ސޯސަންމަގުގައި ހުންނަ ނާދީ ބިމުގައި ޓާޓާ ކުންފުނިން އިމާރާތް ކުރަމުން އަންނަ މަތީ ފެންވަރުގެ ފްލެޓްތައް: މި ތަންތަން އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ ރެއިންބޯއާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޓާޓާ ފްލެޓުތައް

ރެއިންބޯއާ ހަވާލުކޮށްގެން އޯޑިއޯން އާއި ނާދީ ބިމުގައި ފްލެޓް އަޅަން ފަށައިފި

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް މިދިޔަ ޖެނުއަރީގައި ޓާޓާއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަ މަސް ތެރޭގައި މަސައްކަތް ފަށަން ޖެހޭ

ކުރީގެ އޯޑިއޯން ސިނަމާ އަދި ކުރީގެ ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ އިން އަޅާ ފްލެޓްތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ ރެއިންބޯ އިން ފަށައިފި އެވެ.

މައްސަލައިގެ ފެށުން - ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 555 ފްލެޓް އެޅުމަށް ޓާޓާއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އޯޑިއޯން އާއި ނާދީ ބިމުގައި ހަދަން ޖެހޭ ފްލެޓްތައް އެ ކުންފުނިން އެއްބަސްވުމާ އެއްގޮތަށް ހަދާފައި ނުވާ ކަމަށް ބުނެ 2017ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރި އެވެ. އެކަމާ ގުޅިގެން އެ ކުންފުނިން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅި އެވެ. އެގޮތުން ފާހަގަ ކުރެވޭ ކަންކަމަކީ:

  • ޓާޓާ ކުންފުނިން އިމާރާތްކުރީ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގެ 280 ފްލެޓް؛ އެ ފްލެޓްތައް ހަދަން ދިގު މުއްދަތެއް ނެގި

  • އޯޑިއޯން އާއި ނާދީ ބިމުގައި ލަގްޒަރީ ފްލެޓް އެޅުމާއި ޅ. ޅޮއްސަލަފުށީގައި ރިސޯޓެއް ހަދަން އޮތަސް އެކަމެއް ޓާޓާ އިން ނުފެށި

  • އެ ކުންފުނިން އާބިޓްރޭޝަނަށް ދިޔައީ ބަދަލަކަށް 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ހޯދަން

  • މި ސަރުކާރުން ނިންމީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް އޯޑިއޯން އާއި ނާދީ ހުރި ބިން އަލުން ޓާޓާއަށް ދީ، 30 ލަގްޒަރީ ވިލާ އަޅަން ރަށެއް ވެސް ދިނުމަށް 

  • މިދިޔަ ޖެނުއަރީގައި ސޮއިކުރި އާ އެއްބަސްވުމުގެ ދަށުން ހަ މަސް ތެރޭގައި މަސައްކަތް ފަށަން ޖެހޭ 

ސޯސަންމަގުގައި ހުންނަ ނާދީ ބިމުގައި ޓާޓާ ކުންފުނިން އިމާރާތް ކުރަމުން އަންނަ މަތީ ފެންވަރުގެ ފްލެޓްތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ވީ ކިހިނެއް؟ - އެ އެއްބަސްވުމުގެ ދަށުން ނާދީ އާއި އޯޑިއޯން ހުރި ބިމުގައި ހަދާ ފްލެޓްތަކުގެ މަސައްކަތް މީގެ މަހެއްހާ ދުވަސް ކުރިން ވަނީ ފަށައިފަ އެވެ. މާލޭގައި ހުންނެވި ޓާޓާ ކުންފުނީގެ އޮފިޝަލަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، އޯޑިއޯ އާއި ނާދީ ހުރި ބިމުގައި އަޅާ ފްލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް އެ ކުންފުނިން ހަވާލުކޮށްފައި ވަނީ ރެއިންބޯ ކޮންސްޓްރަކްޝަންއާ އެވެ.

ނަމަވެސް އޭގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ.

ތަފްސީލް - އެ ދެ ބިމުގައި ވެސް މިހާރު ކުރަމުން އަންނަނީ ފައުންޑޭޝަން އެޅުމަށް ކުރަން ޖެހޭ މަސައްކަތެވެ. ފެންނަ ފެނުމަށް ވަރަށް ހަލުވިކޮށް މަސައްކަތް ކުރިއަށްދެ އެވެ.

ސޯސަންމަގުގައި ހުންނަ ނާދީ ބިމުގައި ޓާޓާ ކުންފުނިން އިމާރާތް ކުރަމުން އަންނަ މަތީ ފެންވަރުގެ ފްލެޓްތައް ހެދުމުގެ މަސައްކަތް ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ފާހަގަކޮށްލެވޭ ކަމެއް - އެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ޓާޓާގެ އޮފިޝަލުން އެދުނު ގޮތަށް ސުވާލުތައް އީމެއިލް ކުރި ނަމަވެސް އެތައް ދުވަހެއް ވީއިރު ވެސް އެ ކުންފުނިން ސުވާލުތަކަށް ޖަވާބު ދީފައެއް ނުވެ އެވެ. ޓާޓާގެ އޮފިޝަލް ވިދާޅުވީ އެ ކުންފުނީގެ ޕީއާރު ޑީޕާޓްމަންޓުން ޖަވާބެއް ދީފައި ނުވާތީ އެ މަޝްރޫއާ ގުޅޭ ގޮތުން އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

ރެއިންބޯ ކޮންސްޓްރަކްޝަންގެ ބަހެއް ވެސް އެކަމާ ގުޅޭ ގޮތުން ލިބޭ ގޮތެއް ނުވި އެވެ. ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ މައުލޫމާތު ދޭނީ ޓާޓާ ކުންފުނިން ކަމަށެވެ.

ކޮމެންޓް (1)

ކިލީމާ

26 ޖޫން 2022
އެމްޑީޕީ ވެރިން ރިސްވަތު ނަގާފައި ދީފައި ހުރި ތަންތަން މިއީ. ރައްޔިތުން ގެ މުދާ އެހެން ފަރާތަކައް ނުއަގުގައި ރައްޔިރުންނަށް ގެއްލުންވާ ގޮތައް ނަޝިދު ގެ ވެރިކަމުގައި ދޫކޮއްފައިވާތީ ގެއްލުމުގެ ބަދަލު ނަޝިދު އަތުން ނަގަން ޖެހޭ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް