ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި މިއަދު ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރޯދަ 2022

ކަރާ ކިލޯއެއް 25ރ.އިން މަތީގައި؛ ތޮއްޑޫން ބުނަނީ އަގު ތިރިވާނެ ކަމަށް

ބޭރު ކަރާގެ އަގު އަދި ވަކިން ބޮޑު؛ ރާއްޖެ އެތެރެކުރާ ކަރާ ކިލޯއެއްގެ އަގު ވަނީ 30ރ.އަށް އަރާފައި
2 އޭޕްރީލު 2022

މިއަދު މާލޭ ލޯކަލް މާރުކޭޓަށް ބާޒާރު ކުރަން ދިޔަ ގިނަ މީހުން ގަންނަން ބޭނުންވީ ކަރަލެވެ. ބާޒާރުގެ ކޮންމެ ގޮޅިއަކާ ކައިރިކޮށްލާ މީހާ ވެސް އެންމެ ފުރަތަމަ އަހަނީ ކަރާގެ އަގެވެ. ބާޒާރުން ނުކުމެގެންދާ ކޮންމެ ދެމަފިރިއެއްގެ އަތުގައި ކަރައެއް ނެތިއެއް ނުދެ އެވެ. ރޯދަ މަހު ދިވެހިންނަށް އަދިވެސް އެންމެ ހާއްސަ ބުއިމަކީ ކަރާ ފަންޏެވެ. ރޯދަ މަސް މިއަދު ފެށިއިރު، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ބާޒާރުގައި އެންމެ ތިޔާގި އެއް ބާވަތަކީ އެކަމަށް މަޝްހޫރު އއ. ތޮއްޑޫގައި ހައްދާ ކަރަލެވެ. 

މި ބޮޑު ޑިމާންޑާ އެކު ތޮއްޑޫ ކަރާގެ އަގު އިސާހިތަކު މައްޗަށް ދެ އެވެ. މިދިޔަ އަހަރުގެ ރޯދަ މަސް ފެށީ ކަރާ ކިލޯއެއް 12ރ. އާއި 15ރ.އާ ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ރޯދަ މަސް ނިންމާލި އިރު ކަރާ ކިލޯއެއް ހުރީ 20ރ. އާއި 25 ރ.އަށް މައްޗަށް ޖެހިފަ އެވެ.

ވަރަށް ގަދައަށް ފެން ޖަހައިގެން މި ހެދެނީ މި ފަހަރު ހޫނު މޫސުން ވީމާ. އެހެންވެ ގާތްގަނޑަކަށް ރޯދައަށް ހެއްދި ދަނޑުތަކުގައި މާ ޖޯޑުކުރެވެން ފެށުނީ ލަފާކުރި ވަރަށް ވުރެ 2-3 ދުވަސް ފަހުން. ކަރަލެއް ދޮންވާން ނަގާނެ މަހެއް. އެހެންވެ، ދަނޑުތަކުން ރޯދަ ފެށެން ވާއިރަށް އެންމެ ރަނގަޅު އެއްޗެއް މި ނުނެރެވުނީ. އެކަމަކު ރޯދައިގެ މެދާއި ފަހުކޮޅު ހަމަ ވަރަށް ބައިވަރު ނުކުންނާނެ.

އިބްރާހިމް ވަހީދު / ތޮއްޑޫގެ ދަނޑުވެރިއެއް

މިއަދު ރޯދަ މަސް ފެށުނުއިރު، ބާޒާރުގައި ތޮއްޑޫ ކަރާ ހިމެނޭ ގޮތުން ދިވެހި ކަރާ ކިލޯއެއް ހުރީ 25ރ. އަށެވެ. ބޭރުގެ ބައެއް ގައުމުތަކުން ގެންނަ ކަަރާގެ އަގުތައް އަދި އެއަށް ވުރެ ބޮޑެވެ. އެގޮތުން، ބޭރުން ރާއްޖެ އެތެރެކުރާ ކަރާ ކިލޯއެއްގެ އަގު ވަނީ 30ރ.އަށް އަރާފަ އެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި މިއަދު ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މާރުކޭޓުގެ ގިނަ ވިޔަފާރިން ލަފާކުރަނީ ކަރާގެ އަގު 25ރ.އަށް ވުރެ މި އަހަރު ދަށަށް ނުދާނެ ކަމަށެވެ. އެ މީހުން ބުނާ ގޮތުގައި، ދިވެހި ކަރާގެ އަގު ވެސް ކިލޯއެއް 30ރ.އަށް އެރުން އެކަށީގެންވެ އެވެ. ސަބަބަަކަށް ވަނީ ރޯދަ މަހުގެ ކުރީކޮޅާ އަޅާބަލާއިރު ފަހުކޮޅުގައި ކަރާ ލިބުން މަދުވާތީ އެވެ.

"ބާޒާރުގައި ތަކެތީގެ އަގުތައް މި އަހަރު މި އުޅެނީ ބޮޑުކޮށް. ވީމާ ދަނޑުވެރިންނަށް ވެސް ހިއެއް ނުވޭ މިއަށް ވުރެ ދަށަށް ކަރަލުގެ އަގު ގެންދިޔައިމާ ފައިދާއެއް އޮންނާނެހެން ވެސް. އަނެއްކާ އެ ވަރަށް ބާޒާރަކަށް ކަރާ ނުއެއް ނެރެވޭ. އެހެންވީމާ، ލަފާ މި ކުރެވެނީ ކަރަލުގެ އަގު ހަމަ ދާނީ މައްޗަށް ކަމަށް،" މާރުކޭޓު ގޮޅިއެއް ހިންގާ މުހައްމަދު ހަސަން ބުންޏެވެ.

މާލޭ ލޯކަލް މާރުކޭޓުން މީހަކު ކަރައެއް ގަނެގެން ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނަމަވެސް، ތޮއްޑޫ ދަނޑުވެރިންގެ ހިޔާލު އެކަމުގައި ތަފާތެވެ. ޒަމާނުއްސުރެ ތޮއްޑޫގައި ކަރާގެ ދަނޑުވެރިކަން ކުރާ އިބްރާހިމް ވަހީދު މިއަދު 'ދައުރު'އަށް ބުނީ ރޯދަ މަހުގެ ފުރަތަމަ ދެތިން ދުވަހަށް ފަހު ކަރާގެ އަގު ބާޒާރުގައި ދަށް ވާން ފަށާނެ ކަމަށެވެ. އެއީ ރޯދައަށް ހާއްސަކޮށް އެ ރަށުން މާލެއަށް ކަރާ ފޮނުވަން ފަށާފައި ވަނީ އިއްޔެ ކަމަށްވާތީ ކަމަށް އޭނާ ބުންޏެވެ. 

މި އަހަރު ރޯދަ މަސް ފެށިއިރު ދަނޑުތަކުން ކަރާ ނެރެވޭ އަދަދު މަދުވެގެން އުޅެނީ ހޫނު މޫސުމާ ދިމާވުމުން، ދަނޑުތައް ހެދެން ޖެހޭ ސްޕީޑުގައި ނުހެދުމުގެ ސަބަބުންކަން ވަހީދު ފާހަގަކުރި އެވެ. ނަމަވެސް، ރޯދަ މަހުގެ ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ގިނަ އަދަދަކަށް ތޮއްޑޫން ކަރާ ބާޒާރަށް ނެރެވޭނެ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ގަދައަށް ފެން ޖަހައިގެން މި ހެދެނީ މި ފަހަރު ހޫނު މޫސުން ވީމާ. އެހެންވެ ގާތްގަނޑަކަށް ރޯދައަށް ހެއްދި ދަނޑުތަކުގައި މާ ޖޯޑުކުރެވެން ފެށުނީ ލަފާކުރި ވަރަށް ވުރެ 2-3 ދުވަސް ފަހުން. ކަރަލެއް ދޮންވާން ނަގާނެ މަހެއް. އެހެންވެ، ދަނޑުތަކުން ރޯދަ ފެށެން ވާއިރަށް އެންމެ ރަނގަޅު އެއްޗެއް މި ނުނެރެވުނީ. އެކަމަކު ރޯދައިގެ މެދާއި ފަހުކޮޅު ހަމަ ވަރަށް ބައިވަރު ނުކުންނާނެ،" ވަހީދު ބުންޏެވެ.

ލޯކަލް މާރުކޭޓުން މިއަދު މީހަކު ވިޔަފާރި ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އޭނާ ވެސް ރޯދައަށް 20،000 އަކަފޫޓުގެ ކަރާ ދަނޑެއް ވަނީ ހައްދައިފަ އެވެ. އެ ދަނޑުން އެކަނި ވެސް މި ރޯދަ މަހު 6،000 ކިލޯގެ ކަރާ ނެރެވޭނެ ކަމަށް އޭނާ ލަފާކުރެ އެވެ. ވަހީދު ބުނީ ކޮންމެ ދުވަހަކު އެ ރަށުން ކަރާ ބަރުކޮށްގެން އެއް ދޯނި މާލެ ދަތުރުކުރާނެ ކަމަށެވެ. އެހެންވެ، ބާޒާރުގައި ހުސްނުވެ ކަރާ ލިބެން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"އަގު މައްޗަށް ނުގޮސް ހިފެހެއްޓޭ ވަރު ވާނެ. ސަޕްލައި އެ ވަރަށް ކުރެވޭނެ،" ވަހީދު ބުންޏެވެ.

އެނގުން މުހިންމު - މި ފަހަރު ރޯދައަށް ހާއްސަކޮށް ތޮއްޑޫގައި 19.3 ހެކްޓަރުގެ ސަރަހައްދެއްގައި 130 ކަރާ ދަނޑު ވަނީ ހައްދައިފަ އެވެ. ތޮއްޑޫގެ އިތުރުން، ލ. އަތޮޅުގެ ރަށްތަކުންނާއި ފުވައްމުލަކާއި ށ. ފީވައް އަދި ކ. ކާށިދޫން ވެސް ބާޒާރަށް ކަރާ ނެރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް