ނަޝީދާއި ޔާމީން 2013ގެ ރިޔާސީ އިންތިހާބުގެ ބަހުސްގެ ތެރެއިން ސަލާމް ކުރައްވަނީ: ނަޝީދު ވަނީ ޔާމީންއަށް ތައުރީފް ކުރަން ފައްޓަވާފައި (ފޮޓޯ/ޕީއެސްއެމް)

ނަޝީދަށް ޔާމީން ރަނގަޅުވުން: ސިޔާސީ ބޮޑު ވާހަކައެއް

ޔާމީން އާއި ނަޝީދުގެ ސިޔާސީ ޖޯޑް ވާނީ ވަރަށް ތަފާތު ނަތީޖާއެއް ރިޔާސީ އިންތިހާބުގައި ނުކުމެދާނޭ ސަބަބަކަށް
18 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަމުގައި އެ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާދަވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަޅާބެއްލެވުމަށް ފަހު، ވިދާޅުވީ ޔާމީން މާ ރަނގަޅުވެފައި ވިޝަނަރީ ކަމަށެވެ. އަދި ވިދާޅުވި އެވެ؛ އިންޑިއާ އައުޓް ހަރަކާތް ނޫން އެހެން ކަންކަމުގައި އެމަނިކުފާނާއި ޔާމީންގެ ވިސްނުމުގައި އެއްގޮތް ހިޔާލުތަކެއް އެބަހުއްޓެވެ.

އަމިއްލަ ޕާޓީގެ މެންބަރަކަށް ވުރެ، ނަޝީދުގެ އިސްކުރުމާއި ތައުރީފް ޔާމީންއަށް އޮތުމުން ރިޔާސީ އިންތިހާބެއް ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ސިޔާސީ ގޮތުން ބުނެދޭ ވާހަކަތައް ވަރަށް ގިނަ އެވެ. އަދި ސިޔާސީ މައިދާނަށް އަތުވެދާނޭ ބޮޑެތި ބަދަލުތަކުގެ ލަފާކުރުމެއް އެ ވާހަކަތަކުން ބުނެދެ އެވެ. 

ނަޝީދަށް ޕާޓީ މުހިންމު ނުވީތަ؟ 

އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންގެ ވިސްނުމުގައި ޕާޓީއަށް ވުރެ ނަޝީދަށް އިދިކޮޅު ލީޑަރު މުހިންމުވެ ތައުރީފް ކުރެއްވުމުން އެނގެނީ ނަޝީދަށް ކޮންމެހެން މުހިންމު ވަނީ އެމްޑީޕީ ނޫން ކަމެވެ. އެކަމުން ބުނެދެނީ ނަޝީދަށް މުހިންމީ އެމަނިކުފާނަށް ވެރިކަން ލިބޭނޭ ކޮންމެ ފޯމިއުލާއަކަށް މަސައްކަތް ކުރުން ކަމަށް އެބޭފުޅާ ވިދާޅުވި އެވެ.

"ޔާމީން ސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަންތަކާއި މި ހުރިހާ ކަމެއް އެއީ ހަނދާންނައްތާލެވޭނޭ ކަންކަމެއް ނޫން. ހާއްސަކޮށް މި ޕާޓީއަށް އެ ޖެހުނު ހާލު. އެހެން އޮތްއިރު ހުރިހާ ކަމެއް ހަނދާން ނައްތާލާފައި މި ޕާޓީގެ ބޭފުޅަކަށް ވުރެ ޔާމީން އިސްކުރުން ބަލައެއް ނުގަނެވޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވި ގޮތުގައި ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަކީ ޔާމީންގެ ވެރިކަމާ އެމްޑީޕީއިން އެންމެ ބޮޑަށް ދެކޮޅުވި ކަންކަން ކަމަށްވާ އިރު، ނަޝީދު ޔާމީންއަށް ކުރެއްވި ތައުރީފަކީ ޕާޓީގެ އަސާސީ ގަބޫލުކުރުންތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ. އަމިއްލަ ސިޔާސީ މަންފާއަށް ވުރެ ޕާޓީ ބޮޑުވާން ޖެހޭނޭ ކަމަށް ވެސް އެ މެންބަރު ގަބޫލެއް ނުކުރައްވަ އެވެ.

12 ޖެނުއަރީ 2023، ރައީސް ނަޝީދު ރާޅުގަނޑުގައި ބޭއްވި ޕްރައިމެރީ ކެމްޕެއިން ޖަލްސާގެ ތެރެއިން (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

"ޕާޓީގައި އުފެދޭ ސިޔާސީ ވާދަވެރިކަމުގައި ވެސް މުޅި ޕާޓީގެ އުސޫލުތަކާ ހިލާފަށް އިދިކޮޅު ސިޔާސީ ފިކުރުގެ މީހުންނަށް ތައުރީފްކޮށް އެ ސިޔާސަތުތައް އެންޑޯސްކުރުން ގަބޫލުކުރެވޭނެ ކަމެއް ނޫން އެއީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރަކު ވިދާޅުވި އެވެ.

"މިއީ އެކަކަށް ވުރެ މާ ބޮޑު ޕާޓީއެއް. އެހެންވީމާ ޕާޓީގެ އުސޫލުތައް ހިފަހައްޓަން ޖެހޭ. އެކަމަކު މި އަންނަ އެތެރޭގެ ވާދަވެރިކަމުގައި އިދިކޮޅު ލީޑަރަށް ދީލައިލާ ހިސާބަށް ކަންކަން ދިޔުމަކީ ލަދުވެތި ކަމެއް."

ނަޝީދުގެ ތައުރީފް ކުރެއްވުން ޔާމީންއަށް އަމާޒުވުމުން އެމްޑީޕީގެ އެތެރޭގެ ބޭފުޅުންގެ މެދުގައި ހިތްހަމަނުޖެހުންތައް އެބަ އޮތެވެ. އަދި ސިޔާސީ ވާދަވެރި ކެމްޕޭނެއްގެ ތެރޭގައި އަމާޒުކުރާ ބަސްތަކުން ހިތްހަމަނުޖެހުން އުފެދުމަކީ ތޮބީއީ ކަމެކެވެ. އެކަމަކު ބައެއް ބޭފުޅުންނަށް މައްސަލައަކީ މުޅި ޕާޓީ އެކީ ހަލާކުވެގެން ދާ ހިސާބަށް އެ ބަސްތައް ހޫނުވެގެން ދިޔުމެވެ. އެމްޑީޕީގެ އުސޫލުތައް ހަނދާންނެތި، އެ މީހަކަށް ސިޔާސީ ގޮތުން މޮޅުވެވޭނޭ ކޮންމެ ގޮތެއް ހޯދުމަކީ ގޯހެއްގެ ގޮތުގައި އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ގަބޫލުކުރެވެ އެވެ.

ނަޝީދާއި ޔާމީން އެކުގައި ފެނިދާނެތަ؟

އެމްޑީީޕީގެ އެތެރޭގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ނަޝީދުގެ ތައުރީފް ކުރެއްވުން ޔާމީންއަށް އަމާޒުކުރެއްވުން ސިފަވަނީ ނަޝީދު ޔާމީންއަށް ދިއްކޮށްލެއްވި ޒައިތޫނި ފަތްކޮޅެއްގެ ގޮތުގަ އެވެ. އެއީ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމުގެ ފެހި ސިގުނަލެކެވެ. އޭނާ ވިދާޅުވީ ސިޔާސީ ކަންކަމުގައި ޔާމީންއާ އެކު ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވަން ނަޝީދު ތައްޔާރަށް ހުންނެވިކަން އެ ވާހަކަތަކުން މާނަކުރެވިދާނެ އެވެ.

"ސިޔާސީ ކަންކަމުގައި ޔާމީންއަށް ނަޝީދު އެއްބާރުލުން ދެއްވުމުގެ ފެހި ސިގްނަލް އެ ފެނުނީ. އެހެންވީމާ ޕްރައިމަރީގެ ނަތީޖާ އަންނަ ގޮތަކުން ނަޝީދު ފާޅުގައި ތާއީދު ނުކުރެވިއްޔަސް އިދިކޮޅަށް ސިޔާސީ ގޮތުން އެއްބާރުލުން ދީފާނެ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެ ބޭފުޅާ ވިދާޅުވި އެވެ.

ނަމަވެސް ނަޝީދު ވިދާޅުވަނީ އެމަނިކުފާނު ޕީޕީއެމްއާ އެކު ނުހުންނަވާނޭކަން އެއީ ޔަގީން ކަމެއް ކަމަށެވެ. އަދި ޕްރައިމަރީން ބަލި ވެއްޖެ ނަމަ، ރައީސް ސޯލިހާ އެކު ނުހުންނަވާނޭ ކަމުގެ ޔަގީންކަން ވެސް ނަޝީދު ދެއްވި އެވެ. އެހެންވީއިރު އަނެއް ސުވާލަކީ ޕްރައިމަރީން ބަލިވި ނަމަވެސް އެމަނިކުފާނު ގޭގައި މަޑުން ހުންނަވާނޭ ހެއްޔެވެ؟

"ވިއަވަތި ރާއްޖެ" މަހާސިންތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، 16 ޑިސެމްބަރު 2019 ގައި(ފޮޓޯ/ ރައީސް އޮފީސް)

މީގެ ކުރިން ނަޝީދު ނަންގަވާފައިވާ ސިޔާސީ ނިންމެވުންތަކަށް ބަލާއިރު އެމަނިކުފާނުގެ ސިޔާސީ ހަތުރުން ރޭހުން ބޭރުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން އެ ޕާޓީގެ އިސް މަގާމުތަކަށް ވަޑައިގެންނެވި އިބްރާހިމް އިސްމާއިލް (އިބްރާ) އާއި ޑރ. މުހައްމަދު މުނައްވަރުމެން ފަދަ ބޭބޭފުޅުން ޕާޓީން ބޭރުކޮށްލުމުގައި ނަޝީދުގެ ދައުރު ވަރަށް ބޮޑެވެ. ނަޝީދަކީ ސިޔާސީ ގޮތުން މަޑުން ހުންނެވޭ ބޭފުޅެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް ސިޔާސީ ކަންކަމަށް ދެވިހިފާފައި ހުންނެވި ބޭފުޅެކެވެ.

މިއަދު ރައީސް ސޯލިހަކީ ނަޝީދުގެ އެންމެ ބޮޑު ސިޔާސީ ހަތުރަށް ވާއިރު ރައީސް ސޯލިހުގެ ބާރުވެރިކަން ދުއްވާލުމަށް މަސައްކަތް ނުކުރައްވައި ނަޝީދު ގޭގައި މަޑުން ހުންނަވާނެ ކަމަށް ގަބޫލުކުރުން އުނދަގުލެވެ. ފާޅުގައި ނޫނަސް ޔާމީންއާ އެކު ނުވަތަ އިދިކޮޅު ފަރާތްތަކާ އެކު ނަޝީދު މަސައްކަތް ކުރެއްވުން ވަރަށް ކައިރި އެވެ. މިސާލަކަށް މަޖިލީހުގެ ތެރެއިން ޕްރެޝަރުތައް ކުރިމަތިކުރެއްވުމުގަ އެވެ. ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރެއްވުމުގަ އެވެ.

"ނަޝީދު މަޑުން ހުންނެވުން އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް. އެހެންވީމާ ނަޝީދު އެވަގުތަކަށް މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅަކާ އެކު މަސައްކަތް ކުރެއްވުން ފެންނަ މަންޒަރަކީ. ޕްރައިމަރީން ބަލިވެއްޖިއްޔާ އެ މަންޒަރު ފެންނަނީ. އެ ޕޮސިބިލިޓީ އޮތީ،" މީގެ ކުރިން އެމްޑީޕީގައި އުޅުއްވި ނަމަވެސް މިހާރު ސިޔާސީ ކަންކަމާ ދުރުގައި ހުންނެވި ބޭފުޅަކު ވިދާޅުވި އެވެ.

ސިއްރިއްޔާތުގައި ނަމަވެސް ނަޝީދާއި ޔާމީން އެކުގައި މަސައްކަތް ކުރައްވާ ނަމަ އެއީ ސަރުކާރަށް ބޮޑު ޗެލެންޖަކަށް ވާނެ އެވެ. އަދި ޔާމީން އާއި ނަޝީދުގެ ސިޔާސީ ޖޯޑް ވާނީ ވަރަށް ތަފާތު ނަތީޖާއެއް ރިޔާސީ އިންތިހާބުގައި ނުކުމެދާނޭ ސަބަބަކަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް