ބޮޑުވަޒީރު ސެން ގޮނޑީގައި އަރާމުކުރައްވަނީ: އެ މަނިކުފާނު ހުންނެވީ ރާއްޖެއާ މެދު ހިތްހަމަޖެހިވަޑައިގެންފައި.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރިސޯޓުން ކުރެވުނީ ތަފާތު ތަޖުރިބާއެއް

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، ކެމްބޯޑިއާގެ ބީޗުތައް ވެސް ރާއްޖެހާ ރީތި

ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު އޮތް ގުޅުމަށް އަހަރުތަކެއް ވީ ނަމަވެސް، އެ ގައުމުގެ ބޮޑުވަޒީރު އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެންއަށް ރާއްޖޭގެ ރަށްތައް އަލެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އިއްޔެ އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ފުރަތަމަ ފަހަރަށެވެ. އެކަމަކު ރާއްޖެއާ މެދު ބޮޑުވަޒީރު ހިތްހަމަޖެހިވަޑައިގެން ހުންނެވިކަން އިއްޔެ އެ މަނިކުފާނު ސޯޝަލް މީޑިއާއަށް ދޫކުރެއްވި ފޮޓޯތަކުން ތަސައްވުރު ކުރެވެ އެވެ.

އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެން، ބޮޑުވަޒީރު ސެން މަޑުކުރެއްވީ މާލެ ކައިރި ރިސޯޓެއްގަ އެވެ. ފޭސްބުކްގައި ސެންގެ ރަސްމީ އެކައުންޓުން، އެ ރިސޯޓުގައި އެ މަނިކުފާނު ހޭދަކުރެއްވި ބައެއް ވަގުތުތަކުގެ ފޮޓޯ ހިއްސާކުރެއްވި އެވެ.

އޭގެ ތެރެއިން ބައެއް ފޮޓޯތަކުން ފެންނަނީ، ބޮޑުވަޒީރު ހުންނެވި ކޮޓަރީގެ ކުރިމަތީގައި މޫދަށް ކުރިމަތިވާ ގޮތަށް، ގޮނޑިއެއްގައި އޮށޯވެލައްވައިގެން އަރާމު ކުރައްވާ ތަނެވެ. އަދި މޫދު ކައިރީގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން ހުންނަވާ ތަނާއި މޫދަށް އެރިވަޑައިގެން އުޅުއްވާ ތަން ވެސް ފެނެ އެވެ.

ބޮޑުވަޒީރު ސެން މޫދުގައި: މި ފޮޓޯތައް އާއްމުކުރެއްވީ އެ މަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި.
ސްނޯކަލްކުރެއްވުމަށް ފަހު ބޮޑުވަޒީރު ސެން މޫދުގައި މަޑުކުރައްވައިގެން: މި ފޮޓޯތައް އާއްމުކުރެއްވީ އެ މަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި.

އެފަދަ ގިނަ ފޮޓޯތަކެއް އެ މަނިކުފާނު ސޯޝަލް މީޑިއާއަށް ދޫކުރެއްވި އެވެ.

ބޮޑުވަޒީރު ސެން ލިޔުއްވި ގޮތުގައި، އިއްޔެ އެ މަނިކުފާނު ސްނޯކަލް ކުރެއްވި އެވެ. އަދި ބާތުޓަބު، ކޮޓަރީގެ ކައިރީގައި (ބޭރުގައި) ހުރުމުން، ތަފާތު ތަޖުރިބާއެއްގެ ގޮތުގައި އެ ވާހަކަ ފާހަގަކުރެއްވި އެވެ.

"މޫދުގެ ލޮނާއި ތާޒާ ފެނުގައި ވެސް މަޑުކުރިން،" ފޭސްބުކްގައި ބޮޑުވަޒީރު ލިޔުއްވި އެވެ.

ސެންގެ އެ ތަޖުރިބާ ފެނުމުން، އެ ގައުމުގެ ބައެއް މީހުން އެކި ސުވާލުތައް ކުރި އެވެ. ކެމްބޯޑިއާގެ ބީޗުތަކާ ހުރި ތަފާތަކީ ކޮބައިތޯ އާއި އެ ގައުމުގެ ބީޗުތަކަށް ވެސް ހަމަ އެ ރީތިކަން ގެނެވިދާނެތޯ އެހި އެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރި ސެން ބައެއް ސުވާލުތަކަށް ޖަވާބު ވެސް ދެއްވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކެމްބޯޑިއާގެ އަތިރިމަތީގެ ކޮންމެ ތަނަކަށް ވެސް ކާރުގައި ދެވެ އެވެ. އެކަމަކު ރާއްޖޭގައި، އެއް ބީޗުން އަނެއް ބީޗަށް ދާން ޖެހެނީ ފެރީގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މާދަމާ ރައީސް އޮފީހަށް ވެސް ދާން ޖެހޭނީ ފެރީއެއްގައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރިސޯޓުގައި.

ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، ރީތިކަމަށް ބަލާއިރު، ރާއްޖެ އާއި އެ ގައުމުގެ ބީޗުތަކާ ވަކި ތަފާތެއް ނެތެވެ. ގެސްޓްހައުސްތަކާއި އެހެން ހުރިހާ ހިދުމަތްތަކެއް އެ ތަނުން ލިބެން ހުރެ އެވެ. އެކަމަކު ރާއްޖޭގެ ރީތިކަމަށް ބޮޑުވަޒީރު ތައުރީފްކުރެއްވި އެވެ.

ޓޫރިޒަމްއަކީ ކެމްބޯޑިއާގައި ދެ ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ނެރޭ ދާއިރާ އެވެ. އެ ގައުމުގެ ބީޗުތަކަށް ވެސް ޓޫރިސްޓުންގެ ބޮޑު ޝައުގުވެރިކަމެއް ލިބިފައިވެ އެވެ. އެކަމަކު އެ ގައުމަށް ގިނަ ބަޔަކު ދަނީ، ގަދީމީ އިމާރާތްތަކުގެ ރީތިކަން ބަލާލުމަށެވެ.

ބޮޑުވަޒީރު ސެން ރިސޯޓުގައި މަޑުކުރައްވައިގެން.

ބޮޑުވަޒީރު ސެންގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައި އެކި ދާއިރާތަކުން ގުޅުން ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މަނިކުފާނު އެނބުރި ގައުމަށް ވަޑައިގަންނަވާނީ މާދަމާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް