ފެޝަން

'ކިއުރޭޓެޑް ސެލެޑް' މިއީ ތަފާތު ފެޝަން ސެލެޑެއް

ހިތްގައިމު އަދި ޒަމާނީ ޑިޒައިންތަކެއް ގެނެސްދޭ ދިވެހި މި ބްރޭންޑުގެ ދެވަނަ ކަލެކްޝަން ނެރެން ވަނީ ތައްޔާރުވެފައި
9 އޭޕްރީލު 2022
1

'ކިއުރޭޓެޑް ސެލެޑް' އޭ ބުނުމުން ހީވަނީ ރޯދަ މަހަށް ހާއްސަ، ސުފުރާމަތިން ފެންނާނެ ޒާތެއްގެ ތަރުކާރީ އެޅި ސެލެޑެއްގެ ތައާރަފެއް ހެނެވެ. އެކަމަކު މިއީ ވަރަށް ތަފާތު، ފެޝަން ސެލެޑެކެވެ.

ދިވެހި ސްޓްރީޓްވެއާ ބްރޭންޑު 'ކިއުރޭޓެޑް ސެލެޑް' މިދިޔަ އަހަރު ވުޖޫދުކުރީ ކްރިއޭޓިވް ޑިރެކްޓަރު އަދި ބްރޭންޑު އުފެއްދި އަހްމަދު ޒާން ހުސެއިން އާއި އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ހަރިހާން މަރްޕޮހްނޮ އެވެ.

ބްރޭންޑުގެ ނަން ތަފާތެވެ. އަދި މި ބްރޭންޑުން އުފައްދާ ޓީޝާޓު ވެސް، އާއްމުކޮށް ފެންނަ ދިވެހި ސްޓްރީޓްވެއާ ޑިޒައިންތަކާ ތަފާތެވެ. 

ފުރަތަމަ ކަމަކަށް ބްރޭންޑުގެ ނަން އުފެދި ބޭނުން ކުރެވެން ފެށުނު ގޮތުގެ ވާހަކަ އަކީ އޭގެ ޒާތުގައި ތަފާތު ވާހަކަ އެކެވެ. މި ބްރޭންޑުން ފެޝަން ހުށަހަޅައިދެނީ ސެލެޑާއި ބުއިން އަދި ކެއްކުމުގެ ޓެކްނީކުތައް ބޭނުން ކޮށްގެންނެވެ.

ހެދުންތަކުގެ ތައާރަފް ލިޔެފައިވަނީ ރެސިޕީއެއް ގޮތަށެވެ. މިސާލަކަށް އެ ހެދުމެއްގެ "އިންގްރީޑިއަންޓްސް"ގެ ތެރޭގައި ހިމެނެނީ "ލުނބޯ ހުތް، ސްޕިނެޗް އަދި ހެވީ ވެއިޓް ކޮޓޮން"އޭ ބުނުމުން ކަސްޓަމަރުންނާއި އެ ބަލާ މީހުންގެ ޝައުގުވެރިކަން ލިބި، އެއާ ބެހޭގޮތުން ސުވާލުކޮށް ހަދަ އެވެ.

ކިއުރޭޓެޑް ސެލެޑުން އެންމެ ފަހުން ފަރުމާކުރި ކަލެކްޝަނުގެ ފަހަތުގައި ވަނީ ކުޅި ތެލެވެ. ޒާން އަށް އޭނާގެ ރަހުމަތްތެރިޔަކު މި ތެޔޮ ތައާރަފުކޮށްދިން ފަހުން އޭނާ އައީ ހުރިހާ ކެއުމެއްގައި ވެސް މި ތެޔޮ، ސްޕިނެޗް އަދި މިންޓް ފަތް ބޭނުންކުރަމުންނެވެ. ކަލެކްޝަން ފަރުމާ ކުރީ މި އެއްޗެހީގެ ރަހަ އާއި ކުލަތަކުން ހިޔާލު ލިބިގެންނެވެ.

"'ކްރީމީ ޓަހީނީ' އެހެން ޕާސްޕެކްޓިވެއް ގެނެސްދޭ. 'ބްލެންޑެޑް ލިމިއޭޑް' އަކީ ކަސްޓަމަރުން ދަންނަ، ޝައުގުވެރިވާ ކުލައެއް ގެނެސްދޭ އައިޓަމެއް. އަދި 'ބަލްސަމިކް ލެވެންޑާ' އަކީ ކުރިން އަޅުގަނޑުމެން ނެރުނު ކަލެކްޝަންގެ 'ރެޑް އަނިއަން'ގެ ވައްތަރެއް،" ޒާން ކިޔައިދިނެވެ.

މި ކަލެކްޝަނުގައި ހިމެނޭ ހުރިހާ އަތް ކުރު ޓީޝާޓުތަކަކަށް ވަނީ އެސިޑް ވޮޝް ކޮށްގެން މަޑު ކުލަތަކެއް ދީފަ އެވެ. ޒާން ބުނިގޮތުގައި މިއީ ވަކި އިފެކްޓެއް ގެންނަން ކުރި ކަމެއް ކަމެކެވެ. އޭނާ ބުނީ ގާތުން އޭގެ ކުލަ ތަފާތު ކަމަށް ނުފެނުނަސް، ވަކި ދުރުމިނަކުން އަދި އަލި ވަކި ގޮތަކަށް ހުންނަ އިރު ޓީޝާޓުތަކުގެ ކުލައިގެ އަސްލު ފެންނާނެ ކަމަށެވެ. މި ކަލެކްޝަނުގެ އެންމެ ތަފާތު ޑިޒައިނަކީ 'ސެރިބްރަލް ސެލެޑް' އެވެ. ޒާން ބުނީ މި ޑިޒައިން މާނަކުރުން ދޫކޮށްލަން ބޭނުންވަނީ ކަސްޓަމަރުންނަށް ކަމަށެވެ. އެމީހުން މި ޑިޒައިން ސްޓައިލު ކޮށްލާ ގޮތް ފެނުމުން އެއަށް އިތުރު ފުރިހަމަކަމެއް ލިބޭނެ އެވެ.

ޒާން ބުނިގޮތުގައި ކިއުރޭޓެޑް ސެލެޑްގެ ނަން ބިނާވަނީ 'ކެބެލްސަލަޓް' ކިޔާ ޖަރުމަނު ބަހަކަށެވެ. އޭގެ މާނަ އަކީ 'ކޭބަލް ސެލެޑް' އެވެ. މިއީ މިދިޔަ އަހަރު ޖަރުމަނުގެ ސްޓްރީޓްވެއާ ބްރޭންޑަކާ ޒާން ދެއްކި ވާހަކައެއްގައި ޖަރުމަނު ބްރޭންޑުން އެމީހުންގެ ކަލެކްޝަން ކިޔައިދޭން ބޭނުން ކުރި ބަހެވެ. މި ބަހުން ދޭހަވަނީ ކޭބަލްތަކެއް ކައިރިކައިރީގައި ހުރުމުން އެ އެއްޗެހި ސުނގުޅިމުގުޅިވެފައި ހުރުމެވެ. ޒާން ބުނިގޮތުގައި ކޭބަލް ސެލެޑަކީ އަމިއްލައަށް ތައްޔާރުވާ އެއްޗެއް ނަމަ، ކިއުރޭޓެޑް ސެލެޑަކީ ވިސްނައިގެން އެކި އެލެމެންޓު ބޭނުން ކޮށްގެން ފަރުމާ ކުރާ ސެލެޑެކެވެ. މި ބްރޭންޑުގެ ފަންނުވެރި އެލެމެންޓުތައް ބޭނުން ކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ގަޔާވާނެ ޒާތުގެ ބްރޭންޑެއް އުފެއްދުމަކީ ކިއުރޭޓަޑް ސެލެޑުގެ މައިގަނޑު މަގުސަދުކަން ޒާން ފާހަގަ ކުރި އެވެ. 

ޒާން ބުނިގޮތުގައި ކިއުރޭޓެޑް ސެލެޑްގެ ޓީޝާޓުތަކުގައި ވަރަށް ތަފާތު އަދި ހާއްސަ ގޮތެއް އެކުލެވިގެން ވެ އެވެ. އެއީ ކޮންމެ ކަލެކްޝަނަކުން ނެރޭ އައިޓަމްތައް އުފައްދަނީ އެންމެ ފަހަރަކު އެވެ. އެ ކަލެކްޝަނަކަށް ކަނޑައަޅާފައިވާ އޯޑަރުތައް ހަމަވުމުން އިތުރު އޯޑަރެއް އެ ޑިޒައިންތަކަކުން ނުނަގާނެ އެވެ. މިއީ ކަސްޓަމަރުންނަށް 'އެކްސްކްލޫސިވް' އަދި ތަފާތު އައިޓަމެއް ފަރުމާކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަން ޒާން ފާހަގަ ކުރި އެވެ. 

"އަޅުގަނޑުމެންގެ ޓީޝާޓު ލައިގެން އުޅެން ފަސޭހަވާނެކަން ގެރެންޓީ ކޮށްދެން. މީގެ އިތުރުން ފެންވަރު ރަނގަޅު ޓީޝާޓެއް ކަސްޓަމަރުންނަށް ދެވޭތޯ ވެސް ބަލަން،" ޒާން ބުންޏެވެ.

ކިއުރޭޓެޑް ސެލެޑުގެ އެންމެ ފަހުގެ ކަލެކްޝަން މާދަމާ ނެރޭނެ އެވެ. މި ކަލެކްޝަނުގައި އަތް ކުރު އަދި އަތް ދިގު ޓީޝާޓު ހިމެނެ އެވެ. ބްރޭންޑުގެ ވެބްސައިޓުގައިވާ ކެޓެލޮގުން އެ ހުރިހާ ޑިޒައިންތަކެއް އޯޑަރު ކޮށްލެވޭނެ އެވެ. ސައިޒު ޗާޓާއި އިތުރު މައުލޫމާތު ވެބްސައިޓުގައި ވާނެ އެވެ. 

ޒާން ބުނިގޮތުގައި:

  • މިއަދުން ފެށިގެން އަންނަ ހުކުރުދުވަހުގެ ނިޔަލަށް އޯޑަރު ކުރެވޭނެ

  • ރާއްޖޭގެ އިތުރުން، މެލޭޝިއާ އަދި އިންޑޮނީޝިއާގެ ބޭންކް އެކައުންޓުތަކުން ވެސް ފައިސާ ދެއްކޭނެ

  • އޯޑަރުތައް އެއްކޮށް ނަގައި ނިންމާލުމަށް ފަހު 4-6 ހަފްތާ ތެރޭގައި ޑެލިވާކޮށްދޭނެ

ޒާން ބުނިގޮތުގައި ކިއުރޭޓެޑް ސެލެޑުން ދެން ނެރޭ، ތިންވަނަ ކަލެކްޝަން ވަރަށް ހާއްސަ ވާނެ އެވެ. އެއީ ޖަޕާނުގެ އާޓިސްޓަކާ އެކު ފަރުމާ ކޮށްފައިވާ ކަލެކްޝަނެކެވެ.

ކިއުރޭޓެޑް ސެލަޑް ފަދަ ތަފާތު އަމިއްލަވަންތަ ދިވެހި ބްރޭންޑުތައް އިތުރުވުމަކީ ރާއްޖެއަށް ލިބޭ ފަހުރެއްކަން ޔަގީނެވެ.

ކޮމެންޓް (1)

ސަމިީން

9 އޭޕްރީލު 2022
ވަރަށް ފައްކާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް