ބީޗު ފްރަންޓުގެ ބިން ގަތުމަށް ބީލަން ހުށަހެޅުމުގެ މަސައްކަތް މިއަދު ކުރިއަށް ދަނީ. (ދައުރު ފޮޓޯ)
ހުޅުމާލޭ ފޭސް ދޭއްގެ ބީޗު ފްރަންޓުން ބިން ގަންނަން މި ފަހަރު ފިނި ތަރުހީބެއް
ހުޅުމާލޭ ދެ ވަނަ ފޭސް އިން ވިއްކަން އިއުލާން ކުރި ބިންތަކުގެ ތެރެއިން ބީޗު ފްރަންޓުގެ ބިން ގަތުމަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ. އެންމެ ފަހުން ބިން ވިއްކިއިރު 200އަށް ވުރެ ގިނަ މީހުން ބީލަން ހުށަހެޅި އިރު، ބީޗު ފްރަންޓުން ވިއްކަން މި ފަހަރު އިއުލާނު ކުރި 22 ގޯއްޗަށް ބިޑް ހުށަހެޅީ 18 މީހުންނެވެ.
ވީ ކިހިނެއް؟ - މިދިޔަ އޮގަސްޓް 18 ވަނަ ދުވަހު އެޗްޑީސީން އިއުލާންކޮށްފައި ވަނީ:
-
ބީޗު ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާ ގޮތަށް 22 ގޯތި
-
ބީޗު ސައިޑު ނުވަތަ އަތިރިމައްޗާ ކައިރިން 52 ގޯތި
-
ބީޗު ފްރަންޓު: ފެށޭ އަގު އަކަފޫޓަކަށް 6،500ރ.
-
ބީޗު ސައިޓު: ފެށޭ އަގު އަކަފޫޓަކަށް 5،500ރ.
ބިޑު ފޯމު ވިއްކީ 1،000ރ. އަށެވެ. އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި ނަގަނީ 1،000،000ރ. އެވެ.
ނަމަވެސް، ވިއްކަން ހުޅުވާލި ބިމުގެ އަދަދާ އެއްވަރަށް ވެސް ބިން ގަންނަން މީހުން ބީލަން ހުށަހަޅާފައެއް ނުވެ އެވެ.
ތަފްސީލު - މިއަދު ކުރިއަށްދަނީ ބީޗު ފްރަންޓުން ވިއްކާ ބިންތަކުގެ ބީލަން ހުށަހެޅުމުގެ ކަންތައްތަކެވެ. ބީލަން ފޯމު ބަލައިގަތުމާއި ބީލަން ހުށަހެޅުން މިއަދު ހެނދުނު 9 އިން މެންދުރު 11 ޖަހަންދެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ބިންތަކުގެ ބިޑް ކުރިއަށް ގެންދަނީ ހ. މީރުމާ، ދެ ވަނަ ފަންގިފިލާގައި ހުންނަ އިވެންޓު ހޯލުގަ އެވެ.
ބީލަން ހުށަހެޅުމުގެ ވަގުތު ހަމަވިއިރު، 18 މީހުން ވަނީ ބީލަން ހުށަހަޅާފަ އެވެ.
ގުޅުން ހުރި ކަމެއް - ބީޗު ސައިޑުން ވިއްކާ ބިންތަކަށް ބީލަން ހުށަހެޅުން އޮންނާނީ މާދަމާ އެެވެ.
އެނގުން މުހިންމު - ގޯތި ގަންނަ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް:
-
18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުން
-
މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ނުވުން
-
މާލެ ސަރަހައްދުން ބިމެއް ނުވަތަ ގޯއްޗެއް، އެކަކަށް ވުރެ ގިނަ މީހުންގެ ނަން މައްޗަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ، 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ފަރާތަކަށް ނުވުން
-
އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ އެއް ވަނަ ފިޔަވަހިން އަދި ދެވަނަ ފިޔަވަހިން ބީލަން އުސޫލުން ބިމެއް ގަނެފައިވާ ފަރާތަކަށް ނުވުން