ވާހަކަ: އަބްލާޖް

ވާހަކަ

ވާހަކަ: އަބްލާޖް

"އަހަރެންނަކީ އިފުރީތެއް. ނަމަކީ އަބްލާޖް. އަބްލާޖްގެ މާނައަކީ ބުއްދިވެރި، ވިސްނުންތޫނު، ސާދާ މީހާ،" ވަރަށް ކުރުކޮށް އަބްލާޖު ވާހަކަ ދެއްކިއެވެ.
14 މާރިޗު 2022
1

އެޕިސޯޑް 21

ރައިޝާ އޮށޯވެލީ ރަފީގް ބުނުމުންނެވެ. އަދި ގައިމަތީ ބެޑްޝީޓެއް އަޅައި ހަށިގަނޑު ނިވާ ކުރިއެވެ. ރަފީގް އާދައިގެ މަތިން ކިޔަވަން ފެށިއެވެ. ކިޔަވަމުން ގޮސް ފަންސަވީސް މިނެޓް ވީއިރު ވެސް އެއްވެސް ބަދަލެއް ނައެވެ. ރައިޝާ އޮތީ މައްޗަށް ބަލަހައްޓައިގެންނެވެ. ދޭތެރެއަކުން ރައިޝާއަށް ރަފީގް ގޮވާލައެވެ. އެއްވެސް އެއްޗެއް ފެނޭތޯ އެވެ. އާދަޔާޚިލާފު އިހުސާސެއް ވޭތޯއެވެ. ކޮންމެ ސުވާލަކަށް ވެސް ރައިޝާ ބުނަނީ ނޫނެކޭއެވެ. ނަމަވެސް ވަރުބަލިވާކަން އިހުސާސްވިއެވެ. އެ ވާހަކަ ރައިޝާ ނުބުނީ އެއީ މާ ބޮޑު ކަމަކަށް ނުވާނޭ ހީކޮށެވެ. ރައިޝާ ކަޅި ޖަހާ ނުލާ މައްޗަށް ބެލިއެވެ. ރަފީގް ކިޔެވުން ހުއްޓާލިއެވެ. އަދި ރައިޝާއާ ދިމާލަށް ބަލާލިއެވެ. ކިޔެވުމުގެ އަޑު މަޑު ވުމުން ރައިޝާ ވެސް ރަފީގަށް ބަލާލިއެވެ.

"ކީއްވެ ތި ހުއްޓާލީ؟" ރައިޝާ ސުވާލުކުރިއެވެ. އަޑުގައި ފިރިހެން ކަމެއް ހުއްޓެވެ. ނަމަވެސް އަޑު ބަރެއް ނޫނެވެ. ހީވަނީ އަންހެނަކު ފިރިހެން އަޑެއް ނެރެން މަސައްކަތް ކުރާ ހެންނެވެ. ރަފީގްގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ.

"އައްސަލާމް އަލައިކުމް" ރަފީގް ސަލާމް ގޮވާލިއެވެ.

"ކިޔަވާބަލަ ދެން. ކީއްވެތަ ހުއްޓާލީ؟ އުނދަގޫ ވިޔަސް އަޑު އަހާލަން ވަރަށް ހިތްގައިމު އަޑެއް ގުރުއާނަކީ ދޯ. އަހަރެންނަށް އަލަށް އަޑު އިވުނު ދުވަހު ވަރަށް އުދަނގޫވި."

ވާހަކަ ދެއްކީ ރައިޝާއެއް ނޫނެވެ. ރައިޝާގެ ހަށިގަނޑު ނިވާފަތްގަނޑަކަށް ބޭނުން ކުރަމުންދާ އެހެން މަހުލޫގެކެވެ.

"ތީ ކާކު؟ ކޮބާ ނަމަކީ؟" ރަފީގް ސުވާލުކުރީ ގޮނޑީގައި ހަމަޖެހިލަމުންނެވެ.

"އަހަރެންނަކީ އިފުރީތެއް. ނަމަކީ އަބްލާޖް. އަބްލާޖްގެ މާނައަކީ ބުއްދިވެރި، ވިސްނުންތޫނު، ސާދާ މީހާ،" ވަރަށް ކުރުކޮށް އަބްލާޖު ވާހަކަ ދެއްކިއެވެ.

"ބުއްދިވެރި މީހެއް ނަމަ ތި ގޮތަށް އިންސާނުންގެ ދުނިޔެއަށް އައިސް ކީއްކުރަން ތިއުޅެނީ؟ ކަލޭގެ ނަމުގެ މާނަތަކާއި ކަލޭގެ އުޅުމާ އެއްވެސް ގުޅުމެއް ނެތް ދޯ؟ ރަފީގް ސުވާލު ކުރުމުން އަބްލާޖް ވިސްނާލިއެވެ. "ކަލޭތަ ރައިޝާއާ އަޅައިގަނެގެން ނުނެއްޓިގެން ތި އުޅެނީ؟ ކާކުގެ އެއްޗަކާ ހަވާލު ވެގެން އައިސް ތި އުޅެނީ؟" އަނެއްކާވެސް ރަފީގް ވާހަކަ ދެއްކިއެވެ.

"ފުރަތަމަ ކަމަކަށް ކަލޭ ނުކިޔާ، ނަމުން ކިޔާ! އަހަރެންނަށް ކިޔާ ނަން ބުނެފީމެއްނު. އުހުނ. އަހަރެންގެ ނަމާއި އަހަރެންގެ އުޅުން އެއްގޮތް ވާނެ. އެހެންވީމަތާ އަދިވެސް ރައިޝާއަށް ގެއްލުމެއް ނުދީ އަހަރެން މި ހުންނަނީ. އަހަރެން ރައިޝާއާ އަޅައިގަތީ. އެކަމަކު އެ ފުރުސަތު ރައިޝާ ވެސް ފަސޭހައިން ދިނީމަ ދޯ؟" އަބްލާޖް ވާހަކަ ދެއްކީ ހިނިތުން ވަމުންނެވެ.

ޖިންނިން ވާހަކަ ދައްކާނީ އެ މީހުން ބޭނުންވާ ގޮތަށެވެ. ކުރާ ހުރިހާ ސުވާލަކަށް ޖަވާބެއް ވެސް ނުދޭނެއެވެ. އިންސާނުންގެ ހަށިގަނޑުގައި ލޭ ދައުރުވާހެން ހަރަކާތްތެރިވެ އުޅެއެވެ. ބޮޑުކަމުން ގޮސް އެންމެ އުސް ފަރުބަދަ ވަރު ވެސް ވެދާނެއެވެ. ކުޑަމިނުން ގޮސް ޒައްރެއް ވަރު ވެސް ވާނެއެވެ. ޖިންނިޝައިތާނުންގެ ތެރޭގައި ވެސް އެކި ވައްތަރުގެ ޖިންނިން އުޅެއެވެ. އިންސާނާއަށް ނަމާދުގައި ވަސްވާސް ދެނީ ކިންޒިބެވެ. ފަރުވާ ކުޑަކޮށް ނަމާދު ކުރުމަށާއި ނަމާދު އަވަސް ކުރުމަށް އަދި ކަންނެތްކަމާ އެކު ނަމާދު ކުރުމަށް އިންސާނާއަށް ވިސްނާދެއެވެ. ކުޑަކުދިންނަށް ގޯނާ ކުރެވޭތޯ މަސައްކަތް ކުރަނީ އަރްވާހެވެ. އަރްވާހް އެންމެ ބޮޑަށް ބަލަނީ ކުޑަކުދިންގެ ކިޔެވުން ހަލާކު ކޮށްލައި އެކުދިންގެ ޅަފަތުގެ ދުވަސްވަރު ބިރުވެރިކަމުގައި ހޭދަކުރުވޭތޯއެވެ. އުއްމާރު ކިޔަނީ ގޯތި ގެދޮރުގައި އުޅޭ ޖިންނިއަށެވެ. މި މަހުލޫގަކީ އެންމެ އާންމުކޮށް އަހަރެމެންގެ ތެރޭގައި ނުބައި އަމަލުތައް ކުރުމަށް ވަސްވާސް ދޭ ޖިންނިއެކެވެ. ގީލާންއަކީ މީހުން މަރަން ސިހުރު ހެދުމުގައި ކުރި ހޯދާފައިވާ ޖިންނިއެކެވެ. ސިހުރުވެރިން ސިހުރު ހެދުމުގައި އެވެރިން ބޭނުން ކުރަނީ ސިހުރު އުފުލައި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައެވެ. އަދި ސިހުރުގެ ބާރު ގަދަ ކުރުމުގައި އެވެރިން މުހިއްމު ރޯލެއް ކުޅެއެވެ.

އިރު އޮއްސޭ ވަގުތަކީ ޖިންނީން މުޅި ސަރަހައްދަށް ފެތުރިގަންނަ ވަގުތެވެ. އެހެންވެ ގޭގެ ދޮރުތައް ބިސްމި ކިޔާފައި ލެއްޕުމާއި ކުޑަކުދިން ގޭތެރެއަށް ވެއްދުން އޮވެއެވެ. ޖިންނިން އާންމު ގޮތެއްގައި ހަށިގަނޑުގެ ތެރެއަށް ދެމިގަންނަނީ ނިޔަފަތިތަކުގެ ދަށުންނެވެ. ނަމަވެސް އާފުރިލާއިރު އަނގައިގެ ތެރެއިން ވެސް ޖިންނި ވަދެއެވެ. އަނގަމަތީ އަތް އަޅާފައި އައޫޒު ކިޔަން އޮންނަނީ އެހެން ވުމުންނެވެ. ބަދިގޭގައި ގެންގުޅޭ މަތިޖެހި އެއްޗެހީގައި މަތި ޖަހާ އިރު ބިސްމި އާއި އައޫޒު ކިޔަވާފައި ޖެހުމުން އެވެރިންނަށް އެއާ ކައިރި ނުވެވޭނެއެވެ. އަދި އިންސާނުން ހެދުން ބަދަލު ކުރާ އިރު ވެސް ބިސްމި ކިޔާފައި ކުރުމުން އެ މަހުލޫގުންނަށް އެ ވަގުތަށް އަހަރެމެންގެ ހަށިގަނޑު ފަރުދާ ކުރައްވައެވެ. ގަވާއިދުން ނަމާދު ކުރުމާއި ދީނީ ކަންކަން ފަރުވާތެރިކަމާ އެކު ކުރާ ނަމަ ޖިންނިންގެ އަތްދަށުވުން ދުރުވާނެއެވެ. އަދި ހެނދުނާއި ހަވީރުގެ ޒިކުރުތަކަކީ އެ ޝައިތާނުންގެ ކިބައިން ސަލާމަތް ވާން ކުރެވިދާނެ ކަންކަމެވެ.

އަނދިރި ތަނެއްގައި ހުއްޓައި ތިމާއަށް މީހަކު ގޮވާ އަޑު އިވިއްޖެ ނަމަ ފަހަތް ނުބަލަން ބުނެއެވެ. ވަލާއި ފަޅު ރަށްރަށުގައި އުޅޭ ވަގުތުތަކުގައި ވެސް ނަމުން އެކަކު އަނެކަކަށް ނުގޮވުމަށް ބުނެއެވެ. ފުރަގަސް ދީފައި ހުއްޓާ މީހަކު ފެނުމުން އެމީހަކަށް ނުގޮވާށެވެ. އެ ދިމާލަށް ނުބަލާ އެހެން ދިމާލަކަށް ދާށެވެ. އަދި އޮޅިގެން ބަލާލެވުމުން ބިރުވެރި އެއްޗެއް ފެނިއްޖެ ނަމަ ތެޅި ނުގަންނަން ވެސް ބުނެއެވެ. ބިރުގެންފިކަން އެ އަށް އެނގިއްޖެ ނަމަ އެ އެތި ގަޔާ ދިމާލަށް އަންނާނެއެވެ. އަދި ގޯނާއެއް ވެސް ކޮށްފާނެއެވެ. ފެނުނު ކަމަށް ނުހަދައި އައޫޒު ކިޔުން ބުއްދިވެރިއެވެ.

"އަހަރެން ނުޖެހޭ ކަލޭމެން ބުނާ ގޮތް ހަދާކަށް. ކިޔަމަންވެ އިސްލާމް ދީން ގަބޫލް ކުރޭ. އޭރުން ތިބުނާ ރީތި ބަހުން ވާހަކަ ދައްކާނަން،" ރަފީގް ބުންޏެވެ. "މާ ވާހަކަ ދިގު ނުކޮށް، ބުނަންވީނު ސިހުރު ހަވާލު ކުރީ ކާކުކަން؟"

"ސިހުރު ހަވާލު ކުރި މީހާ އެނގުމުން ވާނީ ކޮން ކަމެއް؟" ޖިންނިންގެ އާދައިގެ މަތިން ޖަވާބު ނުދީ ސުވާލު ކުރިއެވެ.

"ވާނީ ކޮން ކަމެއްކަން ވެސް އެނގޭނީ ބުނީމަ ތާ. ބުނެބަލަ،" ރަފީގް ބުންޏެވެ. "އެހެން ނޫނަސް ސިހުރަކާ ހަވާލު ވެގެން އައި މީހެއް އިންސާނަކަށް ހިތް ދޭން ޖެހޭތަ؟"

"ކަލޭމެން އެންމެ ގިނައިން ކިޔާ އެއް ވާހަކަ އެއީ. ލޯބި އެއީ ވާ އެއްޗެއް ނޫނޭ. ވެވޭ އެއްޗެކޭ،" އަބްލާޖު އޮތީ މަތި ބަލަހައްޓައިގެންނެވެ. "މީނި މީހާ ރައިޝާއަށް އަޅާ ނުލީމައި އަތް ފުނާ އަޅަނިކޮށް އަހަރެންނާ ލައްވާލީ،" ޒިޔާދަށް އިޝާރާތް ކޮށްފައި އަބްލާޖް ބުންޏެވެ. އެ ވަގުތު ޒިޔާދު ޒުބޭދާ އާއި ނިޔާފަށް ބަލާލީ މާފަށް އެދެމުންނެވެ. އަދި އިސްދަށަށް ޖަހާލީ ކުށްވެރިއަކު ކުށް ގަބޫލުކުރާ ފަދައިންނެވެ. ރައިޝާއަށް އެހެން ދިމާލެއް އިހުތިޔާރު ކުރަން ޖެހުނީ މަޖުބޫރު ވެގެންނޭ މިއަދު ބުނެވޭނެ ޖާގަ އެބައޮތެވެ. ނަމަވެސް ނަތީޖާ މިހާ ހިތިވާނެ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރެއެވެ.

"ކަލޭ ރައިޝާ އެ ފިނޮޅަށް ގެންދިޔައީ ކީއްކުރަން؟ ބިރު ދައްކަންތަ؟ ކަލޭގެ ހަގީގަތް އަންގާދެވޭނެ އެހެން ގޮތް ގޮތަށް ވެސް،" ރަފީގް ވާހަކަ ބަދަލު ކޮށްލިއެވެ.

"އަހަރެން ނޫޅެން ރައިޝާ ބިރުގަންނަވާކަށް. އަހަރެން އެއަށް ވުރެ މާ ލޯބިވޭ އޭނަ ދެކެ. އެކަމަކު އެ ގަޑީގައި ބޭނުންވީ ރައިޝާއާ އެކު އެކަނިވެލަން. އަދި އަހަރެންގެ ހަގީގަތް އޭނައަށް އަންގަން މަށަށް ފެނުނު އެންމެ ރަނގަޅު ގޮތް އެއީ،" އަބްލާޖްގެ އަޑު މަޑުވިއެވެ.

"މަ މި ކުރާ ހުރިހާ ސުވާލަކަށް ކަލެއަށް އެބަ ޖަވާބު ދެވޭ. އެންމެ ސުވާލެއް ފިޔަވާ،" ރަފީގް އަނެއްކާވެސް ސުވާލު ތަކުރާރު ކުރަން އުޅުނެވެ. "މަ އަހަނީ ކާކު ހޭ ރައިޝާއަށް ސިހުރު ހެދީ؟ އަދި ކޮންތާކު ހޭ އޭތި ވީ؟"

އަބްލާޖް ހިނިގަނޑެއް ޖަހާލިއެވެ. އަދި ރައިޝާގެ ކޮޓަރިއާ ދިމާލަށް ބަލާލިއެވެ. އެންމެން ވެސް އެ ދިމާލަށް ބަލާލިއެވެ.

"ކޮންތާކު؟ މި ގޭގައިތަ ވީ؟" ރަފީގް ހައިރާން ވެފައި ސުވާލު ކުރިއެވެ.

އާނ. މި ގޭގައި،" އަބްލާޖް މަތި ބަލާލިއެވެ. "އަހަރެން ނުހަދާނަން ދޮގެއް. އެކަމަކު ކަމެއް ސިއްރު ކޮށްފައި އޮވެދާނެ ދޯ؟ އެއީ ދޮގު ހެދުމެއް ނޫނެއްނު؟" ރަފީގަށް އަބްލާޖް ދައްކާ ވާހަކަ ގަބޫލް ކުރަން ފަސޭހައެއް ނޫނެވެ. އެއީ އެކަހަލަ ކިތަންމެ ތަޖްރިބާއެއް ކުރެވިފައި ވުމުންނެވެ. ޖިންނިންނަކީ އިންސާނުންގެ ވިސްނުމާއި ހިތަށް ވަސްވާސްދޭން ކުޅަދާނަ މާހިރުންނެވެ. އޮޅުވާލައި ކަމުގެ ހަގީގަތާމެދު ދޮގު ފެތުރުމަކީ އެވެރިން އެންމެ ގިނައިން ކުރާ ކަންތަކެވެ. ކުރާ ސުވާލަކަށް ދޭނީ އެ މީހުން ދޭން ބޭނުންވާ ޖަވާބެކެވެ.

"އެ ކޮޓަރީގައި ތަ؟" ރަފީގް ސުވާލު ކުރީ ފަހަރެއްގައި ވެސް އެއީ ތެދު ކަމަށް ޔަގީން ކޮށްފައެއް ނޫނެވެ.

"އާނ. އެ ކޮޓަރީގައި. އިރުމަތީ ފަރާތުގައި. ދެން ހޯދަބަލަ،" އަބްލާޖު ހިނިތުންވެލިއެވެ.

"ހޯދާނަން. ހާސް ނުވޭ. ދެން ބުނޭ ކާކު ކަން ސިހުރު ހެދީ،" ރަފީގް ބުންޏެވެ.

"ހެދި މީހާތަ ބުނަންވީ، ނުވަތަ ހެދުވި މީހާތަ، ނޫނީ ހެދުވި މީހުންތަ؟" ރައިޝާގެ ހަށިގަނޑުގެ އެއްވެސް ތަނެއް ގުޑާ ވެސް ނުލައެވެ. ހަރަކާތް ކުރަނީ އަނގަ އެކަންޏެވެ.

"މި ވަގުތު މުހިއްމީ ހެދުވި މީހާ،" މިފަހަރު ވާހަކަ ދެއްކީ ޒިޔާދެވެ. އަބްލާޖު، ޒިޔާދަށް ބަލާލިއެވެ. ޒުބޭދާ އާއި ނިޔާފު ވެސް ބަލާލިއެވެ.

"ވާހަކަ ދައްކަން އެންމެ ރަނގަޅު މީހާ ދޯ ތީ؟" އަބްލާޖްގެ ދެ ލޮލުގައި ވަނީ ރުޅިވެރިކަމެވެ.

"ކަލޭ ކޮންމެހެން އޭނައާ ޖައްސާލައިގެން އުޅޭނެ ކަމެއް ނެތް. ކަލޭ މިތަނަށް ހާޒިރު ކުރީ އެއީ ކާކުތޯ ބަލަން. އެހެންވީމަ އެއަށް ޖަވާބު ދީބަލަ،" ރަފީގްގެ އަޑު ގަދަވިއެވެ. އަދި ވާހަކަ ނުދެއްކުމަށް އިޝާރާތުން ޒިޔާދަށް ބުންޏެވެ.

"ބުނެފާނަން. އެކަމަކު މިރޭ މި ދެއްކި ހުރިހާ ވާހަކައެއް ރައިޝާ ހަނދާން ހުންނާނެ،" ފަޚުރުވެރި ވަމުން އަބްލާޖު ބުންޏެވެ.

"އަހަރެމެން އެކަމާ ހާހެއް ނުވެއޭ،" ރަފީގް ކެތްމަދުވެފައި ބުންޏެވެ. "އެ މީހަކު ބުނޭ."

"ސިމާލު. ދެން ރިޔާޝާ،" އަބްލާޖު ބުންޏެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

ކޮމެންޓް (1)

ޖުންދު

14 މާރިޗު 2022
މިވާހަކައިން ޖިންނިއާބެހޭ ހާދަގިނަ މައުލޫމާތެއް ލިބިއްޖޭ.. ސޯ ވަރަށް އިންޓްރެސްޓް ހަމައަސްލުވެސް 👌👏
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް