީ ކުރިން ސިވިލް ކޯޓުން ކުރި ހުކުމާ އެއް ގޮތަށް ލޯނުގެ ފައިސާ ދައްކާފައި ނުވާއިރު، މިހާތަނަށް ބޭންކާއި ދައުވާ ލިބޭ ފަރާތްތަކާ މެދު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށެވެ.

އެއްބަސްވުމާ އެއް ގޮތަށް ފައިސާ ދައްކަމުން ނުދާތީ ރަހުނު އެގްރީމަންޓުގެ ދަށުން، ގ. މޫނިމާ ބަންޑާރަގޯއްޗާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތައް ވިއްކާލުމުގެ ހުއްދަ ބީއެމްއެލްއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް ބީއެމްއެލް އިން ކޯޓުގައި އެދުނެވެ.

ކޯޓުން ވަނީ ބީއެމްއެލް އިން އެދުނު ގޮތަށް، މިދިޔަ ހޯމަ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ވިއްކާލުމުގެ ހުއްދަ ބޭންކަށް އޮތް ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެ ތަން ވިއްކާލައިގެން ދަރަނިން ދެއްކުނު އަދަދާއި ލޯނާ ގުޅިގެން ދައްކަން ޖެހޭ ފައިސާ އެކުގައި ހަލާސް ނުވާ ނަމަ ބާކީ އޮންނަ މިންވަރު އެނގޭނެހެން މުއާމަލާތާ ގުޅޭ ހުރިހާ މައުލޫމާތެއް 10 ދުވަހުގެ ތެރޭގައި ސިވިލް ކޯޓާ ހިއްސާކުރަން ބީއެމްއެލްއަށް އެންގި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް