ނުރައްކާތެރި އެއްޗެއް އޮތްކަމުގެ މައުލޫމާތު ލިބިގެން ސިފައިން މާލޭގައި ކުރިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓެރަރިޒަމް

ދޭން އުޅުނީ ގިނަ ބަޔަކު މަރުވެދާނެ ފަދަ ޓެރަރިސްޓު ހަމަލާއެއް

މި މައްސަލައިގައި 14 މީހަކު ވަނީ ހައްޔަރުކޮށްފައި
14 ނޮވެމްބަރު 2022

ގޮވާތަކެތި ބޭނުންކޮށްގެން، ގިނަ ބަޔަކު މަރުވާނެ ފަދަ ގޮތަކަށް ދޭން އުޅުނު ޓެރަރިޒަމްގެ ހަމަލާއެއް ފުލުހުން ހުއްޓުވައި 14 މީހަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުން ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު މި ހަމަލާ ދޭން އުޅެފައިވަނީ ބައިނަލްއަގުވާމީ ޓެރަރިސްޓު ޖަމާއަތް، އައިއެސްއަށް ތާއީދުކުރާ ބައެކެވެ. އެކަމަކު ހަމަލާ ދޭން އުޅުނީ ކޮންތަނެއްގައި ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

މި ހަމަލާގެ މައުލޫމާތު ލިބުމާ އެކު ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާފަ އެވެ. 

  • އޮޕަރޭޝަން ހިންގާފައިވަނީ މާލެ އާއި އައްޑޫގެ އިތުރުން ކ. ގުރައިދޫގައި

  • ހަމަލާއާ ގުޅިގެން 14 މީހުން ހައްޔަރު ކުރި އިރު، އެއީ މުޅިން ވެސް އައްޑުއަށް ނިސްބަތްވާ ފިރިހެނުން

  • ހައްޔަރު ކުރީ - އައްޑޫން 10 މީހަކު، މާލޭން ދެ މީހަކު އަދި ގުރައިދޫން ދެ މީހެއް

  • މީގެ ތެރެއިން ނުވަ މީހުންނަކީ ކުރިން ވެސް ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރު ކުރި މީހުން

  • އޮޕަރޭޝަނުގައި އައްޑޫގެ 11 ގެއަކާއި މާލޭގެ 4 ގެއެއް ފާސްކޮށް، ބައެއް ގެތަކުން ހަމަލާއާ ގުޅޭ ތަކެތި ހޯދި

އައްޑޫގެ މަގެއްގައި އެމްބިއުލާންސެއް ހަރަކާތްތެރިވަނީ: ހައްޔަރުކުރީ މުޅިން ވެސް އައްޑުއަށް ނިސްބަތްވާ މީހުން. (ފޮޓޯ/ އައްޑޫ ލައިވް)

ބުނީ ކީކޭ؟ - ފުލުހުންގެ އިންސްޕެކްޓަރު އުސްވަތު އަހުމަދު ވިދާޅުވީ މި ހަމަލާ ކާމިޔާބުވި ނަމަ، ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ، ފުލުހުންނާއި ސިފައިން ގުޅިގެން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ، އޭނާ ވިދާޅުވި ގޮތުގައި، 'ޑިސްޓްރަޕްޓިވް' އޮޕަރޭޝަނެއްގެ ގޮތުގަ އެވެ.

"ފުލުހުންނާއި ސިފައިންގެ މި އޮޕަރޭޝަނުގެ މަގްސަދަކީ ވެސް އާއްމުންގެ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާނެ ގޮތަކަށް ރާވަމުން ދިޔަ ރޭވުން ނާކާމިޔާބުކޮށްލުން،" އުސްވަތު ވިދާޅުވި އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުސްވަތު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ހަމަލާ ދޭން އުޅުނު މީހުންގެ ތެރެއިން ނުވަ މީހުންނަކީ ކުރިން ވެސް މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ބައެއްކަން ފާހަގަކުރައްވައި އުޝްވަތު ވިދާޅުވީ:

  • އެ މީހުން ކުރިން ހައްޔަރުކުރީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުން ނުވަތަ އެކަމުގައި ބައިވެރިވުން ނުވަތަ އެފަދަ ކަމަކަށް ތާއީދުކުރުމުގެ ތުހުމަތުގައި

  • ކޮންމެ މައްސަލައެއްގައި، ޝަރީއަތަށް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނުހޯދޭ؛ އެހެންވެ، އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ދޫވެފައި އެބަތިބި 

"އަޅުގަނޑުމެންނަށް އެންމެ މުހިއްމީ އާއްމުންގެ ރައްކާތެރިކަން ކަށަވަރު ކުރުން. ބައެއްގެ ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުން ވާ ފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެ ހާލަތެއްގައި، ހެއްކެއް ނެތި ވެސް ހައްޔަރު ކުރަން ޖެހޭ،" އުސްވަތު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

މިއީ މިހާރު ވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، ހަމަލާ ދޭން އުޅުނު ތަނެއް އަދި ހަމަލާ ދޭން އުޅުނީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމެއް ފުލުހުންނެއް އަދި ނުބުނެ އެވެ. އެކަމަކު ފުލުހުން ބުނީ:

  • ހަމަލާ ރޭވުމުގައި ބޭރު ބައެއްގެ ބައިވެރިވުން ހިމެނޭ ކަމަށް ނުބެލެވޭ ކަމަށް

  • ބަލާ ފާސްކުރި ގެތަކުން ގޮވާތަކެތި ފެނުނު އިރު، އެއީ ކޮން ބާވަތެއްގެ ތަކެތިތޯ މިހާރު ތަހުލީލުކުރަމުންދާ ކަމަށް

އެނގުން މުހިއްމު - މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް ފުލުހުންނާއި ސިފައިން ވަނީ އައްޑޫގައި، ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތުކޮށް ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ވެސް އައްޑޫގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް