ވާހަކަ: އަބްލާޖް

ވާހަކަ

ވާހަކަ: އަބްލާޖް

ރައިޝާގެ އެންމެ ގާތް މީހުންގެ ތެރެއިން ބަޔަކު ސިހުރު ހެއްދި ކަމަށް ބުނުމުން އެންމެންނަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. އެއީ ތެދު ހެއްޔެވެ؟
17 މާރިޗު 2022
1

އެޕިސޯޑް 22

"އަހަރެމެން އެކަމާ ހާހެއް ނުވެއޭ،" ރަފީގް ކެތްމަދުވެފައި ބުންޏެވެ. "އެ މީހަކު ބުނޭ."

"ސިމާލު. ދެން ރިޔާޝާ،" އަބްލާޖު ބުންޏެވެ.

އެންމެން ހައިރާން ވިއެވެ. ސުވާލުގެ ނަޒަރުން ނިޔާފާއި ޒުބޭދާ އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. އެ ވަގުތު ޒުބޭދާއަށް ފުންމައިގެން ތެދުވެވުނެވެ. އެއާއެކު އަބްލާޖު ވެސް އެނދުން ފުންމާލިއެވެ. އަދި ހަތަރު މޮއްގަނޑު ޖަހާފައި ރައިޝާގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. ފަހަތުން އެންމެން ދުއްވައިގަތެވެ. ރަފީގްގެ ކިޔެވުން އަޑު ހަރުކުރިއެވެ. ހަށިގަނޑު އެހެން ފަރާތެއްގެ ބާރުވެރި ކަމުގެ ދަށުގައިވާ ރައިޝާއަށް މަންޒަރު ނުފެނުނަސް ވަމުން ދިޔަ ހުރިހާ ކަމެއް އިހުސާސް ވެއެވެ. އަޑު ވެސް އިވެއެވެ.

އަބްލާޖް ގޮސް ރައިޝާގެ ކޮޓަރީ ފާރުމަތީ އިށީނެވެ. ޒުބޭދާ އާއި ނިޔާފު އަދި ޒިޔާދު ވެސް ތިބީ ހާސްވެފައެވެ.

"ކަލޭ ހާދަ ކުރާ ހިތްވާ ކަމެކޭ ތީ ދޯ؟ ކީއްކުރަންތަ ދުވެފައި ގޮސް ފާރު މައްޗަށް ތި އަރަނީ؟" ރަފީގް ކިތަންމެ ހަމަޖެހިފައި ވާހަކަ ދެއްކިޔަސް ހިތުގައި ބިރުވެރިކަމެއް އޮތެވެ. އެތަނުން ވެއްޓިއްޖެ ނަމަ ރައިޝާއަށް ގެއްލުމެއް ލިބިދާނެތީއެވެ.

އަބްލާޖް މައްޗަށް ބަލާލިއެވެ. އަދި ހިނގާފައި ގޮސް ރައިޝާގެ އެނދަށް އަރާ އޮށޯތެވެ. ހީވީ މީހަކު ބުނި ބުނުމަށް އިޖާބަ ދިންހެންނެވެ. ފަހަތުން ހުރިހާ އެންމެން ވެސް އައެވެ. މިއީ އާ ކަންކަމެއް ނޫނެވެ. މި ކަހަލަ ކަންތައްތަކުގައި ބޭކާރު ކަންކަން ކުރުމާއި ކުރުވުމަކީ ޖިންނިންގެ އާދައެކެވެ. ބޭކާރު ވާހަކަތައް ދައްކާ ހަދަނީ ކަންތައް ދިގުދަންމަން ވެގެންނެވެ. އެކި ފަހަރު ވާހަކަ ދައްކާނީ އެކި ގޮތަށެވެ. އެއްބައި ފަހަރު ބައިވަރު ޖިންނިތައް އެއްފަހަރާ ވެސް ވާހަކަ ދައްކައެވެ. ވާހަކަ އޮޅުވާލުމާއި ދޭތެރެ ޖެއްސުމަކީ އެވެރިންގެ އާދައެކެވެ. އަނިޔާ ލިބުނަސް ދެރަ ގަބޫލު ކުރުމަކީ ޖިންނިން ކުރަން ބޭނުން ނުވާ ކަމެކެވެ. ގޮތެއް ދުލެއް ނުކުރާނެއެވެ.

"ކަލޭ ދޭތެރެ ނުޖައްސާ ތެދަށް ބުނެބަލަ. ސިމާލާއި ރިޔާޝާތަ ސިހުރު ހެދުވީ؟ ކީއްކުރަން އެމީހުންގެ އަމިއްލަ ކޮއްކޮއަށް ސިހުރު ހަދަންވީ؟" ރަފީގް ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ.

"ތިހާ ގިނަ ސުވާލަށް އެއް ރެއިންތަ ޖަވާބު ދޭންވީ؟ މަ މި ބުނީ ހެދުވި މީހުން. ދެން މިރެއަށް މި ވަރުން ފުއްދާލާ،" އަބްލާޖް ލޯ މަރާލިއެވެ. ރަފީގް ވަގުތުން ކިޔަވަން ފެށިއެވެ. ނަމަވެސް އިފުރީތު، ރައިޝާގެ ހަށިގަނޑުން ނުކުމެގެން ދިޔައެވެ. ރައިޝާ ފުންމައިގެން ތެދުވިއެވެ. ބަނޑަށް ގޭސް އަރާފައިވާ ކަމުގެ އިހުސާސެއް ވިއެވެ. އަދި ބަނޑުގައި ރިހުމެއް ވެސް ހުއްޓެވެ. ހަށިގަނޑުގައި ވަރުބަލިކަމެއް ހުއްޓަސް އެކަން އިހުސާސް ނުވާ ކަހަލައެވެ. އެންމެން އެއްފަހަރާ ވާހަކަ ދެއްކިއެވެ. ރަފީގްއާ އެތައް ސުވާލެއް ކުރިމަތި ކުރުވިއެވެ.

"ހަމަޖެހިބަލަ. އެމީހުން ބުނާހާ ގޮތަކަށް ނޫނޭ ކަންތައް ވާނީ. އެމީހުންނަކީ ދޭތެރެ ޖައްސަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާ ބައެއް. ޓަސް ލާފައި ފުރަތަމަ އެހެން ބުނާހާ އެއްޗަކަށް އިތުބާރު ކުރަން ވެސް ނުވާނެ. ރައިޝާއާ ތިންބެން ޖައްސަން ވެސް އެކަހަލަ ވާހަކަ ދައްކާނެ. އެވެރިން ބުނާހާ އެއްޗެއް ނުވާނެ ގަބޫލު ކުރާކަށް،" ރަފީގް ވާހަކަ ދެއްކީ ތަޖުރިބާގެ އަލީގައެވެ. "އެކަމަކު މި ވާހަކަތައް އަދި އެއްވެސް މީހެއް ގާތު ނުދައްކާތި. ހާއްސަކޮށް ރައިޝާގެ ބޭބެ އާއި ދައްތަ ގާތު."

ރައިޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަރަކާތެއް ވެސް ކޮށްލާކަށް ނުކެރުނެވެ. ކަމުގެ ބޮޑުކަމުންނެވެ. ރައިޝާއަށް އެފަދަ ކަމެއް ކުރީ ރައިޝާގެ އެއްބަނޑު އެއްބަފާ މީހުން ހެއްޔެވެ؟ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެކަހަލަ ކަމެއް ކޮށްގެން ބޭބެމެންނަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ ރައިޝާއަކީ ދުވަހަކު ވެސް މީހަކަށް ދެރައެއް ވުމަށް ނޭދޭ މީހެކެވެ. ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދީގެން ހެޔޮކޮށް ހިތައިގެން އުޅޭ މީހެކެވެ. އަނެއްކޮޅުން ފަޒަލްއެވެ. ރައިޝާ އެމީހަކަށް އެންމެ އިތުބާރު ކުރި ލޯބިވެރިޔާއެވެ. އެކުގައި ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވި ބައިވެރިޔާއެވެ. ރައިޝާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހޭ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ތަނުގައި އިނަސް އެތާ ދެއްކި ވާހަކައަށް ރައިޝާއަށް ސަމާލުކަމެއް ނުދެވުނެވެ.

ޒުބޭދާގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. ރަފީގް ކޮންމެ އެއްޗެއް މި ދަނޑިވަޅުގައި ބުނި ނަމަވެސް ޒުބޭދާގެ ހިތް ބުނަމުން ދިޔައީ އެއީ ވެދާނެ ކަމެއް ކަމުގައެވެ. ގިނަ ފަހަރު ކަށި ހަރަނީ ތިމާގެ މީހުންނޭ ވެސް ބުނީ ހަމަ ރަފީގެވެ. ވީމާ މި ފަހަރު ޖިންނި އެ ދެއްކީ ތެދު ވާހަކައެއް ހެއްޔެވެ؟

"ރައިޝާ! އެ ކޮއިގެ ކޮޓަރިއަށް އެ މީހުން ވަރަށް ގިނައިން ވަދޭތަ؟ މި ބުނީ ދައްތައާއި ބޭބެ،" ރަފީގް ސުވާލު ކުރިއެވެ. ރައިޝާ އަދިވެސް އިނީ ހުއްޓިފައެވެ. ޒިޔާދު ރައިޝާގެ ކޮނޑުގައި ހިފާލިއެވެ. ރައިޝާ ސިއްސައިގެން ދިޔައެވެ. ރަފީގް އަނެއްކާވެސް ސުވާލު ތަކުރާރު ކުރިއެވެ. ރައިޝާ އެއްވެސް އެއްޗެއް ނުބުންޏެވެ.

"އެހެން ވިއްޔާ އެއްވެސް އެއްޗެއް ކޭންތަ؟ މި ބުނީ އެ މީހުން ހަދާ ނުވަތަ ގެނެސްދިން އެއްޗެއް؟" ރަފީގް ފުން ނޭވައެއް ބޭރު ކޮށްލަމުން ބުންޏެވެ.

ރައިޝާ ހަނދާނެއްވިއެވެ. ސިމާލު މާގިނައިން ފޮނި އެއްޗެހި ގެނެސްދޭ ކަމެވެ. އެންމެ ފަހުން ގެނައި އެތި ކައިގެން އެޑްމިޓް ކުރި ކަމެވެ. ރައިޝާއަށް ވީ އުނދަގުލާއި އުޅުނު ވޭން ހަނދާންވިއެވެ. ވަގުތުން ހުރިހާ އެއްޗެއް ކިޔައިދިނެވެ. ރަފީގަށް ތިކިތައް ގުޅުވާލާކަށް އުދަނގުލެއް ނުވިއެވެ. ނަމަވެސް އެފަދަ ކަމެއް ކުރި ބޭނުމެއް ނޭނގުނެވެ.

ރަފީގް ވިސްނައިދިނެވެ. ނަސޭހަތްދިނެވެ. ޒުބޭދާ އާއި ނިޔާފު ހިތްވަރު ކުރުމަށް ވެސް ބުންޏެވެ. ކަމަކީ ބޮޑު ކަމެކެވެ. ނަމަވެސް ނާޒުކެވެ. ސަބަބަކީ އާއިލީ ކަމަކަށް ވާތީއެވެ. އަދި މީހުން ގާތު އެ ވާހަކަ ނުދެއްކުމަށް ވެސް ބުންޏެވެ. ޖެހިގެން އަންނަ ރެއަށް ހޯދަން ބޭނުންވާ އެއްޗެހި ބުނުމަށް ފަހު ރަފީގް ދިޔައެވެ.

ރައިޝާއަކަށް ނުނިދުނެވެ. ހިތް ބިރުގަންނަނީއެވެ. ވިސްނެނީއެވެ. ސިއްސައިގެން ދަނީއެވެ. ކޮޓަރި ދޮރުގެ ތަޅުގައި މީހަކު ހިފާލިހެން ހީވިއެވެ. ރައިޝާ ފުންމައިގެން ތެދުވިއެވެ. އަދި އެނދުގެ ކަނެއްގައި އިށީނދެ އިނެވެ. ސީދާ ތަޅަށް ބަލަހައްޓައިގެން އިނެވެ. ތަޅު އެނބުރެން ފެށިއެވެ. ރައިޝާގެ ހިތް ބިރުން ތެޅެން ފެށިއެވެ. ދޮރު ހުޅުވާލާފައި ވަނީ ޒިޔާދެވެ. ރައިޝާ މަޑުމަޑުން އެނދުގައި ހަމަޖެހިލިއެވެ. ޒިޔާދު އައިސް ރައިޝާގެ މަގަތުގައި އިށީނެވެ. ރައިޝާ އިނީ އިސްދަށަށް ޖަހައިގެންނެވެ. ޖެހިލުންވެފައެވެ. ޒިޔާދު ރައިޝާގެ އަތުގައި ހިފާލިއެވެ.

"ރައިޝާ. އަހަންނަށް މައާފު ކުރާނަންތަ؟" ޒިޔާދު ވަނީ ފެންކަޅި ވެފައެވެ. ރައިޝާ އިސް އުފުލާ ބަލައިލިއެވެ. އަދި ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. ސީދާ ޒިޔާދުގެ ދެ ލޮލަށް ބަލަހައްޓައިގެން އިނެވެ. ޒިޔާދަށް ކަމެއް ފާހަގަވިއެވެ. ރައިޝާގެ ކަޅިރަވަ ތޫނެވެ. ލޮލުގެ ހުދު ބައިގައި ރަތް ކަމެއް ހުއްޓެވެ. ޒިޔާދު ޖެހިލުންވާ ގޮތްވިއެވެ. ރައިޝާއަށް ގޮވާލިއެވެ. ރައިޝާ އެއްވެސް އެއްޗެއް ނުބުންޏެވެ. އަނެއްކާވެސް ހިނިތުންވެލިއެވެ. މި ފަހަރު އެ ހިނިތުންވުމުގައި މަކަރުވެރި ގޮތެއް ހުރިކަން ފާހަގަވިއެވެ. އެ ވަގުތު އެހެން ކަމެއް ވެސް ފާހަގަ ވިއެވެ. ގުރުއާނުގެ އަޑެއް ކޮޓަރި ތެރެއިން ނީވެއެވެ. ޒިޔާދު ފުންމައިގެން ތެދުވިއެވެ. އަދި ފޯނު ނަގައި ގުރުއާން ޖެހިއެވެ. އަޑު ގަދަ ކޮށްލިއެވެ. ޒުބޭދާ އާއި ނިޔާފަށް ވެސް ގޮވިއެވެ. އެ ވަގުތު ރައިޝާ ތެޅެން ފެށިއެވެ. ހަށިގަނޑު އެނދު މަތީ އެ ގޮތް މިގޮތަކަށް ތެޅުނެވެ. ހަޅޭ ވެސް ލެވިއެވެ. ބޯހާވާލައި އިސްތަށިގަނޑަށް ދަމަން ފެށިއެވެ. ގުރުއާނުގެ އަޑު ކިތަންމެ ހިތްގައިމު ވިޔަސް އެ މަހުލޫގުންނަށް އެތައް އުދަނގޫތަކެއް އޭގެ ސަބަބުން ވެއެވެ.

ޒުބޭދާ އާއި ނިޔާފު އައެވެ. އަވަހަށް ރަފީގަށް ގުޅިއެވެ. ވެގެން އުޅޭ ގޮތް ވަރަށް އަވަސްއަވަހަށް ކިޔައިދިނެވެ. ދެތިން ފަހަރު ގުޅުމުން ރަފީގް އައެވެ. އޭރު ރައިޝާ އޮތީ ފާރުގައި ހަތަރެސް ފައި ތަތްކޮށްލައިގެން ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. ރަފީގް އައީ އިތުރު ފަސް މީހުން ވެސް ގޮވައިގެންނެވެ. އެމީހުންނަކީ އާދައިގެ އަންހެނުންނަށް ވުރެ ތަންކޮޅެއް ވަރުގަދަކޮށް ތިބި ފަސް އަންހެނުންނެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

ކޮމެންޓް (1)

ޖުންދު

17 މާރިޗު 2022
މިވާހަކަ ވަރަށްރީތި .. ބިރުވެރި ބައިވެސް ވަރަށް ފުރިހަމަ 👍 ޖިންނިއަކީ ބިރުވެރި އެއްޗެއްދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް