ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި 10 ޑިސެމްބަރު 2021ގައި ކާނިވާ ސަރަހައްދުގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ޓްވިޓާ/ޕީޕީއެމް)

ޔާމީން ގާސިމަށް: ޕީޕީއެމްގެ ރިޔާސީ ޓިކެޓެއް ނުލިބޭނެ

ޔާމީން ވިދާޅުވީ ޕީޕީއެމުން އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ނެތިގެން ގާސިމް ނެރެން ނުދާނެ ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޓިކެޓު ދޭން އުޅޭ ކަމަށްް ވާހަކަ ދެކެވޭ ކަމަށާއި އެކަމަކު އެ ފުރުސަތު ގާސިމަށް ނުލިބޭނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީޕީއެމް-ޕީއެންސީގެ 'އިންޑިއާ އައުޓް' ކެމްޕެއިންގެ ހަރަކާތެއްގައި ގއ. ވިލިނގިލީގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ނެރޭނީ އެ ޕާޓީގެ މެމްބަރެއް ކަމަށެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން ޕާޓީން ނެރޭނެ މީހަކު ނެތިގެން އަޅުގަނޑުމެން ނުދާނަން ގާސިމް ނެރޭކަށް،" ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަޕޯޓަރުންނަށް ޔާމީން ވިދާޅުވީ އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނުލިބިގެން ޕީޕީއެމްގެ މުޅި ލަޝްކަރާއި ޕާޓީގެ އޮފީހުގައި ތިބި ހުރިހާ ވެރިން އަރާނީ ގާސިމްގެ ފަހަތަށް ކަމަށް ބުނެ ދައްކާ ވާހަކަ ގަބޫލު ނުކުރަން އެދިވަޑައިގެންނަވާ ކަމަށެވެ.

"ބޮލާލާ ޖަހާތި އެ ވާހަކަ. އަޅުގަނޑުމެން މި އުޅެނީ ގާސިމް އިބްރާހިމަށް ޕީޕީއެމްގެ ތެރެއިން ޖާގަ ދޭކަށް ނޫން. އެ ޖާގަ އަޅުގަނޑުމެން ދޭކަށް ބޭނުމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވިގޮތުގައި ރިޔާސީ އިންތިހާބަށް ނުކުންނަން ބޭނުންވާ ހަކަތަ ޕީޕީއެމްގައި އެބަހުއްޓެވެ. ޕާޓީގެ ފަރާތުން އިންތިހާބަށް ނެރެން ބޭނުންވާ މީހުން ޕީޕީއެމްގައި އެބަތިބި ކަމަށާއި އެ ގާބިލްކަން ހުރި މީހުން ވެސް އެބަތިބި ކަމަށް ވެސް ވިދާޅުވި އެވެ.

ގާސިމް ކޮވިޑުގެ ހާލަތުގައި މަޖިލީހަށް ވަޑައިނުގެން ރިސޯޓުގައި އުޅުއްވުމަށް ފަހު، މި މަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕެއިނަށް އެ ދާއިރާ އަށް ވަޑައިގެންފައިވާތީ ވެސް ޔާމީން ފާޑުވިދާޅުވި އެވެ.

ޔާމީންގެ ވެރިކަން ނިމުމާ އެކު ޕީޕީއެމުން ވަކިވެ ޖުމްހޫރީ ޕާޓީއަށް ބަދަލުވި މެމްބަރުންނަށް ވެސް ޔާމީން ފާޑުވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީއަށް އެންމެ މުހިއްމުވި ވަގުތު ޕާޓީ ދޫކޮށް ދިޔަ މެންބަރުންނަށް ދެން ޖާގައެއް ނެތް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް