މޫދު އަޑީގައި އޮތް 'ފިނިފެންމަލުގެ ބަގީޗާ': އަޖައިބެއް ފަދަ ރީތިކަމެއް

ބ. ފުޅަދޫގެ ބޭރުގައި އޮންނަ މި ބަގީޗާ ބަލަން ބަޔަކު ނުދާ ދުވަހެއް މިހާރު ނާދޭ

ބ. ފުޅަދޫ - މި ރަށުގެ ރީތިކަމުގެ ވާހަކަ މުޅި ދުނިޔެއަށް ވެސް މަޝްހޫރެވެ. އެރަށުގެ ގޮނޑުދޮށް ވަނީ ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށްތަކުގެ ލިސްޓުން ޖާގަ ހޯދައިފަ އެވެ. ހުދު ދޮންވެލިގަނޑުގައި ވަގުތު ހޭދަކުރަން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އެ ރަށަށް ދެ އެވެ.

ނަމަވެސް އެ ރަށަށް ދާ ފަތުރުވެރިންގެ ލޯތައް ހުއްޓެނީ ހަމައެކަނި މޫދުގެ ލޮނުގަނޑުގެ މަތިން ފެންނަ ރީތިކަމަކަށް ނޫނެވެ. އެ ރަށާ ކައިރީގައި މޫދު އަޑީގައި އޮތީ ވެސް އެހާމެ ރީތި، އަދި އަޖައިބެއް ފަދަ ގުދުރަތީ ޗާލުކަމެކެވެ: ބައެއް މީހުންނަށް އެއީ 'ރޯޒް ގާޑަން' އެވެ. އަނެއް ބަޔަކަށް 'ކޮރަލް ފްލާވާ ގާޑަން' އެވެ.

ފުޅަދޫން ކުޑަ ޑިންގީއެއްގައި ފުރައިގެން ފަސް މިނެޓެއްހ އިރުން ދެވޭ ހިސާބުގައި އޮތް ކަނޑު އަޑީގެ މި ރީތިކަން ވެސް އެހާމެ މަޝްހޫރެވެ. ފަތުރުވެރިން މެދުގައި އެކަންޏެއް ނޫނެވެ. ދިވެހިންގެ ބޮޑު ޝައުގުވެރިކަމެއް ވެސް އެތަނަށް ވަނީ ލިބިފަ އެވެ.

ޗުއްޓީ ހޭދަކޮށްލަން ފުޅަދުއަށް ގޮސް ހުރި އިނގިރޭސި ފަތުރުވެރިޔަކު އެތަން ސިފަކޮށްދިން ގޮތަކީ މިއީ އެވެ.

"ހީވަނީ މުޅިން އެހެން ދުނިޔެއެއް ހެން. މިއީ ވަރަށް ތަފާތު ތަޖުރިބާއެއް. ހިތަށް ހަމަ ފިނިވާހެން ހީވަނީ މިތަން ފެނުނީމަ." 

އީދު ޗުއްޓީގައި ފުޅަދުއަށް އަހަރެން މި ރަށަށް އައީ ހަމަ އެންމެ ކަމަކަށެވެ. މުރަކައިގެ އެ ބަގީޗާ ބަލައިލުމެވެ. ފޮޓޯތަކާއި ވީޑިއޯތަކުން ހަމައެކަނި ފެނިގެން ހިތެއް ނުފުރުނެވެ. އެހެންކަމުން އަމިއްލައަށް އެތަން ބަލައިލުމުގެ ޝައުގުވެރިކަން އުފެދުނީ އެވެ.

މޫސުން ގޯސް ދުވަސްވަރަކަށް ވުމުން، ބޮޑު ދިޔައިގައި އެ ބަގީޗާ ހޯދަން މާ ފަސޭހައެއް ނުވި އެވެ. ނަމަވެސް މުރަކައިގެ އެ ބަގީޗާ ފެތުރިފައި އޮތީ ލޮލުގައި އަޅައިނުގަނެ ނުދާނެހާ ކުޑަ ސަރަހައްދަކަށެއް ނޫނެވެ. ލޮނުގަނޑުގެ މަތިން ފެންނަ އިރު ހީވަނީ އެއީ އެއްވެސް ދިރުމެއް ނެތް، މުށި ކުލައިގެ ބޮޑު އާނުގަނޑެއް ހެންނެވެ.

  • ފުޅަދޫ ބޭރުގައި އޮންނަ 'ކޮރަލް ފްލާވާ ގާޑަން' މަތިން ފެންނަ ގޮތް (ފޮޓޯ/އާޒިމް މުޝްތާގް، އިންސްޓަގްރާމް)
  • މަތިން ފެންނަ އިރު މުރަކަ ބަގީޗާ ހީވަނީ އާނުގަނޑެއް ހެން(ފޮޓޯ/އާޒިމް މުޝްތާގް،އިންސްޓަގްރާމް)
  • މުރަކަ ބަގީޗާ ވަނީ ބޮޑު ސަރަހައްދަކަށް ފެތުރިފައި (ފޮޓޯ/އާޒިމް މުޝްތާގް،އިންސްޓަގްރާމް)

ނަމަވެސް މާސްކް ހެޔޮވަރުކޮށްލައިގެން މޫދަށް ފުންމާލުމުން ފެނުނު މަންޒަރު މުޅިން ތަފާތުވި އެވެ. އެއީ ފިނިފެންމަލުގެ ސިފައަށް ހެދިފައި ހުރި ބައިވަރު މުރަކަތަކެވެ. އޭގެ އަސްލު ނަމުން ނަމަ މޮންޓިޕޯރާ މުރަކައިގެ ބާވަތެކެވެ. މަލެއްގެ ސިފަ ލިބިފައި ހުރުމުން މީހުން ކިޔާއުޅެނީ ފްލާވާ ކޮރަލް' އެވެ. އެއީ އެއް ވައްތަރެއްގެ މުރަކަތަކުން ހެދިފައި އޮތް ކަނޑު އަޑީގެ ހަމަ ރަނގަޅު ބަގީޗާއެކެވެ. އެ ނޫން އިތުރު އެހެން ބާވަތެއްގެ މުރަކައެއް އެތަނުގައި ހެދިފައެއް ނެތެވެ.

އިނގިރޭސި ފަތުރުވެރިޔާ އެ ބުނީ ހަމަ ރަނގަޅަށެވެ. އެއީ ހަމަ މުޅިން އެހެން ދުނިޔެއެކެވެ.

މުރަކަތަކުގައި ހުރި ކުލައަށް ދޭނެ ނަމެއް ނޭނގެ އެވެ. ބައެއް ފަހަރު އެއީ މުށި ކުލަހެން ހީވެ އެވެ. ނޫނީ ވަޅު ފެހި ކުލަހެން ވެސް ހީވެ އެވެ. އެ ދެ ކުލަ އެއްވެގެން އަރާފައި ހުރި މާ ގަދަ ކުލައެއް ހެން ވެސް ހީވެ އެވެ. މުރަކަތަކުގެ ވަށައިގެން ހުރީ ހުދު ކުލައިގެ ފަށެކެވެ. އިރުގެ ދޯދި އެޅޭ އިރު، ވަށައިގެން ހުރި ހުދު ފަށް ވިދާލަ އެވެ. ގުދުރަތީ ވަރަށް ފުރިހަމަ ރީތިކަމެކެވެ. ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަމެވެ.

މުރަކައިގެ ބަގީޗާއަށް ބަޔަކު ފީނަނީ: މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ތަފާތު ސިފައެއް (ފޮޓޯ/އިއްޓެމޯލްޑިވިއާނޯ،ޓުވިޓާ)
މުރަކަތައް ހެދިފައި އޮތް ގޮތުން އެތައް ބައެއްގެ ސަމާލުކަން ހުއްޓޭ (ދައުރު ފޮޓޯ/ނާއިޝް ލަތީފް)

އެ މަންޒަރު އިތުރަށް ފުރިހަމަކޮށްދެނީ މުރަކަތަކުގެ ތެރެއިން ފަތާލާފައިދާ އެކި ކުލައިގެ ކުދިކުދި މަސްތަކުންނެވެ. މޫދާއި ފަރުތަކަށް ޝައުގުވެރިވާ މީހުންނަށް މިއީ، މިހާރުގެ ބަހުރުވައިން ނަމަ 'ހަމަ މަރެކެ'ވެ. ސްނޯކްލިން އަށް ގޮސް، ފޮޓޯ ނަގާލަން މިއީ ހަމަ އެއް ވަނަ އެވެ.

މި މުރަކަ ބަގީޗާ އެތަނުގައި އޮންނަކަން، 'ގޮއިފުޅަފެހެންދޫ' ނުވަތަ އެއް ފަޅެއްގައި މި އޮންނަ ގޮއިދޫ، ފުޅަދޫ، ފެހެންދޫ މީހުންނަށް، މާ ކުރިން ވެސް، އެނގެ އެވެ. ފެހެންދޫ ބޭރުގައި ވެސް އޭގެ މުރަކަތައް ހެދިފައި ހުންނަ ކަމަށް، އެ ރަށުން ކުދިމަސް ހިފަން ދާ މީހުން ބުނެ އެވެ. ނަމަވެސް ފުޅަދޫ ބޭރުގައި އެ އޮންނަ ގޮތަކަށެއް ނޫނެވެ.

ގެސްޓްހައުސް ޓޫރިޒަމް ފައްކާވެގެން އަންނަ އިރު، އެ ތިން ރަށުގެ ގެސްޓްހައުސްތަކުން ވެސް އަންނަނީ މި ރީތިކަމުގެ ބޭނުން އެންމެ ރަނގަޅަށް ހިފަމުންނެވެ. އެމީހުން ޓޫރިސްޓުންނަށް ވިއްކާ ވަރަށް ބޮޑު ޕްރޮޑަކްޓަކަށް މުރަކަ ބަގީޗާ ވަނީ ވެފަ އެވެ. ގެސްޓްހައުސްތަކުން ދޭ ޕެކޭޖުތަކުގައި އެ ތަން ހިމަނައިގެން ކޮންމެ ދުވަހަކު ވެސް ފަތުރުވެރިން ގެންދެ އެވެ.

ފުޅަދޫ ބޭރުގައި އޮންނަ ހިތްގައިމު 'ކޮރަލް ފްލާވާ ގާޑަން' (ދައުރު ފޮޓޯ/ނާއިޝް ލަތީފް)

ފެހެންދޫ ޝަރީފާ އާދަމްއަކީ މި މުރަކަ ބަގީޗާއަށް ވަރަށް ފަރިތަ އަންހެނެކެވެ. ކުރިން ފިރިމީހާ ހިންގި ގެސްޓްހައުސްއަށް އައި ޓޫރިސްޓުން ގޮވައިގެން އެތައް ފަހަރަކު ޝަރީފާ އެ ބަގީޗާއަށް ދިޔަ އެވެ. ފަރުމަތި ހިކޭ އިރު ހަންދަ ނަގަން ގޮސްފައި ވެސް އެ ބަގީޗާ ބަލައިލާ ހިތުން މޫދަށް ފުންމާލަ އެވެ.

"އަޖައިބެއް ކަހަލަ ރީތި ތަނެއް އެއީ. ރާއްޖޭން [އަހަންނަށް] ނުފެންނަ ވަރުގެ ރީތި މަންޒަރެއް އެއީ،" ޝަރީފާ ބުންޏެވެ.

"ޓޫރިސްޓުން ވެސް ހަމަ މޮޔަވާނެ. އެމީހުން ވަރަށް ހިތްހަމަޖެހިގެން އަރާނީ. ވީޑިއޯ ނަގައި ފޮޓޯ ނަގައި ހަމަ ހެވިފައި ތިބޭނީ."

ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު ވިދާޅުވީ އެތަން އެހާ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 2019 ގައި ފުޅަދުއަށް ކުރެއްވި ދަތުރުފުޅެއްގައި އެތަނަށް ވަޑައިގެން ފޮޓޯތަކެއް އާންމުކުރެއްވުމުން ކަމަށެވެ. ނަޝީދު އެތަނަށް ފުންމާލެއްވުމުން، އޭރު ޓައީ އަޅުއްވައި ބެގީގައި ހުންނެވި ކައުންސިލްގެ ރައީސް ވެސް ފުންމާލެއްވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުޅަދޫ މުރަކަ ބަގީޗާ ބައްލަވާލައްވަނީ: އެ މަނިކުފާނުގެ ފޮޓޯތަކުން ވެސް ގިނަ ބަޔަކަށް އެތަން ފާހަގަކުރެވުނު (ފޮޓޯ/އެމްޑީޕީ)

"ކުރިން ވެސް މި ތިން ރަށުން ވަރަށް ގިނައިން މީހުން ދޭ. އެކަމަކު މިހާރު ސޮނޭވާ ތަންތަނުން ވެސް އާދޭ މިތަނަށް ޓޫރިސްޓުން ގޮވައިގެން،" އަޒުހަރު ވިދާޅުވި އެވެ.

އޭނާ ލަފާކުރައްވާ ގޮތުގައި އެ ބަގީޗާ 200 އަދި 100 މީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވެ އެވެ. ރާއްޖޭގެ އެހެން ހިސާބެއްގައި އެކަހަލަ މުރަކަ ބަގީޗާއެއް އޮތްކަން އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަޒުހަރު ވިދާޅުވީ އެތަނަށް ސްނޯކްލިންއަށް ބަޔަކު ނުދާ އެންމެ ދުވަހެއް ވެސް މިހާރު ނާންނަ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ފެބުރުއަރީ އާއި މެއި މަހާ ދެމެދު ރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން މައްޗަށް ދެ އެވެ. އަދި ފަހަކަށް އައިސް ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖޭގެ ފަރުތަކަށް ގާ ހުދުވުމުގެ މައްސަލަ ވެސް ދިމާވެ އެވެ. އެހެންކަމުން މި އަހަރު ވެސް އެ މައްސަލަ ކުރިމަތިވެދާނެކަމުގެ އިންޒާރު، މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން ވަނީ ދާދި ފަހުން ދީފަ އެވެ.

ނަމަވެސް މި ބަގީޗާއަށް އެފަދަ އަސަރެއް ކޮށްފައި ހުރި ކަމަކަށް ފާހަގައެއް ނުކުރެވެ އެވެ. ފަހަރެއްގައި އަހަރެންގެ ލޮލުގައި އަޅައިނުގަތީ ކަމަށް ވެސް ވެދާނެ އެވެ.

އަޒުހަރު ވިދާޅުވީ ގާ ހުދުވުމުގެ ނިޒާމީ ބަދަލުތަކުގެ އަސަރު އޭގެ މުރަކަތަކަށް ކުރާލެއް ކުޑަކަމަށް ތަޖުރިބާކާރުން ބުނާ ކަމަށެވެ. 

ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރު ހުސެއިން ރަޝީދު (ސެންޑީ) ސިފަކުރާ ގޮތުގައި މިއީ 'ސުޕަ ކޮރަލް' އެވެ. އެހެންކަމުން ލޮނުގަނޑު ހޫނުވެގެން ދިމާވާ ހުދުވުމުގެ އަސަރު އެ މުރަކަތަކަށް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

ގައުމީ މާ، ފިނިފެންމަލުގެ ސިފަތައް ހުރުމުން ބައެއް މީހުން ކިޔަނީ 'ފިނިފެންމަލުގެ ބަގީޗާ'އޭ (ދައުރު ފޮޓޯ/ނާއިޝް ލަތީފް)
މުރަކައިގެ މި ބަގީޗާގެ ކުލަތައް ވެސް ވަރަށް ތަފާތު (ދައުރު ފޮޓޯ/ނާއިޝް ލަތީފް)

މުރަކަ ހުދުވުމުގެ އަސަރު ފާހަގަ ނުވި ނަމަވެސް، އޭގެ މުރަކަތައް ބިނދި ހަލާކުވެފައި ހުއްޓާ ފެނެ އެވެ. މުރަކަ ބަގީޗާ ބަލަން ދާ މީހުން ވަރުބަލި ވެއްޖެ ނަމަ ފައި ޖައްސާލަން އެ ހިސާބުގައި ވެލިގަނޑު ވެސް އޮވެ އެވެ. އެހެންކަމުން މުރަކަތައް ބިނދެނީ ބައެއް މީހުންނަށް އޭގެ މައްޗަށް އެރޭތީއޭ ބުނެވޭކަށް ނެތެވެ. ނަމަވެސް އެހެންވަނީ ކީއްވެތޯ ބަލައި، އޭގެ އަސްލު ހޯދުން ރަނގަޅެވެ. އެހާ ރީތި ތަނަކަށް ލިބޭ ގެއްލުންތައް ދެނެގަނެ، އެ ގެއްލުންތައް ބޮޑުވިޔަނުދީ ހިފެހެއްޓޭގެ ފިޔަވަޅު އަޅަން އެނގޭނީ ވެސް އޭރުންނެވެ.

މި އަތޮޅަށް ގުދުރަތީ އެތައް ރީތިކަމެއް ވަނީ ފެތުރިފަ އެވެ. ފެހުރިއްސާއި މަޑިތަކުން ފުރިފައި އޮންނަ ހަނިފަރު ބޭ ފަދަ ތަންތަނެވެ. މަލުގެ ސިފަ ލިބިފައިވާ މުރަކައިގެ މި ބަގީޗާއަކީ ވެސް އޭގެ ތަނެކެވެ. މިއީ އެއްގޮތަކަށް ވެސް ނުބަލާ ދޫކޮށްލާވަރުގެ ރީތިކަމެއް ނޫނެވެ. ބަކެޓް ލިސްޓުގައި ހިމަނާލާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް