Majlis 2024

މުސްއަބް އަބްދުﷲ (ފޮޓޯ/މިހާރު)

ސިވިލް ކޯޓު

މުސްއަބަށް 3 ދުވަސް ތެރޭ 1.1 މިލިއަން ދޭން ކޯޓުން އަމުރުކޮށްފި

ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ސީއެސްސީން އަމަލުނުކުރުމުން އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި މުސްއަބު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައި
24 ނޮވެމްބަރު 2022

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރި މުސްއަބު އަބްދުاللهއަށް 1.1 މިލިއަން ރުފިޔާ ދިނުމަށް، ތިން ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް 25 ޖުލައި 2017ގައި އައްޔަން ކުރި މުސްއަބާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި ހަތަރު މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑުކުރީ މެއި 2019ގަ އެވެ. އަދި ފަހުން އެ މައްސަލަ ބެލައި އެ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެގޮތުން:

  • އޭނާ މަގާމުން ވަކި ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ އޭނާ މަގާމުން ވަކި ކުރަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސާބިތު ނުވާ ކަމަށް

  • ސިވިލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ މަހުގެ 28ގައި ހައި ކޯޓުން ހުކުމްކޮށްފައި ވަނީ އޭނާ ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް؛ އަދި ގާތްގަނޑަކަށް 1.1 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ހުކުމް ކުރި

  • އެ ހުކުމް ސުމްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ދައުލަތުން ނިންމިޔަސް، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިކަން ޔަގީނެއް ނުވޭ

ވީ ކިހިނެއް؟ - ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ސީއެސްސީން އަމަލުނުކުރުމުން އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި މުސްއަބު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފަ އެވެ.

ތަފްސީލް - އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، މުސްއަބަށް ލިބެން ޖެހޭ 1.1 މިލިއަން ރުފިޔާ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިން ސިވިލް ކޯޓާ ހަވާލުކުރުމަށް ސީއެސްސީގެ މައްޗަށް އަމުރުކޮށްފަ އެވެ.

މުސްއަބް ވަޒީފާ އިން ވަކިކުރީ އިސްލާމިކް މިނިސްޓްރީގެ ސިއްރު ލިޔުމެއް ޓްވިޓާ މެދުވެރިކޮށް ލީކުކުރި ކަމަށް ބުނެ އެވެ. އެއީ މުސްއަބާއި އިތުރު މީހަކު ގުޅިގެން އެ މިނިސްޓްރީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެއް އޭސީސީން ތަހުގީގުކޮށް މިނިސްޓްރީއަށް އޭސީސީން މައްސަލަ ނިންމައި ފޮނުވި ސިޓީއެކެވެ.

އެކަމަކު، އެ ސިޓީ އޭސީސީން މުސްއަބަށް ވެސް ފޮނުވާފައިވާކަން ހައިި ކޯޓުން ފާހަގަކޮށްފައިވެ އެވެ. އަދި މުސްއަބް ޓުވިޓާގައި ހާމަކުރީ އިސްލާމިކް މިނިސްޓްރީއަށް ފޮނުވި އެއްޗެއްކަން އެނގޭނެ ގޮތެއް ނެތް ކަމަށާއި އޭނާ ސިއްރު ލިޔުމެއް ހާމަކުރި ކަމަށް ނުބެލެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

އެނގުން މުހިންމު - މުސްއަބު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައެޅި ނަމަވެސް، ޕާމަނަންޓް ސެކެޓްރީގެ މަގާމު އަލުން ނުދެވޭނެތީ އެ ކޯޓުން ނިންމީ އޭނާއަށް ބަދަލު ދޭށެވެ. ޕާމަނަންޓް ސެކެޓްރީގެ ވަޒީފާ އަލުން އިއާދަ ނުކުރެވޭނެތީ ވަޒީފާގެ އެއްބަސްވުން ހަމަވާ ތާރީހާ ހަމައަށް އަދި ސަސްޕެންޑު ކުރި މުއްދަތަށް އޭނާއަށް ލިބެން ޖެހޭ މުސާރަ ދިނުމަށް ވެސް ހުކުމުގައި އަންގާފައިވެ އެވެ. އެގޮތުން، އޭނާއަށް ދިނުމަށް ހައި ކޯޓުން ސިވިލް ސާވިސް ކޮމިޝަނަށް އެންގީ:

  • ވަޒީފާއަށް ނުކުތުން މަނާކޮށް ސަސްޕެންޑު ކުރި މުއްދަތަށް 86،333ރ.

  • ވަޒީފާ އިން ވަކިކުރެވުނު ތާރީހުން ފެށިގެން ވަޒީފާގެ އެއްބަސްވުުން ހަމަވާ ތާރީހާ ހަމައަށް ލިބެން ޖެހޭ 1.1 މިލިއަން ރުފިޔާ

  • ބަންދު ނޫން 14 ދުވަަހުގެ ތެރޭގައި އެ ފައިސާ ދައްކަން އަންގާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް