މާޗު 2020ގައި ބޭއްވި ގާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފައިލް ފޮޓޯ/ޖޭއެސްސީ)

ވަކީލުންގެ ހުއްދަ ދާއިމަށް ބާތިލުކުރެވޭނެ ކުށްތަށް ކަނޑައެޅި ބިލު ފާހެއް ނުވި

ދާއިމަށް ވަކީލުންގެ ހުއްދަ ބާތިލުކުރެވޭނީ ވަކި ހާއްސަ ކުށްތަކެއް އެ ވަކީލެއްގެ މައްޗަށް ސާބިތުވެގެން ކަމަށް ކޮމިޓީން އޮތީ ނިންމާފައި

ގާނޫނީ ވަކީލެއްގެ ވަކީލުކަމުގެ ހުއްދަ ދާއިމަށް ބާތިލުކުރެވޭނެ ކުށްތަށް ހިމަަނައި ޖުޑީޝަރީ ކޮމިޓީން ފާސްކުރި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ނުވެ، މިއަދު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

އެނގުން މުހިންމު -  ޖޫން 2019ގައި ތަސްދީގުކުރި ގާނޫނީ ފަންނުގެ ގާނޫނު މިހާރު އޮންނަ ގޮތުން ވަކީލުންގެ ހުއްދަ ދާއިމަށް ބާތިލުކުރެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައެއް ނުވެ އެވެ. 

ވީ ކިހިނެއް؟ - މިދިޔަ ޖޫން 1 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީ މެންބަރު އިކްރާމް ހަސަން ހުށަހެޅުއްވި ބިލުގެ މަސައްކަތް ނިންމައި ޖުޑީޝަރީ ކޮމިޓީން ވަނީ ތަޅުމަށް ފޮނުވާފަ އެވެ. އެ ކޮމިޓީން ހަ މަސްދުވަސް ފަހުން ދިރާސާކޮށް ބިލު ފޮނުވި އިރު ބައެއް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

ތަފްސީލު - ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްނުވީ އެއާ ދެކޮޅަށް 49 މެންބަރުން ވޯޓު ދެއްވުމުންނެވެ. އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވާފައި ވަނީ އެ ބިލު ދިރާސާކުރި ޖުޑީޝަރީ ކޮމިޓީގެ ދެ މެންބަރުންނެވެ. އެއީ:

  • ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު މޫސާ ސިރާޖު

  • ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން

ބިލު ފާސް ނުވުމުން، ދެން ވޯޓަށް އެހީ ކޮމިޓީއަށް އަނބުރާ ފޮނުވާލުމާ މެދު އެވެ. މި ބިލު ކޮމިޓީއަށް އަނބުރާ ފޮނުވާލީ 48 މެންބަރުންްގެ ވޯޓުންނެވެ. ބިލާ އެއްކޮލަށް ވޯޓު ދެއްވި ސިރާޖާއި އަލީ ހުސައިން މި ވޯޓުގައި ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.

ސަރުކާރުން ބިލު މަޖިލީހަށް ފޮނުވިއިރު، ވަކީލުކަމުގެ ހުއްދަ ދާއިމަށް ބާތިލުކުރެވޭނެ ހާލަތްތަކެއް ބަޔާކޮށްފައެއް ނުވެ އެވެ. ނަމަވެސް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މުގައްރިރުކަން ކުރައްވާ ޖުޑީޝަރީ ކޮމިޓީން މި ބިލު ދިރާސާކޮށް ނިންމިއިރު، އެފަދަ ހާލަތްތަކެއް ބަޔާންކޮށްފައިވެ އެވެ.

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/މަޖިލިސް)

ކޮމިޓީން ފާސްކޮށްފައިވާ ގޮތުން ވަކީލެއްގެ ހުއްދަ ދާއިމަށް ބާތިލުކުރެވޭނީ ވަކި ބާވަތެއްގެ ކުށްތަކެއް އެ ވަކީލެއްގެ މައްޗަށް ސާބިތުވެ، ޝަރީއަތުން އެ މީހެއްގެ މައްޗަށް ނިހާއީ ހުކުމެއް ކަނޑައެޅުމުންނެވެ. އެއީ:

  • ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް

  • ވައްކަން

  • ޓެކުން

  • މަކަރާއި ހީލަތް، ހިޔާނާތް ނުވަތަ އޮޅުވާލުން

މި އިސްލާހަށް އަމަލުކުރަން ފަށަން އޮތީ ރައީސް ބިލު ތަސްދީގުކުރައްވައި ގެޒެޓްގައި ޝާއިއުކުރައްވާ ދުވަހުން ފެށިގެންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި ބިލުގެ އިތުރުން، ޖުޑީޝަރީ ކޮމިޓީން ދިރާސާކުރި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް މިއަދުގެ ޖަލްސާގައި ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފަ އެވެ. އެ ކޮމިޓީގެ ގިނަ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނެވެ.

ކޮމެންޓް (1)

ކަތީބު

28 ނޮވެމްބަރު 2022
ނަސީބެއް ނު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް