ލާމަރުކަޒީ ނިޒާމް ފުރިހަމަކުރުމުގެ ނިޔަތުގައި އއ. އުކުޅަހުގައި ބޭއްވި 'ވިއަވެތި ރާއްޖެ' މަހާސިންތާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) ވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ލާމަރުކަޒީ: ވީލްބަރޯ ބޭނުންވާ މީހާއަށް މި ދިނީ ބޮޑު ކެރޭނެއް

ގިނަ ކައުންސިލްތައް މި ދަނީ ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ބައެއްގެ އަތް މައްޗަށް

މުހިންމު ނުކުތާތައް

އެއް ތަޖުރިބާކާރަކު ވިދާޅުވީ ލާމަރުކަޒީ ނިޒާމް އަސްލު ފެއިލްވެއްޖެ ކަމަށް

ލާމަރުކަޒީ ގާނޫނަށް ވުރެ ގިނަ އިސްލާހު ގެނައި ގާނޫނެއް ނެތް

ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި ކައުންސިލަރުން ބޭތިއްބުމަކީ ވިސްނި ގޮތެއް ވެސް ނޫން

ލާމަރުކަޒީ ނިޒާމާ ބެހޭ ގޮތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މިދިއަ އެޕްރީލް މަހު ވަރަށް ތެދު ވާހަކަތަކެއް، ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި ދެއްކެވި އެވެ. އޭނާގެ ވާހަކައިން ނެގުނު މާނައަކީ މި ނިޒާމު ރާއްޖެއަށް މާ ބޮޑީ އެވެ. އޭގެ ވާއެއްނުވާއެއް އަދިވެސް ނޭނގެނީ އެވެ. މަޖިލިހަށް ވެސް އެއަށް ހައްލެއް ހޯދައިނުދެވެނީ އެވެ.

ނިޒާމުގައި ހުރި މައްސަލަތަކުގެ މިސާލު އޭނާ ދެއްކެވީ މިހާތަނަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުންނެވެ. އޭނާގެ ބަހުން ނަމަ އެއަށް ވުރެ "ގިނަ އިސްލާހު މި ރައްޔިތުންގެ މަޖިލިހުން ބަދަލުކުރި ގާނޫނެއް ނޯންނާނެ" އެވެ.

އެއީ ތެދެކެވެ. މިހާތަނަށް ނުވަ އިސްލާހު ގެނެސްފައިވެ އެވެ.

ތޯރިގުގެ ވާހަކަތަކާ ބެހޭ ގޮތުން 'ދައުރު'ން ސުވާލުކުރީ ލާމަރުކަޒީކުރުމުގެ މަސައްކަތް، މިހާރު މި އޮތް ޑިމޮކްރަސީގެ ވަސް ރާއްޖެއަށް ލައްވާލުމުގެ ކުރިން، ސަރުކާރުގެ ތެރެއިން ކޮންމެވެސް ސިފައެއްގައި ކުރައްވަމުން ގެންދެވި އެއް ބޭފުޅަކަށެވެ. މިހާރު ރާއްޖޭގައި މި އޮތް ލާމަރުކަޒީ ބޮޑު ނިޒާމު އޭނާ ސިފަކުރެއްވީ "ވީލްބަރޯއެއް ބޭނުންވާ މީހާއަށް ބޮޑު ކްރޭނެއް ދިނުން ކަހަލަ ކަމެއް'ގެ ގޮތުގަ އެވެ.

"ވީލްބަރޯއެއް ދޭށޭ މި ބުނީ. މި ދިނީ ބޮޑު ކްރޭނެއް. ދެން އޭނާ އެބަ ޖެހޭ އެއަށް ޑްރައިވަރަކު ހޯދަން، ތެޔޮ އަޅަން، މަރާމާތުކުރަން،" މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން، ނަން ޖަހަން ބޭނުންނުވާ، ތަޖުރިބާކާރު ވިދާޅުވި އެވެ.

"އޭނާއަށް މިވީ ނުއުފުއްލޭ ވަރުގެ ބޮޑު ބުރައަކަށް."

ލާމަރުކަޒީ ބޮޑު މަހާސިންތާއަށް ރައީސް ވަޑައިގަތުމުން އުކުޅަހުގެ ރައްޔިތުން މަރުހަބާ ކިޔަން ތައްޔާރުވެފައި: ރަށްރަށުގެ ތަރައްގީގައި ރައްޔިތުން ބައިވެރިކުރަން މިހާރު މި އޮތް ވަރުގެ ބޮޑު ނިޒާމެއް ބޭނުމެއް ނުވޭ (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ރަށްރަށާއި އަތޮޅުތައް 'މާ މޮޅަށް ހިންގާލުމު'ގެ ނަމުގައި ރާއްޖެއަށް ގެނެސް މި އޮތީ ރާއްޖެއާ ނުބައްދަލު ލާމަރުކަޒީ ބޮޑު ނިޒާމެކެވެ. އެ ނިޒާމް ހިންގަން ދިމާވާ ދަތިތަކާ ހުރެ ގާނޫނަށް ގެންނަ އިސްލާހުތަކާއި، ސިޔާސީ ފައިދާއެއް ނެގިދާނެކަމުގެ ނިޔަތުގައި، ނިޒާމް ފުޅާކޮށްލުން ފަދަ ކަންކަން ހިމަނައިގެން ވެސް އެކި ސަރުކާރުތަކުން ގާނޫނަށް އިސްލާހު ގެނެ އެވެ. 

"އޭރުގެ ރަށް ކުރިއަރުވާ ކޮމިޓީ ގޮތަށް އެޑްވައިޒަރީ ބައެއްގެ ގޮތުގައި ހަމަޖައްސަން ވިސްނުން ގެންގުޅުނު ކަމެއް މިއީ. އެއީ ފުލްޓައިމް ވަޒީފާތަކެއް ބަޔަކަށް ދޭކަށް ނޫން،" ތަޖުރިބާކާރު ވިދާޅުވި އެވެ.

އެކަމަކު މިހާރު މި އޮތީ ފުލްޓައިމް ކައުންސިލަރުން ތިބޭ، ރާއްޖޭގެ މުސާަރައިގެ އޮނިގަނޑުން ބަލާ ނަމަ ރަނގަޅު މުސާރައެއް ވެސް ލިބޭ، ކައުންސިލްތަކެކެވެ. ކައުންސިލަރުންނަށް ގިނަ ފަހަރަށް ހޮވަނީ ތަޖުރިބާއެއް ވެސް، ހިލްމެއް ވެސް އަދި މައުލޫމާތެއް ވެސް ނެތް މީހުންނެވެ. 

ރާއްޖޭގައި ވެސް ކުދިކުދި މަގާމުތަކުން ފަށައިގެން ވަޒީފާގައި އުޅެ، ތަޖުރިބާ އާއި އިލްމާއި ހިލްމު ހޯދައިގެން، ދައުލަތުގެ މަތީ ޒިންމާތައް އެތައް ދިވެހިންނެއް، އުފުލައި، އަދި އުފުލަމުން ވެސް އެބަ އާދެ އެވެ.

އެކަމަކު ލާމަރުކަޒީ ނިޒާމުގައި ރަށްރަށާއި ސިޓީތަކަށް ރައްޔިތުން ހޮވާ ބައެއް ކައުންސިލަރުންނަކީ އެކަހަލަ ބައެއް ނޫނެވެ. 'ރޮލާ ތިއްބައި'، ރަށެއްގެ ރަސްމީ އެންމެ މަތީ އިދާރާ ހިންގުމުގެ ހުރިހާ ޒިންމާއެއް މި ދެނީ، ހަމައެކަނި ސިޔާސީ ޕާޓީއަށް (އަމިއްލަ ގޮތުން ވާދަކޮށް ބައެއް ކައުންސިލަރުން ހޮވާފައި އެބަ ތިއްބެވެ.) ނިސްބަތްކޮށްފަ އެވެ. އެހެންކަމުން ބައެއް ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުންނަކީ ރަށުގެ މުސްތަގުބަލާ މެދު ފިކުރުކުރުމުގެ ގާބިލްކަން ނެތް، ފުރަތަމަ ކުރަން ޖެހޭ ކަންކަމާއި ފަހުން ކުރަން ޖެހޭ ކަންކަން ވެސް ވަކިކުރަން ނޭނގޭ މީހުންނެވެ.

މިއަދުގެ ހަގީގަތަކީ މި އެވެ. މި ސަރުކާރުންނާއި ލާމަރުކަޒީގެ ހިމާޔަތުގައި އަޑުއުފުލާ މީހުން ގަބޫލުކުރިޔަސް ނުވަތަ ގަބޫލުކުރަން ބޭނުން ނުވިޔަސް، ރާއްޖޭގެ ސިޔާސީ ހަތުރުވެރިކަމާއި ނަފުރަތުގެ ތެރޭގައި، ކަން އޮތީ އެހެންނެވެ.

ރާއްޖޭގެ އެންމެ އާބާދީ ކުޑަ އެއް ރަށް، އދ. ދިއްދޫގެ މަގުމަތީގައި ކުޑަކުދިންތަކެއް އުޅެނީ: މިފަދަ ރަށްރަށް ހިންގަން ބޮޑު ކައުންސިލެއް ބޭނުމެއް ނުވޭ (ދައުރު ފޮޓޯ/ އައިމިނަތު ޝިފްލީން)

ރާއްޖޭގެ ހިންގުން ލާމަރުކަޒީއަށް ބަދަލުކުރީ ކޮންމެހެން ވެސް ގެންނަން ޖެހޭނެ ނިޒާމެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކައިގެންނެވެ. އެކަމަކު މިދިއަ 12 އަހަރުގެ ތެރޭގައި އެތައް ރަށަކުން ތަޖުރިބާކުރި އަދި ތަޖުރިބާކުރަމުން ދަނީ، ކަތީބުންގެ ޒަމާނަށް ވުރެ ހިންގުން ދެރަ، އަހުލާގު ދަށް، އެކެއްގެ ބަސް އަނެކަކު ގަބޫލުނުކުރާ ބަޔަކު ރަށުގެ ވެރިކަމާ ހަވާލުވެގެން އުޅޭ އުޅުމެވެ.

މި އަހަރު ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ އަގަކީ 1.5 ބިލިއަން ރުފިޔާ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ޑިމޮކްރަސީގެ ގިނަ އަސާސްތަކާ ދެކޮޅުވިޔަސް، ކައުންސިލްތަކުގެ ސައިޒް ކުޑަކޮށްލެއްވީ މާލީ ބުރައިން ވެސް ދައުލަތް ސަލާމަތްކުރައްވާށެވެ. ކުރިން ތިން ކަތީބުން ތިބެގެން ހިންގި ރަށްރަށް ގާތްގަނޑަކަށް ހަމަ އެ އާބާދީގައި ހިންގަން ފަސް މެމްބަރުންނާއި ހަތް މެމްބަރުންގެ ކައުންސިލެއް އަސްލު ބޭނުމެއް ނުވެ އެވެ. އެހެންކަމުން ޔާމީންގެ ވެރިކަމުގައި 2017ގެ ކައުންސިލް އިންތިހާބު ބޭއްވީ މެމްބަރުންގެ އަދަދު 3-5 އަށް ބަދަލުކޮށްފަ އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު 24 އެޕްރީލް 2022 ގައި ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ރަށްރަށަށް ފަސް މީހުން، ހަތް މީހުން އިންތިހާބުކޮށްގެން" މިހާތަނަށް ނަތީޖާއެއް ނުފެންނަ ކަމަށެވެ.

"މިއީ ހަގީގަތުގައި ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް،" ކޮވިޑް-19އާ އެކު އިގުތިސާދަށް ކުރިމަތިވި މައްސަލަތަކުގެ ތެރޭގައި ކައުންސިލްތައް ބޮޑުކޮށްގެން އުފުލަން ޖެހޭ މާލީ ބުރައަށް އިޝާރަތްކުރައްވައި ތޯރިގު ވިދާޅުވި އެވެ.

ހަމައެކަނި ސިޔާސީ ފައިދާއަށް

ލާމަރުކަޒީ ނިޒާމް އައުމުގެ ކުރިން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަތީބުންގެ މައްޗަށް ކައުންސިލަރުން އައްޔަންކުރި އެވެ. އެކަމަކު ގިނަ ކައުންސިލަރުންނަކީ އޭރު ތިބި ކަތީބުންނަށް ވުރެ ވެސް ފެންވަރު ދަށް ބައެކެވެ. ރަށުގެ ތަރައްގީއަށް ރައްޔިތުން ހިންގި ކަންކަމުގައި ބައިވެރިވާން ދައުވަތު ދިން ލިސްޓްތަކުގައި ސޮއިކުރުމުގެ ބަދަލުގައި ބުޅާ ފަދަ ޖަނަވާރުތައް ކުރެހި މީހުން ވެސް، ކައުންސިލަރުންނަށް އައްޔަންކުރި އެވެ. މާނައަކީ ރަށުގެ އެއްވެސް ކަމެއްގައި އުޅެފައި ނެތް، އުޅެން ބޭނުން ވެސް ނުވި މީހުންނާ ރަށް ހިންގުމުގެ އެންމެ މަތީ ޒިންމާ ހަވާލުކުރުމެވެ.

މިއީ އާބާދީ ނުބައްދަލު ނިޒާމެއް. ބޭކާރު ފައިސާތަކެއް ހަރަދުވަނީ.

ލާމަރުކަޒުކުރަން މަސައްކަތްކުރި ތަޖުރިބާކާރެއް

އަނގަ ތެޅުމަކީ އަދި ކަމެއް އެނގުމެއް ނޫނެވެ. އެކަމަކު ސިޔާސީ ނަފަރުތާއި ރުޅިވެރިކަމުގައި ތިބި ގިނަ ރައްޔިތުންނަށް ވެސް އޭރު ވިސްނުނީ އާ ނިޒާމުގައި އާ ބަޔަކަށް ފުރުސަތު ދިނުމުން ރަނގަޅުވާނެ ކަމަށެވެ. ނުވިސްނުނީ ކައުންސިލަރުންގެ ޒިންމާ އާއި އެ ޒިންމާ ނަގަން އެ މީހުންގެ ކިބާގައި ހުންނަން ޖެހޭނެ ތަޖުރިބާ އާއި އިލްމާއި ހިލްމާ މެދުގަ އެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކައުންސިލަރުން އުފުލަން ޖެހޭ ޒިންމާތައް ތަފާތުވެ އެވެ. ބައެއް ގައުމުތަކުގެ ކުދިކުދި ސަރަހައްދުތަކުގެ ކައުންސިލް ބިނާވަނީ ފުލްޓައިމް ވަޒީފާޢެއްގެ ބަދަލުގައި ޕާޓްޓައިމްކޮށް އުފުލާ ޒިންމާއަކަށެވެ. ރާއްޖޭގައި ވެސް ހަދަން އުޅުނު ގޮތެވެ.

މީގެ 10 އަހަރު ކުރިން އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ކުޑަ ސިޓީއެއް ކަމަށްވާ ބޯޒްމަންއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނު ދެކުނު އޭޝިއާގެ ނޫސްވެރިންގެ ތެރޭގައި މި ލިއުންތެރިޔާ ހިމެނުނެވެ. ގާތްގަނޑަކަށް ބައި ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އެ ސިޓީގެ ކައުންސިލަކީ ސިޓީ ކޮމިޝަން އެވެ. ތިބެނީ އިންތިހާބުކުރާ އެންމެ ހަތަރު މެމްބަރުންނާއި އިންތިހާބުކުރާ މޭޔަރެކެވެ.

އައްޑޫ ފޭދޫ: ބޮޑު ލާމަރުކަޒީ ނިޒާމެއް ނެތަސް ރަށްރަށުގެ މުއްސަނދިކަން އެ ރަށްރަށަށް ދޭން ސަރުކާރަށް ކުރެވޭނެ ކަންކަން ހުންނާނެ (ފޮޓޯ/އައްޑޫ ސިޓީ،ފޭސްބުކް ޕޭޖް)

ނަމަވެސް ކޮމިޝަން ހިންގުމުގެ ޒިންމާ ނަގަނީ ސިޓީ މެނޭޖަރެވެ. ކޮމިޝަންގެ ބައްދަލުވުންތައް އޮންނަނީ ކޮންމެ އަންގާރަ ދުވަހަކު އެވެ. މެމްބަރުންނަކީ، ރާއްޖޭގެ ކައުންސިލްތަކުން މި ފެންނަ ގޮތަށް، ފުލްޓައިމްކޮށް އޮފީހަށް ނުކުމެ އުޅޭ ބައެއް ނޫނެވެ.

ބޯންޒްމަންއަކީ ރާއްޖޭގެ ރަށްރަށުގެ އާބާދީއަށް ބަލާ ނަމަ ބޮޑު އަދި މުއްސަނދި ސިޓީއެކެވެ. އެކަމަކު ރާއްޖޭގައި އެންމެ 500 މީހުން އުޅޭ ރަށްރަށުގެ ހިންގުމުގެ ނިޒާމް ވެސް މި ފެންނަނީ، އެ ސިޓީއަށް ވުރެ ވެސް ބޮޑުކޮށެވެ.

މިއީ މައްސަލައެކެވެ. ދެތިން ސަތޭކަ ނުވަތަ ދެތިން ހާސް މީހުންގެ މައްޗަށް ބިނާވެފައި އޮންނަ އާބާދީތައް ހިމެނޭ ކުދިކުދި ރަށްރަށަށް، ސިޔާސީ ފިކުރުގެ 5-7 ކައުންސިލަރުންނާއި ސިޔާސީ ފިކުރުގެ އަންހެނުންގެ ކޮމިޓީއެއް އޮތުމަކީ، ނަމެއްގައި ލާމަރުކަޒީ ކިޔަސް، އަމަލީ މަސައްކަތާއި ދައުލަތުގެ މާލީ ބުރައަށް ބަލާ ނަމަ، 'ނެތްމަރުކަޒީއެކޭ' ބުނެވޭ ފަދަ ކަމެކެވެ. ނުވަތަ އެއީ 'ސިޔާސީމަރުކަޒީއެކެ'ވެ.

ލާމަރުކަޒީ ނިޒާމް ހިންގަން 2020 ގައި ދައުލަތުން 952 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ކޮވިޑްގެ އަނދިރިކަމުން އިގުތިސާދު އަރައިގަތުމުގެ ދަތުރުމަތީގައި އަދިވެސް އުޅޭ އިރު މިދިއަ އަހަރު އެ އަދަދު 1.3 ބިލިއަން ރުފިޔާއަށް އެރި އެވެ. މި އަހަރު 1.5 ބިލިއަން ރުފިޔާ އެވެ. ހިންގުމުގެ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އެއީ ހަމައެކަނި ބައްދަލުވުންތަކަށް އުޖޫރައެއް ދޭ ބަޔަކަށް ހަދައިފި ނަމަ، އެ ހަރަދު ވަރަށް ބޮޑު ތަނުން ކުޑަކުރެވޭނެ އެވެ.

ކުރިން ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމް މިހާރު ވަނީ ފެއިލްވެފަ އެވެ. ވަރަށް ބޮޑު ބަދަލެއް ގެނެސްގެން ނޫނީ ދެން ރަނގަޅު ނުކުރެވޭނެ ކަމަށް ވެސް އެނާ ގަބޫލުކުރައްވަ އެވެ.

"މިއީ އާބާދީ ނުބައްދަލު ނިޒާމެއް. ބޭކާރު ފައިސާތަކެއް ހަރަދުވަނީ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

"މި އޮތީ އަސްލު މި ދައުލަތަށް އެފޯޑްނުކުރެވޭ ހާލަތަށް ގޮސްފައި."

މަޖިލިހުގައި ތޯރިގު ދެއްކެވި ވާހަކަތަކަށް ނަޒަރު ހިންގާލުން ރަނގަޅެވެ.

"އަޅުގަނޑުމެން ކޮންމެ އަހަރަކު ދެ ބުރަށް، ތިން ބުރަށް މި ގާނޫނެއް ބަދަލުކުރަމުން މިދަނީ މީގައި މައްސަލަތަކެއް ހުރީމާ،" އޭނާ ވިދާޅުވި އެވެ.

އިއްޔެ އެއީ ސަރުދާރެވެ. ނުވަ ޓެކްސީ/ޕިކަޕް ޑްރައިވަރެކެވެ. ނޫން ނަމަ ވެއިޓަރެކެވެ. މާދަމާ އޭނާއަކީ ރަށު ކައުންސިލް/އަތޮޅު ކައުންސިލްގެ ރައީސް އެވެ. ނުވަތަ ކައުންސިލަރެކެވެ.

ލާމަރުކަޒީ ނިޒާމްގެ މޮޅު ވާހަކަ ސިޔާސީ ލީޑަރުން ކިތައްމެ ބޮޑަކަށް ދެއްކިޔަސް، މިހާރު މި އޮތް ގޮތަށް ލާމަރުކަޒީކުރި ގައުމެއް ދުނިޔެއަކު ނެތެވެ. މިއީ ސިޔާސީ މަގާމުތަކެއް ބަހާލުމުގެ ނިޔަތް ފަހަތުގައި ބާއްވައިގެން ކުރިއަށް ގެންދާ ހަރަދު ބޮޑު ސިޔާސީ ކުޅިވަރެކެވެ. މި ކުޅިވަރު ނުކުޅެ ވެސް، ރަށްރަށުގެ މުއްސަނދިކަމުން ބައެއް އެ ރަށްރަށަށް ދީގެން އަދި ރަށުގެ ރައްޔިތުން ބައިވެރިކޮށްގެން ތަރައްގީ ގެނެވޭނެ ގޮތްތައް ހުންނާނެ އެވެ.

ހިތާމައަކީ ސިޔާސީ ހަސަދަ އާއި ދިމާކުރުންތަކުން ރައްޔިތުން ދުރުގައި ބައިތިއްބަން ސިޔާސީ ލީޑަރުން ބޭނުންނުވުމެވެ.

ކޮމެންޓް (9)

ދެރަވޭ

8 ޖޫން 2022
ކައުންސިލަކަށް ނުހިންގިގެން ނުވަތަ ނޭނގިގެން އުޅުނު ކަމެއް ތަފްސީލް ކޮށްލިނަމަ ދެނެގަންނަން ފަސޭހަ ވީސް. ގައުމުގެ އިސްވެރިކަމުގެ ފަރާތުން ވެސް ކެރޭނަށް ތެޔޮއަޅައި ދުއްވާ ބަލަހައްޓާ ހަދަނީ އެހެން މީހުން ލައްވަ. މާނައަކީ އައުޓްސޯސް ކުރުމާއި މިފަދަ ކަންކަމުން ގިނަބައެއް ބައިވެރިވުން ލިބޭނެ. ހިންގުމަކީ ކައުންސިލަށް ވަދެ އިންނަ ރައީސް އެކަނި ސިޓީ ލިޔެ އެގްރިމެންޓް ލިޔެ ތަކެތި ގަންނަން ގޮސް މިހެން އޮންނަ ކަމެއް ނޫން. ތިޔަ ބުނި މޮންޓާނާ އެއް ފަދައިން މިހާރު އިދާރީ ގޮތުން ކައުންސިލްތަކުގައި ތިބެނީ ތައުލީމީ ފަރާތްތައް. ކޮންކަމެއްބާ ނުވެގެން މިއުޅެނީ. މިއީ ޖައްވީ ދިރާސާ ނުވަތަ ބަޔޯމެޑިކަލް މަރުކަޒެއް ނޫން.
3 0

މީޒާން

8 ޖޫން 2022
ދިއްދޫއަށް އެކަނި ދެންޏާ ވީލްބަރޯ ދީ. އެހެން ރަށްތަކުން ކެރޭންގައި ހިފައިފި. ކުރިއަށް ޖެހެން ނުވަތަ ކަނޑަން ދަސްކޮށްފި.
3 0

ޑައިވަރސިޓީ

8 ޖޫން 2022
ލި ލިޔުމުގެ މުޅި މަގްސަދަކީ އަންހެނުންގެ ކޮމިޓީތަކަށް ފާޑު ކިޔުން ނުވަތަ ޖޯކު ޖެހުން ކަމުގައި ވާނަމަ އަދި ރާއްޖެ ވިސްނުން ކުރިއަށް ޖެހިލަން ހާސް އަހަރު ނަގާނެ. އެއީ އަދި އެންމެ ހަރުދަނާ..ނޫސްވެރިޔާ ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް.. ނުވަތަ މެންބަރަކު ނުވަތަ "ތަޖުރިބާ ކާރަކު" ތިބި ހިސާބު ކަމަށް ވާތީ.
2 1

ހެކިވެރި

8 ޖޫން 2022
ހުދު ވަހިއްދީނު ވެސް މި ލިޔުން ކިޔާފައި ރޯނެ. ނޫނީ މިހާރު ފިކުރު ބަދަލުވީ. މިއީ ޕާޓްޓައިމް ކަމެއް ނޫން. ރަައްޔިތުން ބާރުވެރިކަން ކުރާ ކަމެއް. 3 އިން 5 އަށް ނޫނީ 5 އިން އަނެއްކާ 3 އަށް ދިއުން ފަދަ ބައެއްބަދަލު ހާލަތަށް ބަލައި ގެނެސްފައި އެބަހުރި. އޭގެ ގޯސް އަދި ފައިދާ އެބަހުރި. ޚަރަދު ގެ ނަން ކިޔައި އަދިވެސް އަޅުވެތިކުރުމާ ދިމާއަށް ވިސްނުން ގެންދިޔުން ރަނގަޅެއް ނޫން.
2 1

ރަށުއިން

8 ޖޫން 2022
މަހިބަދޫ ދަނޑު އެ ފެންވަރަށް ހެދި މަގުތަައް ޒަމާނީ ފެންވަރަށް އެ ހެދި ދިޔައީ .. ލާމަރުކަޒީ ނިޒާމުގެ ސަބަބުން. މި ނިޒާމު ހިންގުމުގައި ގަރުނެއް ހޭދަކުރަމުންދާ ގައުމުތަކުގައި ގާނޫނަށް ގިނަ އިސްލާޙު ގެނައި. މައްސަލައެއް ނޫން. މިއަދު މަޖިލިހަށް ވަދެވުމުން ހުރިހާ ކަމަކަށް ފާޑު ކިޔާއިރު ތިމާ އަނދެެއިން ފޭލީގައި ބާކޮޅުގައި ފޮތި އަޅައި ފަހައިގެން އުޅުނު ޒަމާން ހަނދާން ނެތިދާ ކަމީ ދެރަކަމެއް.
3 1

ހތފށގ

8 ޖޫން 2022
ލާމަރުކަޒީ ނިޒާމާއި ދެކޮޅު މީހުންގެ ބަސް ހިމަނައިގެން މިޒާތުގެ ލިޔުން ލިޔުނަސް މި ދެން ދާނީ ކުރިއަށް. ކައުންސިލްތައް ކުރިއަރައިފި. 2009 ނުވަތަ 11 އެއް ނޫން. ގިނަ ރަށްތަކުގައި ހޮވިފައި ތިބީ ތައުލީމީ ކުދިން. އެތަނަކަށް ނާސާ އިންޖިނިއަރެއް ނުދާނެ. ހަމަ ރަށުގެ ކުދިން ތިބޭނީ. ތައުލީމް ނެތްނަމަ އެކަމަކީ ދައުލަތުގެ ފޭލިއަރުން އެމީހުންގެ ވިޔަފާރި ދަމަހައްޓަން ބާރުގަދަ އާއިލާތަކުން ވޭތުވެދިޔަ ގަރުނުގައި ދިވެހިން ނިކަމެތި ކުރިކަން ދޭހަވެ ޔަގީންވާ ކަމެއް. އަންހެނުންގެ ކޮމިޓީ އަކީ މުހިއްމު ބައެއް. އެތަނަށް ވެސް ޑރ ޖަހާފައި އިން މީހަކު ނެތީމަ މޫސައަށް ކަމު ނުދަނީތޯ؟ ރައްޔިތު މީހަކަށް އެއްޗެއް ލިބެންޏާ ދެން އެ ޚަރަދު ބޮޑީ. ހަހަ..ކޮންކަހަލަ ކޮށި ވިސްނުމެއްބާ މިއީ މިއޮށް ފަދަ ޒަމާނުގައި. ރިސޯޓު ވެރިން ކުލިކުޑަކޮށް ވެންޓިލޭޓަރު 35 މިލިއަނުން ގޮސް މިއީ ނޫންތަ ލިޔަންވީ އެއްޗެއްސަކީ ޚަރަދު ހޯދަން.
1 0

އުރަހަަލތފ

8 ޖޫން 2022
ވަރަށް ދެރަވަރު ލިޔުމެއް. ޑައިވަރސިޓީ، އޯލް އިންކުލޫސިވް، ޕާޓިސިޕޭޝަން މި ލަފުޒުތަކުގެ މާނައާއި މަހުފޫމު އަދި މިޒަމާނުގެ ސިޓީތައް ވެސް އިދާރީ ގޮތުން ބައިބަޔަށް ބަހައި ކައުންސިލްތަކެއް ހަދައި ޕްލޭންތައް ހެދުމުގައި ރައްޔިތުން ބައިވެރި ކުރަން ޖެހޭ މިންވަރު އެނގޭނަމަ މިއަދު މިލިޔުން ލިޔުނު ފަރާތް ލަދުން އިސްޖަހާނެ. ވީލްބަރޯ ވަރުގެ ބާރު ރަށްރަށް ދީގެން ކަރަންކާ ރަޝީދު ފަދަ މީހުން މާލެވެރިން އަރިހު ތިބެ 10 ގޯތިވަރުގެ ބިން ހޯދި ޒަމާން ނިމިއްޖެ. މިއަދު ލާ މަރުކަޒީ އަކީ ހަގީގީ ބާރު. މި ދެނެއް އަތު ނުވާނެ. ނިޒާމް ފުރިހަމަ ވާ ވަރަކަށް އިސްލާހު އަންނާނެ ގާނޫނަށް ވެސް އަދި ކައުންސިލަރުންގެ ހުނަރު ވެސް މިހާރު ހުރީ ބުޅާ ކުރެހި ޒަމާނުގައެއް ނޫން. މިއަދުގެ ކައުންސިލްތަކަކީ ކުރިއަރަމުންދާ ބައެއް. ޖޯކެއް ނުޖެހޭނެ އިނގޭތޯ.
1 0

ހަސަނު

8 ޖޫން 2022
މިއީ ވަރަށް ޖާހިލު ގަމާރު ތަޖުރިބާ ކާރެއްގެ ނަމުގައި ހިޔާލު ހޯދައިގެން ލިޔެފައިވާ ލިޔުމެއް. ޕާޓް ޓައިމް އެއްޗެކޭ ވީލް ބަރޯ އޭ ކިޔައި އަނެއްކާ މާލޭގެ އިސްކޮށްތިބި އާއިލާ ތަކަކަށް ނޫނީ ވެރިންނަށް އަމުރު މައުރޫފު ހިންގުން ބޮޑުކުރަން ފުރުސަތު ދޭން ތިޔަ އުޅެނީ. މޫސަފަދަ ޒަމާނަށް ލޯ ހުޅުވޭ ނޫސްވެރިއަކު ކަމުގެ ފަހަތް ނުބަލައި ލިޔެގެން ނުވާނެ އެއްޗެއް މީ. ދިއްދޫ ޖަލްސާ ނުބޭއްވި ދިއުމަކީ އެކަމަށް ރިފްލެކްޓްކޮށް މި ނިޒާމަށް ހަޖޫޖަހަން އޮތް ފުރުސަތެއް ނޫން. މަޢާފަށް އެދުން މުހިއްމު.
2 1

އޭއިމޫސަ

8 ޖޫން 2022
ދިއްދޫގައި ދިމާވި ކަމެއް އެކަނި ނަގައިގެން މުޅި ނިޒާމް ތިޔަހެން އޮޅާލަން ފުރުސަތެއް ނުދެވޭނެ. ޚަރަދު ބޮޑެއް ނޫން. އެ ދަނީ ރައްޔިތުންގެ އަތަށް. ކުދި ކޮމިއުނިޓީ ތަކުގެ ފުދުންތެރިކަން އެބަ އިތުރުވޭ. އެމްޓީސީސީ އަށް ބަނދަރު ހަދަން ދިނީމަ އެޔަކުން ރައްޔިތުންގެ ޖީބު ތަނަވަހެއް ނުވޭ. މިއީ ބެލެންސް ނިޒާމެއް. ފެންވަރަކީ އެ ރަށެއްގެ ބަޔަކު ކަނޑައަޅާ އެއްޗެއް. މިއީ ޑިމޮކްރަސީ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް