ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން. (ފޮޓޯ/އަލްހާރިޔަ)

ޔޫތު މިނިސްޓްރީ

ހަމަނުޖެހުން ހިންގައި ޔޯގާ ހަރަކާތް ހުއްޓުވައިފި

ތަކުބީރު ކިޔަމުން ދިދަ ހިފައިގެން ގަލޮޅު ދަނޑަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައި

ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގުޅިގެން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދަން އުޅުނު ޔޯގާ ހަރަކާތާ ދެކޮޅަށް، ބަޔަކު ނުކުމެ އަޑުއުފުލައި އެ ހަރަކާތް ހުއްޓުވައިފި އެވެ.

ވީ ކިހިނެއް؟ - ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު 6:30ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަން އޮތީ ރާވައިފަ އެވެ. އެ ހަރަކާތުގައި ބައިވެރިވާން ހުޅުވާލުމާ ގުޅިގެން ވެސް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި އެ ހަރަކާތާ ދެކޮޅަށް ހިޔާލު ފާޅުކޮށްފަ އެވެ.

ތަފްސީލް - ޔޯގާ އަކީ އިސްލާމް ދީނާ ދުރު، ހިންދޫންގެ އަޅުކަމެއް ކަމަށް ބުނެ، އެ ހަރަކާތާ ދެކޮޅަށް މިއަދު ގަލޮޅު ދަނޑު ކައިރިއަށް ބަޔަކު ވަނީ އެއްވެފަ އެވެ. ފަތިސް ނަމާދަށް ފަހު ދަނޑު ކައިރިއަށް އެއްވި މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ހުދުކުލައިގެ ދިދަތަކެއް ހިފައިގެންނެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން. (ފޮޓޯ/އަލްހާރިޔަ)
ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން. (ފޮޓޯ/އަލްހާރިޔަ)

ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން އެ މީހުން ދަނޑަށް ވަންނަން މަސައްކަތް ކުރުމުން، ފުލުހުން ވަނީ މަގުމަތިން ބެރިކޭޑު ޖަހައި އެ މީހުން ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ފެންސް ވެސް ފޫ އަޅުވާލައި ޔޯގާ ހަދަން ދަނޑުގައި ތިބި މީހުންނަށް ދިމާލަށް ގޮސްފަ އެވެ. އަދި އެ މީހުންނަށް އިންޒާރު ދީ އެ ތަނުން ނުކުތުމަށް އެންގި އެވެ.

ދަނޑަށް އެ މީހުން ވަނުމުން އެސްއޯ ފުލުހުން އެތުރި ދަނޑުގެ ފެންސް ކައިރީ އެ މީހުން ހުއްޓުވި އެވެ. އެ މީހުން ވަނީ ދަނޑު އެތެރޭގައި ތިބެ ތަކުބީރު ކިޔުން ކުރިއަށް ގެންގޮސްފަ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ، އެ ހަރަކާތް ފެށުމުގެ ގޮތުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވާހަކަދައްކަވަން ހުންނަވަނިކޮށެވެ. އެ ސަރަހައްދުގައި ޖަހާފައި ހުރި ގައުމީ ދިދަތަކާއި އިންޑިއާގެ ދިދަ ދަނޑިތައް ބިންދާލައި، ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި އެވެ.

ދަނޑަށް ވަދެގަތް މީހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރަނީ.
ބާރުގެ ބޭނުންކޮށް މީހުން ދަނޑުން ބޭރުކުރުމަށް ފަހު ފުލުހުން ދަނޑުގެ ގޭޓު ހިފަހައްޓައިގެން: އެ މީހުން ވަނީ ގޭޓުގައި ތަޅައި ހަމަނުޖެހުން ހިންގާފައި.

އިންޑިއާގެ ހައި ކޮމިޝަނަރާއި ބޭރުގެ އެމްބެސެޑަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަރަކާތަށް ހުރަސް އެޅި މީހުން 40 ވަރަކަށް މިނެޓު ވަންދެން ހަމަނުޖެހުން ހިންގި ފަހުން، އެ މީހުން އެ ތަނުން ބޭރުކުރެވުނީ ކަރުނަ ގޭސް ޖަހައި ބާރުގެ ބޭނުންކޮށްގެންނެވެ.

ދަނޑުން ބޭރުކޮށް ފުލުހުން ގޭޓު ތަޅުލުމުން ވެސް އެ މީހުން ވަނީ ގޭޓުގައި ތަޅައި ހަމަނުޖެހުން ހިންގައިފަ އެވެ. ފުލުހުން ވަނީ ދަނޑު ބޭރަށް ވެސް ކަރުނަ ގޭސް ޖަހައިފަ އެވެ.

މި ހަމަނުޖެހުމުގައި ބަޔަކަށް އަނިޔާވި ކަމެއް އަދި ނޭނގެ އެވެ.

އެނގުން މުހިންމު - އެންމެ ފުރަތަމަ ޔޯގާ ހަރަކާތް ބާއްވަން އުޅުނީ ރަސްފަންނުގަ އެވެ. ނަމަވެސް އެ ހަރަކާތާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލުން ވަނީ އެ ހަރަކާތަށް ރަސްފަންނު ނުދޭން ނިންމައިފަ އެވެ.

ރާއްޖޭގައި ޔޯގާ ހަރަކާތް ކުރިއަށް ގެންދާތީ އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޔޯގާ ދުވަހާ ގުޅުވައިގެން ނޫނަސް، ރާއްޖޭގައި ޔޯގާގެ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ. އެގޮތުން، އިންޑިއަން ކަލްޗަރަލް ސެންޓަރުން މި މަހުގެ 16 ވަނަ ދުވަހު އޯޓިޒަމް އެސޯސިއޭޝަންގައި ވެސް ޔޯގާ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު ސަލްޓަން ޕާކުގައި ވެސް ޔޯގާ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް