ރިޗާޑް: ދިވެހިންނަށް ދިވެހިން ކިޔައިދީގެން ހެއްވާލި ޓިކްޓޮކް ތަރި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބްރެޒިލްގެ ރިޗާޑްގެ ވީޑިއޯތަކުގައި ދިވެހިންގެ އާދަތަކާއި ރާއްޖޭގައި ހިނގާ ކަންކަން މަޖާ ގޮތްގޮތަށް ގެނެސްދޭ
5 ނޮވެމްބަރު 2022

ރާއްޖޭގެ ޓިކްޓޮކް ތަރިންގެ ތެރެއިން މި ވަގުތު އެންމެ ގަދަޔަށް ވިދަމުން އަންނަ އެކަކީ ދިވެއްސެއް ނޫނެވެ. ބްރެޒިލްގެ ރިޗާޑް ހޭސް އެވެ. ރިޗާޑް ވަނީ އޭނާގެ ސަކަ ވީޑިއޯތަކުން ދިވެހިން ހެއްވާލައިފަ އެވެ.

ދޮންހިޔަލަ އާއި އަލިފުޅުން ފެށިގެން އިންސްޓަގްރާމް މޮޑެލް ކައިޒީން އަދި ދިވެހިންގެ ޖީބުން ހުސްނުވާ ސުޕާރީ ޕެކެޓުގެ ވާހަކަތަކަށް ބިނާ ކޮށްގެން ރިޗާޑު ވަނީ ހެއްވާ މަޖާ ވީޑިއޯ އުފައްދާފަ އެވެ. ދިވެހިންގެ އާދަކާދަތައް އޭނާ ގެނެސްދެނީ ބިދޭސީއެއްގެ ނަޒަރުންނެވެ. 

ރިޗާޑުގެ 10،000 އަށް ވުރެ ގިނަ ފޮލޮވަރުންނަށް އޭނާ ދިވެހި ބަހުން ވާހަކަ ދައްކާ ތަން ވެސް ފެނެ އެވެ. އެއިން ކޮންމެ ވީޑިއޯއަކަށް އެތައް ސަތޭކަ ބަޔަކު ލައިކުކޮށް ކޮމެންޓު ކުރެ އެވެ. އޭނާގެ ވީޑިއޯތައް މިހާ ބޮޑަށް ދިވެހިންގެ ތެރޭގައި މަގުބޫލުވާނެ ކަމަކަށް ރިޗާޑް އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ. ރިޗާޑު ވެސް އަޅުގަނޑުމެން ވެސް މި ތިބީ ހައިރާންވެފަ އެވެ.

ރިޗާޑް ޓިކްޓޮކަށް އަމިއްލަ ވީޑިއޯތަކެއް ލާން ފެށީ ވަރަށް އެހެން ކަހަލަ ދަނޑިވަޅެއްގަ އެވެ. މީގެ ތިން މަސް ކުރިން އޭނާގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ގިނަ ވަގުތު އަރާމުކުރަން ޖެހުމުންނެވެ. ކަމެއް ނުކޮށް އެނދުމަތީގައި އޮންނަން ޖެހުމުން އުފެއްދުންތެރި، މުނިފޫހިފިލާ ކަމެއް ކޮށްލަން ވިސްނީ އެވެ.

ރިޗާޑުގެ އެންމެ މަގުބޫލު ވީޑިއޯތަކުގެ ތެރޭގައި، އެމަކަށް ސުޕާރީ ފުޅިއެއް ބޭނުން ކޮށްގެން މޫދުން ދިވެއްސަކު "ބާނާ" ތަން ދައްކައިދޭ ވީޑިއޯ، 'އަލަމްގިރި ފްރޮމް އަލީ އެކްސްޕްރެސް' އަދި އަނެއްކާވެސް، ސުޕާރީ ބޭނުންވެގެން ދެ މީހަކު އުޅޭ ގޮތް ހިމެނެ އެވެ. މިއިން ކޮންމެ ވީޑިއޯއެއް އެތައް ހާސް ބަޔަކު ވަނީ ބަލައިފަ އެވެ. ޝައްކެއް ނެތެވެ. ދިވެހިންނަށް އޭނާ ވަރަށް ކަމުހިނގައްޖެ އެވެ.

'ދައުރު' އަށް ދިން އިންޓަވިއުއެއްގައި ރިޗާޑު ބުނީ، ވީޑިއޯތަކުގައި ދިވެހިން އެއްޗެހި ބުނެލާ ހެދިޔަސް، އޭނާއަށް ދިވެހި ބަސް ނޭނގޭ ކަމަށެވެ. އެކަމަކު އޭނާގެ ދިވެހި ރަހުމަތްތެރިން ބަސް ދަސްކޮށްދޭން ވަރަށް ބޮޑަށް އެހީތެރިވެ އެވެ.

"ދިވެއްސަކީ ދަސްކުރަން ވަރަށް އުނދަގޫ ބަހެއް. ބައެއް ލަފުޒުތައް އެނގޭ. އަދި ރައްޓެހިން ދައްކާ ބައެއް ވާހަކަތައް އެނގޭ. ދެން އެމީހުން ވާހަކަ ދައްކާ އިރު އަބަދުވެސް އެމީހުން ގާތު އަހަން ކީކޭތޯ އެ ކިޔަނީ،" ރިޗާޑު ބުންޏެވެ. 

ރިޗާޑު ރާއްޖެއަށް އައީ މީގެ ތިން އަހަރު ކުރިންނެވެ. އޭނާ މަސައްކަތް ކުރަނީ ހާޑް ރޮކް މޯލްޑިވްސްގައި ރެސްޓޯރަންޓު ސުޕަވައިޒަރެއްގެ ގޮތުގަ އެވެ.

"ހާޑް ރޮކް އަކީ ވަރަށް އުފާވެރި މާހައުލެއް އޮންނަ ތަނަކަށް ވީމަ ވަރަށް އުފާވޭ. ދެން މަސައްކަތް ކުރާ އިރު އެކަމަށް ފޯކަސް ކޮށްފައި މަސައްކަތުގެ ވަގުތު ހަމަވީމަ އަމިއްލަ ކަންކަމައިގެން އުޅުމުގެ ފުރުސަތު ލިބޭ،" އޭނާ ކިޔައިދިނެވެ. 

"ރާއްޖެއަށް އަހަރެން އައީ ހަމައެކަނި ދެ އަހަރަށް. އެކަމަކު މިހާރު މިއީ އަހަރެންގެ ތިންވަނަ އަހަރު މި ގައުމުގައި. ދެން އަންނަން އޮތް އަހަރުތަކުގައި ވެސް ބޭނުންވަނީ މިކޮޅުގައި އުޅެން." 

ރިޗާޑު ބުނީ ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބައެއް ކަމަށެވެ. ރާއްޖެއަށް އައިސް ވަޒަންވެރިވި އިރު ގިނަ ބަޔަކު އޭނާއަށް އެހީތެރިވެ، ގިނަ އަދަދެއްގެ ރަހުމަތްތެރިން ލިބުނު ކަމަށް އޭނާ ބުންޏެވެ. ރާއްޖޭގައި އުޅޭ އިރު ދިވެހިންގެ ފަރާތުން އޭނާއަށް ގާތްކަމެއް އިހުސާސުކުރެވެ އެވެ. އޭގެ އެއް ސަބަބަކީ އޭނާގެ ވީޑިއޯތަކަށް ދިވެހިން ކުރަމުން އަންނަ ލޯބިން ފުރިފައިވާ ކޮމެންޓުތައްކަން ޔަގީނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް