ކަސްރަތު ކުރިޔަސް ދުވާލުގެ ބާކީ ވަގުތުތަކުގައި ހެލިފެލިވެއުޅެން ޖެހޭ

އަބަދު އިށީނދެގެން އިންނަ ނަމަ ކަސްރަތުގެ ފައިދާއެއް ނެތް

ކަސްރަތު ކުރިޔަސް ގިނަ ވަގުތު އިށީނދެ ތިބޭ މީހުންގެ ހަކުރާއި ކޮލެސްޓްރޯލް އަދި ސަރުބީ މަތި
18 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

ދުޅަހެޔޮ ދިރިއުޅުމަކަށް ދުވާލަކު 30 މިނެޓު ވަންދެން މެދުމިނަކަށް ކަސްރަތު ކުރަން ޖެހޭ

އެކަމަކު 30 މިނެޓުގެ ކަސްރަތު ފުރިހަމަކުރިޔަސް، ދުވާލުގެ ބާކީ ބައިގައި އިށީނދެ އިންނަ ނަމަ ދުޅަހެޔޮކަމެއް ނުލިބޭ

ދުޅަހެޔޮކަން އެންމެ ރަނގަޅީ ކޮންމެ ދުވަހަކުހެން 1 ގަޑިއިރު ވަންދެން ކަސްރަތުކޮށް، އިތުރު 2 ގަޑިއިރު ލުއިކޮށް ހެލިފެލިވެއުޅޭ މީހުންގެ

ތިއީ "އެކްޓިވް ކައުޗް ޕޮޓޭޓޯ" އެއްތަ؟ ދެ ސުވާލަކަށް ޖަވާބު ދީގެން މިކަން ދެނެގަނެވިދާނެ އެވެ.

ދުވާލަކު 30 މިނެޓު ކަސްރަތުގައި ހޭދަކުރަން ހެއްޔެވެ؟

ދުވަހުގެ ބޮޑުބައި އޮފީސް މޭޒުދޮށުގައި ކޮމްޕިއުޓަރަށް ބަލަހައްޓައިގެން އިށީނދެ އިނުމަށް ފަހު، ރޭގަނޑު ޓީވީ ކުރިމަތީގައި އިންނަނީ ހެއްޔެވެ؟ 

މި ދެ ސުވާލުގެ ޖަވާބަކީ އާނއެކޭ ނަމަ ތިއީ ސައިންސްވެރިން ބުނާ "އެކްޓިވް ކައުޗް ޕޮޓޭޓޯ" ލިސްޓުގައި ހިމެނޭ މީހެކެވެ. އާ ދިރާސާ އަކުން ދައްކާ ގޮތުގައި މިފަދަ މީހުންގެ ދުޅަހެޔޮކަން ކުޑަ އެވެ. އޭގެ މާނައަކީ ކަސްރަތު ކުރިޔަސް، ދުވަހުގެ ބާކީ ބައިގެ ގިނަ އިރު އިށީނދެ ތިބޭ ނަމަ ސިއްހީ މައްސަލަތަކުގެ ނުރައްކާ ބޮޑު ކަމެވެ.

އެހެން ގޮތަކަށް ބުނާ ނަމަ، ކަސްރަތުކޮށްފައި އައިސް ގިނަ އިރު އިށީނދެ އިންނަ ނަމަ، އެއްގޮތަކަށް ވެސް ކަސްރަތު ނުކުރުމެކޭ ދާދި އެއްފަދަ އެވެ.

ކަސްރަތު ކުރިޔަސް ގިނަ އިރު އިށީނދެގެން ހޭދަ ކުރާ ނަމަ އެކްޓިވް ކައުޗް ޕޮޓޭޓޯ ގުރޫޕަށް ފެތޭ

ފިންލެންޑްގައި 3،700 އަންހެނުންނާއި ފިރިހެނުން ހިމެނޭ ގޮތަަށް ހެދި ދިރާސާއަކުން ދެއްކިގޮތުގައި ދުވާލެއްގެ މަައްޗަށް ގަވާއިދުން 30 މިނިޓު ކަސްރަތުގައި ހޭދަކުރުމަށް ފަހު، ދެން ބާކީ އޮތީ 10 ނުވަތަ 12 ގަޑި އިރުވަންދެން އިށީނދެ ތިބޭ މީހުންގެ ހަކުރާއި ކޮލެސްޓްރޯލް މަތިވެފައި ސަރުބީ ގިނަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނާ ގޮތުގައި، ދުޅަހެޔޮ ދިރިއުޅުމަކަށް، ހަފްތާގެ ގިނަ ދުވަސްތަކުގައި ދުވާލަކު 30 މިނެޓު ވަންދެން މެދުމިނަކަށް ކަސްރަތު ކުރަން ޖެހެ އެވެ. މެދުމިނަށް ކަސްރަތު ކުރުމުގެ ތެރޭގައި ބާރަށް ހިނގުން ހިމެނެ އެވެ.

ފިންލެންޑުގެ ޔުނިވާސިޓީ އޮފް އޮއުލޫ އާއި އިތުރު ބައެއް ގައުމުތަކުގެ ޔުނިވާސިޓީތަކުގެ ސައިންސްވެރިންގެ މި ދިރާސާއިން ހޯދިފައިވަނީ ގިނަ އިރު އިށީނދެ އިނުމުގެ ބަދަލުގައި ހެލިފެލިވެ އުޅޭ މީހުންގެ ސިއްހަތު، އެކްޓިވް ކައުޗް ޕޮޓޭޓޯގެ ގޮތުގައި ސިފަކުރެވޭ މީހުންނަށް ވުރެ، ރަނގަޅު ކަމެވެ. އަދި ގިނައިރު އިށީނދެ އިނުމުން ލިބޭ ގެއްލުންތަކުން އަދި ސަލަމާތްވުމަށް ދުވާލެއްގެ މައްޗަށް 30 މިނެޓުގެ ކަސްރަތުން ނުފުދޭ ކަމެވެ.

ދުވާލަކު މަދުވެގެން 30 މިނެޓު ކަސްރަތުގައި ހޭދަކުރަންޖެހޭ

ސައިންޓިފިކް ގިނަ ހެކިތަކުން އެނގޭ ގޮތުގައި ބައިގަޑިއިރުގެ ކަސްރަތުގެ ސަބަބުން އަހަރެމެންގެ ސިއްހަތަށް ހެޔޮ ބަދަލު އައިސް، ނަފްސާނީ ހަމަޖެހުން ގެނެސްދީ އަދި އުމުރު ދިގުވުމަށް އެހީތެރިވެ އެވެ. ނަމަވެސް، މައްސަލައަކަށް ވަނީ ދެން އޮތް 23 ގަޑި އިރާއި ބައި ހޭދަ ކުރާ ގޮތެވެ.

މީގެ ކުރިން، އިށީނދެ އިނުމާއި ކަސްރަތު ކުރުން ދިރާސާ ކުރެވިފައިވަނީ ވަކިންނެވެ. އަދި ތެދުވެގެން ގޮސް ކޮފީ ތައްޓެއް ހެދުން ފަދަ ކުދިކުދި ކަންކަން ކުރުމަކީ މާ ބޮޑު ފައިދާތަކެއް އެކަމުގެ ސަބަބުން ލިބޭ ކަންކަން ކަމުގައި ގަބޫލް ކުރެވިފައެއް ނުވެ އެވެ.

ގިނަ ވަގުތު އިށީނދެ އިނުމާ ގުޅޭ ފަހުގެ ދިރާސާ 

'މެޑިސިން އެންޑް ސައިންސް އިން ސްޕޯޓްސް އެންޑް އެކްސަސައިޒް' ޖާނަލްގައި މިދިޔަ ޖުލައި މަހު ޝާއިއުކޮށްފައިވަނީ ފުޅާ ދާއިރާއެއްގައި މައުލޫމާތު އެއްކޮށްފައިވާ ދިރާސާއެކެވެ. މިގޮތުން އުތުރު ފިންލެންޑްގައި މީގެ 10 ވަރަކަށް އަހަރު ކުރިން  އުފަންވި ހުރިހާ ކުދިން ފާހަގަކޮށް، އެމީހުން ބޮޑުވަމުން ދިޔަ ވަރަކަށް ދިރާސާވެރިން އެމީހުންގެ ދިރިއުޅުމާއި ސިއްހަތު ޓްރެކްކުރި އެވެ. އަދި އެމީހުން ބޮޑެތި މީހުންނަށް ވުމަށް ފަހު، އޭގެ ތެރެއިން 3،702 މީހުންނަށް މަދުވެގެން ހަފްތާއެއްހާ ދުވަހު ސައިންޓިފިކް ގްރޭޑްގެ އެކްޓިވިޓީ ޓްރެކަރެއް އަޅައިގެން އުޅުމަށް އެދުނެވެ. 

އެކްޓިވް ކައުޗް ޕޮޓޭޓޯއިން ދުވާލަކު 10 ގަޑި އިރު ތިބެނީ އިށީނދެ

މި އެކްޓިވް ޓްރެކަރުގެ އެހީގައި ދިރާސާވެރިން ބެލީ އެމީހުން ހަރަކާތްތެރިވެ އުޅޭ މިންވަރެވެ. އިށީނދެ އިނުމާއި ހިނގާ ވަގުތާއި ކަސްރަތު ކުރަމުން ދިޔަ ވަގުތު މޮނިޓާ ކުރި އެވެ. 

ޓްރެކަރުން ހަރަކާތްތެރިކަން ބަލަމުން ދިޔަ އިރު ކޮޅަށް ހުރުމަކީ އިށީނދެ އިނުމާއި އެއްގޮތް އިންއެކްޓިވިޓީއެއްގެ ގޮތުގައި ބެލި އެވެ.

މި ދިރާސާގެ އެކްޓިވް ކައުޗް ޕޮޓޭޓޯ އިން، ދުވާލެއްގެ މައްޗަށް ކުރަން އޮންނަ 30 މިނެޓުގެ ކަސްރަތު ކޮށްފައި، ދުވާލަކު 10 ގަޑި އިރު ތިބެނީ އިށީނދެގެންނެވެ. އެމީހުން ހަރަކާތްތެރިވެ އުޅޭ ވަގުތު 220 މިނެޓަށް ވުރެ މަދެވެ.

ދެވަނަ ގުރޫޕަކީ ދުވާލެއްގެ މައްޗަށް 30 މިނެޓު ކަސްރަތުކުރުމަށް ފަހު އަބަދު އިށީނދެގެން ނުތިބެ، ހަރަކާތްތެރިވާ މީހުންނެވެ. މި މީހުން ތެދުވެ ކުޑަކޮށް ހިނގާލާ ހެދި އެވެ. މި ގުރޫޕްގެ މީހުން އެކްޓިވް ކައުޗް ޕޮޓޭޓޯއިންނަށް ވުރެ %40 ގިނަ ވަގުތު، ނުވަތަ ދުވާލަކު 90 މިނެޓު ލުއިކޮށްހަރަކާތްތެރިވެ އުޅުނެވެ.

ތިންވަނަ ގުރޫޕަކީ 10 ގަޑި އިރު ވަންދެން މެޑުކެނޑުމެއްނެތި އިށީނދެ ތިބޭ މީހުންނެވެ. އެމީހުން ގިނަ ދުވަހު ގަޑިއިރެއްހާ އިރު ކަސްރަތު ކުރި އެވެ.

ކަސްރަތުކުރިޔަސް ގިނަ އިރު އިށީނދެ ތިބޭ ނަމަ ހަކުރާއި ކޮލެސްޓްރޯލް އަދި ސަރުބީ މަތިވޭ

އެންމެ ފަހު ގުރޫޕަކީ ވަރަށް ބޮޑަށް ހަރަކާތްތެރިވެ އުޅޭ މީހުންނެވެ. "މޫވާސް"ގެ ނަން ދީފައިވާ މި ގުރޫޕް ކޮންމެ ދުވަހަކުހެން ގަޑިއިރެއް ވަންދެން ކަސްރަތުކޮށް، އެކްޓިވް ކައުޗް ޕޮޓޭޓޯއިންނަށް ވުރެ އިތުރަށް ދެ ގަޑި އިރު ލުއިކޮށް ހަރަކާތްތެރިވި އެވެ.

މި ގުރޫޕްތައް ހަރަކާތްތެރިވާ މިންވަރު ދިރާސާކުރުމުން ފާހަގަވީ ދުޅަހެޔޮކަން އެންމެ ދަށީ އެކްޓިވް ކައުޗް ޕޮޓޭޓޯ ގުރޫޕަށް ނިސްބަތްވާ މީހުންގެ ކަމުގަ އެވެ. އެމީހުންގެ ހަކުރު ހުންނަ މިންވަރާއި، ބޮޑީ ފެޓް ޕަސެންޓޭޖް އަދި ކޮލެސްޓްރޯލް ޕްރޮފައިލް ދައްކަނީ އެދެވޭ ގޮތަކަށް ނޫނެވެ.

އެހެން ހުރިހާ ގުރޫޕެއްގެ ހާލަތު އެކްޓިވް ކައުޗް ޕޮޓޭޓޯއިންނާ އަޅާބަލާއިރު ރަނގަޅުކަން ފާހަގަވި އެވެ. ލޭގެ ހަކުރާއި ކޮލެސްޓްރޯލް ހުންނަ މިންވަރު ރަނގަޅުވެފައި ސަރުބީގެ ޕަސެންޓޭޖް ވެސް އެކްޓިވް ކައުޗް ޕޮޓޭޓޯސް އަށް ވުރެ ރަނގަޅެވެ. އާމްދަނީ އާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި ނިދުމުގެ އާދަތަކާއި އެހެނިހެން ކަންކަމަށް ބެލި އިރު ވެސް މި ނަތީޖާ އައިީ މިގޮތަށެވެ.

ކަސްރަތު ކުރިޔަސް ދުވާލުގެ ބާކީ ވަގުތުތަކުގައި ލުއިކޮށް ހެލިފެލިވެއުޅުމަށް ސަމާލުވާންޖެހޭ

ހައްލަކީ ކޮބާ؟

މި ދިރާސާ އިން ލިބިދޭ ފިލާވަޅަކީ އަބަދު އިށީނދެ އިނުމުގެ ނުރައްކަލެވެ. އަދި ކަސްރަތު ނުކުރާ ވަގުތުތަކުގައި ވެސް ލުއިކޮށް އަދި ގިނަގިނައިން ހަރަކާތްތެރިވުން މުހިއްމު ކަމެވެ. އެއީ ތަނެއް ސާފުކުރުން، ސިޑިން އެރުން، ނުވަތަ ގޭތެރޭގައި ހިނގާލައިގެން ނަމަވެސް އެވެ.

ދުވާލަކު 30 މިނެޓު ކަސްރަތު ކުރިޔަސް އަދި އިތުރަށް 80-90 މިނިޓުގެ ލުއި ކަސްރަތު އެބަ ބޭނުންވެ އެވެ. އެއަށް ވުރެ ގިނައިން ހެލިފެލިވާ ނަމަ އަދި މާ ރަނގަޅެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި 60 މިނެޓަށް ކަސްރަތުކޮށްފި ނަމަ ލިބޭ ފައިދާ ބޮޑެވެ. އެކަމަކު އެއް ގަޑިއިރު ވަންދެން ކަސްރަތު ނުކުރެވޭ މީހުން ވެސް ދުވާލެއްގެ މައްޗަށް މަދުވެގެން ކުރާ 30 މިނެޓުގެ ކަސްރަތުގެ އިތުރުން 10-15 މިނެޓުގެ ހިނގުން އިތުރުކޮށްލައިގެން ވެސް ފައިދާ ލިބޭނެ އެވެ. 

ދިރާސާވެރިން އިތުރަށް ބުނެފައިވަނީ، މިކަމުގެ ހައްލަކަށް ވަރަށް އާދައިގެ ކަންކަން ކުރެވިދާނެ ކަމުގަ އެވެ. ހަރަކާތްތެރިވާންވީ ލިބޭ ކޮންމެ ވަގުތެއްގައި އަދި އެމީހަކު ހަރަކާތްތެރިވެ އުޅެން ބޭނުންވާ ގޮތަކަށް ކަމުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް