އިނގިރޭސި ރާނީ އެލިޒަބަތާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން. (ފޮޓޯ/ގެޓީ އިމޭޖަސް)

ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވަނީ ކޮން ލީޑަރުންނެއް؟

ގައުމުތަކުގެ އެންމެ އިސްވެރިންނާއި އެކި ފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް 500 އެއްހާ ބޭރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ
15 ސެޕްޓެމްބަރު 2022

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަވަހާރަވި އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މިއީ އެތައް ޒަމާނެއް ވަންދެން އިނގިރޭސިވިލާތުގައި ބާއްވާ ޝާހީ އަދި ސިޔާސީ ފަރާތްތަކުގެ އެންމެ ބޮޑު އެއް އެއްވުމެވެ.

ޖަނާޒާގެ ދައުވަތު މިދިޔަ ހަފްތާބަންދުގައި ވަނީ ފޮނުވާފަ އެވެ. ގައުމުތަކުގެ އެންމެ އިސްވެރިންނާއި އެކި ފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް 500 އެއްހާ ބޭރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.

ލަންޑަންގެ އެއާޕޯޓުތަކަށް ބާރުބޮޑު ވެދާނެތީ، އިނގިރޭސި ސަރުކާރުން ގިނަ ގައުމުތަކުގެ ލީޑަރުންގެ ކިބައިން އެދިފައި ވަނީ ކޮމާޝަލް ފްލައިޓްތަކުގައި ވަޑައިގަތުމަށެވެ. ޖަނާޒާ އޮންނަ ތަނަށް އެ ބޭފުޅުން ގެންދާނީ، އިނގިރޭސި މީޑީއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހުޅަނގު ލަންޑަންގެ ތަނަކުން ބަހުގަ އެވެ.

ވެސްޓްމިންސްޓާ އެބީގައި މި ޖަނާޖާ ބާއްވާ އިރު، އެ ތަނަށް ގާތްގަނޑަކަށް 2،200 މީހުންނަށް ވަދެވޭނެ އެވެ.

ޔޫރަޕްގެ ޝާހީ އާއިލާތައް

ޔޫރަޕްގެ އެކި ކަންކޮޅުތަކުން ޝާހީ އާއިލާތަކުގެ މެމްބަރުން ރާނީ އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ އިރު، އޭގެ ތެރޭގައި ގިނައީ ރާނީއާ ލޭގެ ގޮތުން ގުޅުން އޮންނަ ބޭފުޅުންނެވެ.

ޔޫރަޕްގެ ޝާހީ އާއިލާތަކުގެ ތެރެއިން، ރާނީ އެލިޒަބަތުގެ ޖަނާޒާގެ ދައުވަތު ގަބޫލުކުރައްވާފައި ވާކަން މިހާތަނަށް ހާމަކުރައްވާފައި ވަނީ:

  • ބެލްޖިއަމްގެ ރަސްގެފާނު ފިލިޕް އާއި ރާނީ މެތިލްޑޭ 

  • ނެދަލެންޑްސްގެ ރަސްގެފާނު ވިލެމް-އެލެގްޒެންޑާ އާއި އަނބިކަނބަލުން ރާނީ މެކްސިމާގެ އިތުރުން، އެ ކަމަނާގެ މަންމާފުޅު އަދި ނެދަލެންޑްސްގެ ކުރީގެ ރާނީ ޕްރިންސެސް ބީޓްރިކްސް

  • ސްޕެއިންގެ ރަސްގެފާނު ފިލިޕޭ އާއި ރާނީ ލެޓިޒިއާ

  • ނޯވޭގެ ޝާހީ އާއިލާގެ ބޭފުޅުން 

  • ސްވިޑްންގެ ޝާހީ އާއިލާގެ ބޭފުޅުން 

  • ޑެންމާކްގެ ޝާހީ އާއިލާގެ ބޭފުޅުން 

  • މޮނާކޯގެ ޝާހީ އާއިލާގެ ބޭފުޅުން

ނެދަލޭންޑްސްގެ ރަސްގެފާނު ވިލެމް-އެލެގްޒެންޑަ އަދި ރާނީ މެކްސިމާ، އިނގިރޭސި ރާނީ އެލިޒަބަތާއި އޭރުގެ ވަލީއަހުދު އަދި މިހާރު ރަސްގެފާނަށް ވެވަޑައިގެންފައިވާ ޗާލްސްގެ ދެކަނބަލުންނާ އެކު. (ފޮޓޯ/ރޮއިޓާސް)

އެމެރިކާގެ ރައީސުން

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަނީ، ރައީސް ޖޯ ބައިޑަންނާއި އަނބިކަނބަލުން ޖިލް ބައިޑަން ރާނީގެ ޖަނާޒާގެ ބައިވެރިވެވަޑައިގަންނަވާނެކަން ކަށަވަރުކޮށްދީފަ އެވެ.

އެމެރިކާގެ ވަފުދުގައި ހިމެނިވަޑައިގަތުމަށް ބައިޑަން، އޭނާގެ ކުރިން ރައީސްކަން ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ދައުވަތު ދެއްވާނެތޯ ނުވަތަ ނޫންތޯ އޮތީ ސުވާލެއްގެ ތެރޭގަ އެވެ. އެ ސުވާލަށް ސީދާ ޖަވާބެއް އަދި ލިބިފައި ނުވާ އިރު، ބޭރުގެ އިއްޒަތްތެރިންނާ އެކު ގެންދަވާ ވަފުދު ވީހާ ވެސް ކުޑަކުރުމަށް އިނގިރޭސި ސަރުކާރުން އެދިފައި ވާތީ، ބައިޑަންގެ ވަފުދުގައި ކުރީގެ ރައީސުން ނުހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.

ކުރީގެ ބައެއް ރައީސުންނާއި ފަސްޓް ލޭޑީންނަށް، ހާއްސަކޮށް ބަރަކް އޮބާމާއަށް ވަކިން ދައުވަތު ލިބިވަޑައިގެންފައި ވެދާނެ ކަމަށް، މަސްރަހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ނަމަވެސް، އެމެރިކާގެ ރައީސްކަން 1977 އިން 1981އަށް ކުރެއްވި ޖިމީ ކާޓާއަށް ދައުވަތު ލިބިވަޑައިގެންފައި ނުވާ ކަމަށް އޭނާގެ އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމަންވެލްތު ގައުމުތަކުގެ ވެރިން

ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން، އިނގިރޭސިވިލާތާ ދައުލަތުގެ އެންމެ އިސް ވެރިޔާ ހިއްސާކުރާ ގައުމުތަކުގެ އެންމެ އިސް ވެރިން ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެކަން ވަނީ އިއުލާނުކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

  • ނިއު ޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން 

  • ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ  

  • އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލަބަނޭޒް

އެ ގައުމުތަކުގައި، ރަސްކަމުގެ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ގިނަ ގަވަރުނަރު ޖެނެރަލުން ވެސް އެ ގައުމުތަކުގެ ވެރިންނާ އެކު ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ނޮވެމްބަރުގައި ބޭއްވި ކޮޕް26ގެ ހަވާސާގައި، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އޭރުގެ އިނގިރޭސި ވަލީއަހުދު އަދި މިހާރު ރަސްގެފާނު ޗާލްސް ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ކޮމަންވެލްތު ޖަމާއަތުގެ ގައުމުތަކުގެ ތެރެއިން، ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ވަނީ ދައުވަތު ގަބޫލުކުރައްވާފަ އެވެ. އިންޑިއާ ތަމްސީލު ކުރައްވާނީ އެ ގައުމުގެ ރައީސް ޑްރޫޕާޑީ މުރުމޫ އެވެ.

އެހެނިހެން ލީޑަރުން

ދައުވަތު ގަބޫލުކުރެއްވި ދުނިޔޭގެ އެހެން ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

  • އައިރިޝް ޓައޮއިސެޗް މައިކަލް މާޓިން 

  • ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަ ސްޓައިންމަޔަ 

  • އިޓަލީގެ ރައީސް ސާޖިއޯ މަޓަރެލާ 

  • ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑާ ލެޔެން

  • ދެކުނު ކޮރެއާގެ ރައީސް ޔޯން ސުކް-ޔޯލް 

  • ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ

  • ޖަޕާނުގެ އެމްޕެރަ ނަރުހީޓޯ 

  • ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން 

  • ފްރާންސްގެ ރައީސް އެމަނުއެލް މެކޯން

ޗައިނާގެ ރައީސް ޝީ ޖިންޕިންގްް ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް، އުޒްބެކިސްތާނުގައި އޮންނަ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ތިން ދުވަހުގެ ދަތުރުފުޅެއް ޝީ ވަނީ އިއްޔެ ފައްޓަވާފަ އެވެ. މިއީ ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ޗައިނާގެ ރައީސް ގައުމުން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަ ސްޓައިންމަޔަ (ވ) އަދި އިޓަލީގެ ރައީސް ސާޖިއޯ މަތާރެލް. (ފޮޓޯ/ރޮއިޓާސް)

އިނގިރޭސި މީޑިއާ އިން ރިޕޯޓު ކުރާ ގޮތުގައި، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ތާށިވެފައި އޮތް އީރާނުގެ މަންދޫބަކު ވެސް ރާނީގެ ޖަނާޒާގައި ބައިވެރިވާނެ އެވެ. ނަމަވެސް، އެއީ އެ ގައުމުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނުވަތަ އެ ފެންވަރުގެ ބޭފުޅެއް ކަމަށްވެ އެވެ.

ދައުވަތު ނުދޭ ވެރިން

ރަޝިއާ، ބެލަރޫސް އަދި މިޔަންމާގެ އެއްވެސް މަންދޫބަކަށް ދައުވަތު ދީފައެއް ނުވެ އެވެ.

ރަޝިޔާ އިން މިދިޔަ ފެބްރުއަރީގައި ޔޫކްރެއިނަށް އަރައިގަތް ފަހުން، އިނގިރޭސިވިލާތާއި ރަޝިޔާއާ ދެމެދު އޮތް ސިޔާސީ އަދި ހާރިޖީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރު ވެފަ އެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕޫޓިންގެ ތަރުޖަމާނަކު މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނީ، ރާނީގެ ޖަނާޒާގައި ބައިވެރިވުމާ މެދު ޕޫޓިން "ވިސްނަވަމުން ވެސް ނުގެންދަވާ" ކަމަށެވެ.

ރަޝިޔާގެ ރައީސް ޕޫޓިން. (ފޮޓޯ/ރޮއިޓާސް)

ރަޝިޔާ އިން ޔޫކްރެއިނަށް ހަމަލާ ދިނުމަށް ބެލަރޫސްގެ ސަރަހައްދުތައް ވެސް ބޭނުން ކުރަމުން ދާއިރު، އެ ގައުމުގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އަކީ ޕޫޓިންގެ ވަރަށް ގާތް އެކުވެރިއެކެވެ.

ފެބްރުއަރީ 2021ގައި މިޔަންމާގައި އަސްކަރީ ބަގާވާތެއް ގެނެސް، އެ ގައުމުގެ އިންތިހާބީ ސަރުކާރު ވައްޓާލި ފަހުން އިނގިރޭސިވިލާތުން ވަނީ މިޔަންމާގައި ހަރަކާތްތެރިވާ އިނގިރޭސި ހާރިޖީ ބޭފުޅުންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް