ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި. (ފޮޓޯ/މަޖިލިސް)

ވަކި ބަޔަކަށް ފައިދާވާ ގޮތަށް ރީބްރޯޑްކާސްޓް ގަވާއިދު ހެދި ކަމަށް ބުނެ މެމްބަރުންގެ ނުރުހުން

މި ފަހުން ބްރޯޑްކޮމުން އިސްލާހުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން، ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި
18 އޮކްޓޯބަރު 2022
2

ވަކި ބަޔަކަށް ފައިދާވާ ގޮތަށް ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދު އިސްލާހުކޮށްފައިވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނުރުހުން މިއަދު ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އަށް އަމާޒުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - މި ފަހުން ބްރޯޑްކޮމުން އިސްލާހުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން:

  •  ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭނީ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި

  • އެ އިސްލާހު އެގޮތަށް ގެނައުމުން، ރީބްރޯޑްކާސްޓްކުރުމުގެ ފުރުސަތު މިހާރު ލިބެނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މީޑިއާނެޓަށް އެކަނި

  • އެ އިސްލާހުގެ ސަބަބުން، މީޑީއާނެޓަށް ފަހު އެންމެ ބޮޑު ބްރޯޑްކާސްޓިން ކުންފުނި ކަމަށްވާ ދިރާގަށް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ގެއްލޭނެ؛ އެއީ ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހްރެއިންގެ ބަޓެލްކޯއަށް ވާތީ

ވީ ކިހިނެއް؟ - ރީބްރޯޑްކާސްޓިން ގަވާއިދަށް ބްރޯޑްކޮމުން ގެނައި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވަނީ މިއަދުގެ ޖަލްސާއަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެ ގަރާރުގައި ޝިޔާމް ވިދާޅުވީ:

  • ރާއްޖޭގައި ބްރޯޑްކާސްޓިންގެ ހިދުމަތް ދޭ އޮޕަރޭޓަރުންގެ ވިޔަފާރި އެއްކޮށް ފުނޑާލައި ވަކި ބަޔަކަށް ނާޖާއިޒު، ބޮޑެތި މަންފާތަކެއް ލިބޭ ފަދަ ގޮތަކަށް ސަރުކާރާއި މިނިވަން މުއައްސަސާތައް މެދުވެރިކޮށް މަސައްކަތް ކުރަމުންދޭ

  • އޭނާ ހުށަހެޅުއްވީ އެ ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ދެނެގަތުމަށް މަޖިލީހުން ތަހުގީގެއް ކުރިއަށް ގެންދިއުމަށް

މި ގަރާރަށް މިއަދު ބަހުސްކުރެއްވި ގިނަ މެމްބަރުން އެ ގަރާރަށް ތާއީދުކުރެއްވިއިރު، އެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި، އެ އިސްލާހުގެ ސަބަބުން މީޑިއާނެޓަށް ބްރޯޑްކާސްޓިން ދާއިރާ "މޮނޮޕޮލައިޒް" ކުރުމަށް މަގުފަހިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ބުނީ ކީކޭ؟ - އެ ގަރާރަށް ބަހުސްކުރައްވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ވިދާޅުވީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ހިދުމަތް ދެވޭނީ، އެ ހިދުމަތެއް ދޭ ކުންފުނިތަކަށް ވިޔަފާރިކުރުމަށް ވާދަވެރި މާހައުލެއް އުފައްދައިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ގިނަ ވިޔަފާރިތަކަށް އެ ފުރުސަތު ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި، މިހާރު ގަވާއިދު އޮތް ގޮތުން އެއް ކުންފުންޏަކަށް މުޅި ދާއިރާއަށް ނުފޫޒު ފޯރުވެ އެވެ. އަދި އެއީ ގާނޫނުގެ ރޫހާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިޔައީ ވިޔަފާރިތައް ހަލާކުކޮށްލާ ގަވައިދެއް. ތިޔައީ އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލުވާލައި ރާއްޖޭގެ އަގުވައްޓާލެވޭ ގޮތަށް އޮތް ގަވައިދެއް،" ނަސީމް ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ، ރީބްރޯޑްކާސްޓިން ގަވާއިދުގައި ހިމަނާފައިވާ ބައެއް މާއްދާތައް އެ ގަވާއިދު އެކުލަވާލި މަގުސަދުތަކާ ވެސް ފުށުއަރާ ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • އެ ގަވާއިދު އެކުލަވާލި މަގްސަދުތަކުގެ ތެރޭގައި ހިދުމަތް ލިބި ގަންނަ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި ހިދުމަތް ލިބޭނެ ވާދަވެރި މާހައުލެއް އުފެއްދުމާއި ވަކި ބަޔަކު އެ ހިދުމަތް ކޮންޓްރޯލް ކުރުމަށް މަގުފަހިނުވާނެ އުސޫލުތައް ކަނޑައެޅުން ހިމެނޭ

  • އެކަމަކު، ހަމައެކަނި ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދޭތީ އެ ގަވާއިދުގެ މަގްސަދު ވެސް ހާސިލެއް ނުވޭ

"މިއީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށްޓަކާ ކޮށްފައިވާ ކަމެއްކަން، މި ގަރާރުގައި ބުނެފައިވާ ގޮތަށްކަން ދަންނަވަން އަޅުގަނޑަށް ކެރޭ،" މެމްބަރު ވިދާޅުވި އެވެ.

މި ގަރާރަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ގަވާއިދު ވަގުތުން އުވާލުމަށް ގޮވާލެއްވިއިރު، ބައެއް މެމްބަރުން ވަނީ އެ ގަރާރު ކޮމިޓީއަށް ފޮނުވައިގެން އިތުރަށް ދިރާސާކުރުމަށް ވެސް ގޮވާލައްވާފަ އެވެ. 

ކޮމެންޓް (2)

ޢަޅިބެ

20 އޮކްޓޯބަރު 2022
ބޮރޯޑް ކޮމް އަކީ... މީޑިއާނެޓްގެ ޕައިރަސީ ޑިޕާޓްމެންޓް
0 0

ހަސަބު

18 އޮކްޓޯބަރު 2022
ދެންއަހަރެމެން ދިރާގުން މީޑިޔާނެޓާށް ބަދަލްވާ ކަނެކްޝަންފީ ދޭނީ ބްރޯދްކޮމް އިން ނޭ. އެހެން ވީމަ އޯކޭ އެއްނު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް