ކޮމަންޑޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ފަތުހީ ވާހަކަ ދައްވަނީ: ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަ ޕީޕީއެމުން ދޫނުކުރާނެ ކަމަށް ވިދާޅުވި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އިންތިހާބަށް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަ ދުލެއް ނުކުރާނަން: ފަތުހީ

ފަތުހީގެ ވާހަކައިގައި ސަރުކާރަށާއި ގާސިމަށް ބަހުގެ ގިނަ ހަމަލާތަކެއް ދެއްވި

ށ. ކޮމަންޑޫން: ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނަށް ސަރުކާރުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށާއި އިންތިހާބަށް ފަހު ވެސް އެ މައްސަލަ ބަލާނެ ކަމަށް އެ އިންތިހާބުގައި ވާދަ ކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހޮނިހިރު ދުވަހު ބާއްވާ ބައި-އިލެކްޝަންގެ ކެމްޕެއިންގައި ޕީޕީއެމް އިން މި ރަށުގައި ބޭއްވި ޖަލްސާއެއްގައި ފަތުހީ ވަނީ ސަރުކާރަށާއި، ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް ކެމްޕެއިންކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ބުނީ ކީކޭ؟ - ފަތުހީ ވިދާޅުވީ ރައްޔިތުން ސަރުކާރާ ހަވާލު ކުރި "ޒިންމާ ނުއުފުލައި އެ ޒިންމާއިން ބަރީއަވެގެން ހުރެ" މި އިންތިހާބު ކާމިޔާބުކުރުމަށް ރައްޔިތުންގެ ބޮލަށް "ޗިޕު ޖަހަމުންދާ" ކަމަށެވެ. އެކަން އެގޮތަށް ހިނގި ނަމަވެސް، ޕީޕީއެމަށް ބާރު ލިބޭ ދުވަހެއްގައި އެ މައްސަލަތައް ބަލާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

"ތި ބޭފުޅުން ގަބޫލު ކުރައްވާ، މި އިންތިހާބު ނިމިގެން ދުލެއް ނުދޭނަން. އިބްރާހިމް މުހައްމަދު ސޯލިހްގެ މައްސަލަތައް ބަލާނަން. މި އިންތިހާބާ ގުޅިގެން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ ބަލާނަން،" ފަތުހީ ވިދާޅުވި އެވެ.

"ކުންފުނިތަކުގެ ކޯޕަރޭޓިވް ހަމަތަކާއި އުސޫލުތަކާ ހިލާފަށް، މާލިއްޔަތު ގާނޫނާ ހިލާފަށް، ނެތް ފައިސާއިން [މަޝްރޫއުތައް] އެގްރިމަންޓް ކުރި މައްސަލަތައް ބަލާނަން."

ކޮމަންޑޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ފަތުހީ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން އިންތިހާބު ނެތް ނަމަ މި ދާއިރާއަށް ސަރުކާރުން ބަލާ ވެސް ނުލާނެ ކަމަށް (ދައުރު ފޮޓޯ)

އެނގުން މުހިންމު - ސަރުކާރުން ދަނީ މި ދާއިރާއަށް ކުރިން އިއުލާންކޮށްފައި ނުވާ ގިނަ މަޝްރޫއުތަކެއް އިންތިހާބާ ދިމާކޮށް އިއުލާންކޮށް، ހިންގަމުންނެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ސީއެސްއާރުގެ ނަމުގައި ވެސް މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. ކޮމަންޑޫ ހިއްކި ބިމުގައި އެމްޓީސީސީން މިިދިޔަ މަހު 14ގައި ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ފަށާފައިވެ އެވެ. އޭގެ އިތުރުން:

  • ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު: 249.9 މިލިއަން ރުފިޔާ

  • ކޮމަންޑޫގައި އައިސް ޕްލާންޓް ގާއިމްކުރުން: 5 މިލިއަން ރުފިޔާއަށް 25 ޓަނުގެ އައިސްޕްލާންޓެއް

  • ށ. އަތޮޅުގެ ތިން ރަށެއް ރިސޯޓް ހަދަން ބީލަމަށް ލި

  • މަރޮށީގެ ބަނދަރު ބޮޑުކުރަން ފެށި: 43.3 މިލިއަން ރުފިޔާގެ މަޝްރޫއެއް

ކޮމަންޑޫގައި ސީއެސްއާރުގެ ދަށުން އެމްޓީސީސީން ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް އިފްތިތާހުކޮށްފައި: މިއީ އިންތިހާބާ ދިމާކޮށް ފެށި މަޝްރޫއުއެއް (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ފަތުހީ ވިދާޅުވި ގޮތުގައި އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކެއް ނަމަވެސް، އޭނާ މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު، އެ މަޝްރޫއުތަކަކީ "އަވާ މެންދުރަކަށް ނެހެދޭނެ" ކަމަށެވެ. އެގޮތުން އެ މަޝްރޫއޫތައް ސަރުކާރު ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން ނުހިންގޭނެ ކަމަށާއި މަޖިލިސް މެންބަރަކަށް ވުމަށްް ފަހު، ބަޖެޓްގައި އެ މަޝްރޫއުތައް ޖައްސަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަރުހޫމް ހުސައިން ވަހީދުގެ ހިތާމަވެރި މަރާ ގުޅިގެން މި ބައި-އިލެކްޝަން ނައި ނަމަ، ކޮމަންޑޫ އޮތް ދިމާލަށް ބަލާ ވެސް ނުލާނެ މި މީހުން،" ފަތުހީ ވިދާޅުވި އެވެ.

ފަތުހީ ގާސިމަށް: ތިޔަ ދެނީ އިބިލީހުގެ ވަސްވާސް

މިއަދު ކޮމަންޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން: ފަތުހީ ވަނީ ގާސިމަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި (ދައުރު ފޮޓޯ)

ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް ގެންދަވަނީ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯއްދެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. މިއަދު މި ރަށުގައި އޮތް އެމްޑީޕީގެ ޖަލްސާގައި ވެސް ގާސިމް ތަކުރާރުކުރެއްވި އެއް ވާހަކައަކީ މަންމަ ނުވަތަ ބައްޕަ ކުރިމަތިލިޔަސް އެ ދާއިރާގެ މީހުން ރާޝިދަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމެވެ.

ގާސިމްގެ އެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފަތުހީ އެކަން ސިފަ ކުރެއްވީ "އިބިލީހުގެ ވަސްވާސް"ގެ ގޮތުގަ އެވެ. އަދި ގާސިމް އުޅުއްވަނީ އަމިއްލަ އެދުމައިގެން ކަމަށް ފަތުހީ ވިދާޅުވި އެވެ.

"ގާސިމް އިބްރާހިމަށް ވެގެން މިއުޅޭ ގޮތަކީ، އެއާޕޯޓާއި އަދި އިތުރު ރަށެއް ބޭނުންވެގެން. ގާސިމް އިބްރާހިމަށް ވެގެން އުޅޭ ގޮތަކީ އެއީ. އަބަދުވެސް އުޅުއްވާނީ އެހެން،" ފަތުހީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ގާސިމް އެ ދައްކަވާ ވާހަކައިގެ މުރާދަކީ އާއިލީ ގުޅުން ވެސް ކަނޑާލަންވީ ކަމަށެެވެ. ނަމަވެސް އިސްލާމް ދީނުގައި މައިންބަފައިންނާއި އާއިލީ ގުޅުމާއި ރަހުމަތްތެރިކަމުގެ ގުޅުމަކީ ވަރަށް މުހިންމު މާތް ގުޅުމެއް ކަމަށް ފަތުހީ ވިދާޅުވި އެވެ.

"އޮންރަބަލް ގާސިމް އިބްރާހިމަށް ދަންނަވާލަން ބޭނުންވަނީ މަންމަ އާއި ބައްޕަގެ ހެޔޮ ދުއާއާ ނުލާ އެއްވެސް މީހަކަށް ސުވަރުގެ ލިބުމެއް ނުވެޔޭ،" ފަތުހީ ވިދާޅުވި އެވެ.

ފަތުހީ ވިދާޅުވީ މަންމަ އާއި ބައްޕައާ ދެކޮޅަށް އަދި ރަށުވަންތަކަމުގެ ގުޅުން ކަނޑާލާފައި އޭނާއަށް ވޯޓު ދިނުމަށް އެއްވެސް ރައްޔިތެއްގެ ކިބައިން އޭނާ އެދިވަޑައިގައިނުގަންނަވާނެ ކަމަށެވެ.

ކޮމެންޓް (1)

ޞައްދާމު

3 ފެބްރުއަރީ 2022
ބަދަލު ހިފުމާ އަނިޔާ ދިނުން..... މި ވަރުގެ ބަޔަކަށް ވޯޓްދޭން ހެޔޮނުވާނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް