މާލީ ވަޒީރުގެ ހައިސިއްޔަތުން ދައުލަތުގެ ބަޖެޓް ހުށަހެޅުއްވި އިބްރާހިމް ފާމުލަދޭރި ކިލެގެފާނު

ތާރީހު

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ފުރަތަމަ ބަޖެޓު: ހަރަދު 2.7 މިލިއަން ރުފިޔާ

ރާއްޖޭގެ ތާރީހުގައި ރައްޔިތުންގެ މަޖިލިހަށް ފުރަތަމަ ބަޖެޓް ހުށައެޅުއްވީ 20 ނޮވެމްބަރު 1954ގައި، އޭރުގެ މާލީ ވަޒީރު އަދި ބޮޑުވަޒީރު އިބްރާހިމް ފާލުލަދޭރި ކިލެގެފާނު
6 ނޮވެމްބަރު 2022
1

ރާއްޖޭގެ މާލީ ނިޒާމުގެ ތާރީހުގައި 20 ނޮވެމްބަރު 1954 ފާހަގަކުރަން ޖެހެ އެވެ. އެއީ ދައުލަތުގެ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް އެންމެ ފުރަތަމަ ހުށަހެޅި ދުވަހެވެ. މި ބަޖެޓް ހުށަހެޅުއްވީ މާލީ ވަޒީރުގެ ހައިސިއްޔަތުން ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. ޚާރިޖީ އަދި ދާހިލީ ވަޒީރަކީ ވެސް ފާމުލަދޭރި ކިލެގެފާނެވެ. އެއިރުގެ ގާނޫނުއަސާސީގައި ވާ ގޮތުގެ މަތިން ދައުލަތުގެ ފަރާތުން ހުށަހެޅި ބަޖެޓާ މެދު މަޖްލިހުގައި ބަހްސުކުރި އެވެ. ނަމަވެސް ބަޖެޓް ފާސްކުރާކަށް ނުޖެހެ އެވެ.

އޭރުގެ ގާނޫނުއަސާސީގައި ބަޖެޓާއި މާލީ ކަންތައްތައް ހިމެނޭ 68 ވަނަ މާއްދާގައި ލިޔެފައިވަނީ އަހަރަކު އެއް ފަހަރު މާލީ ވަޒީރު ބަޖެޓް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. މި ބަޖެޓްގައި "ދައުލަތަށް ލިބުނު އެއްޗަކާއި ވީ ޚަރަދާއި ހުރި ބާކީ ހިސާބު" ބަޖެޓްގައި ހިމަނަންވާނެ ކަމަށް ވެސް ލިޔެފައިވެ އެވެ.

1954ގެ ބަޖެޓް

  • އާމްދަނީ 2.4 މިލިއަން ރުފިޔާ

  • ޚަރަދު: 2.7 މިލިއަން ރުފިޔާ

1959ގެ ބަޖެޓް

  • އާމްދަނީ 6.6 މިލިއަން ރުފިޔާ

  • ޚަރަދު: 6.4 މިލިއަން ރުފިޔާ

އެންމެ ފުރަތަމަ ހުށަހެޅި ބަޖެޓްގައި ހިނގާނޭކަމަށް ލަފާކުރާ ޚަރަދުތައް ކަނޑައަޅާފައިވަނީ މިނިސްޓްރީތަކަށާއި ޑިޕާޓްމަންޓްތަކަށެވެ. ބަޖެޓްގައި ވާ ގޮތުން އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކުރީ ވުޒާރަތުލް މާލިއްޔާ އެވެ. އެއީ 747,000ރ. އެވެ. 

ބަޖެޓްގެ ޚަރަދާއި ރެވެނިއު 1990އާ ހަމައަށް ހުރީ ބިލިއަނަކަށް ވުރެ ދަށުގަ އެވެ. އެންމެ ފުރަތަމަ ދައުލަތުގެ ބަޖެޓް 1 ބިލިއަން ރުފިޔާ ހުރަސްކުރީ 1991ގައި ކަނޑައެޅި 1.1 ބިލިއަން ރުފިޔާގެ ބަޖެޓުންނެވެ. އެފަހަރުގެ ޑެފިސިޓަކީ 81 މިލިއަން ރުފިޔާ އެވެ.

2023ގެ ބަޖެޓް

މިދިޔަ ހޯމަދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށައެޅުއްވި ބަޖެޓް 42.68 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ޑެފިސިޓް އުޅެނީ 8.4 ބިލިއަން ރުފިޔާގަ އެވެ. ހަރަދުތައް މައިގަނޑު ގޮތެއްގައި ބަހާލާފައިވާ ހަތް ދާއިރާއަކީ:

  • 1-

    5 ބިލިއަން ރުފިޔާ - ސިއްހީ ދާއިރާ

  • 2-

    3.9 ބިލިއަން ރުފިޔާ - އިޖްތިމާއީ ރައްކާތެރިކަން

  • 3-

    4.6 ބިލިއަން ރުފިޔާ - ތައުލީމީ ދާއިރާ

  • 4-

    2.8 ބިލިއަން ރުފިޔާ - ގެދޮރު އިމާރާތް ކުރުން

  • 5-

    2 ބިލިއަން ރުފިޔާ - ތިމާވެށި ރައްކާތެރިކުރުން

  • 6-

    10.4 ބިލިއަން ރުފިޔާ - އިގްތިސާދީ އަަދި ސިނާއީ ކުރިއެރުން

  • 7-

    5.2 ބިލިއަން ރުފިޔާ - ދިފާއީ ކަންކަން

ކޮމެންޓް (1)

އިރްތިޝާމް މުހައްމަދު

7 ނޮވެމްބަރު 2022
5 ބިލިއަން ރުފިޔާ ދިފާއީ ކަންކަމަށް؟ ކޮން ބަޔެއް ފަރާތުން ދިފާއުވާން؟ ބޭނުން ކޮންމެ ބަޔަކަށް އައިސް ހިފާލެވޭނެ ގައުމެއް. ހިފިޔަސް އެހެން ގައުމުތަކުން އައިސް ސަލާމަތް ވެސް ކުރާނެ ގައުމެއް. ހަމަ މިކަން އެނގި ހުރެ މިވަރަށް ހަރަދު ކުރަން ބުއްދިވެރިތޯ؟ އެންމެ ރަނގަޅު އެތެރޭގެ ކަންކަން ބަލަހައްޓަން، ނުވަތަ ފަޔާ އާއި ކޯސްޓުގާޑް ބަލަަހައްޓަން. އެކަމު 4 ލައްކަ މީހުންގެ އާބާދީއަކަށް 300 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭބާ މިކަންކަމަށް؟ ދުނިޔޭގައި އެބައޮތް ތަރައްގީވެފައިވާ ބައެއް ގައުމުތައް މިހާރު ވެސް އަސްކަރިއްޔާ އެއް ނެތި. ވިސްނަވާ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް