ޕްރައިމަރީގެ ކާމިޔާބު ފާހަގަކުރަން ރޭ ބޭއްވި އެއްވުމެއްގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

'ހިންނަވަރު އިބޫ'އަށް އެންމެ ފަހުން މުޅި އެމްޑީޕީ

ރައީސްކަމުގައި ހުންނަވައިގެން ވާދަވެރި ޕްރައިމަރީއަކަށް ވަޑައިގެން ކާމިޔާބުކުރެއްވުމަކީ ސިޔާސީ ގޮތުން 'ސުމާޓް މޫވް'އެއް ކަމަށް، އެއްބަޔަކު ދެކޭ
29 ޖެނުއަރީ 2023
2

މިވީ ކިހިނެއް ހެއްޔެވެ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުން އެމްޑީޕީ ގެއްލިދާނެ ކަމަށް އެއްގޮތަކަށް ވެސް ހީނުކުރާ މީހުންގެ ސުވާލަކީ އެ އެވެ.

'ހިންނަވަރު އިބޫ' އެންމެ ފަހުން އެމްޑީޕީ ޖަހައިގެންނެވީތާ އެވެ. 

ނަޝީދު ނޫން ލީޑަރެއް އެމްޑީޕީ އާއި ރާއްޖޭގައި ވެސް ނެތް ކަމަށް ގަބޫލުކުރާ ސަޕޯޓަރުން މަލާމާތަކަށް ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ބުނާ 'ހިންނަވަރު އިބޫ' އިއްޔެ އެ ލިއުއްވީ އެމްޑީޕީގެ ތާރީހާއި ރާއްޖޭގެ ސިޔާސީ ތާރީހުގެ ވެސް އާ ސަފުހާއެކެވެ.

ވެރިކަމުގައި ހުންނެވި ރައީސަކު، ވާދަވެރި ޕްރައިމަރީއަކަށް ފުރަތަމަ ފަހަރަށް ވަޑައިގެން، ޕާޓީއެއްގެ އެންމެ ވަރުގަދަ ލީޑަރު ބަލިކުރެއްވުމަކީ، މީގެ ކުރިން ރާއްޖެ ދުށް ދުވަހެއް ނޫނެވެ. އާއިލީ ގޮތުންނާއި ސިޔާސީ ފިކުރާއި ޕާޓީގެ ލޭގެ ތެރެއިން ވެސް އެންމެ ގާތް ދެ އެކުވެރިން ކަމަށް ބެލެވުނު ދެ ބޭފުޅެއްގެ ހިތި ވާދައަކީ ވެސް އިއްޔެގެ ޕްރައިމަރީ އެވެ.

ރައީސް ސޯލިހުގެ ސަޕޯޓަރުން ރޭ އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ: ޕްރައިމަރީ ކާމިޔާބުކުރެއްވީ ތަފާތު ބޮޑުކޮށް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ބައެއް ވޯޓު ފޮށިތައް ފަޅާލި އެވެ. ވޯޓު ކަރުދާސްތައް ވީދާލި އެވެ. ނަތީޖާ ނެރުނު އިރު، ބައެއް ވޯޓު ފޮށިތަކަށް ވޯޓުލުމުގެ ހައްގު އޮތް ކަމަށް ލިސްޓްގައި ޖަހާފައި އޮތް އަދަދަށް ވުރެ ގިނަ މީހުން ވޯޓު ވެސް ލި އެވެ. އެހެންކަމުން މިއީ މައްސަލަތައް ހުރި، ތުހުމަތުތަކެއް ވެސް ކުރެވޭނެ އިންތިހާބެކެވެ. އެމްޑީޕީގެ އިންތިހާބީ ކޮމިޓީން މި މައްސަލަތަކުގެ ހަގީގަތް ރައްޔިތުންނަށް ކިޔައިދިނުން މަޖުބޫރެވެ.

ޕްރައިމަރީން ބަލިވުން ނަޝީދު ގަބޫލުފުޅުނުކުރައްވާނެކަން ކުރިންސުރެ އެނގެ އެވެ. ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން ވެސް، އެމަނިކުފާނުގެ 'އެތައް ހާސް ސަޕޯޓަރުން' އެމްޑީޕީގެ ދަފުތަރުން ވަކިކުރިކަމުގެ ތުހުމަތު އެޅުވި އެވެ. އެމްޑީޕީގެ އިދާރީ ހުރިހާ ބާރެއް ވެސް އޮތީ ރައީސް ސޯލިހު ފަޅީގެ ބޭފުޅުންގެ އަތުގަ އެވެ. އެކަމަކު އެމްޑީޕީގެ ދަފުތަރު 'ސާފުކުރަން' ނިންމީ ގައުމީ ކޮންގްރެސްގަ އެވެ. އެކަން ކުރީ، އެމްޑީޕީން ރަސްމީކޮށް އިއުލާންކޮށް، ޝަކުވާ ހުށައަޅަން ވެސް ފުރުސަތު ދީފަ އެވެ. އެހެންކަމުން ނަޝީދުގެ ޓީމަށް ވެސް، ދަފުތަރުން އުނިވާ ސަޕޯޓަރުން ސަލާމަތްކުރެވެން އޮތް ކަމަށް، ރައީސް ސޯލިހުގެ ޓީމުން ގަބޫލުކުރެ އެވެ.

ކޮންމެ ގޮތެއް ވިޔަސް އެމްޑީޕީގެ އެތެރޭގައި އެބަ އޮތްތާ ވާދަވެރިކަމެއް. އެކަން [ރައީސް] ގަބޫލުކުރައްވާ. އެހެންވެ މި ބުނީ އެހާ ވާދަވެރި ޕްރައިމަރީއަކަށް ގޮސް ކާމިޔާބުކުރުމަކީ ހަމަ ސިޔާސީ ގޮތުން ސުމާޓް މޫވްއެކޭ 

ރައްޔިތުންގެ މަޖިލިހުގެ އެހެން ޕާޓީއެއްގެ މެމްބަރަކު

މި ނަތީޖާއަކީ ކިހާ ބޮޑު ބަދަލެއްތޯ ބަލަން، އެހެން ޕާޓީތަކެއްގެ ރައްޔިތުންގެ މަޖިލިހުގެ އިސް ދެ މެމްބަރަކާ 'ދައުރު'ން ވާހަކަ ދެއްކީމެވެ. އެ ބޭފުޅުންނާ ގުޅުމެއް ނެތް ޕާޓީއެއްގެ އެތެރޭގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވާން ބޭނުންނުވާތީ ނަންތަކެއް ނުހިމަނަމެވެ.

އެއް ބޭފުޅަކު ވިދާޅުވީ ޕްރައިމަރީގައި ނަޝީދު ހޯއްދެވި 15،000 އަށް ވުރެ ގިނަ ވޯޓަކީ ކާމިޔާބީއެއް ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އިންތިހާބުގައި އެންމެ 'ޖެނުއިން ވޯޓަށް' ވާނެތީ، އެ އަދަދުން ނަޝީދަށް ކުރެއްވޭނެ ކަންކަން ހުންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އެއްގޮތަކީ އެ ތާއީދު ހިފައިގެން ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ނުކުތުން،" އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީ އަލުން ނަޝީދަށް ލިބެން އޮތީ [ރައީސް ސޯލިހު] ބަލިކޮށްގެން. އެނޫން އެއްގޮތެއް ވެސް ހިއެއްނުވޭ އޮތްހެނެއް. އެހެންވީމާ އެ 15،000 އާއި ޕްރައިމަރީގައި ވޯޓުނުލާނެ ސަޕޯޓަރުންގެ ވޯޓާ އެކު، ރިޔާސީ އިންތިހާބުގައި [ރައީސް] ބަލިކުރަން ހިފާނެ."

ކުރީގެ ރައީސް ނަޝީދު އަދި ޕްރައިމަރީގެ ވާދަވެރިޔާ އިއްޔެ ވޯޓު ލައްވަނީ (ފޮޓޯ/އަބްދުﷲ އިޔާން)

އެކަމަކު ޕްރައިމަރީ ބާއްވަން ރައީސް ސޯލިހު ނިންމެވި ނިންމެވުމާއި ނަޝީދާ ވާދަކުރެއްވުމަކީ، ރައީސްގެ 'ސުމާޓް މޫވްއެއް' ކަމަށް ވެސް، އޭނާ ގަބޫލުކުރައްވަ އެވެ. އެގޮތަށް ގަބޫލުކުރެއްވީ އެމްޑީޕީގެ ހުރިހާ ބާރެއް ރައީސް ސޯލިހުގެ އަތްޕުޅުގައި އޮވެމެ، ވާދަވެރި ޕްރައިމަރީއަކަށް ވަޑައިގަތުމަކީ، ރާއްޖޭގެ ސިޔާސީ ސަގާފަތާ މުޅިން ތަފާތު ކަމަކަށް ވާތީ އެވެ.

އޭގައި ވެސް ސަބަބުތަކެއް އެބަ ހުއްޓެވެ. އެއް ސަބަބަކީ ނަޝީދަކީ އަދިވެސް އެމްޑީޕީގެ ނުފޫޒު ގަދަ، އަދި ރާއްޖޭގައި ސަޕޯޓަރުން ވެސް ގިނަ ސިޔާސީ ލީޑަރަކަށް ވުމާ އެކު، 'ޓިކެޓް ޖަހައިގަތުމުން' ރައީސް ސޯލިހުގެ ނަމަށް އަންނާނެ ހުތުރުކަމެވެ.

"އޭރުން މީހުން ބުނާނީ ގަދަކަމުން ޓިކެޓް އަތުލިއްޔޭ. ކޮންމެ ގޮތެއް ވިޔަސް އެމްޑީޕީގެ އެތެރޭގައި އެބަ އޮތްތާ ވާދަވެރިކަމެއް. އެކަން [ރައީސް] ގަބޫލުކުރައްވާ. އެހެންވެ މި ބުނީ އެހާ ވާދަވެރި ޕްރައިމަރީއަކަށް ގޮސް ކާމިޔާބުކުރުމަކީ ހަމަ ސިޔާސީ ގޮތުން ސުމާޓް މޫވްއެކޭ،" އޭނާ ވިދާޅުވި އެވެ.

ޕްރައިމަރީ ކިހާ މިނިވަން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި އޭނާ ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގައި ވެރިކަމުގައި ހުންނެވި ރައީސަކު ވާދަކުރާ ޕްރައިމަރީއެއް އެންމެ މިނިވަން ނޫން ކަމަށެވެ. އޭނާގެ ނުފޫޒާއި ބާރާއި ސަރުކާރު ތެރެއިން ކުރެވެން ހުރި ކަންކަން ގިނަ ކަމުން، ޕްރައިމަރީގެ ކެމްޕެއިން ވެސް އޮންނަނީ އެއްކޮޅަކަށް ބުރަވެފައި ކަމަށް ވިދާޅުވި އެވެ.

އޭގެ ހެކި އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭންގައި ފެނުނެވެ. ސަރުކާރުން ފުލުފުލުގައި މަޝްރޫއުތައް އިއުލާންކޮށް، ސޮއިކުރި އެވެ. 

'ދައުރު'އާ ދެން ވާހަކަދެއްކެވި މެމްބަރު، ރައީސް ސޯލިހާ މެދު އޮތީ ފާޑުކިއުމުގެ ނަޒަރެކެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ޕްރައިމަރީއަކަށް ދާން ޖެހުނީ އެމްޑީޕީގެ ތެރޭގައި ރައީސް ސޯލިހުގެ މަގުބޫލުކަން ކުޑަވުމުންނެވެ. ކުރިން ނަމަ ނަޝީދަށް އެމްޑީޕީން ދެ ފަހަރަށް ރިޔާސީ ޓިކެޓް ދިނީ، މުޅި ޕާޓީގެ ސަޕޯޓް، ދެ ގޮތެއް ނެތި، އެމަނިކުފާނަށް އޮތުމުންނެވެ. ޕީޕީއެމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2018ގައި ރިޔާސީ ޓިކެޓް ދިނީ ވެސް އެނޫން ބޭފުޅަކަށް ޕާޓީގެ އެތެރެއިން ސަޕޯޓެއް ނެތިގެންނެވެ.

އއ. އުކުޅަހުގައި 30 ޖޫން 2018 ގައި ފެށި އެމްޑީޕީގެ ކޮންގެރެސްގައި އޭރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު: އެ އަހަރުގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވީ އެ ކޮންގްރެސްގައި (ފޮޓޯ/މިހާރު)

"[ރައީސް ސޯލިހު]ގެ އެ ޝަހުސިއްޔަތެއް ނެތް އަސްލު އެމްޑީޕީގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވެސް ގަބޫލުކުރައްވަނީ، 'ދެ ގޮތެއް ނެތް ސަޕޯޓެއް' އެމަނިކުފާނަށް މުޅި ޕާޓީގެ ތެރޭގައި ނެތް ނަމަވެސް، ރައީސްގެ ބާރާއިއާރުގެ ތެރެއިން ޕްރައިމަރީއަށް ވަޑައިގަތުމަކީ 'ނަމޫނާ ނިންމުމެއް' ކަމަށެވެ.

"އެތަންކޮޅު އެބަ އޮތް. [ރައީސް] އަތުގައި ގައުމީ މަޖިލިސް ވެސް، ރައްޔިތުންގެ މަޖިލިސް ވެސް އޮތީ. އެހެންވެ ޕްރައިމަރީ ބާއްވަން ނިންމުން އަސްލު ފާހަގަކުރަން ޖެހޭ ނަމޫނާއެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

ޑީއާރުޕީ 2008ގައި ރިޔާސީ އިންތިހާބަށް ނުކުތް އިރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމާއި، 2013 އާއި 2018ގައި ވެސް ވާދައެއް ނެތި ނަޝީދަށް ޓިކެޓް ލިބިވަޑައިގަތުމާއި 2018ގައި ޕީޕީއެމުން ޔާމީނަށް ޓިކެޓް އެރުވި ހާލަތާއި އެމްޑީޕީގެ އެތެރޭގެ ބާރުވެރިކަމާ މުޅިން ތަފާތެވެ. ޑީއާރުޕީ އާއި ޕީޕީއެމް އަދި ކުރީގެ އެމްޑީޕީގައި، މައުމޫނާއި ޔާމީން އަދި ނަޝީދާ ވާދަކޮށްލަން ނުކުންނަން ކެރޭނެ މީހަކު ވެސް ނެތެވެ. އެކަމަކު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ ބޮޑު ހުވަފެނެއްގައި ހުންނެވި ނަޝީދަކީ އަދިވެސް އެމްޑީޕީގައި އެންމެ ބާރު ގަދަ އެއް ލީޑަރެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ބަދަލުގައި އެމްޑީޕީއަށް ރަނގަޅީ އެމަނިކުފާނު ނުކުންނެވުންކަން، ނަޝީދާއި ސަޕޯޓަރުން ގަބޫލުކުރެ އެވެ.

މި ހާލަތުގައި އެހާ ވާދަވެރި ޕްރައިމަރީއަކާ ނުލައި، އެމްޑީޕީގެ ކެންޑިޑޭޓެއް ހަމަޖެއްސުން އުނދަގުލެވެ. އެހެންކަމުން ރައީސް ސޯލިހު ނުކުންނަވައި، ނަޝީދު ބޮޑު ތަފާތަކުން ބަލިކުރެއްވުމަކީ، ސިޔާސީ ގޮތުން ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"ޕްރައިމަރީގެ ސައްހަކަމާ މެދު ސުވާލު އުފައްދާނެ ނަޝީދުގެ ފަރާތުން. އެކަމަކު ފެންނަން މި އޮތީ ޕްރައިމަރީއެއް ބޭއްވިކަން. އެތައް ހާސް ބަޔަކު ވޯޓު ލިކަން. [ރައީސް] ކާމިޔާބުކުރިކަން،" ފުރަތަމަ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

'މިވީ ކިހިނެއްހޭ' ސުވާލުކުރާ މީހުންނަށް ޖަވާބަކަށް އެ އޮތީ ރައީސް ސޯލިހު އެމްޑީޕީ ހޯއްދަވައިފި ކަމެވެ. ނަޝީދާއި އެމަނިކުފާނަށް ވޯޓު ލީ ސަޕޯޓަރުން، ކުރިއަށް އޮތް އިންތިހާބުގައި ރައީސްއާ ދެކޮޅަށް ނުކުތަސް، އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމުގެ މަސްއޫލިއްޔަތު ނަންގަވައިފި ކަމެވެ.

ނަޝީދާއި ނަޝީދުގެ ކައިރި މީހުން ރައީސް ސޯލިހަށް މަލާމާތެއްގެ ގޮތުގައި ބޭނުންކުރާ 'ހިންނަވަރު އިބޫ' މިއަދު އެ ހުންނެވީ، މީގެ ހަތަރު އަހަރު ކުރިން، 30 ޖޫން 2018ގައި، އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސްގައި ރިޔާސީ ޓިކެޓް ހޯއްދެވި ގޮތާ ހިލާފަށް، ވާދަވެރި ޕްރައިމަރީއެއް ކާމިޔާބު ކުރައްވައިގެންނެވެ. ޓެރަރިޒަމްގެ ހުކުމާ އެކު އެފަހަރު ނަޝީދަށް ވާދަކުރެއްވޭ ގޮތް ނުވުމުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް، ކޮންގްރެސްއިން ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް 'ތަބަކަށް ލާފައި' އެރުވީ އެވެ.

އެ ދުވަހަށް ފަހު ރައީސް ސޯލިހު ސިޔާސީ ގޮތުން އަދި ފަހަތަކަށް ފިޔަވަޅެއް ނާޅުއްވަ އެވެ.

ކޮމެންޓް (2)

ޣފދވ.

29 ޖެނުއަރީ 2023
މަކަރާއި ހީލަތުން ތިޔަ ނެގީ.
3 2

ފާތުން

29 ޖެނުއަރީ 2023
މަރުހަބާ ރައީސް އިބޫ
1 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް