ޓްރިސްޓަން އޭނާ ބޭނި މަހާ އެކު.

ސްޕޯޓް ފިޝިން

މި މަސްވެރިޔާއަށް ދުނިޔޭގެ ރެކޯޑެއް ހެދުމުގެ ހުވަފެން ސީދާވީ ރާއްޖެއިން

އެމެރިކާގެ ޓްރިސްޓަން ވަނީ މިހާތަނަށް ނުބާނާ ވަރުގެ ބްލެކް ސްނޯކެއް (ތޮޅިއެެއް) ބާނައިގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައި

އެހެން މީހަކަށް ނުބޭނޭ ވަރުގެ މަހެއް ބޭނުމަކީ، އެމެރިކާގެ މި މަސްވެރިޔާ ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެކެވެ.

އެކަމަކު މިދިޔަ މާޗު މަހުގެ މެދު ތެރޭގައި، ޓްރިސްޓަން ޓެރޮޓުއާ ރާއްޖެ އައީ ވަކި އެ ކަމަށް އުއްމީދުކޮށްގެންނެއް ނޫނެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް، މަޖަލަށް މަސްވެރިކަން ކުރަމުން އައި ފްލޮރިޑާގެ ޒުވާނާ ހަމައެކަނި ބޭނުންވީ ރާއްޖޭގައި ވެސް މަހަށް ގޮސް، އޭނާގެ 'ބަކެޓްލިސްޓު'ގައި ފާހަގަ ޖަހާލުމެވެ.

ނަމަވެސް، އައްޑޫގައި މަހަށް ގޮސް އުޅުމުގެ ތެރޭގައި އޭނާ ވަނީ، އެންމެ ކުރިއްސުރެ ދެކެމުން އައި ހުވަފެން ސީދާކޮށްފަ އެވެ؛ މިހާތަނަށް ނުބާނާ ވަރުގެ ބޮޑު ތޮޅިއެއް (ބްލެކް ސްނޯކް) ބާނައި ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފަ އެވެ.

"ކަނޑުގެ އަޑިން މި މޮންސްޓާ ސިފަ ވަނީ ބިރުވެރި ހުވަފެނަކުން ފެންނަ އެއްޗަކާ. އެކަމަކު މިއީ އަހަރެންގެ ހުވަފެނެއް ސީދާވުން،" ރާއްޖޭން އޭނާ ބޭނި ބިޔަ މަހުގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ޓެރޮރޮޓު ބުންޏެވެ.

ސްޕޯޓްފިޝިންގައި ރާއްޖޭގައި ނަގާކިޔާލެވޭ އަބްދުﷲ އާނިފްއާ އެކު ޓްރިސްޓަން ކުރި އެ ދަތުރުގައި 14 ކިލޯގެ މި ތޮޅި ބޭނީ ކަނޑުގެ 300 މީޓަރު އަޑިންނެވެ. އެންކޮޅު އެއްލިތާ 30 ހަކަށް ސުކުންތުގެ ތެރޭގައި މަސް ގަތް ކަމަށް އޭނާ ބުންޏެވެ. ދިގުމިނުގައި 68.5 އިންޗި ހުރި މި މަސް ލޯންޗަށް ވެސް އެރުވުނީ ވަރަށް ހާލުންނެވެ. ޓްރިސްޓަން ބުނި ގޮތުގައި، މަސް ލޯންޗަށް ނަގަން ވެސް ބައިގަޑިއިރެއް ހާއިރު ހޭދަވި އެވެ.

ރާއްޖެއިން ބޭނި މި މަސް، މިހާރު ވަނީ އިންޓަނޭޝަނަލް ގޭމް ފިޝް އެސޯސިއޭޝަން (އައިޖީއެފްއޭ)އިން ބަލަހައްޓާ، މަސްވެރިކަމުގެ ރެކޯޑު ފޮތަށް އަރައިފަ އެވެ. އެގޮތުން:

  • މީގެ ކުރިން މި ރެކޯޑް އޮތީ ޖަޕާނުގެ މަސްވެރިއެއްގެ އަތުގައި

  • ޖަޕާނުގެ ޓޮކުނޯޝިމާއިން ބޭނި އެ މަހުގެ ބަރުދަނުގައި 12.50 ކިލޯ ހުރި

ސްޕޯޓްފިޝިންގެ ތަކެތި ވިއްކުމުގެ ވިޔަފާރީގައި އުޅޭ ޓްރިސްޓަންއަށް ރާއްޖެއަކީ މަސްވެރިކަމުގައި ހުވަފެނީ މަންޒިލެކެވެ.  އަތޮޅުތަކުގެ މެދުގައި އެކި ފުންމިން ހުންނައިރު، އެއީ 'ޖިގިން'އަށް އެންމެ ކަމުދާ ތަންތަން ކަމަށް އޭނާ ބުންޏެވެ.

ޓްރިސްޓަން ވަނީ ރާއްޖެއިން އޭނާގެ މި ހުވަފެން ސީދާ ވީތީ، އެ ކަމަށް ޝުކުރު އަދާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް