ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އެމްޑީޕީ

ލަތީފް އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހާއި ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެ

ނަޝީދު ސިފަކުރެއްވި ގޮތުގައި، ލަތީފަކީ ވަރަށް ހިތްހެޔޮ، ތެދުވެރި، ވަފާތެރި، ވިސްނުންތެރި އަދި އެހާމެ ހިތްވަރުގަދަ ބޭފުޅެއް

އެމްޑީޕީގެ އެއް ބާނީ އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަވަހާރަވުމާ ގުޅިގެން، އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ލަތީފް އަވަހަރާރަވީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ ފަހުން ދިރިއުޅުއްވަމުން ގެންދެވީ އަވަށްޓެރި ސްރީ ލަންކާގަ އެވެ. އަދި އުޅުއްވީ އާލާސްކަންފުޅާ އެވެ. ނަމަވެސް، އޭނާ އަވަހާރަވީ ލަންކާގައި ކަމެއް ނުވަތަ އެ ނޫން ތަނެއްގައި ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ލަތީފް އަވަހާރަވުމާ ގުޅިގެން އެމްޑީޕީގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެކްޓިވިސްޓުން މިހާރު އަންނަނީ ލަތީފުގެ އާއިލާއަށް ސޯޝަލް މީޑިއާގައި ތައުޒިޔާ ކިޔަމުންނެވެ.

އެމްޑީޕީގެ އެއް ބާނީ މުހައްމަދު ލަތީފް (ގޯގޯ ލަތީފް). (ފައިލް ފޮޓޯ/އެމްޑީޕީ)

ތަފްސީލް - ރައީސް ސޯލިހު، ލަތީފްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަތީފް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމަށެވެ.

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދު ސިފަކުރެއްވި ގޮތުގައި، ލަތީފަކީ ވަރަށް ހިތްހެޔޮ، ތެދުވެރި، ވަފާތެރި، ވިސްނުންތެރި އަދި އެހާމެ ހިތްވަރުގަދަ ބޭފުޅެކެވެ. އަދި ލަތީފަކީ ސިޔާސީ ގިނަ ކަންކަމުގައި ހެޔޮ ލަފާ ދެއްވި ބައިވެރިއެއް ކަމަށް ވެސް، ލަތީފާ އެކު އެމްޑީޕީ އުފެއްދުމުގައި އުޅުއްވި ނަމަވެސް ފަހުން ލަތީފާ ހިޔާލު ތަފާތުވި ނަޝީދު ވިދާޅުވި އެވެ.

ލަތީފްގެ ތައާރަފެއް:

  • އެމްޑީޕީ އުފެއްދުމުގެ ކުރިން 1990 ވަނަ އަހަރު ލަތީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތް ކުރައްވާފައި 

  • އެކަމާ ވިދިގެން އޭނާ ހައްޔަރުކުރުމުން މެންބަރުކަން ވެސް ދޫކޮށްލަން ޖެހިވަޑައިގަތް

  •  އޭގެ ފަހުން ސްރީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވައި އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ފެއްޓެވި

  • ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީ ރަޖިސްޓްރީ ކުރަން 2001 ވަނަ އަހަރު ސޮއިކުރި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނު ހިމެނިވަޑައިގަންނަވާ

  •  2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނު ފަހުން، އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ލަތީފު ހުންނެވީ ސިޔާސީ ހަރަކާތްތަކާ ދުރުގައި

  • ލަތީފަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިއެއް ވެސްމެ

  • ލަތީފަކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲގެ އެއްބަނޑު އެއްބަފާ ބޭފުޅެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް