މުހައްމަދު ލަތީފު (ގޯގޯ ލަތީފް) އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރި ވަނީ. (ފޮޓޯ/އަލީ ނިޝާން/ހަވީރު)

އެމްޑީޕީ

އެމްޑީޕީގެ އެއް ބާނީ ލަތީފް އަވަހާރަވެއްޖެ

ލަތީފު ހިމެނިވަޑައިގަންނަވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރަކާތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާގެ ގޮތުގައި
3 ޖުލައި 2022
1

އެމްޑީޕީގެ އެއް ބާނީ އަދި ރާއްޖޭގެ ޑިމޮކްރަސީގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު ލަތީފް (ގޯގޯ ލަތީފް) މިއަދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ލަތީފް ފަހުން ދިރިއުޅުއްވަމުން ގެންދެވީ އަވަށްޓެރި ސްރީ ލަންކާގަ އެވެ. ފަހުން އުޅުއްވީ އާލާސްކަންފުޅާ އެވެ. ނަމަވެސް، އޭނާ އަވަހާރަވީ ލަންކާގައި ކަމެއް ނުވަތަ އެ ނޫން ތަނެއްގައި ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ތަފްސީލް - ލަތީފް އަވަހާރަވިކަން އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. އެމްޑީޕީގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި އެކްޓިވިސްޓުން މިހާރު އަންނަނީ ލަތީފުގެ އާއިލާއަށް ސޯޝަލް މީޑިއާގައި ތައުޒިޔާ ކިޔަމުންނެވެ. އާއިލާއަށް ތައުޒިޔާ ވިދާޅުވި ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވަ އެވެ.

ލަތީފްގެ ތައާރަފެއް

  • ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲގެ އެއްބަނޑު އެއްބަފާ ބޭފުޅެއް

  • ލަތީފުގެ ބައްޕަ ފަރާތު އާއިލާ އަކީ 'ހަވަރު ތިނަދޫ'ގެ ގޮތުގައި ގދ. ތިނަދޫ އޮތްއިރު އެ ރަށުގައި ވެރިކަންކުރި އަދި ދެކުނުގައި ހިނގައިދިޔަ ބަޣާވަތާ ގުޅިގެން އަދަބު ލިބުނު އާއިލާއެއް

  • ލަތީފުގެ ބައްޕަ އަކީ އަބްދުﷲ މޫސާ (އަބްދުﷲ ކަތީބު)؛ ކާފަ އަކީ، ހުވަދު އަތޮޅުގެ ކުރީގެ އަތޮޅުތެރިޔާ އަދި ރާއްޖޭގައި އޭރު ހުރި އެންމެ މުއްސަނދި އެކަކު ކަމަށްވާ ސ. ހުޅުދޫ މާލިމީގޭ މޫސާ މަނިކުފާނު (ހަވަރު ތިނަދޫ މޫސާ ހިރިހަމައިދި ކަލޭފާނު)

  • ހިރިހަމައިދި ކަލޭފާނަކީ މުހައްމަދު އަމީން ރައީސްކަމުގެ ހުވާ ކުރެއްވި ޖުމްހޫރީ ދަރުބާރުގެ ރަސްމިއްޔާތު ބޭއްވުމަށް ދާރުލްއުލޫމުގެ ސްޓޭޖު (މަޖީދިއްޔާ ސްކޫލުގެ ހޯލު) ތައްޔާރުކުރެއްވުމަށް މާލީ ގޮތުން އެހީތެރިވެދެއްވި ބޭފުޅެއް 

  • ރާއްޖޭގެ ރަށްތައް ތަރައްގީކުރުމަށް އަމީން ދީދީ ފެއްޓެވި ގައުމީ ތަރައްގީގެ ޕްލޭނުގެ މަސައްކަތްތަކަށް މުޅި ހުވަދު އަތޮޅުން އެންމެ ބޮޑު ހޭދައެއް ކުރެއްވީ ވެސް ހިރިހަމައިދި ކަލޭފާނު

  • ހަވަރުތިނަދޫ ފަޅުކުރުމަށް ފަހު އިބްރާހިމް ނާސިރުގެ ބޮޑުވަޒީރުކަމުގައި ކަލޭފާނު ޖަލަށްލި؛ ކަލޭފާނު ޖަލުގައި އަވަހާރަކޮށްލީ ކަމަށް ވެސް ތާރީހު ދިރާސާކުރައްވާ ބައެއް ބޭފުޅުން ވިދާޅުވޭ

ލަތީފްގެ ސިޔާސީ ހަޔާތް

  • އެމްޑީޕީ އުފެއްދުމުގެ ކުރިން 1990 ވަނަ އަހަރު ލަތީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތް ކުރައްވާފައި 

  • އެކަމާ ވިދިގެން އޭނާ ހައްޔަރުކުރުމުން މެންބަރުކަން ވެސް ދޫކޮށްލަން ޖެހިވަޑައިގަތް 

  • އޭގެ ފަހުން ސްރީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވައި އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ފެއްޓެވި 

  • ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީ ރަޖިސްޓްރީ ކުރަން 2001 ވަނަ އަހަރު ސޮއިކުރި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނު ހިމެނިވަޑައިގަންނަވާ 

  • 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނު ފަހުން، އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ލަތީފު ހުންނެވީ ސިޔާސީ ހަރަކާތްތަކާ ދުރުގައި

  • ލަތީފަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިއެއް ވެސްމެ

ކޮމެންޓް (1)

މުޙައްމަދު

3 ޖުލައި 2022
‏‎اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُونَ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް