ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ: އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ވަނީ ސަސްޕެންޑްކޮށްފައި. (ފޮޓޯ/މިނިސްޓްރީ)

ވަގަަށް ވެހިކަލް ރަޖިސްޓްރީކޮށްދިން މައްސަލައިގައި ޓްރާސްޕޯޓުގެ ޑިރެކްޓަރަކު ސަސްޕެންޑްކޮށްފި

އޭސީސީއިން ބަލަމުންދާ އެ މައްސަލައާ ގުޅިގެން ރުޝޫނާ ސަސްޕެންޑް ކުރީ ސިވިލް ސާވިސް ކޮމިޝަނުން

ވަގަށް އުޅަނދުތަކެއް ރަޖިސްޓްރީކޮށްދިން ކަމަށް ބުނާ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު އިއްޔެ ސަސްޕެންޑްކޮށްފި އެވެ.

ވީ ކިހިނެއް؟ - ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، ރުޝޫނާ ސަސްޕެންޑްކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

ތަފްސީލު - ގަވައިދާ ހިލާފަށް ޓްރާންސްޕޯޓް މިނިސްޓްރީން އުޅަނދުތަކެއް ރަޖިސްޓްރީކޮށްދިން މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރުޝޫނާ ސަސްޕެންޑްކޮށްފައި ވަނީ އެ މައްސަލައާ ގުޅިގެންނެވެ.

އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރުޝޫނާ އިއްޔެ ސަސްޕެންޑްކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ.

ބުނީ ކީކޭ؟ - ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ޓްރާންސްޕޯޓުގެ އިސް އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، ލިޔެކިޔުންތަކުގައި ސޮއިކުރުމުގެ ބާރު ޑިރެކްޓަރުގެ އަތުން ނަގައި އެ ބާރު ދީފައިވަނީ، އެސިސްޓެންޓް ޑިރެކްޓަރު ރުޝުނާއަށް ކަމަށެވެ. އަދި އެ އުޅަނދުތައް ރަޖިސްޓްރީކޮށްފައިވަނީ ރުޝޫނާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގަވައިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކުރަމުން ދިޔައީ މީހުންގެ އަތުން ފައިސާ ނަގައިގެން. މި ޖަރީމާ ހިންގުމުގެ އިސް މީހާ ކަމަށް ތުހުމަތުކުރެވެނީ ރުޝޫނާއަށް،" މިކަމުގެ މައުލޫމާތު އެނގޭ އެ އޮފިޝަލު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރުޝޫނާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެނގުން މުހިންމު - ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ބައެއް އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ޓްރާންސްޕޯޓް މިނިސްޓްރީން އެކަން އަންގައި އިއުލާން ކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެގޮތުން:

  • މިހާތަނަށް ޖުމްލަ 136 އުޅަނދެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައިވޭ 

  • އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އުޅަނދުތައް 

  • ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައް ވެސް ހިމެނޭ

ރަޖިސްޓްރީ ބާތިލުކުރި ނުވަ އުޅަނދެއްގެ ވެރިފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލާގައި ދައުވާކުރާ ފަރާތްތަކުން އެދިފައިވަނީ:

  • ޓްރާންސްޕޯޓްގެ ނިންމުން އިންޖީނުލީ އުޅަނދު ރަޖިޓްރީކުރުމުގެ ގަވައިދާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް 

  • މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކުރުމުގެ ކުރިން، އެއީ ބާތިލުވެފައިވާ ރަޖިސްޓްރީތަކެއް ކަމަށް ނުބެލުމަށާއި އެ އުޅަނދުތަކަށް ވެސް އެެއްވެސް ތަފާތުކުރުމެއް ނެތި ހިދުމަތް ދިނުމަށް ޓްރާންސްޕޯޓަށް އަންގައި ވަގުތީ އަމުރެއް ނެރެދިނުމަށް

އެ މައްސަލައާ ގުޅިގެން މިދިޔަ މަހު ސިވިލް ކޯޓުން ވަނީ، ރަޖިސްޓްރީތައް ބާތިލު ނުވާ ކަމަށް ބުނެ ވަގުތީ އަމުރެއް ނެރަފަ އެވެ.

ކޮމެންޓް (1)

ހަމްދާން

17 ނޮވެމްބަރު 2022
ތިޔައީ ދުވަހަކުވެސް ހައްލު ނުވި މައްސަލައެއް ދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް