ހައި ކޯޓު: ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ އެފަދަ ކުށެއްގެ ތަހުގީގަށް ބޭނުންވެގެން، ކޯޓުގެ އަމުރެއްގެ ދަށުން، ތަހުގީގީ އިދާރާއަކަށް ކޭމްގެ މައުލޫމާތު ދެވިދާނެ ކަމަށް މިއަދު ވަނީ ކަނޑައަޅާފައި.

ހައި ކޯޓު

މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ނަމަ ޒާތީ މައުލޫމާތު ދިނުމަށް އަމުރު ނެރެވޭނެ: ހައި ކޯޓު

ޓެރަރިޒަމްގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ހައި ކޯޓުން ނިންމީ ފުލުހުން ހޯދަން އެދޭ އަމުރު ދޫކުރުމަކީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ހައްގުގެ މައްޗަށް އިސްކުރެވިދާނެ ހާލަތެއްތޯ ބަލަންވާނެ ކަމަށް
22 ފެބްރުއަރީ 2022

ފުލުހުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލާޒިމްކޮށްފައިވާ ކަމެއް ކުރުމަށް މުޅިން ހުރަސް އެޅޭ ގޮތަށް ގާނޫނުތައް މާނަ ނުކުރެވޭނެ ކަމަށާއި މުޖުތަމައުގެ ސަލާމަތާ ގުޅުންހުރި މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން، މައްސަލައާ ސީދާ ގުޅުންހުރި ޒާތީ މައުލޫމާތު ފުލުހުންނަށް ދޫކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - ހައި ކޯޓުން މި ގޮތަށް ކަނޑައެޅީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކައުންޓްތައް ހަދައިގެން ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިޔުންތަކާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ޝާއިއުކޮށް ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެ ކަމަށް އިންޒާރުދެމުންދާ ކަމުގެ ތުހުމަތު ފުލުހުން ކުރާ މީހެއްގެ މައްޗަށް ކޯޓަށް ހުށަހެޅި މައްސަލައެއްގަ އެވެ.

ތަފްސީލް - އެ މައްސަލައާ ގުޅިގެން، 'އެހެނިހެން' ކޯޓު އަމުރަށް އެދޭ ފޯމުން، މުދަލާއި ލިޔެކިޔުމާއި މައުލޫމާތު ހޯދައި ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނެވެ. އެ އަމުރުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ފުލުހުން ހޯދަން ބޭނުންވި މައުލޫމާތަކީ:

  • އޭނާ ބޭނުންކުރާ ކަމަށް މައުލޫމާތު ލިބިފައިވާ ހަ ފޯނު ނަންބަރެއްގެ ވެރިފަރާތުގެ މައުލޫމާތު 

  • އެ ނަންބަރުތަކުން ކޮށްފައިވާ އަދި އެ ނަންބަރުތަކަށް ރިސީވް ވެފައިވާ ފޯނު ކޯލްތަކާއި ކޯލްތަކުގެ ރިކޯޑިންތައް 

  • ޓެކްސްޓް މެސެޖްތަކުގެ ތަފްސީލު 

  • ސެލް ޓަވަރުތަކުގެ ތަފްސީލުތައް 

  • އެ ނަންބަރުތަކުގެ ސިމް ކާޑު ބޭނުންކޮށްފައިވާ މޯބައިލް ފޯނުތަކުގެ އައިއެމްއީއައި ނަންބަރުތައް

އެ އަމުރު ނެރެދިނުމަށް ފުލުހުން އެދުނީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ ކޯޓު އަމުރު ނެރެދިނުމަށް އެދުނު ގާނޫނީ މާއްދާތަކުގެ ދަށުން ކޯޓު އަމުރަށް އެދުމާއި ކޯޓުން އަމުރު ނެރެދިނުމުގެ ގާނޫނީ އަސާސެއް ނެތް ކަމަށެވެ.

އެ އަމުރު ކްރިމިނަލް ކޯޓުން ނެރެނުދިނުމުން، ދައުލަތުން ވަނީ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ހައި ކޯޓުގައި ބާއްވާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތް މައްސަލައެއްގެ ގޮތުގަ އެވެ.

ހައި ކޯޓުގެ ބަސް - މައްސަލަ ނިންމައި ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ މިއީ ރާއްޖޭގައި ދެމުންދާ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ލިބިގަންނަ ފަރާތަކުން، ޓެލެކޮމިއުނިކޭޝަންގެ އިކުއިޕްމަންޓް ބޭނުންކޮށްގެން، ޓެރަރިޒަމްގެ ކުށްތަކެއް ކުރި ކަމަށް ނުވަތަ ކުރާ ކަމަށް ތުހުމަތުކުރެވޭތީ، އެ ކުށްތަކާ ގުޅުވައިދޭ ހެކިތައް ހޯދުމަށް މުދަލާއި މައުލޫމާތާއި ތަކެތި ހޯދައި ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅި މައްސަލައެއް ކަމަށެވެ.

އޭގެ އިތުރުން ހުކުމްގައި ބުނިގޮތުގައި:

  • ފުލުހުންގެ އެއް މަގުސަދަކީ މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ޖިނާއީ ކުށްތައް ތަހުގީގުކުރުން

  • ފުލުހުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލާޒިމްކޮށްފައިވާ ކަމެއް ކުރުމަށް މުޅިން ހުރަސް އެޅޭ ގޮތަކަށް އެހެން ގާނޫނުތަކަށް މާނައެއް ނުދެވޭނެ 

  • ތަހުގީގަކާ ގުޅިގެން ހެކި ހޯދުމަށްޓަކައި އެއްކުރަންޖެހޭ މައުލޫމާތު ހޯދުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅޭނެ ކަމާމެދު ބަހުސެއް ނެތް

  • އެހެންކަމުން، އެފަދަ މައުލޫމާތެއް ހޯދަން ކޯޓަށް ހުށަހެޅުމުން ކޯޓުގެ ދައުރަކަށް ވާނީ އެއީ ގާނޫނީ އިމުގެ ތެރެއިން ދޫކުރުމަށް އެންގިދާނެ މައުލޫމާތެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުން

ހައި ކޯޓުގެ ހުކުމްގައި ބުނީ، މި ބާވަތުގެ މައްސަލައަކާ ގުޅިގެން ކޯޓުން ކުރަން ޖެހޭނެ ކަމަކީ، ފުލުހުން އެދޭ ކޯޓު އަމުރު ދޫކުރުމަކީ، އެ މީހެއްގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ހައްގުގެ މައްޗަށް އިސްކުރެވިދާނެ ހާލަތެއްތޯ އާއި އެފަދަ ހާލަތެއް އޮތް ނަމަ، ގާނޫނުތަކާއި ގަވާއިދުގައި ވާގޮތުގެ މަތިން، އެ މައުލޫމާތު ދޫކުރެވޭނީ ކިހާ މިންވަރަކަށްތޯ ބަލައި ގޮތެއް ކަނޑައެޅުން ކަމަށެވެ.

އެނގުން މުހިންމު - ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ގާނޫނު ބުނާގޮތުން، މީހެއްގެ ޒާތީ މައުލޫމާތު ނުވަތަ މުއާސަލާތާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހާމަކޮށްގެން ނުވާނެ އެވެ. މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވިދާނެ ފަދަ ކަމެކެވެ.

ބުނީ ކީކޭ؟ - "ނަމަވެސް މި އާންމު އުސޫލަށް އޮތް އިސްތިސްނާތަކުގެ ތެރެއިން، ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ އެފަދަ ކުށެއްގެ ތަހުގީގަށް ބޭނުންވެގެން، ކޯޓުގެ އަމުރެއްގެ ދަށުން، ނުވަތަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް މައުލޫމާތު ހާމަކުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި، ކޯޓުގެ އަމުރެއްގެ ދަށުން، ނުވަތަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، ސަލާމަތީ ހިދުމަތްތަކަށް މައުލޫމާތު ހާމަކުރެވިދާނެއެވެ،" ހުކުމްގައި ބުންޏެވެ.

އެހެންކަމުން، ހައި ކޯޓުން ވަނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށްފަ އެވެ.

 ހައި ކޯޓުގެ ހުކުމްގައި ބުނީ މި މައްސަލައިގައި، ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ވަނީ ޒާތީ މުއާސަލާތްތައް ރައްކާތެރިކުރުމަށް އޮތް ހައްގާ އަޅާބަލާއިރު، މާ ފުޅާ ހުށަހެޅުމެއް ކަމަށެވެ. ފުލުހުންނަށް ދޫކުރެވޭނީ މައްސަލައާ ސީދާ ގުޅުންހުރި މައުލޫމާތު ކަމަށް ހުކުމްގައި ބުންޏެވެ.

އެހެންކަމުން، ކޯޓު އަމުރެއްގެ ދަށުން ކޭމް އިން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގެ ކުރިން ތުހުމަތު ކުރެވޭ މީހާގެ ރުހުން އެކަމަށް އޮތްތޯ ބަލައި، ރުހުން އޮތް ނަމަ، އެގޮތުގެ މަތިން ފުލުހުން ކޭމްއަށް ހުށަހަޅައިގެން އެ މައުލޫމާތު ހޯދުން ރަނގަޅު ކަމަށް ހައި ކޯޓުން ބުންޏެވެ. އޭނާގެ ރުހުން އެކަމަށް ނެތް ނަމަ، ހޯދަންޖެހޭ މައުލޫމާތު ތުހުމަތާ ގުޅޭ މިންވަރު ބަޔާންކޮށް އެ މައުލޫމާތުތައް ކޭމް އިން ފުލުހުންނަށް ލިބިދިނުން އެދި ކޯޓު އަމުރެއް ހޯދުމަށް ދަށު ކޯޓަށް ހުށަހެޅުމަށް ވެސް ހައި ކޯޓުން އެންގި އެވެ.

އެ މައުލޫމާތު ދޫކުރުމާ މެދު ކޯޓުން ގޮތް ކަނޑައަޅަން ޖެހޭނީ ފުލުހުން ހުށަހަޅާ މައްސަލައިގެ މެރިޓަށް ބަލައިގެން ކަމަށް ހުކުމްގައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް