ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 6 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބައްދަލުކުރެއްވުމަށް ފަހު ބަޔާނެއް ދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)

އިޒްރޭލުގެ ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި

ސަރުކާރުން ވަނީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރު އޮންނާނެ ކަމުގެ ޔަގީންކަން ދީފައި
7 އޯގަސްޓު 2022

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ބޮން އަޅައި، ހަ ކުޑަކުދިންނާއި ފަލަސްތީންގެ ކޮމާންޑަރަކު މަރާލި ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ -  އިޒްރޭލުގެ މަތިންދާބޯޓުފަހަރުން ހޮނިހިރު ދުވަހު ގާޒާއަށް ދިން ހަމަލާތަކުގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ ކޮމާންޑަރު ހާލިދު މަންސޫރު ވަނީ މަރާލާފަ އެވެ. އޭނާގެ އިތުރަށް ފެބުރުއަރީއަށް ފަހު ގާޒާ އިން މަރާލި ކުޑަކުދިންގެ އަދަދު ހަޔަކަށް ވަނީ އަރައިފަ އެވެ. އަދި ފަލަސްތީނުގައި މަރުވި މީހުންގެ އަދަދު 31އަށް އެރީ އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި 260 މީހަކު ޒަހަމުވެފައިވާ ކަމަށެވެ.

ތަފްސީލް - ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ހަމަލާގައި މަރުވި އަދި އަނިޔާވި މީހުންނާއި އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

ރާއްޖޭން ބުނީ އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން، ކުށެއް ނެތް އާންމު ރައްޔިތުންނާމެދު ބާރުގެ ބޭނުންކޮށް އަމަލުކުރަމުން އަންނަ ގޮތާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ބުނީ ކީކޭ؟ - ސަރުކާރުން ބުނީ އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފަމުން އަންނަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ސެކިއުރިޓީ ކައުންސިލް އާއި އާންމު މަޖިލީހުގެ ގަރާރުތަކާ ހިލާފަށް ކަމަށެވެ. އަދި ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނެވޭނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅައި، ދެ ދައުލަތުގެ ހައްލެއް ގެނެސްގެން ކަމަށެވެ.

ސަރުކާރުން ވަނީ އަބަދު ވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހި ސަރުކާރު އޮންނާނެ ކަމުގެ ޔަގީންކަން މިއަދު ވެސް ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް